ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ދެވަނަ ރާޅުގައި އިންޑިއާއިން 600 ޑޮކްޓަރުން މަރުވި

ކޮވިޑް-19 އިގެ ބިޔަ ބޮޑު ދެވަނަ ރާޅަކާ އިންޑިޔާއަށް ކުރިމަތިވެފައިވާއިރު މިހާތަނަށް ދެ ވަނަ ރާޅުގައި އެ ގައުމުގައި މަސައްކަތް ކުރަމުން ދިޔަ 600 ވަރަކަށް ޑޮކްޓަރުން މަރުވެފައިވާ ކަމަށް އިންޑިއަން މެޑިކަލް އެސޯސިއޭޝަން (އައިއެމްއޭ) އިން ބުނެފި އެވެ. މިދިޔަ އަހަރު ފެށުނު ތަނާ ކަހަލަ ގޮތަކަށް ފެނުނު މި އާލަމީ ބަލިމަޑުކަމުގައި މިހާ ތަނަށް އެ ގައުމުން ވަނީ 1300 އަށް ވުރެ ގިނަ ޑޮކްޓަރުން މަރުވެފައި ކަމަށް ވެސް އައިއެމްއޭ އިން ބުނެފައި ވެއެވެ.

ދެ ވަނަ ރާޅުގައި މަރުވި 594 ޑޮކްޓަރުންގެ ތެރެއިން އެންމެ ގިނަ ޑޮކްޓަރުން މަރުވެފައި ވަނީ ދިއްލީންނެވެ. ދިއްލީން އެކަނި 107 ޑޮކްޓަރުން މަރުވެފައި ވެއެވެ. ބިހާރުން 96 ޑޮކްޓަރުން، އުއްތަރު ޕްރަދޭޝް އިން 67 ޑޮކްޓަރުން ވަނީ މަރުވެފަ އެވެ.

އައިއެމްއޭގެ މި އަދަދު ތަކަކީ އަދި އެ އެސޯސިއޭޝަނަށް ލިބިފައިވާ 350،000 ޑޮކްޓަރުންގެ މައުލޫމާތުގެ ތެރެއިން މަރުވެފައިވާ ޑޮކްޓަރުންގެ ރެކޯޑެވެ. އިންޑިޔާގައި 1.2 މިލިއަން ޑޮކްޓަރުން މަސައްކަތް ކުރެ އެވެ. ހުރިހާ ޑޮކްޓަރުންގެ މައުލޫމާތު ހޯދިއްޖެނަމަ މި އަދަދުތައް މިއަށް ވުރެ މާ މަތިވާނެ ކަމަށް ވަނީ ލަފާ ކުރެވިފަ އެވެ.

އަމިއްލަ ފުރާނަ ގެއްލުމުގެ އިތުރުން ކޮވިޑް ބަލި މީހުންނަށް ފަރުވާދޭ ޑޮކްޓަރުންނަށް އިންޑިޔާގައި ވަރަށް ގިނަ އިތުރު މައްސަލަތަކާ ވެސް ކުރިމަތިވެ އެވެ. އެތައް ރިސްކެއް ނަގައިގެން މަސައްކަތުގައި ހޭބޯނާރާ އުޅެމުންދާ ޑޮކްޓަރުންނަށް ދިމާވާ އެންމެ ބޮޑު މައްސަލައެއް ކަމަށް މެޑިކަލް އެސޯސިއޭޝަނުން ފާހަގަ ކޮށްފައި ވަނީ ބަލި މީހުންނާއި އެމީހުންގެ ތިމާގެ މީހުންގެ ރުޅި ޑޮކްޓަރުންނަށް އަމާޒުވުމެވެ.

ކޮވިޑްގައި މީހަކު މަރުވެއްޖެނަމަ އެއީ ޑޮކްޓަރުންގެ އިހުމާލުން ނުވަތަ ފަރުވާކުޑަކަމުން ކަމަށް ބުނެ އެމީހާގެ ތިމާގެ މީހުން ވަރަށް ގިނަ ފަހަރަށް ޑޮކްޓަރުންނާ ކުރިމަތިލަ އެވެ.

މިދިޔަ އަންގާރަ ދުވަހު އާސާމުގެ ހޮސްޕިޓަލެއްގައި ވެސް މިފަދަ ހާދިސާއެއް ހިނގި އެވެ. ކޮވިޑްޖެހި މީހަކު މަރުވުމުން އޭނާއަށް ފަރުވާދެމުން ދިޔަ ޑޮކްޓަރަށް މަރުވިމީހާގެ ތިމާގެ މީހުން ދަގަނޑުބުރިއަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލާފައި ވެއެވެ. އާސާމް ސްޓޭޓުގެ ވެރިރަށް ގުވަހާޓީގެ ކޮވިޑް ފެސިލިޓީގައި މަސައްކަތް ކުރާ ޑރ. ސިއޫޖު ކުމާރު ސެނަޕަތީގެ ހަމައެކަނި ކުށަކީ ބަލި މީހާ މަރުވިއިރު ޑިއުޓީގައި ހުރި ޑޮކްޓަރަކީ އޭނާ ކަމަށް ވުމެވެ. މިހާރު އާސާމް ފުލުހުން ވަނީ ޑޮކްޓަރަށް ހަމަލަދިން ދެ ޑަޒަނެއްހާ މީހުން ހައްޔަރު ކޮށްފަ އެވެ.