އިންޑިޔާގެ މަދްޔަ ޕްރަދޭޝްގެ 30 އަހަރުގެ ފިރިހެނަކު ކޮވިޑުން އަވަހަށް ފަސޭހަވާން ކަރާސީނު ބުއިމުން ދިމާވި ސިއްހީ މައްސަލަތަކެއްގައި މަރުވެއްޖެ އެވެ.
މެހެންދުރަ ނަމަކަށް ކިޔާ އެމީހާ އަކީ ބޯޕާލްގައި ފަހާ ފިހާރައެއް ހުޅުވައިގެން ފެހުމުގެ މަސައްކަތް ކުރާ މީހެކެވެ. މީގެ 10 ވަރަކަށް ދުވަސް ކުރިން އެމީހާ ހުން އައެވެ. ބޭސް ކެއުމުން ވެސް ހުން ރަނގަޅު ނުވެ ހައެއްކަ ދުވަސް ފާއިތުވުމުން އޭނާ ހީކުރީ ކޮވިޑް-19 ޖެހުނީ ކަމަށެވެ. އެހެންވެ ބިރުން އުޅެން ފެށީމަ ކަރާސީނު ބޯން ރައްޓެއްސަކު އޭނާއަށް މަޝްވަރާ ދިނެވެ.
ކަރާސީނު ބުއިމުން ހުރިހާ ކޮރޯނާވައިރަސްތައް މަރުވާނެ ކަމަށް ބުނެ އެކުވެރިޔާ ދިން އިރުޝާދުގެ މަތިން އެ މީހާ ކަރާސީނު ބުއިމުން ހާލު ވަރަށް ބޮޑަށް ގޯސްވި އެވެ.
އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު އެ ތަނުގައި އެނދެއް ނެތިގެން އެޑްމިޓް ކުރެވޭ ގޮތް ނުވެގެން އެހެން ހޮސްޕިޓަލަކަށް އާއިލާގެ މީހުން އޭނާ ގޮވައިގެން ދިޔަ އެވެ.
ހޮސްޕިޓަލުގައި ފަރުވާ ދޭން ފެށިތާ ދެ ދުވަހެއް ފަހުން އެމީހާ މަރުވުމުން އެމީހާގެ ކޮވިޑް ހުރިތޯ ޓެސްޓް ކުރިއިރު އޭނާގެ ގައިގައި ކޮވިޑެއް ނެތެވެ.