ބޮލީވުޑް

"ހީރޯޕަންތީ 2"ގައި ޓައިގާ އާއި ތާރާ ސުތާރިއާ

ޓައިގާ ޝްރޮފް ބޮލީވުޑަށް ތައާރަފްވީ ޕްރޮޑިއުސަރު ސާޖިދު ނަދިއަދްވާލާގެ "ހީރޯޕަންތީ" އިން 2014 ގައެވެ. އޭގެ ފަހުން ފާއިތުވީ ހަ އަހަރު ތެރޭގައި ޓައިގާ ވަނީ އެކްޝަން ހީރޯއެއްގެ ގޮތުގައި ހިންދީ ފިލްމު އިންޑަސްޓްރީގައި ވަރަށް ރަނގަޅު މަގާމަށް ވާސިލުވެފަ އެވެ.

މިހާރު ޓައިގާ ތައްޔާރުވަމުންދަނީ "ހީރޯޕަންތީ 2" އަށެވެ. ސާޖިދު ޕްރޮޑިއުސްކުރާ މިފަހަރުގެ ފިލްމުގެ ޑައިރެކްޓަރަކީ އަހުމަދު ޚާނެވެ. އަދި ޓައިގާގެ ލޯބިވެރިޔާގެ ރޯލަށް ތާރާ ސުތާރިއާ ވަނީ ސޮއިކޮށްފަ އެވެ.
ޑިސެމްބަރު މަހު ޝޫޓިން ފަށަން ތައްޔާރުވަމުންދާ މި ފިލްމުގެ މަންޒަރުތައް ދުނިޔޭގެ 10 ގައުމެއްގައި ނަގަން ހަމަޖެހިފައިވާ ކަމަށް އިންޑިޔާގެ ނޫހަކުން ބުނެފައި ވެއެވެ.

"ހީރޯޕަންތީ"ގެ ވާހަކަ ބިނާކޮށްފައި އޮތީ އިންޑިޔާގައި ހިނގި ހާދިސާތަކަކަށް ކަމަށް ވިޔަސް ރަޖަތު އަރޯރާ ލިޔުނު މިފަހަރުގެ ސްކްރިޕްޓްގައި ބޭރުގެ ވަރަށް ގިނަ ލޮކޭޝަންތަކުގައި ފިލްމުގެ ޝޫޓިން ބާއްވާ ގޮތަށް ލިޔެފައި ވެއެވެ.
ފާއިތުވީ އެތައް މަހަކުއްސުރެ ފިލްމު ޝޫޓްކުރާނެ ލޮކޭޝަންތަކެއް ފައިނަލްކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވާއިރު އެންމެ ފަހުން ނިންމާފައިވަނީ ލަންޑަން، ނިއު ޔޯކް، މޮސްކޯ، ޓޯކިޔާ، މެނީލާ ގައި އެންމެ ފުރަތަމަ ޝޫޓިން ކުރިޔަށް ގެންދާށެވެ. އަދި ޝޫޓިން ކުރިޔަށްދާ ވަރަކަށް އަދި އިތުރު ސިޓީތައް ހޯދަމުންދާނެ ކަމަށް ވެއެވެ.

"ހީރޯޕަންތީ"ގައި ދައްކާފައިވަނީ ރޭނޫ ނަމަކަށް ކިޔާ އަންހެންކުއްޖަކު އޭނާގެ ލޯބިވެރިޔާ ރާކޭޝް އާއެކު ގެއިން ފިލައިގެން ގޮސް ކައިވެނިކުރަން އުޅޭތަނެވެ. ކައިވެނި ކުރަން ހަމަޖެހިފައިވާ ދުވަހު އަންހެންކުއްޖާގެ ބައްޕަ ރާކޭޝްގެ ބައެއް އެކުވެރިން ހައްޔަރުކުރެ އެވެ. މި ހައްޔަރުކުރާ އެކުވެރިންގެ ތެރެއިން އެކަކީ ބަބްލޫ އެވެ. ބަބްލޫ ކެރެކްޓާ ކުޅެފައިވަނީ ޓައިގާ އެވެ.

ބަބްލޫ ވެސް ލޯބިވާ އަންހެންކުއްޖަކު ހުރެ އެވެ. ނަމަވެސް އެ ކުއްޖާގެ ނަމެއް އަދި އުޅޭ ތަނެއް ބަބްލޫ އަކަށް ނޭނގެ އެވެ. އަންހެންކުއްޖާ ހޯދުމަށް ބަބްލޫ އަށް ލިބިފައިވަނީ އެންމެ ހެއްކެކެވެ. އެއީ އެ ކުއްޖާގެ ކަންފަތުގަ ލާ އެއްޗެކެވެ.އެންމެ ފަހުން އެނގޭ ގޮތުގައި ބަބްލޫ ލޯބިވާ އަންހެންކުއްޖާ އަކީ ރޭނޫގެ ކޮއްކޮ ޑިމްޕީ އެވެ. ޑިމްޕީގެ ރޯލު ކުޅެފައިވަނީ ކްރީތީ ސެނޯން އެވެ.

ފިލައިގެން އުޅޭ ޖޯޑުގެ ފަހަތުން އަންހެންކުއްޖާގެ ބައްޕަ އާއި އޭނާގެ އެކުވެރިން ދުވެ ދުވެފައި އުޅެނިކޮށް ޑިމްޕީ އާއި ބަބްލޫ އެކަކު އަނެކަކުގެ ލޯބީގެ ދަލުގައި ޖެހެ އެވެ.މިފަހަރުގެ ފިލްމުގައި ޓައިގާ ވެސް ހަމަ އެ ވަރަށް ދުވާނެ އެވެ. ނަމަވެސް ލޯބިވެރިޔާގެ ބައްޕައަށް ފިލާކަށް ނޫނެވެ. ނުބައިބައި މީހުންނަށް ފިލާށެވެ.

ޓައިގާ އާއި ތާރާ މީގެ ކުރިން "ސްޓޫޑަންޓް އޮފް ދަ އިޔާ 2"ގައި އެކުގައި މަސައްކަތް ކޮށްފައި ވެއެވެ. އެ ފިލްމަކީ ތާރާގެ ފުރަތަމަ ފިލްމެވެ.