ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބޮލީވުޑް

ހާލުޖެހި މީހުންގެ އެހީއަށް އެދެން ޖެހިދާނެ: އައްޔޫބް ޚާން

އައްޔޫބް ޚާން ބޮލީވުޑަށް ތައާރަފްވީ 1992 ގައި ރިލީޒް ކުރި "މާޝޫގޫ" އިންނެވެ. ދިލިޕް ކުމާރަށް ބޮޑުބޭބެ ކިޔާ އައްޔޫބުގެ ފިލްމީ ކެރިއަރުގައި ގިނަ ފިލްމުތަކެއް ކުޅުނަސް ކާމިޔާބު ނުލިބުމުގެ ސަބަބުން ޓީވީ ސިލްސިލާތައް ކުޅެން ފެށި އެވެ. އަދި މިއަދާ ހަމައަށް ވެސް ސިލްސިލާތަކުގައި ބައިވެރިވަމުންދާ އައްޔޫބު ބުނާ ގޮތުގައި ކޮރޯނާވައިރަހުގެ ޕެންޑެމިކް މިދާ ގޮތަށް ދެމިގެން ދާނަމަ އޭނާ ވަރަށް އަވަހަށް ހާލުގައި ޖެހި މީހުންގެ އެހީތެރި ކަމަށް އެދެން މަޖްބޫރު ވާނެ އެވެ.

އައްޔޫބު ބުނި ގޮތުގައި ފާއިތުވީ ދޮޅު އަހަރެއްހާ ދުވަހުން ފެށިގެން އޭނާއަށް އާމްދަނީ ލިބޭ ދޮރުތައް ވަނީ ބަންދުވެފަ އެވެ. އެންމެ ފައިސާ ފޮއްޗެއް ވެސް އެ މުއްދަތުގެ ތެރޭގައި ނުލިބެ އެވެ. އެހެންވެ މިހާރު އޭނާ އަތުން ފައިސާ ހުސްވުމަކާ ހަމައަށް މިހާރު ވަނީ ގޮއްސަ އެވެ.

"ކޮވިޑް 19ގެ ހާލަތު ރަނގަޅު ނުވާނަމަ އަދި އެކްޓްކުރާނެ ސީރީޒްތަކާއި ފިލްމު ނުލިބޭނަމަ ދިރިއުޅުން ހަމަޔަކަށް އަޅުވަން އަހަންނަށް ދަތިވާނެ. އެހެން މީހުންގެ އެހީތެރިކަމަށް އެދުން ފިޔަވައި ދެން އެހެން ގޮތެއް އޭރުން ނޯންނާނެ،" އައްޔޫބު ބުންޏެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން ގޯސްވަމުންދާތީ މަހަރަޝްތުރާ ސްޓޭޓް ވަނީ 15 ދުވަހަށް ބަންދުކޮށްފަ އެވެ. މިކަމުގެ ސަބަބުން ފިލްމުތަކާއި ސިލްސިލާތަކުގެ ޝޫޓިންގް ވަނީ ހުއްޓިފަ އެވެ. ބައެއް ސިލްސިލާތަކުގެ ޝޫޓިންގްތައް ކޯވިޑް ހާލަތު އެހާ ގޯސް ނޫން ހިސާބުތަކަށް ބަދަލުކޮށްފައި ވެސް ވެއެވެ.

"މިބަލިމަޑުކަމާ ހެދި މަސައްކަތްތައް ހުއްޓި އަހަރެމެން މިދަނީ ހާލުގައި ޖެހެމުން. އަދި މި އިންޑަސްޓްރީގައި މަސައްކަތްކުރާ އެތައް ބަޔަކު މިހާރު ތިބީ ހަދާނެ ގޮތް ހުސްވެފައި. ނަފްސާނީ ގޮތުން އެންމެންނަށް ވެސް ވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފައި،" އައްޔޫބު ބުންޏެވެ.

ނަމަވެސް މި ހާލަތުގައި އޭނާއަށް ވެސް އަދި އެހެން މީހަކަށް ވެސް ކުރެވޭނެ މާ ބޮޑުކަމެއް ނެތްކަމަށް ވެސް އައްޔޫބު، 52، ގަބޫލު ކުރެ އެވެ.

"މިދާ ގޮތަށް ދަންޏާ ދެން ޖެހޭނީ އެހެން މީހުންގެ އެހީއަށް އެދި އަތް ދިއްކުރަން. އެހެން ދެން ކީއް ކުރެވޭނީ ވެސް،" އައްޔޫބު ބުންޏެވެ.

އޭނާ އިތުރަށް ބުނީ މި ވަގުތު އަތުގައި ހުރި ފައިސާކޮޅުން ފުއްދާލައިގެން އުޅުނަސް މާ ގިނަ ދުވަހު އެގޮތަށް ފަރު ނުޖެއްސޭނެ ކަމަށެވެ.

އައްޔޫބު ވަނީ "އުތުރަން"، "ޝަކްތީ: އަސްތިތުވަ ކޭ އެހްސާސް ކީ" އަދި "ރަންޖޫ ކީ ބޭޓިޔާން" ގައި ބައިވެރިވެފަ އެވެ.

ކޮރޯނާވައިރަސްގެ ހަނގުރާމައަކީ އައްޔޫބަށް އާއިލީ ގޮތުން ވެސް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އޭނާގެ އާއިލާގެ ގިނަ ބަޔަކަށް ބަލި ޖެހި އެ ބައްޔާ ހަނގުރާމަ ކުރަމުންދިޔަ ތަން އައްޔޫބު ވަނީ ދެކެފަ އެވެ. އަދި އާއިލާގެ ބައެއް މީހުން މި ބަލީގައި މި ދުނިޔެ ދޫކޮށްފައި ވެސް ވެއެވެ.

"އަހަރެންގެ ދެ ބޮޑުބޭބެ އާއި ބައެއް އެކުވެރިން މި ބަލީގައި ދުނިޔެ ދޫކޮށްފި. އެހެންވީމާ މި ބަލިމަޑުކަމުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އެކަކަށް އަހަރެން ވާނެ. އަހަރެންގެ އެއް ބޮޑުބޭބެ ރީތިކޮށް ހިނގާފަ ހޮސްޕިޓަލަށް ވަނީ. ފަހުން ނެރުނީ މަރުވެފައިވާ މަސްގަނޑު،" އައްޔޫބު ބުންޏެވެ.

އައްޔޫބުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މި ބަލިމަޑުކަން ފެތުރުން ހުއްޓުވުމަށް ފަރުވާ ކުޑަ ކުރާ މީހުންނެވެ. ކޮންމެ އާއިލާއެއްގެ އެތައް ބަޔަކު މި ބައްޔާ ހަނގުރާމަ ކުރަމުންދާއިރުވެސް އެތައް ބަޔަކު މި ބަލީގެ ނުރައްކަލާ މެދު ޣާފިލުވެފައިވުމީ އައްޔޫބު އެންމެ ހިތާމަ ކުރާ ކަމެވެ.