ނަސީރުއްދީން ޝާހު ވަރަށް ފަހުން ދީފައިވާ އިންޓަވިއު އެއްގައި އޭނާއަށް ވަރަށް ފާޑެއްގެ ބައްޔެއް ޖެހިގެން އުޅޭ ކަމަށް ވަނީ ބުނެފަ އެވެ. އޭނާ ބުނެފައިވާ ގޮތުގައި އެ ބައްޔަށް ކިޔަނީ އޮނޮމެޓޯމޭނިއާ އެވެ. މި ބަލި ޖެހޭ މީހުން ވާހަކަ ދައްކާއިރު ކޮންމެވެސް އެއް ބަހެއް ނުވަތަ ޖުމްލައެއް ނުވަތަ ފްރޭޒް އެއް މާ ގިނައިން ބޭނުން ކުރެ އެވެ. އެ ވަގުތު އޭނާ ހިތަށް އަރާ އެ ލަފުޒަކަށް ނުވަތަ ޖުމްލައަކަށް އެމީހާ ދެވި ހިފައިގެން ގޮސް ކޮންމެ ވާހަކައެއް ދެއްކިއަސް ތަކުރާރުކޮށް އެ ލަފުޒު ނުވަތަ ޖުމްލަ ބޭނުން ކުރަން އޭނާ ބޭނުންވާނެ އެވެ.
މިސާލަކަށް މިފަދަ މީހަކު ވާހަކަ ދައްކަމުން ދަނިކޮށް "ޔޫފޯރިއާ" ކިޔާ ބަހެއް ހިތަށް އަރާފާނެ އެވެ. އެހިސާބުން އޭނާ އެ ބަސް ކޮންމެ ޖުމްލައެއްގައި ކަހަލަ ގޮތަކަށް ބޭނުން ކުރަން ފަށާނެ އެވެ. އޮނޮމެޓޯމޭނިއާއަކީ އެގޮތަށް އެންމެ ލަފުޒެއްގައި ނުވަތަ ފްރޭޒެއްގައި ނުވަތަ ޖުމްލައެއްގައި އެމީހާ އަޅައިގަނެފައި ހުންނަ ބައްޔަކަށް ކިޔާ ނަމެކެވެ.
ޑިކްޝަނަރީގައި ވެސް މި ލަފުޒުގެ މާނަ ތަރުޖަމާކޮށްފައި ވަނީ ހަމަ މިފަދަ ގޮތަކަށެވެ.
"އަހަރެން މި ވާހަކަ މިދައްކަނީ ޖޯކަކަށް ނޫން. ހަގީގަތުގައި ވެސް އަހަންނަށް އޮނޮމެޓޯމޭނިއާ ކިޔާ ބައްޔެއް ޖެހިގެން މި އުޅެނީ. އެއީ ހަމަ މެޑިކަލް ކޮންޑިޝަނެއް. ޑިކްޝަނަރީގައި ވެސް އެ ބަސް އޮންނާނެ،" ނަސީރުއްދީން ބުނެފައި ވެއެވެ.
އޭނާ ބުނި ގޮތުގައި އެ ބަލި ހުރުމުގެ ސަބަބުން އޭނާގެ ހިތަށް އެ ވަގުތު އަރާ އެއްޗެއް އަބަދާ އަބަދު ކިޔާލަ ކިޔާލަ ހުރެވެ އެވެ. އެއީ ޖުމްލައެއް ވިޔަސް ލަފުޒެއް ވިޔަސް މީހަކު ދެއްކި ވާހަކައެއްގެ ތަންކޮޅަކަށް ވިޔަސް ހެވެވެ. އެ މީހާ އެ ކިޔާ އެއްޗެއް ވާނީ އޭނާ އަޑުއަހަން ބޭނުންވާ އެއްޗަކަށެވެ.
ނަސީރުއްދީން ބުނި ގޮތުގައި މި ބަލީގެ ސަބަބުން އެގޮތަށް ތަކުރާރުކޮށް އެކި ލަފުޒު، ޖުމްލަ ކިޔާ ކިޔާ އޭނާ ހުންނަނީ ވަރުބަލި ވެފަ އެވެ. އެއްގޮތަކަށް ވެސް ސިކުނޑިއާއި އަނގަޔަށް އަރާމު ލިބޭނެ ވަގުތުކޮޅެއް ނާދެ އެވެ.
"އަހަރެން ނިދާއިރު ވެސް އަހަރެން ކިޔާފައިވާ ކޮންމެވެސް ފޮތެއްގެ އަހަރެން ހިތްހަމަޖެހޭ ޕެރެގްރާފެއް ހިތުގައި އޮންނާނެ. އެ އެއްޗެއް ތަކުރާރުކޮށް ކިޔާލަ ކިޔާލަ އަހަރެން އޮންނަނީ ނިދޭއިރު ވެސް،" ނަސީރުއްދީން ބުންޏެވެ.
އޮނޮމެޓޮމޭނިއާ އަކި އޮބްސެސިވް ކޮމްޕަލްސިވް ޑިސްއޯޑާ (އޯސީޑީ) އާ ގުޅުން ހުރި ނަފްސާނީ މައްސަލަ އެކެވެ.