ބޮލީވުޑް

20 އަހަރަށްފަހު ގޯވިންދާ އާއި ނީލަމްގެ ޖޯޑު އެކުގައި

ގޯވިންދާ އާއި ނީލަމަކީ 80 އާއި 90 އިގެ އަހަރުތަކުގައި ބޮލީވުޑްގައި ވަރަށް މަޝްހޫރުވި ޖޯޑެކެވެ. އެމީހުންގެ އެންމެ ޒުވާން އަދި ކާމިޔާބު ދުވަސްވަރު އެކުގައި ފިލްމު ކުޅެން ފެށުމާއެކު ގޯވިންދާގެ ހިތް ނީލަމަށް ދެވުނެވެ. ގޯވިންދާ މިކަމަށް އެއްބަސްވެފައި ވެއެވެ. ނަމަވެސް ނީލަމް އާ ބައްދަލުވީ އިރު ވެސް ގޯވިންދާ އުޅެނީ ކައިވެނި ކޮށްގެން ކަމަށް ވާތީ މި ލޯބީގެ ކަންކަން މާ ރަނގަޅަށް ކުރިޔަށް ދާ ގޮތެއް ނުވި އެވެ.

އިންޑިޔާގެ ނޫސްތަކުން އެ ދުވަސްވަރު ބުނެފައި ވަނީ ގޯވިންދާ އާއި ނީލަމްގެ މެދުގައި ސިއްރު ލޯބީގެ ގުޅުމެއް އޮތް ކަމަށެވެ. ނަމަވެސް ގޯވިންދާގެ އަންހެނުންނަށް މި ހަބަރު އިވިގެން އޭނާ މިކަމަށް ހޭލާ ސަމާލުވީލެއް ބޮޑު ކަމުން މާ ގިނަ ދުވަސްތަކެއް ނުވެ މި ލޯބީގެ ވާހަކައަށް ނިމުން އައީ އެވެ.

ދާދިފަހުން މި ދެ ތަރިން އެކުގައި ވަނީ ޑާންސް ރިއަލިޓީ ޝޯއެއްގައި ބައިވެރިވެފަ އެވެ. ސޮނީ ޓީވީގެ "ސުޕަ ޑާންސާ ޗެޕްޓާ 4" ގައި ދެ ތަރިން ބައިވެރިވެފައި މިވަނީ 20 އަހަރުގެ ދިގު މުއްދަތަކަށް އެކުގައި އެއްވެސް ފިލްމެއް ނުވަތަ ޝޯއެއްގައި ބައިވެރި ނުވެ ތިބުމަށް ފަހުގަ އެވެ.

މި ދެ ތަރިން މި ޝޯގައި ބައިވެރިވީ ބޮލީވުޑްގައި މަސައްކަތް ކުރާތާ 35 އަހަރު ފުރުން ފާހަގަކުރާ ހާއްސަ މުނާސަބަތަކާ ގުޅުވައިގެންނެވެ.

ކުރިޔަށް އޮތް ހަފުތާ ބަންދުގައި ދައްކަން ހަމަޖެހިފައިވާ "ސުޕަ ޑާންސާ" ގެ ދެ އެޕިސޯޑު ހާއްސަ ކޮށްފައި ވަނީ ވެސް މި ދެ ތަރިންނަށެވެ. ޝޯގެ ބައިވެރިން ނަށާނީ މުޅިން ވެސް މި ދެ ތަރިން އެކުގައި ކުޅެފައިވާ ލަވަތަކަށެވެ.

ނީލަމްގެ ފިރިމީހާ އަދި އެކްޓަރު ސަމީރު ސޯނީ ވަނީ މި ޝޯގެ ޕްރޮމޯ ވީޑިއޯ އިންސްޓަގްރާމްގައި ޝެއާ ކޮށްފަ އެވެ. ގޯވިންދާ އާއި ނީލަމް އަތް ގުޅާލައިގެން ޝޯގެ ސްޓޭޖަށް އަރާ މަންޒަރު މި ވީޑިއޯގައި ފެނެ އެވެ.

ގޯވިންދާ އާއި ނީލަމް މި ޝޯގައި ޕާފޯމް ކުރުމުގެ އިތުރުން އެމީހުންގެ ލަވަތަކަށް ނަށާ ނެށުންތެރިންނާ މެދު އެމީހުން ދެކޭ ގޮތް ވެސް ހާމަ ކުރާނެ އެވެ. އަދި އެމީހުންގެ ފިލްމީ ރަން ޒަމާނުގެ އެކި ހަނދާންތައް އާކޮށް ބެލުންތެރިންނަށް އެ ދުވަސްތަކުގެ ބައެއް ހާއްސަ ވާހަކަތައް ކިޔައިދޭނެ އެވެ.

ނީލަމް އާއި ގޯވިންދާ އެމީހުންގެ ބޯލީވުޑް ދަތުރުފެށީ 80 އިގެ އަހަރުތަކުގެ ކުރީކޮޅު އެވެ. ނީލަމް ތައާރަފްވީ 1984 ގައި ރިލީޒްކުރި "ޖަވާނީ" އިންނެވެ. ދެން އޭނާ ކުޅުނީ "އިލްޒާމް" އެވެ. މިއީ ގޯވިންދާ ބޮލީވުޑަށް ތައާރަފްވި ފިލްމެވެ. އޭގެ ފަހުން 14 ފިލްމެއްގައި މި ދެ އެކްޓަރުން އެކުގައި މަސައްކަތް ކޮށްފައި ވެއެވެ. އޭގެ ތެރޭގައި "ލަވް 86"، "ޚުދް ގަރްޒް" "ޒޯރްދާރް"، "ސިންދޫރް"، "ހަތިޔާ"، "ފަރްޒް ކީ ޖަންގް" އަދި "ތާގަތުވަރް" ހިމެނެ އެވެ.

އޭގެ ފަހުން ވެސް ވަރަށް ގިނަ ފިލްމުތަކެއް ކުޅުމަށް 2000 ގެ ކުރީކޮޅު ނީލަމް ވަނީ ބޮލީވުޑު ފިލްމު ކުޅުމާ ދުރަށް ޖެހިލާފަ އެވެ. ރިޝީ ސޭތިއާ ނަމަކަށް ކިޔާ މީހަކާ ކައިވެނި ކޮށްގެންނެވެ.

ރިޝީ އާއި ނީލަމް ކައިވެނި ކުރިތާ މާ ގިނަ ދުވަސްތަކެއް ނުވެ އެ ކައިވެނީގައި މައްސަލަ ޖެހި ދެ މީހުން ވަނީ ވަކިވެފަ އެވެ. އޭގެ ފަހުން 2011 ގައި އެކްޓަރު ސަމީރު ސޯނީ އާއި ނީލަމް ކައިވެނި ކުރީ އެވެ.

ފުރަތަމަ ކައިވެންޏަށް ފަހު ފިލްމު ކުޅުމާ ދުރުވި ފަހުން މާ ގިނަ ފިލްމުތަކެއް ނީލަމް ނުކުޅެ އެވެ. ނަމަވެސް ނެޓްފްލިކްސް އިން ވަރަށް ފަހުން ދެއްކި ސީރީޒް އެއް ކަމަށްވާ "ފެބިއުލަސް ވައިވްސް އޮފް ބޮލީވުޑް" ގައި ނީލަމް ބައިވެރިވި އެވެ.

ގޯވިންދާ ވެސް އޭނާގެ ފިލްމީ ކެރިއަރުގައި ވަރަށް ގިނަ ކާމިޔާބު ފިލްމުތައް ކުޅެފައި ވެއެވެ. އަދި މިއަދާ ހަމައަށް ވެސް އޭނާ ދަނީ ފިލްމުތަކުގައި މަސައްކަތް ކުރަމުންނެވެ.