ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބޮލީވުޑް

ތާރާ އާއި އިތުރު ތަރިންތަކެއް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ކޮވިޑް-19ގެ ކޭސްތައް އިންޑިޔާގައި ޚާއްސަކޮށް މުމްބައިގައި ފިލްމީ ތަރިން ދިރިއުޅޭ މަހަރަޝްތުރާ ހިސާބުގައި މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށާފަ އެވެ. އެ ގައުމުގެ ސިނަމާތައް ހުޅުވައި އެ ތަންތަން ފުރެންދެން މީހުން ވަންނަން ހުއްދަ ދީފައިވާއިރު އަދި ފިލްމު ޝޫޓިންގްތައް ވަރަށް ބާރަށް ކުރިޔަށް ދާއިރު ކޯވިޑަށް ޕޮޒިޓިވްވާ ފިލްމީ ތަރިން ވެސް ދުވަހެއް ދުވަހަށް ދަނީ އިތުރުވަމުންނެވެ.

އެންމެ ފަހުން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ތަރިންގެ ތެރޭގައި ތާރާ ސުތާރިއާ އާއި ސިދާންތު ޗަތުރަވޭދީ ހިމެނެ އެވެ. އަދި އާޝިޝް ވިދްޔާރްތީ އާއި މަނޯޖް ބަޖްޕާއީ ވެސް ވަނީ އެމީހުން ކޯވިޑަށް ޕޮޒިޓިވް ވެފައިވާކަމަށް ސޯޝަލް މީޑިއާގައި ހާމަ ކޮށްފަ އެވެ.

ތާރާ އަށް ކޯވިޑް ޖެހިފައިވާކަން އޭނާ ހާމަ ނުކުރިޔަސް ފިލްމްފެއާގައިވާ ޚަބަރެއްގައި ބުނެފައިވަނީ "ސްޓޫޑަންޓް އޮފް ދަ އިޔާ 2"ގެ ބަތަލާ ތާރާ ކޯވިޑަށް ޕޮޒިޓިވް ކަމަށެވެ. ދާދިފަހުން ތާރާ ވަނީ އޭނާ މިހާރު މަސައްކަތްކުރަމުންދާ "ތަޅަޕް"ގެ ޝޫޓިން ނިންމާލާފަ އެވެ.

"ތަޅަޕް" އަކީ ސުނިލް ޝެޓީގެ ދަރިފުޅު އާހާން ޝެޓީގެ ފުރަތަމަ ފިލްމެވެ.

އެކްޓަރު އާޝިޝް ވަނީ ކޯވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާކަން ހާމަކޮށްފަ އެވެ. އަދި އޭނާ އާ ޑައިރެކްޓް ކޮންޓެކްޓްވީ އެންމެން ޓެސްޓްކުރަން އާޝިޝް ވަނީ އެދިފަ އެވެ.

އެކްޓަރު ރަންބީރު ކަޕޫރާއި ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީއަށް ވެސް މި ބަލި ޖެހި އެމީހުން މިހާރު ތިބީ އެ މީހުންގެ އަމިއްލަ ގޭގޭގައި ކަރަންޓީނު ވެގެންނެވެ. ރަންބީރުގެ މަންމަ ނީތޫ ސިންގް ސޯޝަލް މީޑިއާގައި ޝެއާ ކުރި މެސެޖެއްގައި ބުނެފައިވަނީ ރަންބީރުގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.

ޕްރެސް ޓްރަސްޓް އޮފް އިންޑިއާ އިން ބުނި ގޮތުގައި ހޮނިހިރު ދުވަހަކީ މި އަހަރު ތެރޭގައި ވެސް އިންޑިއާ އިން ރެކޯޑް އަދަދަކަށް މީހުން ކޯވިޑަށް ޕޮޒިޓިވް ވީ ދުވަހެކެވެ. މުޅިން އަލަށް އެ ދުވަހު 24،882 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށާއި މިހާތަނަށް އިންޑިޔާގެ 11.33 މިލިއަން މީހުންނަށް މި ބަލި ޖެހިފައިވާ ކަމަށް އިންޑިޔާގެ ޔޫނިއަން ހެލްތު މިނިސްޓްރީން ޝެއާކޮށްފައިވާ ޑޭޓާތަކުން ދައްކަ އެވެ.

މިހާތަނަށް އެ ގައުމުގެ 158،446 މީހުން ކޯވިޑް ޖެހިގެން މަރުވެފައި ވެއެވެ. އަދި ހޮނިހިރު ދުވަހު އެކަނިވެސް 140 މީހުން މިބަލީގައި ވަނީ މަރުވެފަ އެވެ.