މިހާރު ހިނގަމުންދާ އިންޑިއަން އައިޑަލްގެ 12 ވަނަ ސީޒަނަށް ލަވަކިޔުންތެރިޔާ ކިޝޯރު ކުމާރުގެ ދަރިފުޅު އަމިތު ކުމާރު ފާޑު ކީތާ މާ ގިނަ ދުވަހެއް ނުވެ އިންޑިއަން އައިޑަލްގެ ފުރަތަމަ ސީޒަނުގެ އެއްވަނަ ހޯދި ލަވަކިޔުންތެރިޔާ އަބިޖީތު ސާވަންތު ވެސް އެ ޝޯއަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.
ޝޯގެ ޕްރޮޑިއުސަރުންނަށް ފާޑުކިއަމުން އަބިޖީތު ބުނި ގޮތުގައި މިހާރު ޝޯގެ ފޯކަސް ހުންނަނީ ރީއްޗަށް ލަވަ ކިއުމަށް ނޫން ކަމަށެވެ.
އާޖް ތަކް ޓީވީއަށް ދިން އިންޓަވިއު އެއްގައި އަބިޖީތު ބުނީ ޝޯގައި މިހާރު ދައްކަނީ ފޭކް ލޯބީގެ ވާހަކަތަކާއި ޝޯގެ ބައިވެރިންގެ ފަގީރު ހާލަތުގެ ޑްރާމާ ކަމަށެވެ. އެއްގޮތަކަށް ވެސް ރީއްޗަށް ލަވަ ކިއުމަށް ސަމާލުކަން ނުދޭ ކަމަށެވެ.
"ރީޖަނަލް ރިއަލިޓީ ޝޯ ތަކަށް ބަލާބަލަ. އެ ޝޯތަކުގައި އެއްގޮތަކަށް ވެސް ނުދައްކާނެ ބައިވެރިންގެ ބެކްގްރައުންޑެއް. އެމީހާގެ ޒާތީ ދިރިއުޅުމުގެ ވާހަކަތަކެއް ނުކިޔައި ދޭނެ. އެމީހުން ފޯކަސް ކުރާނީ ހަމައެކަނި ރީއްޗަށް ލަވަ ކިޔުމަށް. ނަމަވެސް ހިންދީ ރިއަލިޓީ ޝޯ ތަކުގައި އަބަދުވެސް ބައިވެރިންގެ ހަޔާތުގައި ދިމާވެފައިވާ އެކި ކަހަލަ ހާދިސާތަކާއި އެމީހުންގެ ހިތާމަ ކުރާ ކަންތައްތަކުގެ ވާހަކަ ދައްކައިގެން ބެލުންތެރިންގެ ސަމާލުކަން ހޯދަން މަސައްކަތް ކުރާތަން ފެންނަނީ،" އަބިޖީތު ބުންޏެވެ.
އިންޑިއަން އައިޑަލް 1 ގެ ދަތުރުގައި އޭނާގެ ތަޖުރިބާތައް ވެސް އަބިޖީތު ހިއްސާ ކުރި އެވެ. އޭނާ ބުނި ގޮތުގައި އެއް ފަހަރަކު އޭނާއަށް ލަވަ ކިޔަމުން ދަނިކޮށް ވަކި ހިސާބަކުން ލިރިކްސް ހަނދާން ނެތިގެން ހުއްޓުން އެރި އެވެ. އެ ފަހަރު ޖަޖުން އޭނާއަށް ދެ ވަނަ ފަހަރަށް ލަވަ ކިޔަން ފުރުސަތު ދިނެވެ. ނަމަވެސް އެފަދަ ކަމެއް މިހާރު ދިމާވެއްޖެނަމަ އެއީ ވެސް ބޮޑު ޑްރާމާ ގަނޑަކަށް ހެދީހެވެ.
އަބިޖީތަކީ މި ޝޯ އަށް މިހާ ފާޅުގައި ފާޑުކީ ދެ ވަނަ މީހާ އެވެ. އަމިތު ކުމާރު ވެސް ދާދި ފަހުން ވަނީ މި ޝޯއަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އަމިތުގެ ބައްޕަ ކިޝޯރު ކުމާރަށް ހާއްސަކުރި ދެ އެޕިސޯޑުގައި ޖަޖުންނާއި ލަވަކިޔުންތެރިންގެ ތެރެއިން ބައެއް މީހުން ލަވަކީގޮތާ މެދު ހިތްހަމަ ނުޖެހިގެން އަމިތު ވަނީ ޝޯއަށް ފާޑުކިޔައި ނޫސްތަކަށް އިންޓަވިއުތައް ދީފަ އެވެ.
އަމިތު ބުނެފައި ވަނީ އޭނާ ޝޯގައި ބައިވެރިވީ ފައިސާގެ ބޭނުމުގައި ކަމަށެވެ. އަދި ޝޯގެ ބައިވެރިންނަށް ތައުރީފުކުރީ ޝޯ އުފައްދާ ފަރާތުން އެގޮތަށް އެދިގެން ކަމަށެވެ. ކޮންމެހެން އެ ލަވަކިޔުންތެރިން މޮޅު ވެގެން ނޫން ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ޝޯގެ ހޯސްޓް އަދިތުޔާ ނާރަޔަން ވާހަކަ ދައްކާފައި ވެއެވެ. މި ޝޯ ޝައުގުވެރި ކުރުވަން ޝޯގެ ބައިވެރިން އެކަކު އަނެކަކާ އަޅުވާ ކިޔައި ފޭކް ވާހަކަތައް ހަދާ ކަމަށް އަދިތުޔާ ވެސް ވަނީ އެއްބަސްވެފަ އެވެ. އެގޮތުން ޝޯގެ ދެ ބައިވެރިން ކަމަށްވާ ޕަވަންދީޕް ރާޖަން އާއި އަރުނިތާގެ ލޯބީގެ ވާހަކައަކީ ވެސް ފޭކެއް ކަމަށް އަދިތުޔާ ވަނީ ބުނެފަ އެވެ.