ބޮލީވުޑް

މީހުން އަހަރެން ދެކެން ބޭނުންވާތީ އުފާވޭ: ޝިލްޕާ

ޝިލްޕާ ޝެޓީ ފިލްމު ކުޅުމާ ދުރުގައި ދުވަސްތަކަކު ހުރެފައި މި ފަހަކުން ވަނީ "ހަންގާމާ 2" އާއި "ނިކައްމާ" ގައި މަސައްކަތް ކޮށްފަ އެވެ. މިހާ ގިނަ ދުވަސްތަކެއް ފިލްމު ކުޅުމާ ދުރުގައި ހުރެފައި އެނބުރި އައީ އަދިވެސް ބެލުންތެރިން ފިލްމުތަކުން އޭނާ ދެކިލަން އިންތިޒާރު ކުރާތީ ކަމަށް ޝިލްޕާ ބުންޏެވެ.

ބޮޑު ސްކްރީނު ފިލްމުތައް ނުކުޅެ 10 ވަރަކަށް އަހަރު ޝިލްޕާ ހުއްޓެވެ. އެއީ 2007 ގައި ރިލީޒްކުރި "އަޕްނޭ" ގެ ފަހުންނެވެ.

ސަބީރް ޚާންގެ "ނިކައްމާ" އަކީ 10 އަހަރަށް ފަހު ޝިލްޕާގެ އެނބުރި އައުން ފާހަގަކުރި ފިލްމެވެ.

ޝިލްޕާ ގަބޫލުކުރާ ގޮތުގައި 10 އަހަރު ފިލްމު ކުޅުމާ ދުރުގައި ހުއްޓަސް އޭނާގެ ފޭނުންގެ ތާއީދާއި ލޯތްބަށް ފަނޑުކަމެއް ނާދެ އެވެ. އޭނާ އެނބުރި އަންނަން ހިތްވަރު ލިބުނީ އެހެންވެ އެވެ.

ކުރިޔަށް އޮތް ތަނުގައި ޝިލްޕާގެ އާ ފިލްމެއް ބެލުންތެރިންނާ ހަމައަށް އަންނާނެ އެވެ. ޑައިރެކްޓަރު ޕްރިޔަދަރްޝަންގެ "ހަންގާމާ 2" އެވެ. މި ފިލްމުގައި ޝިލްޕާ އާއެކު ބައިވެރިވަނީ ޕަރޭޝް ރާވަލް އާއި މީޒާން އަދި ޕްރަނީތާ ސުބާޝް އެވެ.

"ފާއިތުވީ ދުވަސްތަކުގައި ބެލުންތެރިން އަހަންނަށް ދިން ލޯތްބާއި ތާއީދު ގަބޫލުކުރަން ވެސް ދަތި. އެކަމާ އަހަރެން އުފާކުރަން. އަދި އެމީހުންނަށް ޝުކުރުވެރިވަން. އިތުރަށް ފިލްމުތަކުގައި މަސައްކަތްކުރުމުގެ ހިތްވަރު ލިބުނީ މި ތާއީދު ފެނިފައި،" ޝިލްޕާ ބުންޏެވެ.

ޝިލްޕާ ބުނި ގޮތުގައި މިފަހުން އޭނާ ކުޅެން ފެށި ދެ ފިލްމަކީ ވެސް ވަރަށް ރަނގަޅު ދެ ވާހަކައަކަށް އުފައްދާ ދެ ފިލްމެވެ. އެ ފިލްމުތައް ގަބޫލުކުރީ އެ ވާޙަކަތަކުގައި އޭނާ ޝައުގުވެރިވާ ކަހަލަ ގޮތްތަކެއް ހުރީމަ އެވެ.

ޝިލްޕާ، 45، އަކީ ސޮނީ ޓީވީގެ "ސުޕަ ޑާންސާ ޗެޕްޓާ 4" ގެ ޖަޖެކެވެ. ހުރިހާ ފިލްމުތަކެއްގެ މަސައްކަތާއި ޓީވީ ޝޯތަކުގެ މަސައްކަތް އަދި ވެބް ޝޯތަކުގެ ޝޫޓިންގް ވެސް ވަގުތީ ގޮތުން ހުއްޓާލަން މަހަރަޝްތުރާ ސަރުކާރުން މިހާރު ވަނީ ކަމާ ބެހޭ ފަރާތްތަކަށް އަންގާފަ އެވެ. ސަބަބަކީ ކޯވިޑް-19ގެ ބަލި މަޑުކަމުން މަހާރަޝްތުރާގައި ފެތުރިފައި އޮތްލެއް ބޮޑުކަމުން އެކަން ކޮންޓްރޯލް ކުރުމުގެ ގޮތުންނެވެ.

ޝިލްޕާ ބުނި ގޮތުގައި "ސުޕަ ޑާންސާ ޗެޕްޓާ 4"ގައި ބައިވެރިވަނީ ވަރަށް ކުޑަ ކުދިންނެވެ. ވީމާ އެކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެމީހުންނަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާނެ އެވެ. އެހެންވެ ބަލިމަޑުކަން ކުޑަކޮށް މައިތިރިވަންދެން ޝޯގެ އިތުރު ޝޫޓިންގްތައް ކުރިޔަށް ނުދާނެ ކަމަށް ވެސް ޝިލްޕާ ބުންޏެވެ.