ސާންޔާ މަލްހޯތުރާއަކީ ބޮލީވުޑްގެ ފިލްމީ އާއިލާތަކާ އެއްވެސް ގުޅުމެއް ހުރި އެކްޓަރެއް ނޫނެވެ. ނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި ސާންޔާ ވަނީ އޭނާގެ ހުނަރުން މީހުންގެ ހިތުން ޖާގަ ހޯދާފަ އެވެ. އޭނާގެ އެންމެ ފަހުން ރިލީޒްކުރި ފިލްމު "ޕަގްލައިޓު" ގައި ސާންޔާ ކުޅެފައިވާ ރޯލަށް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ. ބޮލީވުޑް ފަންނާނުން ވެސް މި ފިލްމު ބަލާފައި ސާންޔާއަށް ތައުރީފު ކޮށްނުލާ ނުހުރެވިގެން ސޯޝަލް މީޑިއާގައި ތަފާތު ޝުއޫރުތައް ދަނީ ފާޅު ކުރަމުންނެވެ.
ނަމަވެސ ސާންޔާގެ ބޮލީވުޑް ދަތުރު ތި ހީކުރާހާ ފަސޭހައެއް ނޫނެވެ. ވަރަށް ގިނަ ނާކާމިޔާބީތަކާ އޭނާއަށް ކުރިމަތިވެފައި ވެއެވެ.
ސާންޔާގެ ހަ އަހަރުވީ ފިލްމީ ކެރިއަރު ފެށުނު ތަނާ ކުރީކޮޅު އޭނާ އޮޑިޝަން ދިން ވަރަށް ގިނަ ރޯލުތައް އޭނާއަކަށް ނުލިބުނެވެ. ކޮންމެ ފަހަރަކު ވެސް އޭނާއަށް ކުރިމަތިވީ ބޮޑު ނާކާމިޔާބަކާ އެވެ.
ދާދިފަހުން ޑާންސް ރިއަލިޓީ ޝޯއެއްގައި ސާންޔާ ބައިވެރިވި އެވެ. އޭނާގެ ފިލްމު "ޕަގްލައިޓު" ޕްރޮމޯޓް ކުރުމުގެ ގޮތުންނެވެ. ސާންޔާ ބައިވެރިވި ޝޯ "ޑާންސް ދިވާނޭ 3"ގެ ފަނޑިޔާރުންނަކީ މާދުރީ ޑިކްޝިޓް އާއި ތުޝާރު ކާލިއާ އަދި ދަރްމޭޝް ޔަލާންޑޭ އެވެ.
މި ޝޯގައި ވާހަކަ ދައްކަމުން ސާންޔާ ބުނީ ޑާންސް ޝޯއަކަށް ވެސް އޭނާ އޮޑިޝަން ދީ ފެއިލްވެފައިވާ ކަމަށެވެ. އަދި އެ އޮޑިޝަންގައި ފަނޑިޔާރަކަށް އިނީ "ޑާންސް ދިވާނޭ" ގެ އެއް ޖަޖު ކަމަށްވާ ދަރްމޭޝް ކަމަށް ވެސް ސާންޔާ ބުންޏެވެ.
"އެ ޝޯ އިން އަހަރެން ކަޓުވާލީމަ ރޮމުން ރޮމުން ރައްޓެއްސަކަށް ގުޅާފަ ބަލާ އައިސްދޭށޭ ބުނިން،" ސާންޔާ ބުންޏެވެ.
ދަރްމޭޝް އާ މުހާތަބުކޮށް ސާންޔާ ބުނީ އޭނާ އެ ޝޯއަށް ނުހޮވުނީ ދަރްމޭޝްގެ ސަބަބުން ކަމަށެވެ.
"އެ ދުވަހު އަހަރެން ނުހޮވިޔަސް މިއަދު ބަލާބަލަ ނިކަން. އަހަރެން މިއިނީ އައިސް ތި މީހުންގެ ޝޯއަށް އަހަރެންގެ ފިލްމެއް ޕްރޮމޯޓް ކުރަން،" ދަރްމޭޝް އާ ދިމާލަށް ސަމާސާއަކަށް ހަދާފައި ސާންޔާ ބުންޏެވެ.
އަސްލު ވެސް ސާންޔާ ބުނީ ތެދެކެވެ. ފިލްމު އިންޑަސްޓްރީގައި ތިމާގެ މީހުން ނެތަސް ހުނަރު ހުރިއްޔާ ކާމިޔާބު ކުރެވިދާނެކަން ސާންޔާ ވަނީ އަމަލުން ދައްކާފަ އެވެ.