ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކޮވިޑް ވެކްސިން ޖެހި 125 އަހަރުގެ މީހާ

އިންޑިޔާގައި ކޮވިޑް ވެކްސިން ޖެހުމުގެ ވަރަށް ބޮޑު ކެމްޕޭނެއް ފަށައިގެން އުޅޭއިރު ވެކްސިން ޖަހަން ބިރުގަންނަ އަދި ފަސްޖެހޭ މީހުން އެ ގައުމުގައި ވަރަށް ގިނަ އެވެ. ވެކްސިނާބެހޭ ގޮތުން ދެކެވޭ ބައެއް ކަހަލަ ޔޯލަ ވާހަކަތައް ގަބޫލު ކުރެވިގެންނެވެ. ނަމަވެސް އުމުރުން 125 އަހަރުގެ ސްވާމީ ޝިވާނަންދު ވެކްސިން ޖަހާކަށް އެއްގޮތަކަށް ވެސް ބިރެއް ނުގަނެ އެވެ. އެހެންވެ އެ ގައުމުގައި ވެކްސިން ޖެހި އެންމެ ދުވަސްވީ މީހާއަށް މިހާރު ޝިވާނަންދް ވަނީ ވެފަ އެވެ.

ވަރަނާސީގައި ހުރި ވެކްސިން ސެންޓަރަކަށް މިދިޔަ ބުދަ ދުވަހު ޝިވާނަންދް ދިޔައީ ވެސް އެކަންޏެވެ. ވެކްސިން ސެންޓަރަށް ގޮސް އެތަނުގައި ތިބި މެޑިކަލް ސްޓާފުންނަށް އޭނާގެ އައިޑީ ކާޑު ދައްކާލުމުން އެމީހުނަށް ފުރަތަމައިނުން ލިބުނީ ބޮޑު ޝޮކެކެވެ. މިހާ ދުވަސްވީ މީހަކު ރީއްޗަށް ހިނގާލާފައި އެތަނަށް އަތުވެދާނެ ކަމަށް އެމީހުން ހީކޮށްފައި ނެތީމަ އެވެ. އޭނާގެ އުފަން ދުވަސް ކަމަށް އައިޑީ ކާޑުގައި ޖަހާފައި އޮތީ އޮގަސްޓް 8، 1896 އެވެ. އައިޑީ ކާޑުގައިވާ ގޮތުން އޭނާގެ މިހާރުގެ އުމުރަކީ 125 އަހަރެވެ.

ޝިވާނަންދްގެ އުމުރަށް ބަލާފައި އޭނާގެ ގަޔަށް ވެކްސިން ޖަހައިދޭން ވެސް މެޑިކަލް ސްޓާފުން ޖެހިލުންވި އެވެ. ނަމަވެސް ޝިވާނަންދް ބުނީ އޭނާގެ ހާލު މުޅިން ރަނގަޅު ކަމަށާއި ވެކްސިން ޖަހައި ދިނުން ވަރަށް އެދޭ ކަމަށެވެ. އެހެންވެ ޝިވާނަންދްގެ އެދުމުގެ މަތިން އޭނާއަށް ވަނީ އެ ދުވަހު ވެކްސިން ޖަހައިދީފަ އެވެ.

ބޭޕާލޫރް އޭރިއާގެ ކަބީރްނަގަރް ކޮލޮނީގައި ދިރިއުޅޭ ޝިވާނަންދު ފެނިފައި މީހުން އެންމެ ހައިރާން ވަނީ އެއްވެސް މީހެއްގެ އެހީތެރިކަމަކާ ނުލާ އޭނާ އެކަނި މަގުމަތީގައި ހިނގާފައި އުޅޭތީ އެވެ. ވެކްސިން ޖަހަން ވެސް އޭނާ ދިޔައީ އެކަންޏެވެ. އަދި ވެކްސިން ޖަހާ މީހުންގެ ކިއުގައި ވެސް އޭނާ ބައިގަޑިއެއްހާއިރު މަޑުކުރި އެވެ. އޭގެ ފަހުން ވެކްސިން ޖަހައި ދިނުން އޭނާ ހިނގާފައި ގެއަށް ދިޔައީ ވެސް އެކަންޏެވެ.

ޝިވާނަންދްގެ ވާހަކަ އިންޑިޔާގެ ނޫސްވެރިންގެ ސަމާލު ކަމަށް އައީ އޭނާ ވެކްސިން ޖެހި ހިސާބުންނެވެ. އޭނާގެ ގޭދޮށަށް ނޫސްވެރިން ގޮސް ޝިވާނަންދް އާ ތަފާތު ސުވާލުތައް ކުރަން ފެށުމުން ޝިވާނަންދް ވަނީ އޭނާގެ ދިގު އުމުރުގެ ސިއްރު ކަމަށް އޭނާއަށް ޔަގީން ކުރެވޭ ކަންކަން ކިޔައިދީފަ އެވެ.

ޝިވާނަންދު ބުނި ގޮތުގައި އޭނާ އަކީ ވަރަށް އާދައިގެ ކެއުމެއް ކައިގެން އުޅޭ ވަރަށް އާދައިގެ ދިރިއުޅުމެއް އުޅޭ މީހެކެވެ.

"އަހަރެން ކޮންމެ ދުވަހަކު ފަތިހު 3.00 ގައި ހޭލަން. ހޭލާ ގޮތަށް ދަނީ ގަންގާ ކޯރަށް ފެންވާރަލަން. އޭގެ ފަހުން ޔޯގާ ހަދަން. އަހަރެން ކަނީ ވަރަށް އާދައިގެ ކެއުމެއް. އެއްގޮތަކަށް ވެސް ތެލެއް ހަވާދެއް ބޭނުމެއް ނުކުރަން. އަހަރެންނަކީ ވަރަށް ފަގީރު އާއިލާއަކަށް ނިސްބަތްވާ މީހަކަށް ވާތީ މިއަދާ ހަމަޔަށް ވެސް އުޅުނީ ފަގީރު ދިރިއުޅުމެއް. ދުވަހަކު ވެސް އަހަރެން ބަނޑުފުރައެއް ނުކަން. އަހަރެން ކަނީ ކާން ބޭނުންވާ މިންވަރުގެ ދެބައިކުޅަ އެއްބަޔަށް. އަހަރެންގެ ފަގީރުކަމުގެ އިހްސާސް އަހަންނަށް ރަނގަޅަށް ކުރެވެނީ އޭރުން،" ޝިވާނަންދު ބުނެފައި ވެއެވެ.

މިހާރުވެސް ޝިވާނަންދު ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރަނީ އޭނަ އަމިއްލައަށެވެ. އާއިލާގެ އެއްވެސް މީހެއްގެ އެހީތެރިކަމެއް އޭނާ ނުހޯދަ އެވެ. ޝިވާނަންދު މިހާރު ހުރީ އަންނަ މަހު ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހަން ދާހިތުން ކެތްތެރިކަމެއް ނެތި ދުވަސްތައް ގުނަގުނަ އެވެ.

ޝިވާނަންދުގެ ކުރިން އިންޑިޔާގައި ވެކްސިން ޖެހި އެންމެ ދުވަސްވީ މީހާގެ ރެކޯޑް އޮތީ 120 އަހަރުވީ ދޯލި ދޭވީ އަށެވެ. ދޯލީ އަކީ ޖައްމޫ އެންޑް ކަޝްމީރުގެ އުދަމްޕޫރުގައި ދިރިއުޅޭ މީހެކެވެ.