ބޮލީވުޑް

އެއް އިރެއްގައި ވެސް ޕަރްވީން އާ ދެކޮޅުވެރިކަމެއް ނޯވޭ: ޒީނަތު

ޒީނަތު އަމާން އާއި ޕަރްވީން ބާބީ އަކީ އެއް ޒަމާނެއްގައި ބޮލީވުޑްގެ އެންމެ އުހުގައި ފިޔަޖެހި ދެ ތަރިންނެވެ. މި ދެ ތަރިންގެ މެދުގައި އެމީހުންގެ ކެރިއަރުގެ އެންމެ ރަން ޒަމާނުގައި ވަރަށް ބޮޑު ދެކޮޅުވެރިކަމެއް އޮތް ކަމަށް މީޑިއާތަކުން ސިފަ ކޮށްފައި ވެއެވެ. ނަމަވެސް ޕަރްވީންގެ ހަނދާނުގައި ޒީނަތު އިންސްޓަގްރާމްގައި ޝެއާ ކުރި ޕޯސްޓެއްގައި މިކަން ދޮގުކޮށްފައި ވެއެވެ.

ޒީނަތު ލިޔެފައިވާ ގޮތުގައި ޕަރްވީން އަކީ އޭނާގެ އެކުވެރިއެކެވެ. އެމީހުންގެ މެދުގައި ވާދަވެރިކަން އޮތަސް ރުޅިވެރިކަމެއް އެއް އިރެއްގައިވެސް ނޯވެ އެވެ. އަދި އެކަކު އަނެކަކާ ބައްދަލުވާ ކޮންމެ ފަހަރަކު ވަރަށް އިހްތިރާމާއި އެކުވެރިކަމާއެކު ސަލާމް ގަލާންކޮށް ވާހަކަދައްކާ އުޅުނު ކަމަށާއި ދެ މީހުން އެކަކު އަނެކަކަށް އަބަދުވެސް ހެޔޮ އެދުނު ކަމަށެވެ. އެމީހުންގެ މެދުގައި ދެކޮޅުވެރިކަމާއި ރުޅީވެރިކަން އޮންނަ ކަމަށް ބުނެ މީޑީއާ ތަކުން އެ ދުވަސްވަރު ޚަބަރުތައް ފެތުރިނަމަވެސް އެ ޚަބަރުތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ޒީނަތު ލިޔެފައި ވެއެވެ.

އުމުރުން 51 އަހަރުގައި ޕަރްވީން މަރުވިތާ 18 އަަހަރު ފުރުނު ދުވަހާ ދިމާކޮށް ޒީނަތު ލިޔެފައިވާ ގޮތުގައި ޕަރްވީންގެ ވާހަކަ ދައްކަން ޖެހޭނީ ހަމައެކަނި އޭނާ ރައްޓެހިވީ މީހުންގެ ވާހަކައާ ގުޅުވައިގެން ނޫނެވެ. އަދި އޭނާގެ ނަފްސާނީ ބަލިމަޑުކަމުގެ ވާހަކައާ ގުޅުވައިގެނެއް ވެސް ނޫނެވެ.

"ޕަރްވީން އަށް ނަފްސާނީ މައްސަލަތައް ދިމާވެގެން އުޅުނުއިރު ގިނަ ބަޔަކަށް އެ ފަދަ މައްސަލަތަކަކީ ކޮބައިކަމާއި އެއީ ކިހިނެއްވާ ކަމެއްކަން ނުވެސް އެނގޭ. އެހެންވެ ބޯ ގޯސް މީހެކޭ ކިޔައި އޭނާއާ މުޚާތަބު ކުރަނީ،" ޒީނަތުގެ ލިޔުމުގައި ވެއެވެ.

ޒީނަތު ބުނެފައިވާ ގޮތުގައި ހަގީގަތުގައި ޕަރްވީން އަކީ ވަރަށް ބުރަކޮށް މަސައްކަތްކުރި ވަރަށް ވިސްނުން ތޫނު، ހުނަރުވެރި އެކްޓަރެކެވެ. އަދި ވަރަށް ގިނައިން ފޮތް ކިޔާ މީހެއް ވެސް މެއެވެ.

"އަހަރެމެން ދެ މީހުން އެކުގައި ކުޅުނު 'އަޝާންތީ'ގެ ޝޫޓީންގައި ކިރިޔާ ހުސް ވަގުތެއް ލިބުނަސް ޕަރްވީން އިންނާނީ ފޮތެއް ކިޔަން. ހީނުކުރާ ވަރުގެ ކާމިޔާބީތައް އޭނާގެ ކެރިއަރުގައި ލިބުނު. އަދި ޓައިމް މެގަޒިންގެ ކަވަރަށް ވެސް އޭނާ އެރި،" އަލަށް ސޯޝަލް މީޑިއާ ބޭނުންކުރަން ފެށީ ޒީނަތުގެ ޕޯސްޓުގައި ލިޔެފައި ވެއެވެ.

ޒީނަތު ބުނި ގޮތުގައި ޕަރްވީން ވަކިވެ ދިޔަ ނަމަވެސް އޭނާ ޕަރްވީން މަތީން އަދިވެސް ހަނދާން ކުރަނީ ޕޮޒިޓިވް ވިސްނުމަކާ އެކުގަ އެވެ. އަދި އެހެން މީހުން ވެސް އެގޮތަށް ހަނދާންކުރަން އޭނާ އެދެ އެވެ.

ޕަރްވީން އާއި ޒީނާތު ވައްތަރުކަމަށްވެސް އެއް ދުވަސްވަރެއްގައި ގިނަ ބަޔަކު ފާހަގަކޮށް އެކަމާ ގުޅޭ ގޮތުން ވެސް ތަފާތު ވާހަކަތައް ލިޔެފައި ވެއެވެ.