ކަލާޒް ޓީވީގެ "ޑާންސް ދިވާނޭ 3" ގެ ހޯސްޓްކަން ވަގުތީ ގޮތުން މިހާރު ކުރަނީ ކޮމެޑިއަން ބާރްތީ ސިންގް އާއި ފިރިމީހާ ހަރްޝް ލިމްބާޗިޔާ އެވެ.
މި ޝޯގެ އެންމެ ފަހުގެ އެޕިސޯޑުގައި ބާރްތީ ވަރަށް ގަދަޔަށް ރޯތަން ފެނިފައި ވެއެވެ. އެއީ ކޮރޯނާވައިރަހުގެ ސަބަބުން މަންމައެއްގެ ތުއްތުތުއްތު ދަރިފުޅަކު މަރުވި ވާހަކަ ކިޔައިދޭ ނެށުމެއް މި ޝޯގައި ނެށުންތެރިއަކު ހުށަހަޅައި ދިނުމުން އެ މަންޒަރުތައް ބަލާފަ އެވެ. މިއީ ހަގީގަތުގައި ވެސް އިންޑިއާގައި ދާދިފަހުން ހިނގާފައިވާ ހާދިސާއަކަށް ވާތީ މި ނެށުން ބަލާފައި އެންމެންގެ ލޮލުން ވެސް ކަރުނަ އައެވެ. ނަމަވެސް ބާރްތީ އަށް އާދަޔާހިލާފަށް އެ މަންޒަރުން އަސަރު ކުރި އެވެ.
މި ނެށުމަށް ފަހު ފިރިމީހާ ހަރްޝް އާއެކު ސްޓޭޖަށް އަރައި ރޮމުން ރޮމުން ބާރްތީ ބުނި ގޮތުގައި އޭނާއާއި ފިރިމީހާ ވެސް ދަރިއަކު ބޭނުން ވިޔަސް މި ދުވަސްވަރުގެ ގޮތުން ދަރިއަކު ނުހޯދާ މަޑުކޮށްގެން ތިބީ މިފަދަ ހިތާމަވެރި ހާދިސާއެއް އެމީހުންނާ ވެސް ކުރިމަތިވެދާނެތީ އެވެ.
ކޮރޯނާވައިރަހުގެ ޕެންޑެމިކް އާ ހެދި އެމީހުން އަދި ކުއްޖަކު ހޯދަން ތައްޔާރު ނޫން ކަމަށް ބާރްތީ ބުންޏެވެ.
"އަހަރެމެން ކުއްޖެއް ހޯދަން ރޭވިން. ނަމަވެސް މިފަދަ ހާދިސާތަކުގެ ވާހަކަ އަޑު އަހާފައި އެކަމަށް އަދި ފަސް ޖެހެވެނީ. އަހަރެމެން ގަސްތުގައި ކުއްޖެއް ހޯދާ ވާހަކަ ނުދައްކާ މިތިބީ މިފަދަ ހިތާމަވެރި ހާދިސާއެއް ކުރިމަތިވި އަހަންނަށް މުޅި އުމުރު ރޯން ޖެހިދާނެތީ،" ބާރްތީ ބުންޏެވެ.
ބާރްތީ ފިޔަވައި ޝޯގެ ޖަޖުންގެ ގޮތުގައި ތިބި ބަތަލާ އަދި ނެށުންތެރިޔާ ނޯރާ ފަތޭހީ އާއި ކޯރިއޮގްރާފަރު ތުޝާރު ކާލިއާ އަށް ވެސް މި ނެށުން ބަލާފައި ވަރަށް އަސަރު ކޮށްފައި ތިބިކަން އެމީހުންގެ މޫނުމަތިން ހާމަވާން ހުއްޓެވެ.
ފަހުން އިންޑިޔާގެ ނޫހަކާ ވާހަކަ ދައްކަމުން ބާރްތީ ބުނީ އޭނާވެސް މަންމައަކަށް ވާން ބޭނުން ކަމަށެވެ. ފާއިތުވީ އަހަރުވެސް ހަރްޝް އާއި އޭނާ ދަރިއަކު ހޯދަން ވިސްނި ކަމަށެވެ. ނަމަވެސް ކޮރޯނާވައިރަހުގެ ވަބާ އާ ހެދި އެ ކަން އަދި މަޑުޖައްސާލީ އެވެ.
"އަހަރެން ބޭނުމެއް ނޫން މިކަހަލަ ސްޓްރެސް ބޮޑު ދުވަސްވަރެއްގައި މިފަދަ މާހައުލަކަށް ދަރިއަކު އުފަންކުރާކަށް. މި ދުވަސްވަރު ހޮސްޕިޓަލަކަށް ދިއުމަކީ ވެސް އެހާ ނުރައްކާ ބޮޑުކަމެއް. ބަލިވެ އިނދެއްޖެނަމަ ގަވާއިދުން ޑޮކްޓަރަށް ދައްކަން ދާން މަޖްބޫރުވާނެ. އެހެންވެ ތުއްތު ކުއްޖެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު އޮތީމަ އަދި ދަރިއަކު ހޯދަން ބޭނުންނެތީ،" ބާރްތީ ބުންޏެވެ.
މި ޝޯގައި ބާރްތީ ބުނި ގޮތުގައި އޭނާގެ މަންމައަށް ވެސް ކޮވިޑް ޖެހި މިހާރު އޮތީ ހޮސްޕިޓަލުގަ އެވެ. ބާރްތީ އަކީ ހެއްވާ މަޖާ ވާހަކަތައް ދައްކާ ކޮމޭޑިއަނެއް ނަމަވެސް ޝޯތައް ހޯސްޓްކުރާއިރު ބައެއް ފަހަރު ޖަޒުބާތުގައި ޖެހޭތަން ފެނެ އެވެ.