ބޮލީވުޑް

"ނަޗް ބަލިޔޭ 10"ގެ ހޯސްޓުންނަކީ ޕްރިންސާއި ޔޫވިކާ

ސެލެބްރިޓީ ޑާންސް ރިއަލިޓީ ޝޯ "ނަޗް ބަލިޔޭ 9" ކާމިޔާބުކުރި ޖޯޑު ކަމަށްވާ ޕްރިންސް އާއި ޔޫވިކާ ޗައުދަރީ އަށް އެ ޝޯގެ އާ ސީޒަން ހޯސްޓްކުރުމުގެ ފުރުސަތު ލިބިއްޖެ އެވެ. ނަމަވެސް އެ މީހުން ޝޯ ގަބޫލުކުރި ކަމެއް އަދި ޔަގީނެއް ނޫނެވެ.

"ނަޗް ބަލިޔޭ"ގެ ޕްރޮޑިއުސަރަކީ ސަލްމާން ޚާނެވެ. އާ ސީޒަންގެ ހޯސްޓުންގެ ގޮތުގައި ސަލްމާން ބޭނުންވީ މަޝްހޫރު ޖޯޑެކެވެ. ޝޯގެ ޕްރޮޑިއުސަރުން ކުރިން ވާހަކަ ދެއްކީ ކްރުޝްނާ އަބީޝެކް އާއި އޭނާގެ އަންހެނުން ކަޝްމީރާ ޝާހް އާ އެވެ. ނަމަވެސް މި ދެ މީހުން ހަމަޖެހޭ ގޮތް ނުވުމުން ޕްރިންސާއި ޔޫވިކާ އަށް ޝޯ ހުށަހެޅީ އެވެ.

މި ޝޯގެ އެންމެ ފަހު ސީޒަން ކުރިޔަށް ދިޔައީ ޖުލައި 2019 އިން ނޮވެމްބަރު 2019 އަށެވެ. އެ ސީޒަން ކާމިޔާބުކުރީ ޕްރިންސާއި ޔޫވިކާ އެވެ.

ޕްރިންސް އާއި ޔޫވިކާ ބައްދަލުވީ 2015ގައި ދެއްކި ރިއަލިޓީ ޝޯ "ބިގް ބޮސް 9" ގައި އެމީހުން ބައިވެރިވެ ބިގް ބޮސްގެ ގެއިންނެވެ. އެ ޝޯ ނިމުނުއިރު ދެ މީހުން އުޅެނީ ރައްޓެހިވެގެންނެވެ. އަދި 2018 ގައި އެމީހުން ވަނީ ކައިވެނިކޮށްފަ އެވެ.

އޮކްޓޯބަރު މެދެއްހާ ހިސާބުގައި ފަށަން ހަމަޖެހިފައިވާ "ނަޗް ބަލިޔޭ 10"ގެ ފަނޑިޔާރުންނަކީ ކޯރިއޮގްރާފަރުން ކަމަށްވާ ޓެރެންސް ލުވިސް އާއި ވައިބަވީ މާޗެންޓް އަދި ބަތަލާ ކަރިޝްމާ ކަޕޫރެވެ.

މިފަހަރުގެ ޝޯގައި ޓީވީގެ މަޝްހޫރު ތަރިންގެ ތެރެއިން ޝެހެނާޒް ކޯރު ގިލް، ރުޕާލީ ގަންގޫލީ، ޕްރަތީކް ސޭހަޖްޕާލް އަދި މުހްސިން ޚާން ބައިވެރިވެ އެވެ.