ރިޕޯޓް

ނަޝީދު މި ހިންގަވަނީ ކޮން މަގަކުން؟

މި ސަރުކާރުގެ އެންމެ ނުފޫޒުގަދަ އަދި އެންމެ "ބާރު ގަދަ" ވަޒީރުގެ އިތުބާރު ނެތް މައްސަލައެއް މަޖިލީހަށް ހުށައެޅުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފެއްޓެވީ އޮގަސްޓް މަހުގެ 12 ވަނަ ދުވަހުއެވެ. އެ ދުވަހު މެންބަރުންގެ އަރިހަށް އިތުބާރު ނެތްކަމުގެ ގަރާރުގެ ލިޔުން ހިއްޕަވައިގެން ވަޑައިގެންނެވީވެސް ނަޝީދެވެ. އެ ފަދަ މަސައްކަތެއްގައި ނަޝީދު އިސްވެ ހުންނަވާނީ އެއީ ވަރަށް ސީރިއަސް މައްސަލައަކަށްވީމައެވެ. ނުވަތަ އެކަމަށް ލައްކަ ޝައުގުވެރިކަން އެމަނިކުފާނުގެ އޮތީމައެވެ.

އިތުބާރު ނެތްކަމުގެ ގަރާރުގައި ސޮއިކުރެއްވީ އެމްޑީޕީގެ ސުޕަ މެޖޯރިޓީން ތިރީހަކަށް މެންބަރުންނެވެ. އެ އަދަދަށްވެސް މެންބަރުން ސޮއިކުރެއްވީ ސީދާ ރައީސް ނަޝީދު އެދިވަޑައިގަތުމުންނެވެ. އަދި އެ މެންބަރުންގެ އަރިހަށް ސީދާ އެމަނިކުފާނު ވަޑައިގެން އެކަމަށް އެދިވަޑައިގެންނެވީމައެވެ. ފަހުން ސަރުކާރާއި މިނިސްޓަރު ފައްޔާޒުގެ "ނުފޫޒުން" ދެތިން ހަތަރު މެންބަރަކު ސޮއި ނަންގަވަންވެސް ބޭނުންފުޅިވިއެވެ. އަދި ސޮއި ކުރެއްވި ނަމަަވެސް ފައްޔާޒާ ދެކޮޅަށް ވޯޓް ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ. ވިއްސަކަށް ފަންސަވީހަކަށް މެންބަރުން ޓްވީޓް ކުރައްވާ މިނިސްޓަރު ފައްޔާޒަށް އިތުބާރު އޮތް ކަމަށް ވިދާޅުވެ ނަޝީދުގެ މަސައްކަތްޕުޅަށް ގޮން ޖެއްސެވިއެވެ. މިއީ އެމްޑީޕީ ތެރެއިން ނަޝީދާ ދެކޮޅަށް މަޖިލީސް މެންބަރުންތަކެއް މިހާ ފާޅުގައި ބަސް ބުނި ފުރަތަަމަ ފަހަރުވެސްމެއެވެ.

މަހެއްހާ ދުވަހު ރައީސް ނަޝީދު މަސައްކަތް ކުރެއްވީ 35 މެންބަރުންގެ ސޮއި، ފައްޔާޒުގެ އިތުބާރު ނެތް މައްސަލައަށް ހޯއްދެވުމަށެވެ. އަދި އިދިކޮޅު މެންބަރުންގެ ތާއީދާއެކު ފައްޔާޒު މަގާމުން ދުރުކުރުމަށެވެ. އެކަމަށް އިދިކޮޅުން ތާއީދު ކުރަން އޮތީ ތައްޔާރަށެވެ. ނަމަވެސް މަސް ދުވަަހުގެ މަސައްކަތުންވެސް އެ އަދަދު ހަމައެއް ނުކުރެވުނެވެ. އޭގެ ބަދަލުގައި ކުރިން ސޮއިދިން މެންބަރުންގެ ތެރެއިން ބައެއް މެންބަރުން ބޭނުންވީ ސޮއި އަނބުރާ ގެންދާށެވެ.

ފައްޔާޒުގެ އިތުބާރު ނެތް މައްސަލަގެ އަޑު މަޑުވީ ފައްޔާޒަށް ފުރިހަމައަށް އިތުބާރު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމުންނެވެ. ރައީސް ވަނީ ފައްޔާޒު މަގާމުން ދުރުކުރަން ޖެހޭ ފަދަ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވެ ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ނުސީދާކޮށް ފާޑުވިދާޅުވެފައެވެ. އަދި ފައްޔާޒަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސްގެ އެ ވާހަކަފުޅާއެކު ފައްޔާޒުގެ މައްސަލަ ހުއްޓުނީ ކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވުނެވެ. އޭގެ ފަހުން ރައީސް ނަޝީދުގެ "ދެ ރަދުން" ނެރުމަށް ބޭއްވި ހަފްލާތަކަށްވެސް ފައްޔާޒު ވަޑައިގެންނެވިއެވެ. ދެ ބޭފުޅުން ވަރަށް ހީނ ސަމާސާކޮށް ހެއްދެވިއެވެ. ފޮޓީ ނަންގަވާ ހެއްދެވިއެވެ. އެހެން ކަމުން ފައްޔާޒުގެ މައްސަލަ ނިމުނީ ކަމަށް ބެލެވުނެވެ.

ނަމަވެސް ރައީސް ނަޝީދު ހުންނެވީ ފައްޔާޒުގެ މައްސަލަ ދޫކޮށްލައްވާ ގޮތަަކަށް ނޫނެވެ. މީގެ ދެތިން ދުވަސް ކުރިން އެ މަަސައްކަތުގައި އަދިވެސް ދެމި ހުންނެވިކަން ރައީސް ނަޝީދު އިއުލާނު ކުރެއްވިއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް އެމަނިކުފާނު ދޫކޮށްލެވި މެސެޖްގައި ފައްޔާޒުގެ މައްސަލައަކީ "ސީރިއަސް" މައްސަލައެއް ކަމަށް ވިދާޅުވިއެވެ. އަދި އެމްޑީޕީއަށްޓަކައިވެސް އެ މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާ ކަަމަށް ވިދާޅުވިއެވެ.

ދެން އެދިވަޑައިގެންނެވީ ފައްޔާޒު އެމްޑީޕީއާއި ދުރަށް ޖެހިވަޑައިގަތުމަށެވެ. އެއީ އެމްޑީޕީއަށްޓަކައި ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އެކަން ނުކުރައްވާނަމަ ދެން އެމަނިކުފާނުގެ ވިސްނުންފުޅު ހުރި ގޮތްވެސް ވިދާޅުވެ ދެއްވިއެވެ. ވިދާޅުވީ ފައްޔާޒުގެ މައްސަަލައަށް "ހުކުމް" ޖެހުމަށް ހަވާލު ކުރައްވާނީ އެމްޑީޕީގެ ގައުމީ މަޖިލީހަށް ކަމަށެވެ. އެ މައްސަލާގައި ގައުމީ މަޖިލީހުން "ރަނގަޅު" ނިންމުމެއް ނިންމަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އޭގެ ފަހުން އިއްޔެ ކުރެއްވީ މުޅިން އެހެން ކަމެކެވެ. ފައްޔާޒުގެ މައްސަލައާއި ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ނަޝީދު ފޮނުއްވެވީ ސިޓީއެކެވެ. އެ ސިޓީ އެމްޑީޕީގެ ސެކްރެޓޭރިއޭޓުން ވަނީ ޓްވީޓްކޮށް އާންމުވެސް ކުރައްވާފައެވެ. މިނިސްޓަރު ފައްޔާޒުވެސް އެ ޓްވީޓް ރި-ޓްވީޓް ކުރެއްވިއެވެ.

އެ ސިޓީގައި އެމަނިކުފާނު އެދިވަޑައިގެންނެވީ މަގާމުން ފައްޔާޒު އެކަހެރިވެ ވަޑައިގެންނެވުމަށެވެ. އަދި އެކަމަށް އެދި ވަޑައިގަންނަވަނީ ފައްޔާޒު ހުންނަވައިފި ނަމަ އެމްޑީޕީއަށް ލިބިދާނެ ގެއްލުމަކަށްޓަކައި ކަމަށެވެ.

"... މިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ކޮރަޕްޝަންގެ އަމަލެއް ހިންގެވިތޯ ނުވަތަ ނޫންތޯ ޖިނާއީ މިންވަރަށް ބެލުމަކީ ސިޔާސީ ކަމެއް ނޫނެވެ. ޕާޓީން އަޅުގަނޑާ ހަވާލުވެފައި ވަނީ ސިޔާސީ މަސައްކަތެވެ. އަޅުގަނޑު ފާހަގަ މިކުރަނީ ސިޔާސީ ނަޒަރުން ދެކޭ ނަމަ މިނިސްޓަ ފައްޔާޒަކީ ޕާޓީގެ ޒިންމާއެކެވެ. އެގޮތުން މިނިސްޓަ އަމިއްލަފުޅަށް އެކަހެރިވެވަޑައިގަތުމަށް އަޅުގަނޑު އިލްތިމާސް ދަންނަވަމެވެ،" އިނގިރޭސިވިލާތުގައި މިވަގުތު ހުންނެވި ނަޝީދު ފޮނުއްވެވި ސިޓީގައި ވިދާޅުވެފައިވެއެވެ.

ފައްޔާޒުގެ ވޯޓަކީ "ޒާތީ" ވޯޓެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. އަދި އެމްޑީޕީގެ އެއްވެސް މެންބަރަކާމެދު އަދި އެމްޑީޕީއަށް ނިސްބަތްވާ އެއްވެސް ވަޒީރަކާމެދުވެސް ހިތްބަރު ކަމެއް ނެތް ކަމަށެވެ.

"... އެމްޑީޕީގެ އެންމެ ފުރަތަމަ ކުރު ވެރިކަން ނިމިގެން ދިޔަ އިރު ވެސް މި ޕާޓީގެ ސާފު އެއް ސިފައަކީ ޕާޓީގެ މަގާމުތައް ފުރުއްވާ ބޭފުޅުންގެ ކޮރަޕްޝަންގެ އަމަލުތައް މަދުކަމެވެ. އެމްޑީޕީގެ ފުރަތަމަ ސަރުކާރު ބަޣާވާތަކުން ބަދަލުކޮށް ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި ވެސް މި ޕާޓީ އަށް ނިސްބަތްކޮށް އެންމެ ނުދައްކާ ވާހައަކީ ކޮރަޕްޝަންގެ ވާހަކައެވެ،" މެންބަރު ރޮޒައިނާ އެމްޑީިޕީން ވަކިކުރަން ޖެހޭ ކަމަށްވެސް ކުރިން ވިދާޅުވި ނަޝީދުގެ ސިޓީގައި އިތުރަށް ވިދާޅުވިއެވެ.

އެ ސިޓީއާއި ގުޅިގެން ޗެއާޕާސަންވެސް ވަނީ ވާހަކަ ދައްކަވާފައެވެ. ވިދާޅުވީ ނަޝީދު އެދިވަޑައިގެންނެވީ އެ ސިޓީ ޕާޓީގެ ވީހާވެސް ގިނަ މެންބަރުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމަށް ކަމަށެވެ. އެހެން ކަމުން އެކަން ކުރައްވާނެ ކަމަށެވެ.

މިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ކޮރަޕްޝަންގެ އަމަލެއް ހިންގެވިތޯ ނުވަތަ ނޫންތޯ ޖިނާއީ މިންވަރަށް ބެލުމަކީ ސިޔާސީ ކަމެއް ނޫނެވެ. ޕާޓީން އަޅުގަނޑާ ހަވާލުވެފައި ވަނީ ސިޔާސީ މަސައްކަތެވެ. އަޅުގަނޑު ފާހަގަ މިކުރަނީ ސިޔާސީ ނަޒަރުން ދެކޭ ނަމަ މިނިސްޓަ ފައްޔާޒަކީ ޕާޓީގެ ޒިންމާއެކެވެ. އެގޮތުން މިނިސްޓަ އަމިއްލަފުޅަށް އެކަހެރިވެވަޑައިގަތުމަށް އަޅުގަނޑު އިލްތިމާސް ދަންނަވަމެވެ
މުހައްމަދު ނަޝީދު | އެމްޑީޕީގެ ރައީސް

ފައްޔާޒު މަގާމުން ދުރުކުރުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވާ ގޮތާއިމެދު ވަރަށް ގިނަ ބަޔަކު ސުވާލު އުފައްދައެވެ. އާންމުންނާއި ގާނޫނީ ދާއިރާގެ ބޭފުޅުންނެވެ. އަދި ސަރުކާރުގެ އިސްވެރިންނާއި މަޖިލިސް މެންބަރުންވެސް މެއެވެ. އެންމެ ފުރަތަަމަ އެމަނިކުފާނު މަސައްކަތް ކުރެއްވީ ގާނޫނުގައި އޮންނަ މަގުންނެވެ. ނަމަވެސް އެމްޑީޕީގެ ރައީސްހެން ހުންނަވާ އެމްޑީޕީގެ މެޖޯރިޓީ އޮތް ސަރުކާރެއްގައި އެމްޑީޕީގެ ވަޒީރެއް މަގާމުން ދުރުކުރައްވަން ނަޝީދު އިސްވެ ނިކުންނެވުން އެޕާޓީގެ މެންބަރުންނަށް ހިތްގައިމެއް ނުވިއެވެ.

ވަޒީރުންގެ އިތުބާރު އޮންނަން ވީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ވަޒީރުންގެ އިތުބާރު އޮންނަންވީ މަޖިލީހުގެ ރައީސަކަށް ނޫނެވެ. ނުވަތަ ސިޔާސީ ޕާޓީތަކުގެ ވެރިންނަކަށްވެސް ނޫނެވެ. ރައީސަށް އެމަނިކުފާނުގެ ކެބިނެޓަށް އިތުބާރު އޮތީމަ ނިމުނީއެވެ. އިތުބާރު ނެތްނަމަ މަގާމުން ދުރުކުރަން ވީއެވެ. ނުވަތަ މަޖިލީހުގެ ގިނަ މެންބަރުންނަށް ވަޒީރަކާއިމެދު އިތުބާރު ގެއްލިއްޖެނަމަ އޮންނަ އުސޫލުން އެކަމެއް ކުރާންވީއެވެ.

އެ މަގުން ހިންގެވުމަށްފަހު "ފެއިލް" ވެދާނެ ކަމުގެ ބިރާއެކު ރައީސް ނަޝީދު ބޭނުންފުޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުން ވަޒީރުންގެ "އިތުބާރު" ކަނޑައެޅުމަށެވެ. މިއީ ވަރަށް ހެއްވާ ކަމެކެވެ. ދެން މަސައްކަތް މި ކުރައްވަނީ އެމްޑީޕީގެ ޗެއާޕަން މެދުވެރިކޮށް ވަޒީރަކަށް އަންގައިގެން މަގާމުން ދުރުކުރުމަށެވެ. މިއީ އަދި މާ ހެއްވާ ގޮތެކެވެ. އެހެނީ ވަޒީރު ކަމަށް ވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު އޮތީމައެވެ. އެމަނިކުފާނު ބޭނުންފުޅުވީމައެވެ. މަގާމަށް ސީދާ އައްޔަން ކުރައްވަނީވެސް އެމަނިކުފާނެވެ. އެހެންވީމަ ވަކި ހިސާބަކުން ރައީސަށް އިތުބާރު އޮންނަ ވަޒީރުން ދުރުކުރަން ޕާޓީގެ ޗެއާޕާސަން އަންގަން ޖެހޭ ހިސާބަކަށް ނުދެވޭނެއެވެ. ނޫން ނަމަ ޕާޓީއެއްގެ ގައުމީ މަޖިލީހަކަށް އެ ބާރެއް ނުނެގޭނެއެވެ. އެއީ ތިޔަ ވިއްކަވާ ޑިމޮކްރަސީ ދަންނަ ކަންކަމެއް ނޫނެވެ. ގާނޫނު އަސާސީއާއި ގާނޫނުތައްވެސް ދަންނަ ކަމެއް ނޫނެވެ.

ގާނޫނުއަސާސީގަ ވަޒީރަކު މަގާމުން ވަކިވާނެކަމަށް އޮތީ ތިން ހާލަތެކެވެ. އެއީ ވަޒީރުންގެ މަޖިލީހުގެ މެންބަރަކު މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ހިނދެއްގައެވެ. މި ހާލަތުގައި ރައީސުލްޖުމްހޫރިއްޔާ އެކަން ބަޔާންކޮށް ލިޔުމުން އެ ވަޒީރަކަށް އެންގުމުން މަގާމުން ވަކިވީއެވެ. ދެވަނަ ގޮތަކީ ވަޒީރުންގެ މަޖިލީހުގެ މެންބަރަކު މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެ ހިނދެއްގައެވެ. އެ ހާލަތުގަައި ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށައަޅާ އެ ސިޓީ ރަައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަތުމުން މަގާމުން އިސްތިއުފާ ދެވުނީއެވެ. ކުރިއާ ހިލާފަށް ރައީސްގެ ޖަވާބަކަށް އިންތިޒާރު ކުރާކަށް ނުޖެހެއެވެ. ތިންވަނަ ގޮތަކީ ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާ ނަގާ ވޯޓަކުން ވަޒީރަށް އިތުބާރު ނެތް ކަމަށް ފާސްކުރުމެވެ. މި ހާލަތުގައި މަޖިލީހަށް އެފަދަ މައްސަލައެއް ހުށައޭޅީ މަޖިލީހުގެ 10 މެންބަރަކު ސޮއިކޮށްގެން ކަމަށް ގާނޫނު އަސާސީގައި ބުނެއެވެ. އަދި އެ މައްސަލައިގެ ބަހުސް ފެށުމުގެ 14 ދުވަސް ކުރިން ވަޒީރަށް މައްސަލައިގެ ނޯޓިސް ފޮނުވާން ޖެހެއެވެ. އެ ބަހުސްގައި އަނގަބަހުންނާއި ލިޔެކިޔުމުން ޖަވާބުދާރީވާން ފުުރުސަތުވެސް އެ ވަޒީރަކަށް ލިބިވަޑައިގަންނަވާއެވެ. އެފަދަ މައްސަލައެއް ފާސްވާނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތު ލިބިގެންނެވެ.

ނަމަވެސް މިހާރު ކަން ހިނގަމުންދަނީ އެ މަގުން ކަަމަށް ބުނެވޭނީ ކިހިނަކުން ހެއްޔެވެ. އެއީ އެތައް ބައެއްގެ ކަންބޮޑުވުމެކެވެ.

ހުދު އެއީ ސަރުކާރާއި މިނިސްޓަރު ފައްޔާޒުވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމެކެވެ. ނަޝީދުގެ ސިޓީއާއެކު މިނިސްޓަރު ފައްޔާޒުވެސް ވަނީ "ހޫނު ރައްދެ"އް ދެއްވާފައެވެ. ވިދާޅުވީ މަގާމަށް އައްޔަން ކުރެއްވީ ރައީސް ސޯލިހު ކަމަށެވެ. އަދި އިސްތިއުފާ ދެއްވުމަށްވެސް އަދި ގޭގައި މަޑުކުރައްވަންވެސް އަންގަންވަންވާނީ ރައީސް ކަމަށެވެ. އެ ނޫން ގޮތަކަށް އަންނަ އަމުރަކަށް ވެވޭނެ ކިޔަމަނެއް ނެތް ކަމަށެވެ.

"އިސްތިއުފާ ދިނުމުގެ ވިސްނުމެއް އަޅުގަނޑުގެ ނެތް، ރައީސް ސޯލިހު އަންގަވާ ގޮތަކަށް ސެޓަޕާއެކު އަޅުގަނޑު ދާނީ ކުރިއަށް،" ނަޝީދުގެ ސިޓީއާއި ގުޅިގެން އަވަސްއާ ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު އިއްޔެވެސް މިއަދުވެސް ވިދާޅުވީ އިތުބާރު ގެއްލޭފަދަ ކަމެއް ނުުކުރައްވާ ކަމަށެވެ. އަދި އަމުދުން ކޮރަޕްޝަންގެ ހުތުުރު އަމަލެއް ނުހިންގަވާ ކަމަށެވެ. ދައުލަތް "ލޫޓު"ވާލައިގެން ފައިސާއެއް ހޯއްދަވާފައި ނޯންނާނެ ކަމަށެވެ. ނުރަނގަޅު ނިޔަތެއްގައި މެންބަރުންނަށް ނުގުޅުއްވާ ކަމަށެވެ.

ނަމަވެސް ތުހުމަތެއް ކުރެވޭނަމަ އެކަމެއް ބަލަންވީ ކަމަށެވެ. އަދި ހުންނެވީ މައްސަލަ ބަލަން ފިސާރި ރަނގަޅަށް ޖާގަވެސް ދެއްވައިގެން ކަމަށެވެ.

"ބަލަންވީ ހަމަ، އަޅުގަނޑަށް ޖަވާބު ދާރީނުވެވޭނެ އެއްވެސް ކަމެއް ނޯންނާނެ. ކަންކަން ބެލުމުން އާންމުންނަށް ވެސް އެނގޭނެ ނޫންތޯ ކަންކަން އޮތްގޮތް. އެ ގޮތް އަޅުގަނޑު ބޭނުންވަނީވެސް،" މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ތަކުރާރު ކުރައްވާ ފައްޔާޒު ވިދާޅުވިއެވެ.

އިސްތިއުފާ ދިނުމުގެ ވިސްނުމެއް އަޅުގަނޑުގެ ނެތް، ރައީސް ސޯލިހު އަންގަވާ ގޮތަކަށް ސެޓަޕާއެކު އަޅުގަނޑު ދާނީ ކުރިއަށް
ފައްޔާޒް އިސްމާއީލް | އިކޮނޮމިކް މިނިސްޓަރު

ގޯހެއް ނުހައްދަވާ ކަމުގެ ޔަގީންކަން އޮތް ނަމަވެސް މަގާމުން ދުރުކުރުމަށް ނަޝީދު އެހާބޮޑަށް ބޭނުންފުޅުވާ ސަބަބެއް ފައްޔާޒަށްވެސް ސާފެއް ނޫނެވެ. އަދި އަމުދުން ހިނގުނު ކޮންމެ މަގަކުން ހިނގައިގެން ފައްޔާޒު "ބޭރު" ކުރަން އުޅެން ޖެހޭ ހަމަ އެއްވެސް ސަބަބެއް އޭނާއަކަށް ނޭންގެއެވެ. އެކަން އެނގެން ބޭނުންވާ ކަމަށްވެސް ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވަނީ އިއްޔެވެސް ރޭ ވެސް އަދި މިއަދުވެސް ރައީސް ސޯލިހާ ފޯނުން ވާހަކަ ދެކެވި، މަޝްވަރ ކުރެވިފައިވާ ކަމަށެވެ. ރައީސްގެ ފަރާތްޕުޅުން ނުކިއްސަރު އެއްވެސް އިޝާރާތެއް ނެތެވެ. މުޅިންވެސް ފެންނަނީ ކުރިއަށް ވަޑައިގަތުމަށް ހިތްވަރު ދެއްވާ އިޝާރާތްތަކެވެ. އެހެންވީމަ ފައްޔާޒު ހުންނެވީ އެ ގޮތުގައެވެ. ފަހަތަށް ޖެހުމެއް އަދި އިތުބާރު ނެތްކަމުގެ މައްސަލައާ މެދު ވިސްނާ ފިކުރުމެއްވެސް އޭނާގެ ނެތެވެ.

ނަމަވެސް ކުރިއަށް އޮތީ އަދި ޝައުގުވެރި ކަންކަމެވެ. ފައްޔާޒުގެ މައްސަލަ ގައުމީ މަޖިލީހަށް ހުށައަޅުއްވައިގެން ނިކުންނާނެ ނަތީޖާއަކީ ކޮބައިބާވައެވެ. ނަޝީދު ބޭނުންފުޅުވާ ގޮތަށް މައްސަލަ ނިންމާލެވިދާނެބާއެވެ. މަޖިލީހުގައިވެސް އެމަނިކުފާނު ބޭނުންފުޅުވާ ގޮތަކަށް ހުރިހާ ކަމެއް ނިމޭނެ ކަމަށް ކުރިން ގަބޫލުކުރެވިފައި އޮތް އޮތުމުން ނިމުމަކަށް އައީ ފައްޔާޒުގެ ވޯޓާއެކުގައެވެ. ގައުމީ މަޖިލީހުގައި ނަޝީދަށް އޮތް ތާއީދެއްވެސް ވަޒަން ކުރެވޭނީ ހަމަ އެ ވޯޓުންނެވެ. އެ ވޯޓުން ފެއިލްވެއްޖެނަމަ އެމްޑީޕީގައި މިދިޔަ މިދިޔަ 15 އަަހަރު ނަޝީދަށް އޮތް ތާއީދު ގެއްލުނީއެވެ. އަދި ފައްޔާޒު ދުރުކުރުމަށް ނަޝީދު ހިންގެވި ޑިމޮކްރަސީއާ ބީރަށްޓެހި އުސޫލުތައް ތާރީހުގައި ލިޔެވި އެމަނިކުފާނު ދަމަހައްޓަވަމުން އައި "ޑިމޮކްރަޓިކް ލީޑަރު" ގެ ލަގަބުވެސް ގެއްލުނީއެވެ.