ކޮވިޑް-19ގެ ބިރުވެރިކަން ކިތަންމެ ބޮޑަސް ވެކްސިން ޖަހަން ބޭނުން ނުވާތީ އެ ނުޖަހަން ފިލައިގެން އުޅޭ މީހުން ވެސް ވަރަށް ގިނަ އެވެ. ނަމަވެސް އިންޑިޔާގެ ބިހާރުގައި ދިރިއުޅޭ 84 އަހަރުގެ ފިރިހެނަކު ބޭނުންވަނީ ވީހާ ވެސް ގިނައެއްކޮށް ކޮވިޑް-19އަށް ތައްޔާރުކޮށްފައިވާ ވެކްސިން ޖަހާށެވެ. އެ މީހާ ބުނާ ގޮތުގައި މިހާތަނަށް 11 ފަހަރު އޭނާ ކޮވިޑް-19 ވެކްސިން ޖަހައިފި އެވެ. މިހާ ދައްކާ ވާހަކައިގެ ހަގީގަތް ބެލުމަށް މައްސަލަ ތަހުގީގުކުރަން ބިހާރު ސްޓޭޓް ހެލްތު އޮފިޝަލުން މިހާރު ވަނީ ތަހުގީގެއް ފަށާފަ އެވެ.
ބްރަހްމާޑިއޯ މަންޑަލް މިހާރު ހައްޔަރުކޮށްފައިވާއިރު އޭނާ އަތުލައިގަނެފައިވަނީ 12 ވަނަ ފަހަރަށް ވެކްސިން ޖަހަން ބިހަރުގެ ޕްރައިމަރީ ހެލްތު ކެއާ ސެންޓަރަކަށް ގޮސް އުޅެނިކޮށެވެ.
އިންޑިއަން އެކްސްޕްރެސް ނޫހުން ބުނެފައިވާ ގޮތުގައި ވެކްސިން ޖަހައިދޭން ތިބޭ އޮފިޝަލުންނަށް މަންޑަލް އޮޅުވާލަނީ އެކި މީހުންގެ އައިޑީ ކާޑާއި ފޯނު ނަންބަރު އެކި ފަހަރު ދީގެންނެވެ. އެގޮތުން އޭނާ ވަނީ އާއިލާގެ އެތައް ބަޔެއްގެ ކާޑު ދައްކައިގެން ވެކްސިން ޖަހާފަ އެވެ.
މަންޑަލް ބުނާ ގޮތުގައި ސަރުކާރުން އަލަށް ތައާރަފްކޮށްގެން އުޅޭ މި ވެކްސިނަކީ އާދައިގެ ވެކްސިނެއް ނޫނެވެ. އެއީ ވަރަށް ފައްކާ އެއްޗެއް ކަމަށާއި ކޮންމެ ފަހަރަކު ވެކްސިން ޖަހާއިރަށް ކުރީ ފަހަރަށް ވުރެ އޭނާގެ ހާލަތު ރަނގަޅުވާ ކަމަށް މަންޑަލް ބުންޏެވެ.
ޕޯސްޓަލް ޑިޕާޓްމަންޓުގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތްކުރުމަށްފަހު މިހާރު ރިޓަޔާ ވެފައިވާ ކަމަށް ވެސް މަންޑަލް ބުންޏެވެ.
އޭނާ ބުނާ ގޮތުގައި ފާއިތުވީ އަހަރުގެ ފެބްރުއަރީ، މާޗް، މޭ، ޖޫން، ޖުލައި އަދި އޮގަސްޓްގައި އޭނާ ކޮވިޑް ވެކްސިން ޖެހި އެވެ. އަދި ސެޕްޓެމްބަރު މަހު ތިން ފަހަރަށް ވެކްސިން ޖެހި އެވެ.
މަންޑަލް އޭނާގެ އައިޑީ ކާޑާއި ވޯޓާ އައިޑީ ކާޑު އަދި އާއިލާގެ ބައެއް މީހުންގެ އައިޑީ ކާޑުތަކާއި ފޯނު ނަންބަރުތައް ވެކްސިން ޖަހާދޭ އޮފިޝަލުންނަށް ދައްކާފައި ވެއެވެ. އަދި އަންހެނުންގެ އައިޑީ ކާޑާއި ފޯނު ނަންބަރު ބޭނުން ކޮށްގެން ވެސް އޭނާ އެތައް ފަހަރަކު ވެކްސިން ޖެހި ކަމަށް މަންޑަލް ބުންޏެވެ.
މި މައްސަލަ ވަރަށް ރަނގަޅަށް ބަލާނެކަމަށާއި މިގޮތަށް އޮޅުވާލައިގެން އެތައް ފަހަރަކު ވެކްސިން ޖަހާފައިވަނީ ކިތައް މީހުންތޯ ބަލަން ވެސް ތަހުގީގެއް ހިންގާނެ ކަމަށް ކަމާ ބެހޭ އޮފިޝަލުން ވަނީ ބުނެފަ އެވެ.
ކޮވިޑް-19 ވެކްސިން އާ ގުޅޭ މިފަދަ ތަފާތު މައްސަލަތައް މީގެ ކުރިން ވެސް ފެންމަތި ވެފައި ވެއެވެ. ނަމަވެސް މީގެ ތެރެއިން ގިނަ މައްސަލަތަކީ ވެކްސިން ނުޖަހަން ވެގެން މީހުން ކޮށްފައިވާ ކަންތައްތަކެވެ. އެގޮތުން ކޮވިޑް ވެކްސިން ޖެހިކަމަށް ހެދެން ވެގެން ފޭކް ސެޓްފިކެޓް ހައްދައިގެން ބައެއް މީހުން އުޅެނިކޮށް ފަޅާ އަރާފައި ވެއެވެ.