އިންޑިއާގެ މަހަރަޝްތުރާގައި ކޮވިޑް-19 ފެތުރޭލެއް އަނެއްކާވެސް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު ގިނަ އަދަދެއްގެ ފިލްމީ ތަރިންނަށް ވެސް މި ބަލި ދަނީ ޖެހެމުންނެވެ. އެގޮތުން އެންމެ ފަހުން ކޯވިޑް-19 އަށް ޕޮޒިޓިވްވީ އެކްޓަރަކީ އާމިރު ޚާނެވެ.
އާމިރު، 56، ގެ ތަރުޖަމާނު ވަނީ އާމިރަށް ކޮވިޑް ޖެހިފައިވާ ވާހަކައަކީ ތެދެއް ކަމަށް ބުނެފަ އެވެ. އަދި އާމިރު ހުރީ ގޭގައި އެކަނި ތަނެއްގައި ކަރަންޓީނުގައި ކަމަށާއި ޕްރޮޓޮކޯލާ އެއްގޮތަށް ކަންކަން ކުރަމުންދާ ކަމަށް ވެސް ތަރުޖަމާނު ބުންޏެވެ.
އާމިރު ޕޮޒިޓިވްވީ ދުވަހުގެ ދެ ދުވަހެއް ކުރިން އޭނާ ވަނީ ބަތަލާ ކިއާރާ އަދުވާނީ އާއެކު އިޝްތިހާރެއްގެ ޝޫޓިންގްގައި ބައިވެރިވެފަ އެވެ. މި އިޝްތިހާރުގެ ޑައިރެކްޓަރަކީ ނިތޭޝް ތިވާރީ އެވެ. އެހެން ކަމުން ނިތޭޝް އާއި ކިއާރާ އަދި އާމިރާއެކު ޝޫޓިންގްގައި ބައިވެރިވި އެންމެން ދަނީ ޓެސްޓް ހަދަމުންނެވެ.
މިދިޔަ އަހަރުގެ ޖޫން މަހު އާމިރުގެ ބައެއް މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވެ މެޑިކަލް ފެސިލިޓީތަކަށް ގެންގޮސްފައި ވެއެވެ. ނަމަވެސް އެ ފަހަރު ޓެސްޓްކުރިއިރު އާމިރުގެ ނަތީޖާ ދެއްކީ ނެގެޓިވް ކޮށެވެ.
ދާދިފަހުން އާމިރު ވަނީ ސޯޝަލް މީޑިއާ އަށް އަލްވަދާއު ކިޔާފަ އެވެ. އޭނާ މިކަން އިއުލާންކުރީ 14 މާޗްގައި ފާހަގަކުރި 56 ވަނަ އުފަން ދުވަހު އެވެ.
އާމިރު އެންމެ ފަހުން ޝޫޓްކުރީ އެލީ އާވްރާމް އާއެކު ކުޅެފައިވާ "ހަރް ފަން މައުލާ" ކިޔާ ލަވަ އެކެވެ. މިއީ "ކޯއީ ޖާނޭ ނާ" ކިޔާ ފިލްމަކަށް އޭނާ ކުޅެދިން ލަވަ އެކެވެ. މީގެ އިތުރުން "ލާލް ސިންގް ޗައްދާ" ގެ ޝޫޓިން އާމިރު ގެންދިޔައީ ފުރިހަމަ ކުރަމުންނެވެ.