ކޮވިޑް-19 އިގެ ދެވަނަ ރާޅުގައި އިންޑިޔާގެ ގިނަ ބަޔަކު އޮކްސިޖަނަށް ޖެހުނެވެ. ކޮވިޑް ޖެހުނު ބައެއް މީހުންގެ އާއިލާތަކުން އެމީހުންގެ ލޯބިވާ މީހުން ސަލާމަތް ކުރުމަށް ހަދާނެގޮތް ހުސްވެ، ރޮއި ހަޅޭއްލަވަމުން ދުވި މަންޒަރު ދުނިޔެއަށް ފެނިފައި ވެއެވެ. އެ ވަގުތު އެފަދަ މީހުންނަށް އެހީވުމަށް އިންސާނިއްޔަތަށް ލޯބިކުރާ އެތައް ބަޔަކު ތެދުވި އެވެ. މިއީ އެފަދަ އަންހެނެއްގެ ވާހަކަ އެވެ.
ޗެންނާއިގައި ދިރިއުޅޭ ސީތާ ދޭވީގެ 65 އަހަރުގެ މަންމަ ވިޖެޔާއަކީ ކިޑްނީގެ ބައްޔެއް ހުރެގެން ޑައިލެސިސް ހަދަމުން ދިޔަ މީހެކެވެ. ވިޖެޔާއަށް ކޮވިޑް ޖެހުނީ ވެސް ހޮސްޕިޓަލަކަށް ޑައެލެސިސް ހަދަން ގޮސް އުޅެނިކޮށެވެ. ކޮވިޑްޖެހި ހާލު ބޮޑުވުމުން ސީތާ އޭނާގެ މަންމަ ގޮވައިގެން އެތައް ހޮސްޕިޓަލަކަށް ދިޔަ އެވެ. މަންމައަށް ނޭވާ ނުލެވި އޮކްސިޖަން ހޯދަންޖެހުމުން އޮކްސިޖަން ލިބޭ އެނދެއް ހޯދަން އޭނާ އެތައް ވަގުތެއް ހޮސްޕިޓަލު ތަކުގެ ބޭރުގައި ހޭދަކުރި އެވެ.
"މަންމައަށް އޮކްސިޖަން ފޯރުކޮށްދޭ އެނދެއް ހޯދަން އަހަރެމެން ހޮސްޕިޓަލުގެ ބޭރުގައި 12 ގަޑިއިރު ތިބިން. އެ ވަގުތު އަހަރެމެން މަންމަ އެއް އެމްބިއުލެންސުން އަނެއް އެމްބިއުލެންސެއް ބަދަލު ކުރަމުން ގެންދިޔައިން. އެއީ އެއް އެމްބިއުލެންސްގައި ހުރި އޮކްސިޖަން ކޮޅު ހުސްވާން ކައިރިވީމަ އެހެން އެމްބިއުލެންސަކަށް ބަދަލު ކުރީ. މިގޮތަށް މަންމައަށް އެކަށީގެންވާ ފަރުވާއެއް ނުދެވި އުޅެނިކޮށް މަންމަގެ ފުރާނަ ދިޔައީ،" ސީތާ ބުންޏެވެ.
ސީތާ ބުނި ގޮތުގައި އޮކްސިޖަން އެކަށީގެންވާ ގޮތެއްގައި ލިބުނުނަމަ އޭނާގެ މަންމަގެ ފުރާނަ ސަލާމަތް ކުރެވުނީހެވެ. އެހެންވެ މަންމައަށް ޖެހުނު ފަދަ ހާލެއް އެހެން އެއްވެސް މީހަކަށް ޖެހެން ސީތާ ބޭނުމެއް ނުވި އެވެ. އެހެންވެ މަންމަގެ ޖަނާޒާގެ ކަންތައް ނިންމުމަށް ފަހު އޭނާ ދެން ފެށި މަސައްކަތަކީ އޮކްސިޖަން އަށް ބޭނުން ވެފައިވާ މީހުންނަށް އެހީތެރިކަން ފޯރު ކޮށްދިނުމުގެ މަސައްކަތެވެ.
އޮޓޯރިކްޝާއެއްގައި އޮކްސިޖަން ފުޅިތައް ބަހައްޓައިގެން ހޮސްޕިޓަލު ކައިރީއަށް އޮކްސިޖަން ބޭނުން ވެގެން ޖަމާ ވެފައި ތިބި މީހުންނަށް އޮކްސިޖަން ފޯރު ކޮށްދިނުމުގެ މަސައްކަތް ސީތާ ފެށި އެވެ. އޭނާގެ އޮކްސިޖަން ރިކްޝާގެ ސަބަބުން އެތައް ސަތޭކަ ބައެއްގެ ފުރާނަ ސަލާމަތް ކުރެވިދާނެ ކަމަކަށް އޭރު އޭނާ ހިތަކަށް ވެސް ނާރަ އެވެ. ނަމަވެސް މުޅިން ހިލޭ އޭނާ ފޯރު ކޮށްދިން މި އެހީތެރި ކަމުން 800 ވަރަކަށް މީހުންގެ ފުރާނަ ސަލާމަތް ކުރެވިފައި ވެއެވެ.
މިކަމުގައި ސީދާ އަށް އެހީތެރިވީ އިތުރު ދެ ވޮލަންޓިއަރެކެވެ. އޮކްސިޖަން ބޭނުންވާ މީހުނަށް އޮކްސިޖަން ގުޅައިދީ އެކަން މޮނިޓާކޮށް ބެލެހެއްޓީ މި ދެ މީހުންނެވެ. ސީތާ މަސައްކަތްކުރީ އެކިތަންތަނުން އޮކްސިޖަން ހޯދައިގެން އޮޓޯރިކްޝާ އަށް ޖަމާ ކުރުމުގެ މަސައްކަތެވެ. އެގޮތުން ދުވާލަކު މަދުވެގެން 25-30 މީހުންނަށް ސީތާގެ އޮޓޯ ރިކްޝާއިން އޮކްސިޖަން ފޯރު ކޮށްދީފައި ވެއެވެ.