ބޮލީވުޑް

ޕަމޭލާ: ޔާޝް ޗޯޕްރާގެ ކާމިޔާބީގެ ފަހަތުގައި ހުރި ހިޔަނި

ބުރާސްފަތި ދުވަހު މި ދުނިޔެއާ ވަކިވެގެން ގޮސްފައިވާ ޕަމޭލާ ޗޯޕްރާ، 74، އަކީ ލަވަކިޔުންތެރިއެކެވެ. ލިޔުންތެރިއެކެވެ. ގިނަ ބަޔަކަށް ނޭނގުނު ނަމަވެސް ހިންދީ ސިނަމާއަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ޝަޚްސިއްޔަތެއް ވެސް މެއެވެ.

ޕަމޭލާގެ ފިރިމީހާ އަދި މަޝްހޫރު ފިލްމު ޑައިރެކްޓަރު ޔާޝް ޗޯޕްރާގެ ކާމިޔާބީގައި ޕަމޭލާގެ ދައުރު ވަރަށް ބޮޑެވެ. ޔާޝް އުފެއްދި ރީތި ލޯބީގެ ފިލްމުތަކުގައި ބަތަލާއިންނަށް ޚާއްސަކޮށް ލިޔެފައިވާ ރޯލުތަކަކީ ޕަމޭލާގެ ލިޔުންތެރިކަމުގެ ކުޅަދާނަކަމުން އުފަންވީ ކެރެކްޓާ ތަކެކެވެ. އަދި ޔާޝް އުފެއްދި ކޮންމެ ފިލްމެއްގެ ފަހަތުގައި ޕަމޭލާގެ އެތައް ބައިވަރު މިންނަތް މަސައްކަތެއް އެކުލެވިގެން ވެއެވެ. ނަމަވެސް އޭނާ މަސައްކަތް ކުރީ އެހެން މީހުންނަށް ފޮރުވިގެން ހުރެ އެވެ. ޔާޝްގެ ކައިރީގައި އޭނާ ސާބިތުވެ ހުރީ ހިޔަންޏެއް ފަދައިންނެވެ.

ޔާޝްގެ ފިލްމުތަކުގައި މަސައްކަތްކުރި ތަރިންނާއި ފަންނާނުންނަށް ޕަމޭލާ ވަރަށް ރަނގަޅަށް އެނގެ އެވެ. އަދި އެމީހުން އޭނާއަށް ހީވެސް ނުކުރާ ވަރުގެ ލޯތްބަކާއި އިހްތިރާމެއް ކުރި އެވެ. މަޑުމައިތިރިކަމާއި މުރާލިކަމާއެކު ޕަމޭލާ ކުރަމުންދިޔަ މަސައްކަތް އެންމެންވެސް ބަލައިގަނެ އެވެ.

ޔާޝް އާއި ޕަމޭލާ އަށް ދެ ދަރިން ލިބިފައި ވެއެވެ. އަދިތުޔާ ޗޯޕްރާ އާއި އުދޭ ޗޯޕްރާ އެވެ. މިތަނުން އަދިތުޔާ ޗޯޕްރާ އަކީ ޔާޝްރާޖް ފިލްމްސްގެ ހެޑް އެވެ. އަދި މަޝްހޫރު ޑައިރެކްޓަރެއް ވެސް މެއެވެ. ފިލްމީ ބަތަލާ ރާނީ މުކަރުޖީ ކައިވެނިކޮށްގެން އުޅެނީ އަދިތުޔާ އާއެވެ.

ޕަމޭލާ އާއި ޔާޝް ޗޯޕްރާ ކައިވެނިކުރީ 1970 ވަނަ އަހަރު އެވެ. އަދި ކައިވެންޏަށްފަހު ޔާޝްގެ ކެރިއަރު ކުރިއަރައި ދިއުމުގައި ޕަމޭލާގެ ހިއްސާ ބޮޑެވެ. ޔާޝް 2012ގައި މި ދުނިޔެއަށް އަލްވަދާއު ކިއުމާ ހަމައަށް ވެސް އޭނާގެ ފަހަތުގައި ހިޔަންޏެއް ހެން އެހީތެރިކަން ފޯރުކޮށްދިނުމުގައި ޕަމޭލާ ދެމި ހުއްޓެވެ.

ޔާޝްގެ ވަރަށް ގިނަ ފިލްމުތަކަށް ޕަމޭލާގެ އަޑުން ލަވަ ކިޔައިދީފައި ވެއެވެ. އެގޮތުން "ކަބީ ކަބީ" އާއި "ސިލްސިލާ" އަދި "ގަރް އާޖާ ޕަރްދޭސީ" އާއި "ދިލްވާލޭ ދުލްހަނިޔާ ލޭ ޖާއޭނގޭ"ގައި ޕަމޭލާ ކިޔައިދީފައިވާ ލަވަތައް ހިމެނެ އެވެ.

އަދި "ދިލް ތޯ ޕާގަލް ހޭ"ގެ ސްކްރީން ރައިޓަރަކީ ވެސް ޕަމޭލާ އެވެ. އަދި ޔާޝް ރާޖް ފިލްމްސް އިން އުފައްދާ ފިލްމުތަކުގެ ޑްރެސް ޑިޒައިނަރެއްގެ ގޮތުގަޔާއި ޕްރޮޑިއުސަރެއްގެ ގޮތުގައި އަދި އެސޯސިއޭޓް ޕްރޮޑިއުސަރެއްގެ ގޮތުގައިވެސް ޕަމޭލާ މަސައްކަތް ކޮށްފައި ވެއެވެ.

ޔާޝް އާއި ޕަމޭލާގެ ލޯބީގެ ވާހަކަ އަކީ ވެސް އެމީހުން އުފެއްދި ފިލްމުތަކުގެ ވާހަކަތައް ފަދައިން ވަރަށް ޝައުގުވެރިވާ ގޮތަށް ފެށިގެން ކުރިޔަށް ދިޔަ ވާހަކަ އެކެވެ.

ރެޑިފް އަށް ޕަމޭލާ ވަރަށް ކުރިން ދީފައިވާ އިންޓަވިއު އެއްގައި ބުނި ގޮތުގައި ޔާޝް އާއި އޭނާ އެތައް ފަހަރަކު ބައްދަލުވީއިރުވެސް އެހާ ބޮޑަށް އެކަކު އަނެކަކާ އަޅައިގަންނަ ގޮތެއް ނުވި އެވެ. ފަހުން ކައިވެނިކުރަން ރަނގަޅުވާނެ ކަމަށް ބުނެ އެމީހުން ބައްދަލުކުރުވީ ރައްޓެއްސެކެވެ. ނަމަވެސް މި ބައްދަލުވުމަށްފަހު ޕަމޭލާ ގެއަށް އައުމުން އޭނާގެ މައިންބަފައިން މި ބައްދަލުވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޕަމޭލާ ބުނީ "ދެން ރަނގަޅޭ. އެހާ ދެން ރަނގަޅު މީހެއް ވެސް ނޫނޭ" އެވެ.

ހަމަ އެގޮތަށް ޔާޝް ޗޯޕްރާ ވެސް ގެއަށް ގޮސް އާއިލާ ކައިރީ ބުނީ އޭނާގެ ހިތުގައި ވެސް ޕަމޭލާއާ މެދު މާބޮޑު ޝައުގުވެރިކަމެއް ނުއުފެދުނު ކަމަށެވެ.

ޔާޝް އަށް ޕަމޭލާ ފާހަގަކުރެވުނީ ކައިވެނި ހަފުލާއެއްގައި ޕަމޭލާ ލަވަކިޔާ އަޑު އިވިފަ އެވެ. އޭގެ ފަހުން ދެ މީހުން މަދުމަދުން ބައްދަލުވާން ފަށައި އެކަކު އަނެކަކު ދެކެ ލޯބި ވެވުނީ އެވެ.

ދާދިފަހުން ނެޓްފްލިކްސް އިން ސްޓްރީމްކުރަން ފެށި "ދަ ރޮމެންޓިކްސް"ގައި ޕަމޭލާގެ އިންޓަވިއު އެއް ހިމެނެ އެވެ. މި އިންޓަވިއުގައި ޕަމޭލާ ބުނި ގޮތުގައި އޭނާއަކީ ކެންސަރަށް ފަރުވާކޮށް ފަސޭހަ ވެފައިވާ މީހެކެވެ. ޕަމޭލާ މަރުވީ ފުއްޕާމޭގެ ބައްޔަކަށް ފަރުވާ ދެމުން ދަނިކޮށެވެ.