ސޮނީ ޓީވީން ދެއްކި ޝަހީރް ޝޭޚް އާއި އެރިކާ ފެނާންޑިސް ލީޑް ރޯލު ކުޅެފައިވާ ވަރަށް މަގްބޫލު ސިލްސިލާއެއް ކަމަށްވާ 'ކުޗް ރަންގް ޕިޔާރް ކޭ އޭސޭ ބީ"ގެ ތިން ވަނަ ސީޒަން ފަށަން ތައްޔާރު ވެއްޖެ އެވެ. ސިލްސިލާގެ ޕްރޮމޯ މިހާރު ވަނީ ދައްކަން ފަށާފަ އެވެ. މި ޝޯގެ ތިން ވަނަ ސީޒަންގެ ޝޫޓިން މިދިޔަ މާޗު މަހުން ފެށިގެން ކުރިޔަށް ދާކަމަށް އިންޑިޔާގެ ނޫސްތަކުން ރިޕޯޓު ކުރި ނަމަވެސް ޝޯގެ ޕްރޮޑިއުސަރުން މިހާތަނަށް ވެސް ތިބީ މި ޝޯގެ އާ ސީޒަނެއް ފަށާކަން ސިއްރު ކޮށްގެންނެވެ.
އާ ޕްރޮމޯގައި ފެންނަނީ ސޮނާކްޝީ (އެރިކާ) އާއި ދޭވް (ޝަހީރް) ގޭތެރޭގައި އިށީނދެގެން ތިއްބަ އެވެ. އެމީހުންގެ ދަރިފުޅު ސުހާނާ އާއި މަންމަ އިޝްވަރީ (ސުޕްރިޔާ ޕިލްގޯންކަރް) ބެކްގްރައުންޑުން ފެންނަން ތިބެ އެވެ. ޕްރޮމޯގައި ސޮނާކްޝީ އާއި ދޭވް ދައްކާ ވާހަކަ ތަކުން އެމީހުންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ޔަގީން ކުރެވެ އެވެ.
ޝޯގެ އާ ޕްރޮމޯ އާއެކު މިފަހަރުގެ ސީޒަންގައި ދައްކާނީ މި ދެ މީހުންގެ ހަޔާތުގެ ކޮން ކަހަލަ ސަފުހާތަކެއް ކަން ބަލާލާހިތުން ޝޯގެ ފޭނުން ތިބީ ކެތްމަދުވެފަ އެވެ.
ޝޯގެ ތިން ވަނަ ސީޒަން ފެށުމާ ދިމާކޮށް ޝަހީރް ދީފައިވާ އިންޓަވިއު އެއްގައި ބުނީ އޭނާ މި ޝޯގައި ކުޅޭ ދޭވްގެ ކެރެކްޓާއަށް ވަރަށް ގިނަ ބައެއްގެ ލޯތްބާއި މަގްބޫލުކަން ލިބިފައިވާ ކަމަށެވެ. އަދި އާ ސީޒަނަކަށް ބެލުންތެރިން ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުންދާކަން އެނގުމުން ވަރަށް އުފާވާ ކަމަށެވެ.
"ވަރަށް އުފާވެ ހިތްހަމަޖެހިފަ މިހިރީ 'ކުޗް ރަންގް ޕިޔާރް ކޭ އޭސޭ ބީ – އޭކް ނައީ ކަހާނީ" ފެށޭތީ. ދޭވް ޑިކްޝިޓްގެ ހަޔާތުގެ އާ ވާހަކަތަކެއް މިފަހަރު ބެލުންތެރިންނަށް ފެންނާނެ،" ޝަހީރް ބުންޏެވެ.
އެރިކާ ބުނި ގޮތުގައި ސޮނާކްޝީގެ ކެރެކްޓާއަކީ އޭނާގެ ހިތާ ވަރަށް ގާތް ގުޅުމެއް އޮތް ކެރެކްޓާ އެކެވެ. ޝޯގައި އެ ކެރެކްޓާ އަށް އަންނަ ބަދަލުތައް ޚުދް އޭނާއަށް ވެސް އަންނަކަމުގެ އިހްސާސް ކުރެވޭ ކަމަށް އެރިކާ ބުންޏެވެ.
"މުޅިން އާ ދަތުރެއްގައި ޝޯގައި ބައިވެރިވާ އެކްޓަރުންނާއި ކުރޫންނާ އަލުން ގުޅެވޭތީ ވަރަށް އުފާވެފަ މިހިރީ. ކުރީ ދެ ސީޒަން އަށް ބެލުންތެރިން ދިން ބޮޑު ތަރުހީބާއި ލޯބިން އަހަރެން މިހިރީ ބުނާނެ އެއްޗެއް ވެސް ނޭނގިފައި. އަހަރެން ބުނާނީ މިފަހަރުގެ ސީޒަންގައި ވެސް ބެލުންތެރިން މާޔޫސް ނުކުރުވާނަމޭ. މިފަހަރުގެ ސީޒަންގައި ދޭވް އާއި ސޯނާ އެކުގައި އުޅޭ ކަމަށް ހީވި ނަމަވެސް ހަގީގަތުގައި އެ މީހުން އުޅެނީ އެކުގައިކަން އެނގޭނީ ސިލްސިލާ ބެލީމަ،" އެރިކާ ބުންޏެވެ.