ކޮވިޑް ޖެހިފައި ތިބޭ މީހުން ކައިރިއަށް އާއިލާގެ މީހުން ނުވައްދާތީ އެފަދަ މީހުންގެ ތެރެއިން މުސްލިމުންނަށް ޝަހާދަތް ލައިދޭނެ މީހަކު ވެސް ބައެއް ފަހަރު ނުވެ އެވެ. ނަމަވެސް އިންޑިޔާގެ ކެރެލާ ސްޓޭޓްގެ ހޮސްޕިޓަލެއްގައި މުސްލިމަކު މަރުވިއިރު އެތަނުގައި ހުރި ހިންދޫ ޑޮކްޓަރަކު ވަނީ އޭނާއަށް ޝަހާދަތް ލައިދީފަ އެވެ.
ކުރިން ޔޫއޭއީގައި ދިރިއުޅުނު ޑރ. ރޭކާ ކްރިޝްނަން ޝަހާދަތް ކިޔައިދީ ނިމުނުތާ ހިނދުކޮޅެއް ވެސް ނުވަނީސް ބަލިމީހާގެ ފުރާނަ ހިނގައްޖެ ކަމަށް ހަބަރުގައި ބުނެފައި ވެއެވެ.
ބީވަތޫ ނަމަކަށް ކިޔާ 56 އަހަރުގެ މި މުސްލިމް މީހާއަކީ ކޮވިޑް-19 އިގެ ސަބަބުން ވަރަށް ބޮޑަށް ނިއުމޯނިއާ ޖެހިފައި އޮތް މީހެކެވެ. އެޑްމިޓް ކުރިއިރު ވެސް އެމީހާގެ ހާލު ވަރަށް ބޮޑު ކަމަށާއި 17 ދުވަސް ވަންދެން ވެންޓިލޭޓަރުގައި ބާއްވައިގެން ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރި ކަމަށް ވެއެވެ. ނަމަވެސް 17 ވަނަ ދުވަހު އޭނާގެ އެތެރެ ހަށީގެ ގުނަވަންތަކުގައި މައްސަލަ ޖެހެން ފެށުމުން ދެން މާ ގިނަ އިރަކު އޭނާ ދުނިޔޭގައި ނޯންނާނެކަން ޑޮކްޓަރުންނަށް ޔަގީންވި އެވެ.
"އަހަރެމެން ބީވަތޫގެ އާއިލާގެ މީހުންނާ ވާހަކަ ދެއްކުމުން އޭނާ ވެންޓިލޭޓަރުން ނަގަން އާއިލާއިން އެއްބަސްވި. އެމީހާ އޮތީ ކޮވިޑް އައިސީޔޫގައި ކަމަށް ވާތީ އެންމެ ފަހު ވަގުތުކޮޅު ވެސް އާއިލާގެ އެއްވެސް މީހަކު ވައްދަން ހުއްދަ ދެވޭ ގޮތެއް ނުވި. އެހެން ހުރިހާ ނަރުހުން އުޅުނި އެހެން ބަލި މީހުން ކައިރީ ވަރަށް ބިޒީކޮށް. ބީވަތޫ ހަޔާތުގެ އެންމެ ފަހު ވަގުތުކޮޅު އޭނާ ކައިރީގައި ހުރީ އަހަރެން އެކަނި،" ގަލްފު ނޫހަކަށް ފޯނުން ދީފައިވާ އިންޓަވިއު އެއްގައި ޑރ. ރޭކާ ބުންޏެވެ.
ޑރ. ރޭކާ ބުނި ގޮތުގައި ބީވަތޫގެ ލޭގެ ޕްރެޝަރާއި ހާޓް ރޭޓް ވެއްޓެމުން ދިޔައިރު އަދި އޭނާގެ ފުރާނަ ހަށިގަނޑާ ވަކިވަމުން ދިޔައިރު ކުރާނެ ކަމެއް ނޭނގިފައި އޭނާއަށް ބަލަހައްޓައިގެން ހުރެވުނީ އެވެ.
"އަހަރެން ވަރަށް ދެރަވި. އަހަންނަކަށް ނޭނގެ އޭނާ އެންމެ ފަހުން ހަނދާން ކުރީ ކާކުގެ މަތިން ކަމެއް ވެސް. އަހަރެން އޭނާގެ ރޫހަށް ހަމަޖެހުން ލިބޭތޯ ދުއާ ކުރަން ފެށިން. އަދި އޭނާއަށް ޝަހާދަތް ކިޔައި ދިނިން. އޭނާގެ އަންހެން ދަރިފުޅަކު ނުވަތަ އާއިލާގެ މީހަކު އެ ވަގުތު އެތާނގައި ހުރި ނަމަވެސް ކަންތައް ކޮށްދޭނެ ގޮތަށް. އަހަރެން އެކަން ކުރީ ދީނީ ކަމެއްގެ ގޮތުގައެއް ނޫން. އިންސާނީ ޚިދުމަތެއްގެ ގޮތުގައި. އަހަރެންނަށް އެންމެ އަސަރުކުރީ އަހަރެން ޝަހާދަތް ކިޔައިދީ ނިމުމާއެކު ބަލިމިހާގެ ފުރާނަ ހަށިގަނޑާ ވަކިވީމަ،" ސެވާނާ ހޮސްޕިޓަލު އެންޑް ރިސާޗްގައި އިންޓާނަލް މެޑީސިން ސްޕެޝަލިސްޓެއްގެ ވަޒީފާ އަދާކުރާ ޑރ. ރޭކާ ބުންޏެވެ.
ޑރ. ރޭކާ ބުނި ގޮތުގައި އޭނާއަށް ޝަހާދަތް ކިޔައި ދެވުނީ ހަމަ ކުއްލިއަކަށް އެކަން ކުރަން ހިތަށް އަރައިގެންނެވެ. ކޮންމެވެސް ރޫހާނީ ބާރެއް އޭނާ ލައްވާ އެކަން ކުރުވީހެން ހީވާ ކަމަށް ވެސް ޑޮކްޓަރު ބުންޏެވެ.
ޑރ. ރޭކާ މި ހާދިސާގެ ވާހަކަ ކިޔައި ދިނީ އޭނާގެ އެކުވެރި މުސްލިމް ޑޮކްޓަރެއް ކަމަށްވާ ޑރ. މުސްތަފާ އަށެވެ. ސޯޝަލް މީޑިއާގައި މި ވާހަކަ ޝެއާކުރީ ޑރ. މުސްތަފާ އެވެ. ޑރ. ރޭކާގެ ފަރާތުން މިކަމާ ގުޅޭ މައުލޫމާތު ހޯދަން ނޫސްތަކުން ގުޅަން ފެށީ އޭގެ ފަހުންނެވެ.
ޑރ. ރޭކާ ބުނި ގޮތުގައި އޭނާއަށް އެވަގުތު ބަލީމީހާ އަށް ޝަހާދަތް ލާދޭން އެނގުނީ އޭނާ އުޅެ ބޮޑުވީ ޔޫއޭއީގައި ކަމަށް ވެފައި އެގައުމުގައި އެކަން ކުރާ ގޮތް ރަނގަޅަށް އެނގިފައި އޮތީމަ އެވެ. އެ ގައުމުގައި މަރުވާ މީހުންނަށް އާއިލާގެ މީހުން ޝަހާދަތްލައި ދޭ މަންޒަރު ވަރަށް ގިނައިން އޭނާއަށް ފެނި ދަސްވެފައި ވާތީ އެވެ.
"އަހަރެން އުފަންވީ ކެރެލާގަ. އެކަމަކު އަހަރެން އުޅެބޮޑުވީ ޑުބާއީގައި. އަހަރެން ކިޔެވީ ވެސް ޑުބާއީ ސްކޫލަކުން. އަހަރެންގެ މައިންބަފައިންނާއި އާއިލާގެ ގިނަ ބަޔަކު މިހާރުވެސް ދިރިއުޅެނީ ޑުބާއީގައި. އިތުރު ތައުލީމު ހާސިލުކުރަން ކެރެލާއަށް އެނބުރި އައީ އަހަރެން އެކަނި. ކިޔަވައިގެން ކައިވެނިކޮށްގެން އަހަރެން ކެރެލާގައި ދިރިއުޅެންފެށީ ފިރިމީހާ އާއެކު. އަހަރެންގެ ފިރިމީހާ އަކީ ވެސް ޑޮކްޓަރެއް،" ޑރ. ރޭކާ ބުންޏެވެ.
ޑރ. ރޭކާ ބުނި ގޮތުގައި އޭނާގެ ދެ ދަރިން ވެސް މި ވަގުތު ތިބީ އެކުދިންގެ މާމަ އާއި ކާފަ ކައިރީ ޑުބާއީ ގައެވެ.
"ޔޫއޭއީ އާއި އަހަރެންނާ ޚާއްސަ ގުޅުމެއް އޮވޭ. އަހަރެންގެ ދެ ވަނަ ވަޒަން އެއީ. ހުރިހާ ދީނަކަށް ވެސް އިހުތިރާމްކުރަން އަހަރެންގެ މައިންބަފައިން އަހަންނަށް ދަސްކޮށްދީފައިވޭ. މިސްކިތުގައި ނަމާދުކުރާތަން އަބަދުވެސް ފެނޭ އަދި އެތަން ފެނިފައި ޕޮޒިޓީވް އެނާޖީ ލިބޭ ކަމުގެ އިހްސާސް ކުރެވޭ. އަހަންނަށް އިސްލާމް ދީނަށް އެހާ ބޮޑު ގަދަރެއް ދެވެނީ ޔޫއޭއީގައި އެހާ ދުވަހު އުޅުނީމަ ހެން ހީވަނީ،" ޑރ. ޜޭކާ ބުންޏެވެ.
ކޮވިޑްގެ ދެ ވަނަ ރާޅުގައި އިންޑިޔާގެ ހުރިހާ ހޮސްޕިޓަލެއްގެ ވެސް އައިސީޔޫތައް ފުރިފައިވާއިރު ރޭގަނޑު ވެސް ނިދާލަން ލިބެނޭ މަދު ގަޑިކޮޅެއް ކަމަށާއި ހުރިހާ ވަގުތަކު ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ޑރ. ރޭކާ ބުންޏެވެ. އަދި އައިސީޔޫގައި މިހާރު ތިބި މީހުންގެ ތެރެއިން ވެސް މީހަކަށް ޝަހާދަތް ކިޔައިދޭން ޖެހިއްޖެނަމަ އޭނާ އެކަން އުފަލާއެކު ކުރާނެ އެވެ.