ފިނިޕޭޖް

އިންޑިއާގެ މަޝްހޫރު ޑޮލީ ޗައިވާލާ ރާއްޖޭގައި

އިންޑިއާގެ ނާގަޕޫރުގެ މަގުމަތީގައި ސައި ވިއްކަން އުޅޭއިރު ގެންގުޅޭ ތަފާތު ސްޓައިލްގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ "ޑޮލީ ޗައިވާލާ" ރާއްޖެ އަތުވެއްޖެ އެވެ.

އިންސްޓަގްރާމްގައި އެކަނިވެސް ދެ މިލިއަނަށްވުރެ ގިނަ މީހުން ފޮލޯކުރާ ޑޮލީ ރާއްޖެ އައިސްފައިވަނީ އެލްޖީއޭގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސެއިންގެ ދައުވަތަކަށެވެ.

އަދާރަން ހުދުރަންފުށީގައި ޗުއްޓީ ހޭދަކުރަމުންދާ ޑޮލީ ދަނީ ރާއްޖޭގައި ހުރެ ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.

އޭނާއަށް މިފަހުން ގިނަ ބައެއްގެ ސަމާލުކަން ލިބުނީ މައިކްރޮސޮފްޓްގެ ފައުންޑާ ބިލް ގޭޓްސް އަށް ސައި ތައްޔާރުކޮށްދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުކުރުމުންނެވެ. ބިލް ގޭޓްސް އަކީ ކާކުކަން އޭރު ނޭނގޭ ކަމަށް ޑޮލީ ވަނީ ބުނެފަ އެވެ.

ޑޮލީ އިއްޔެ ރާއްޖެ އައިއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ އެކްޓަރު ސޮހައިލް ހާންއާ ބައްދަލުވެ ނަގާފައިވާ ފޮޓޯތަކެއް ޑޮލީ ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.

ޑޮލީގެ އިސްތަށިގަނޑުގެ ސްޓައިލާއި އަޅައިގެން ހުންނަ އައިނުގެ އިތުރުން ކަރުގައި އަޅާފައި އޮންނަ ފަށަކީ އޭނާގެ ސިގްނޭޗާ ސްޓައިލް އެވެ.