ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ދެ ގެރީގެ ކައިވެނި ބަލަން 10،000 މީހުން!

އިންޑިޔާގައި ކޮވިޑް-19 އިގެ ހާލަތު ވަރަށް ބޮޑަށް ގޯސް ވަމުންދާ މި ދަނޑިވަޅުގައި އެ ގައުމުގެ ބައެއް މީހުންނަށް ކަމުގެ ނާޒުކުކަން ވިސްނޭހެނެއް ހިޔެއް ނުވެ އެވެ. ބައެއް މީހުންގެ ޣާފިލުކަން ހުރި ވަރުން މި ބަލީގައި އަނެއްކާ ވެސް އެތައް ބަޔެއްގެ ފުރާނަ ހިނގައިދާނެ ކަމަކަށް އެމީހުންނަށް ނުވެސް ވިސްނޭ ކަހަލަ އެވެ.

އިންޑިޔާގެ ގުޖްރާތު ސްޓޭޓުގެ ސޫރަތުގައި ބޭއްވި ދެ ގެރީގެ ކައިވެނީގެ މަންޒަރުތައް ބަލަން އެތަނަށް އެއްވި މީހުންގެ އަދަދުން ކޮވިޑް ޖެހި ބަލިވެދާނެތީ މި މީހުން އެއްގޮތަކަށް ވެސް ބިރު ނުގަންނަކަން ވަނީ ހާމަވެފަ އެވެ. އަދި މިފަދަ ދަނޑިވަޅެއްގައި މިކަހަލަ ކަމެއް އިންތިޒާރު ކުރި އޮގަނައިޒަރުންނަށް ވެސް މިކަމުގައި ހުރި ސީރިއަސްކަން ނުވިސްނޭ ކަމަށް ގަބޫލު ކުރެވެ އެވެ.

މިދިޔަ ހުކުރު ދުވަހު ސޫރަތުގެ ރަށްބޭރުގައި ހުންނަ ފައްޅިއެއްގައި ބޭއްވި ދެ ގެރި ކައިވެނިކުރާތަން ބަލަން 10،000 އަށް ވުރެ ގިނަ މީހުން ޖަމާވި ކަމަށް ޓައިމްސް އޮފް އިންޑިއާގައިވާ ހަބަރެއްގައި ބުނެފައި ވެއެވެ.

މިއީ ގެރިންގެ ނަސްލު އާލާކުރުމަށް ބޭއްވި ކަމެއް ކަމަށާއި މި ކައިވެނީގެ މަންޒަރުތައް ބަލަން 10،000 އަށް ވުރެ ގިނަ މީހުން ހާޒިރުވީ ކަމަށާއި މި އެންމެންނަށް ކާން ބޯން ދިނުމުގެ އިންތިޒާމުތައް ވެސް ވަރަށް ފުރިހަމައަށް ކުރިޔަށް ގެންދިޔަ ކަމަށް މިކަން އިންތިޒާރުކުރި ފަރާތުން ވަރަށް ފަހުރުވެރި ކަމާއެކު ބުނެފައި ވެއެވެ.

މިކަން އެމީހުން ކޮށްފައިވަނީ މިފަދަ އެއްވުންތައް ބޭއްވުން ސަރުކާރުން މުޅިން މަނާކޮށްފައި އޮއްވަ އެވެ. ކޮވިޑް-19 ފެތުރެމުންދާ ހަލުވި ސްޕީޑު މައިތިރިކުރުމަށް ގުޖްރާތު ސަރުކާރުން ނެރެފައިވާ ގަވާއިދުގައި ބުނެފައިވާ ގޮތުން ހާމަތަނެއްގައި ބާއްވާ ކައިވެނި ފަދަ ހަފުލާތަކަށް ވެސް 500 އަށް ވުރެ ގިނަ މީހުން ބައިވެރިވުން މަނަލެވެ. އަދި އިންޑޯގައި ބާއްވާނަމަ އެތަނެއްގެ ބޮޑުމިނަށް ބަލައި ތަނުގެ ކެޕޭސިޓީގެ ދެ ބައިކުޅަ އެއްބަޔަށް ވުރެ ގިނައިން މީހުން ވައްދައިގެން ނުވާނެ އެވެ. އަދި ޖަނާޒާތަކުގައި ވެސް 100 އަށް ވުރެ ގިނަ މީހުން ބައިވެރިވުން ވަނީ މަނާ ކޮށްފަ އެވެ.

ދެ ގެރީގެ ކައިވެނި ބޭއްވި ދުވަހަކު އެކަނި ވެސް ސޫރަތު ސިޓީ އިން 2986 މީހުންނަށް އަލަށް ކޮވިޑް ޖެހިފައި ވެއެވެ.

މިދިޔަ ހަފުތާގައި ވެސް އިންޑިޔާގައި ހަމަ މިފަދަ ކަމެއް ހިނގާފައި ވެއެވެ. އެ ފަހަރު ޗިރާގް ނަމަކަށް ކިޔާ ފިރިހެނަކު ވަނީ އޭނާ އޮޅުކޮށަގެން ގެންގުޅޭ ކުއްތާއެއްގެ އުފަން ދުވަސް ވަރަށް ކުލަގަދަކޮށް ފާޙަގަ ކޮށްފަ އެވެ.

އާއިލާގެ މީހުންނާއި އެކުވެރިން އަދި އަވަށުގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިކޮށްގެން ފާހަގަ ކުރި މި އުފަން ދުވަހުގެ ޕާޓީގައި ވަނީ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ ލަވަ ކިޔާ ނެށުމުގައި އެތައް ވަގުތެއް ހޭދަކޮށްފަ އެވެ. އަދި މި ޕާޓީ ބޭއްވުމަށް ހަތް ލައްކަ އަށް ވުރެ ގިނަ ރުޕީސް ޗިރާގް ހޭދަކޮށްފައި ވެއެވެ.

ފުލުހުންނަށް މި ޝަކުވާ ލިބިގެން އައިސް މިހާރު ވަނީ ޗިރާގް އާއި އޭނާއަށް އެހީތެރިވީ އިތުރު ދެ މީހަކު ހައްޔަރުކޮށްފަ އެވެ.