ބޮލީވުޑް

"ސުޕަ ޑާންސާ ޗެޕްޓާ 4"ގެ ޓްރޮފީ ފްލޮރީނާއަށް

ސޮނީ ޓީވީގެ ކުޑަކުދިންގެ ޑާންސް ޝޯ "ސުޕަ ޑާންސާ" ގެ ހަތަރު ވަނަ ސީޒަންގެ އެއްވަނަ ހަތް އަހަރުގެ ފްލޮރީނާ ގޮގޮއި އަށް ލިބިއްޖެ އެވެ. ހަ މަސް ދުވަހަށް ދެމިގެން ދިޔަ މި ޝޯގެ ގްރޭންޑް ފިނާލޭ ރޭގައި ބާއްވާފައިވާއިރު ފަސް ކުއްޖަކު ޓްރޮފީއަށް ވާދަ ކުރި އެވެ. އެއީ ފްލޮރީނާގެ އިތުރުން ސަންޗިތު ޗަނާނާ އާއި ނީރްޖާ ތިވާރީ، އީޝާ މިޝްރާ އާއި ޕްރުތުވީރާޖް އެވެ.

މީގެ ތެރެއިން ފަސްޓް ރަނަރަޕް އަކަށް ހޮވުނީ ސަންޗިތު އެވެ. ސެކަންޑް ރަނަރަޕް އަކަށް ނީރްޖާ އެވެ.

އެއްވަނަ އަށް އައި ފްލޮރީނާއަށް ޓްރޮފީގެ އިތުރުން 15 ލައްކަ ރުޕީސް އިނާމުގެ ގޮތުގައި ލިބުނެވެ. އަދި އޭނާގެ ސުޕަ ގުރޫ ތުޝާރު ޝެޓީއަށް ފަސް ލައްކަ ރުޕީސް ލިބުނެވެ.

ޝޯ ފެށުނީއްސުރެ ވެސް ފްލޮރީނާ އަކީ ވަރަށް ގިނަ ބެލުންތެރިންގެ ލޯބި ހޯދާފައިވާ ކުއްޖެކެވެ. އޭނާ ނެށުމަށް މޮޅުވުމުގެ އިތުރުން ވާހަކަ ދައްކާ ގޮތާއި އުޅޭ ގޮތް ލޯބިކަމުން ވަރަށް ގިނަ މީހުންގެ ފޭވަރިޓަކީ ފްލޮރީނާ އެވެ.

ފްލޮރީނާގެ ޑާންސް ޓީޗަރު ތުޝާރު ބުނީ ފްލޮރީނާއަކީ ރޮކްސްޓާއެއް ކަމަށެވެ. އަދި ފްލޮރީނާ އާއެކު މުޅި އުމުރު ނެށޭނެ ނަމައޭ ހިތަށް އަރާ ކަމަށް ތުޝާރު ބުންޏެވެ.

ފްލޮރީނާއަށް ހަތް އަހަރު ފުރުނީ ވެސް ދާދި ފަހުންނެވެ. އެހެންވެ އޭނާއަކަށް އެއްވަނަ ލިބުމުން ކުރެވޭ އިހްސާސްތަކެއް ވެސް މާ ބޮޑަށް ބަޔާންކޮށް ދޭކަށް ނޭނގުނެވެ. ނަމަވެސް ތުޝާރު ސާއަށް ފްލޮރީނާ ވަރަށް ބޮޑަށް ޝުކުރު އަދާކުރި އެވެ.