އިންޑިއާގެ ނާގްޕޫރުގެ ހޮސްޕިޓަލެއްގައި ދާދިފަހުން މާބަނޑު އަންހެނަކު ކޮވިޑް-19 ޖެހިގެން މަރުވި އެވެ.
ޒުވާން އަންހެން މީހާ މަރުވީ ސިޒޭރިއަން ހަދައިގެން ދަރިފުޅު ނެގިތާ މިނެޓެއްހާއިރު ތެރޭ ހާޓް އެޓޭކެއް ޖެހިގެންނެވެ. އަންހެން މީހާ މަރުވުމަށްފަހު ދިމާވި ކަންކަން މީހުން އަޖައިބުކޮށްލާ ވަރުގެ "މުއުޖިޒާތެއް" ފަދަ އެވެ.
ފުރަތަމަ ކަމަކީ މި އަންހެން މީހާ ވިއްސުމުގެ ކަންތައްތައް ކުރަން ޖެހުނީވެސް އާންމުކޮށް ޑޮކްޓަރުން މީހުން ވިއްސާ ގޮތާ މުޅިން ތަފާތު ކޮށެވެ.
މީނަލް ވަރްނޭކަރް، 32، ގެ ހާލުބޮޑުވެ ދެންމެ ދެންމެ ފުރާނަ ހިނގައިދާނެހެން ހީވުމުން އޭނާގެ ބަނޑުގައި އޮތް ދަރިފުޅުގެ ފުރާނަ ސަލާމަތްކުރަން ޑޮކްޓަރުން ކުރީ ވަރަށް ޚާއްސަ އިމަޖެންސީ އޮޕަރޭޝަނެއް ކަމަށްވާ ޕެރިމޯޓަމް ސިޒޭރިއަން ސެކްޝަން އެކެވެ.
މިދިޔަ އެޕްރީލް މަހުގެ 8 ވަނަ ދުވަހު، ބަނޑަށް 32 ހަފުތާގައި މީނަލްގެ އިމަޖެންސީ ސިޒޭރިއަން ހަދައިގެން އޭނާގެ ބަނޑުގައި އޮތް ދަރިފުޅު ސަލާމަތް ކުރެވުނަސް ހިނދުކޮޅެއްގެ ތެރޭގައި އެ މަންމަގެ ފުރާނަ ދިޔައީ އެވެ.
ތުއްތު ތުއްތު އިވާން އަށް ދުވަހަކުވެސް އޭނާގެ މަންމަ ލޮލުން ދެކިލުމުގެ ނަސީބެއް ނުލިބުނެވެ. އިވާން އަކީ މީނަލް މާ ކުރިއްސުރެ އޭނާގެ ދަރިފުޅަށް ދީފައިވާ ނަމެކެވެ.
މަންމަ ލޮލުން ދުށުމުގެ ނަސީބު ނުލިބުމުގެ އިތުރުން ތުއްތު ކުއްޖާއަށް ވަރަށް ތަފާތު އެހެން މައްސަލައެއް ކުރިމަތިވި އެވެ. ފޯމިއުލާ މިލްކަށް އިވާން އެލާޖިކް ވުމެވެ. އެއްވެސް ވައްތަރެއްގެ ފޯމިއުލާ މިލްކެއް އޭނާއަށް ދެވޭނެ ގޮތެއް ނެތީ އެވެ. އެހާތަނުން މި ތުއްތު ކުއްޖާގެ ފުރާނަ ސަލާމަތްކުރުމަށް އެ އާއިލާގެ މީހުން ނުވެސް ދަންނަ އެތައް ބަޔަކު އިސްނެގި އެވެ. ވިހައިގެން ދަރިންނަށް ކިރުދޭ މައިންގެ ތެރެއިން އެތައް ބަޔަކު ތުއްތު އިވާން އަށް ކިރު ހަދިޔާކުރަން އިސް ނެގިއިރު އެ ކިރު ގޭގެއިން ނަގައިގެން ހޮސްޕިޓަލަށް ފޯރުކޮށްދިނުމަށް ވެސް މީހަކު އިސްނަގައިގެން ގަވާއިދުން އެ މަސައްކަތް ކޮށްދިނެވެ.
އިވާންގެ ބައްޕަ ޗޭތަން ވަރްނޭކަރް ބުނި ގޮތުގައި އެމީހުންނަށް ދިމާވެފައިވާ މައްސަލައިގެ ވާހަކަ ކޮންމެވެސް މީހަކު ޓުވިޓާގައި ޝެއާ ކުރުމުން ވެސް ވަރަށް ގިނަ މަންމައިން ތުއްތު އިވާން އަށް ކިރު ފޯރުކޮށްދޭން ބޭނުން ކަމަށް ބުނެ އެމީހުންނަށް ގުޅި އެވެ. މިފަދަ ދަނޑިވަޅެއްގައި އެތައް މަންމައެއްގެ ފަރާތުން އިވާނަށް ލިބުނު ލޯތްބަށް ޗޭތަން އާއި އޭނާގެ އާއިލާ ތިބީ ބުނާނެ އެއްޗެއް ވެސް ނޭނގިފަ އެވެ. އެ ހުރިހާ މީހުންނަށް އެ އާއިލާގެ އެންމެން އިންތިހާއަށް ޝުކުރުވެރިވެ އެވެ. މަންމައިންގެ ކިރު ނުލިބުނުނަމަ އިވާންގެ ފުރާނަވެސް ސަލާމަތް ނުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާގެ ބައްޕަ ގަބޫލު ކުރެ އެވެ.
އިންޝުއަރެންސް ކުންފުންޏެއްގައި ވަޒީފާ އަދާކުރާ ނަޔާހް ބޭދީ ބުނި ގޮތުގައި އިވާންއަށް ކިރު ބޭނުންވާކަން ޓުވިޓާގައި ޝެއާ ކުރީ އޭނާ އެވެ. މެސެޖު ޝެއާ ކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެތައް ސަތޭކަ މީހުން އޭނާއަށް ގުޅިކަމަށް ނަޔާހް ބުންޏެވެ. ސޯޝަލް ނެޓްވާކިން ސައިޓުގެ ރަނގަޅު ފަރާތް ވެސް އޮތްކަން މިކަމުން ދޭހަވާކަން އޭނާ ފާހަގަ ކުރި އެވެ.
މިހާރު ތުއްތު އިވާން ހޮސްޕިޓަލުން ގެޔަށް ދޫކޮށްލައިފި އެވެ.
އިވާންގެ މަންމަ މީނަލް އަކީ އެޗްއާރް ކޮންސަލްޓެންޓެކެވެ. ނާގްޕޫރަށް އޭނާ އައީ މައިންބަފައިން ދިރިއުޅެނީ އެ ރަށުގައި ކަމަށް ވާތީ ވިހާ ގަދަވަންދެން މައިންބަފައިން ކައިރީގައި އިނުމަށެވެ. ނަމަވެސް ގޭގައި ހުއްޓާ ކޮވިޑް-19 ޖެހިގެން އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކުރީ އެވެ.
ޗޭތަންގެ ކޮއްކޮ ޝާނޫ ބުނި ގޮތުގައި ގެއަށް ގެނައުމަށްފަހު ތުއްތު އިވާންއަށް ކިރު ހޯދުމުގެ މަސައްކަތް އަނެއްކާވެސް އެމީހުންނަށް ކުރަން ޖެހުނެވެ. އެ ދަނޑިވަޅުގައި ކިރު ހޯދުމުގައި "ބްރެސްފީޑިން ސަޕޯޓް ފޯ އިންޑިއަން ވިމެން" ކިޔާ ފޭސްބުކް ގްރޫޕެއްގެ ބާނީ އަދުނިކާ ޕްރަކާޝްގެ އެހީތެރިކަން ވެސް އާއިލާއަށް ލިބުނެވެ. އެއާއެކު ލެކްޓޭޝަން ކޮންސަލްޓަންޓް ކެމިލާ ކޮންޓީގެ އިރުޝާދު ވެސް މިކަމުގައި ވަރަށް ބޮޑަށް ލިބުނުކަން އާއިލާއިން ފާހަގަ ކުރި އެވެ. ލިބޭ ކިރު ހަލާކުނުވެ ތާޒާކަމާއެކު ކުއްޖާއަށް ދެވޭނެ ގޮތްތަކުގެ އިރުޝާދު ދެއްވަމުން ދިޔައީ ކެމިލާ އެވެ.
ކޮވިޑް-19 ނާގްޕޫރުގައި ފެތުރިފައިވާ މި ދަނޑިވަޅުގައި ތިން އަވަށެއްގައި އުޅޭ ތިން އަންހެނަކު ކޮންމެ ދުވަހަކުވެސް އިވާންއަށް ކިރު ހަދިޔާ ކުރެ އެވެ. މިކިރު ނަގައިގެން އިވާންގެ ގެޔަށް ގެނެސްދެނީ ޕްރަކާޝް ކިޔާ މީހެކެވެ. އެއީ އިވާން ހޮސްޕިޓަލުގައި އޮތް އިރުއްސުރެ އެކަމަށް ވޮލަންޓިއާ ކޮށްގެން އެ މަސައްކަތް ކުރަމުންދާ މީހާ އެވެ.
ބަލިމަޑުކަމެއް ފެތުރިފައިވާ މިފަދަ ދަނޑިވަޅެއްގައި ވެސް ތުއްތު އިވާންއަށް އެތައް ބަޔެއްގެ ފަރާތުން ލިބެމުންދާ ލޯތްބަށް އާއިލާއިން ވަނީ ބުނާނެ އެއްޗެއް ވެސް ނޭނގިފަ އެވެ.