އާޝާ ޕާރެކް އާއި ތަނޫޖާ ފަދަ ކުރީ ޒަމާނުގެ މަޝްހޫރު ބަތަލާ އިންނަކީ މިހާރު ވެސް އެކަށީގެންވާ ރަނގަޅު ރޯލެއް ލިބިއްޖެނަމަ ކުޅަދާނަ ކަމާއެކު އެ ރޯލެއް ކުޅެލެވޭނެ ތަރިންނެވެ. އުމުރުން ދުވަސް ވެފައި ވިޔަސް އަދިވެސް ފިލްމު ނުކުޅެވޭ ވަރަކަށް އެމީހުންގެ ހާލަތު ގޯހެއް ނޫނެވެ.
'ތީސްރީ މަންޒިލް"، "ކާރްވާން" ފަދަ ރީތި ފިލްމުތައް ކުޅެފައިވާ އާޝާ ޕާރެކް އާއި "މޭރޭ ޖީވަން ސާތީ"، އާއި "ދޯ ޗޯރް" ފަދަ ރީތި ފިލްމުތައް ކުޅެފައިވާ ތަނޫޖާ ދާދި ފަހުން ދީފައިވާ އިންޓަވިއު އެއްގައި ކުރީ އެންމެ ޝަކުވާ އެކެވެ. ދެ ބަތަލާއިން ވެސް ބުނީ އެމީހުންނަށް ވުރެ އުމުރުން ދޮށީ ބަތަލު އަމީތާބު ބައްޗަން އަށް މިހާރު ވެސް ކުޅޭނެ ރަނގަޅު ފިލްމުތައް ލިބޭއިރު އެމީހުންނަށް އެފަދަ އެންމެ ރޯލެއް ވެސް ކުޅެލަން ނުލިބޭ ކަމަށެވެ.
"އަމީތާބަށް 80 އަހަރުވީއިރުވެސް މީހުން އެބަ އޭނާގެ އުމުރާ ގުޅޭ ރޯލުތައް އޭނާއަށް ޚާއްސަކޮށް އެބަ ލިޔޭ. އެމީހުން ކީއްވެތަ އަހަރެމެންގެ އުމުރާ ގުޅޭ ރޯލުތައް އަހަރެމެންނަށްޓަކައި ނުލިޔަނީ. އަހަރެމެންނަށް ވެސް މުހިއްމު ބައެއް ފިލްމުތައް ކުޅެލަން ލިބެން ޖެހޭނެ އެއްނު. ނަމަވެސް އެކަން އެހެނެއް ނުވޭ. އަހަރެމެން މަންމައެއްގެ ރޯލު ނޫނީ ދައްތައެއްގެ ރޯލު ކުޅެންވީ. ނޫނީ ފިލްމު ނުކުޅެ ހުންނަންވީ. މިހާރު އަހަރެމެންނަށް އެ ވަރުވެސް ނުވޭ. މިހާރު އަހަރެމެންނަށް ލިބެނީ ހަމައެކަނި މާމައެއްގެ ރޯލު ކުޅެން،" ތަނޫޖާ ބުންޏެވެ.
އާޝާ ވެސް ބުނީ ހަމަ މިފަދަ ވާހަކަ ތަކެކެވެ.
"އަހަރެމެންގެ ޒަމާނުގައި ބަތަލާއިންގެ ހިތުގައި އޮންނަނީ އެންމެ އެއްޗެއް. ކައިވެނި ކޮށްފިނަމަ ކެރިއަރު ނިމުނީއޭ. މިހާރު އެކަން އޮތީ އެހެނެއް ނޫން. އަދި ބަތަލުންނަށް 50 އަހަރު ނުވަތަ 55 އަހަރު ވިޔަސް 20 އަހަރުގެ ބަތަލާއިންނާ އެކު ވެސް ފިލްމު ކުޅުމަކީ މިހާރު އައިބު ކަމަކަށް ނުވޭ،" އާޝާ ޕާރެކް ބުންޏެވެ.
އާޝާ އާއި ތަނޫޖާ ފިލްމު ކުޅުނު ޒަމާނުގައި އެމީހުން އެ މަސައްކަތްކުރީ ވަރަށް ހާލުގައި ކަމަށް ވެސް ދެ ބަތަލާއިން ބުންޏެވެ.
"އެޒަމާނުގެ އެންމެ ބޮޑެތި ސްޓޫޑިއޯތަކުގައި ވެސް މުޅި ތަނުގައި ހުންނާނީ އެންމެ ފާޚާނާ އެއް. އެންމެން އެތަނަށް ވަންނާތީ އެތަން ހުންނަނީ ވަރަށް މުޑުދާރުކޮށް. އަހަރެމެން ހެނދުނު އަންނަ ގޮތަށް ހަވީރު ވަންދެން ފަޚާނާއަށް ނުވަދެ ތިބެން ޖެހޭ އެތަން ހުންނަލެއް ހަޑިކަމުން. އެއްވެސް ވަރަކަށް ސާފުތާހިރުކޮށް ސެނިޓައިޒް ކޮށެއް ނުހަދާ އެ ޒަމާނުގައި އެ ތަންތަން،" ތަނޫޖާ ބުންޏެވެ.
މިޒަމާނުގައި ކޮންމެ ތަނަކަށް ޝޫޓިންގް އަށް ދިޔަސް ބޮޑު ގެއެއްވަރުގެ ވެނިޓީ ވޭނެއް ކޮންމެ މީހެއްގެ އަތުގައި އޮވެ އެވެ. އޭގައި ފާޚާނާ އާއި މޭކަޕް ރޫމާއި އަދި އަރާމުކޮށްލަން ޖައްސާލާނެ ތަން ވެސް ހުރެ އެވެ. ވީމާ މިޒަމާނުގެ ބަތަލާއިންނަކަށް ކުރީ ޒަމާނުގެ ބަތަލާއިން އުޅުނު ހާލުގައި އުޅޭކަށް ނުޖެހޭ ކަމަށް އާޝާ ބުންޏެވެ.
ފައިސާގެ މައްސަލަތަކުގައި ވެސް އަންހެނުންނާއި ފިރިހެނުންގެ ތަފާތު ބޮޑުކަން އޭރު ވެސް އަދި މިހާޜު ވެސް އޮތް ކަމަށް އާޝާ ބުންޏެވެ. އަދި އެއީ ހަމައެކަނި ހިންދީ ފިލްމު އިންޑަސްޓްރީގައި އޮތް މައްސަލަ ނޫން ކަމަށާއި ހޮލީވުޑްގައި ވެސް އެ މައްސަލަ އެބައޮތް ކަމަށް އާޝާ ބުންޏެވެ.