އިންޑިޔާގެ ބެންގަލޫރޫގެ ހޮސްޕިޓަލަކުން އޮކްސިޖަން ހުސްވާތީ އެ ހޮސްޕިޓަލުން އެހީއަށް އެދި ކުރި އިލްތިމާސަށް އެކްޓަރު ސޯނޫ ސޫދު އާއި އޭނާގެ ޓީމުން އިޖާބަ ދިންލެއް އަވަސްކަމުން ގިނަ ބައެއްގެ ތައުރީފު އަނެއްކާ ވެސް ސޯނޫ އަށް އަމާޒުވެއްޖެ އެވެ.
އެ ވަގުތު އެ ހޮސްޕިޓަލުގައި ވަރަށް ހާލު ބޮޑު 22 މީހަކު އޮކްސިޖަން ގުޅާފައި ތިއްބެވެ. އެންމެ ވަގުތުކޮޅަކަށް ވެސް މި މީހުންނަށް އޮކްސިޖަން ނުލިބިއްޖެނަމަ އެ މީހުންނަށް ދުނިޔޭގައި ތިބެވޭނެ ކަމުގެ އުންމީދެއް ނެތެވެ. މިފަދަ ދަނޑިވަޅެއް ހޮސްޕިޓަލުން ކުރި އިލްތިމާސަށް އިޖާބަދިނީ ބެންގަލޫރޫގެ ލޯކަލް ސަރުކާރަކުން ނޫނެވެ. އަދި ސިޓީ ކައުންސިލް ފަދަ އެ ސްޓޭޓް ހިންގުމާ ހަވާލުވެ ތިބި މީހުންނެއް ނޫނެވެ. އެ ހޮސްޕިޓަލަށް އޮކްސިޖަން ފޯރުކޮށްދިނުމުގައި މަސައްކަތްކޮށްދިނީ ސޯނޫ އާއި ޓީމުންނެވެ.
ސޯނޫ ސޫދު ޗެރިޓީ ފައުންޑެޝަންގެ ޓީމު މެމްބަރަކަށް ގުޅާފައި ހޮސްޕިޓަލުގެ އިސް މީހަކު އެ ހޮސްޕިޓަލުގެ ހާލަތު ބަޔާން ކޮށްދިނެވެ. އޭރުވެސް އޮކްސިޖަން ނުލިބިގެން އެ ހޮސްޕިޓަލުގައި ތިބި ހާލު ބޮޑު ދެ މީހެއްގެ ފުރާނަ ހިނގައްޖެ އެވެ.
ސޯނޫގެ ޓީމަށް މި ޚަބަރު ލިބުނީ ރޭގަނޑު ދަންވަރުގެ ވަގުތެއްގައި ނަމަވެސް ވަގުތުން އެ ޓީމު މަސައްކަތް ފެށި އެވެ. އަދި އޮކްސިޖަން ސިލިންޑަރެއް ވަގުތުން ހޮސްޕިޓަލަށް ފޮނުވި އެވެ. އަދި މަދު ގަޑިއިރެއްގެ ތެރޭގައި އިތުރު 15 ސިލިންޑަރު ހޯދާފައި ފޮނުވައިދިނެވެ.
އޭއެންއައި ނިއުސް އެޖެންސީ އާ ވާހަކަ ދައްކަމުން ސޯނޫ ބުނީ އެ މީހުންނަށް މިހާ އަވަހަށް ކަންކަން ކޮށްދެވެނީ މުޅި ޓީމުގެ މަސައްކަތް ބަރާބަރު ކަމުންނެވެ.
"އަހަރެމެންނަށް ފޯނު ކޯލު ލިބުނު ހިސާބުން މަދު މިނިޓް ކޮޅެއް ތެރޭގައި މުޅި ޓީމު މަސައްކަތް ފަށައިފި. މުޅި ރޭގަނޑު ޓީމުގެ އެންމެން ހޭދަކުރީ އެ ހޮސްޕިޓަލަށް އޮކްސިޖަން ސިލިންޑަރުތައް ފޯރުކޮށްދިނުމުގައި. އަހަރެމެން ކުޑަކޮށް ލަސްވިނަމަވެސް އެތަކެއް އާއިލާއަކަށް އެމީހުންގެ ލޯބިވާ މީހަކު ގެއްލުނީސް،" ސޯނޫ ބުންޏެވެ.
ސޯނޫ ބުނި ގޮތުގައި އޭނާގެ ޓީމުގެ ހަމަ ކޮންމެ މީހަކަށް ޝުކުރު އަދާކުރަން އޭނާ ބޭނުމެވެ. އެތައް ބަޔެއްގެ ފުރާނަ ސަލާމަތްކުރަން އެރޭ ހަތަރުދަމު ކުރި މަސައްކަތަށެވެ.
"އަހަރެންގެ ހީރޯ ތަކާ މެދު ފަޚުރުވެރިވަން. ރޭގަނޑު ހަތަރުދަމު ކުރި ބުރަ މަސައްކަތުން ބެންގަލޫރު ހޮސްޕިޓަލަށް އޮކްސިޖަން ސިލިންޑަރުތައް ފޯރުކޮށްދީ 20 މީހުންގެ ފުރާނަ ސަލާމަތް ކުރަން އެމީހުން ވަނީ އެހީތެރިވެދީފައ،" އެ މަސައްކަތުގައި އުޅުނު ޓީމުގެ މެމްބަރުންގެ ނަންތައް ވަކިވަކިން ޓެގްކޮށްފައި ސޯނޫ ކުރި ޓުވީޓެއްގައި ބުނެފައި ވެއެވެ.