ޕޮޒިޓިވްވެ ކަރަންޓީނުގައި ހުންނަން އަންގާފައި އޮއްވާ ފިލްމެއްގެ ޝޫޓިންގަށް އެކްޓަރު ގޯހަރް ހާން ދިޔަ މައްސަލައެއް ފެންމަތިވެ ދަ ފެޑެރޭޝަން އޮފް ވެސްޓާން އިންޑިއާ ސިނެ އެމްޕްލޯއީސް (އެފްޑަބްލިޔުއައިސީއީ) އިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅައިފި އެވެ. މި ފިޔަވަޅުގެ ދަށުން ދެ މަސް ދުވަހަށް ގޯހަރް އަށް އެއްވެސް ޝޫޓިންގެއެއްގައި ބައިވެރިއެއް ނުވެވޭނެ އެވެ.
ގޯހަރް އާ ދެކޮޅަށް ފިޔަވަޅު އަޅާފައިވާ ކަން އެ އެސޯސިއޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ވަނީ ކަށަވަރު ކޮށްދީފަ އެވެ.
މި ބަޔާނުގައި ބުނެފައިވަނީ ގޯހަރްގެ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން އަންގައި ކަރަންޓީނުގައި ހުންނަން ކަމާބެހޭ އިދާރާތަކުން ގޯހަރް އަށް އަންގާފައި ވަނިކޮށް އޭނާ އެ އެންގުމާ ހިލާފުވެ ފިލްމެއްގެ ޝޫޓިންގަށް ގޮސް އުޅެނިކޮށް ފަޅާ އެރުމުން އެ ވަގުތު ޝޫޓިންގްގައި ބައިވެރިވި އެންމެން ވެސް ވަނީ ގޯހަރް ދެކެ ވަރަށް ރުޅިއައިސްފަ އެވެ.
މިއީ ހަގީގަތުގައި ވެސް ވަރަށް ސީރިއަސް ކުށެއް ކަމަށާއި މަހަރަޝްތުރާ ސަރުކާރުން އަންގާފައިވާ އެންގުންތަކާ ޚިލާފަށް އޭނާ އަމަލުކުރުމުން ފިލްމު ޝޫޓިންގް އޮތް ތަނުގައި ތިބި އެންމެންގެ ފުރާނަ ނުރައްކަލަށް ހުށަހެޅެން މެދުވެރިވެފައިވާ ކަމަށް ވެސް މި ބަޔާނުގައި ބުނެފައި ވެއެވެ. އެހެންވެ ގޯހަރް ބައިވެރިކޮށްގެން އެއްވެސް މަސައްކަތެއް ކުރިޔަށް އޮތް ދެ މަހު ނުކުރެވޭނެކަން އަންގާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
މިދިޔަ ހޯމަ ދުވަހު މުމްބައި ފުލުހުން ވެސް ވަނީ ގޯހަރް ކޯވިޑް-19 ޕްރޮޓޮކޯލް އާ ޚިލާފުވިކަމަށާއި އޭނާގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ. ފުލުހުންނަށް ގޯހަރްގެ މައްސަލަ ހުށަހެޅީ ބްރިހަންމުމްބައި މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ) އިންނެވެ.
ބީއެމްސީން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން އެނގި ހުރެ ގޯހަރް ފިލްމު ޝޫޓިންގް އަށާއި އެނޫންވެސް އާންމުން އެއްވާ ތަންތަނަށް ގޮސްފައިވާ ކަމަށެވެ. އޭނާގެ ގައިން އެހެން ބަޔަކަށް އެ ބަލި އަރައި ބައެއް ފުރާނައަށް ނުރައްކާވެދާނެކަން އެނގި ހުރެ ވެސް ގޯހަރް ބޭރަށް ނުކުމެ އުޅެފައިވާ ކަމަށެވެ.
މި ރިޕޯޓާ ގުޅިގެން ގޯހަރްގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ ގޯހަރް ބޭރަށް ނުކުތީ އޭނާގެ ފަހުން ހެދި ޓެސްޓްތަކުން ނެގެޓިވް ކަމަށް ދެއްކީމަ ކަމަށެވެ. ނަމަވެސް މި ވާހަކަތަކުގައި ކިހާ ވަރެއްގެ ހަގީގަތެއް ހުރި ކަމެއް ޔަގީނެއް ނޫނެވެ.
މުމްބައި ފުލުހުން ބުނީ ޓެސްޓް ޕޮޒިޓިވްވެގެން ކަރަންޓީނު ވާން އެންގުމަށްފަހު އެ މުއްދަތު ހަމަވަންދެން ކޮންމެ މީހަކުވެސް ކަރަންޓީނުގައި ހުންނަން ޖެހޭނެ ކަމަށެވެ. ޓެސްޓް ހަދައިގެން ނެގެޓިވް ކަމަށް ދެއްކިޔަސް ކަރަންޓީނު މުއްދަތު ހަމަނުކޮށް ނުކުތުމަކީ މަނާ ކަމެއް ކަމަށެވެ.