ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ނޫސްވެެރިންނާއި ބައްދަލު ކުރައްވާފައި ވަނީ ރާއްޖެއިން ބޭރުގައި ހަތަރު މަހެއްހާ ދުވަހު ހުންނެވުމަށް ފަހު އެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ ވަރަށް ކުއްލި ގޮތަކަށެވެ. އެމަނިކުފާނުގެ އާއިލީ ބައެއް ބޭފުޅުންނާއި ވަރަށް އަރިސް މަދު ބޭފުޅުން ކޮޅަކަށް ނޫނީ ކުރީން އެކަން އަންގަވާފައެއްވެސް ނުވެއެވެ. ރާއްޖެއިން ބޭރުގައި ހުންނެވީ މެއި ހައެއްގެ އެމަނިކުފާނު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށެވެ. ފުރަތަމަ ޖަރުމަންގަ އެވެ. އޭގެ ފަހުން އިނގިރޭސިވިލާތުގަ އެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާދިނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތައް ބެލުމުގައި ސަރުކާރުން އަމަލު ކުރާގޮތާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވާ އެކަމާއި ގުޅިގެން މަސައްކަތްތަކެއް ކުރައްވަނިކޮށެވެ. އޭގެ ކުރީންވެސް އެކި ކަންކަމުގައި ސަރުކާރާއި ހާއްސަކޮށް ރައީސް ސޯލިހާއި ގުޅުން އޮތީ ހީނަރުވެފައެވެ. އެމްޑީޕީން އެކަނި ސަރުކާރުން ހިންގަން ބޭނުންވާ ކަމަށް ދެންނެވުމުން އެކަމަށް ރައީސް އަޅާނުލެއްވީމައެވެ. ވެރިކަމުގެ ނިޒާމު ބަދަލުކޮށް ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށް ފާޅު ކުރެއްވި ޝައުގުވެރި ކަަމަށް އިޖާބަ ނުދެއްވީމައެވެ. އަދި ބައެއް މައްސަލަތަކުގައި ފިޔަވަޅު އެޅުވުމުގައި ނަޝީދު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ މިންވަރަށް އަމަލު ނުކުރައްވާތީ އެވެ.
މައްސަލަ ގޯސްވެ އެންމެ ފަހުން ރައީސް ސޯލިހާއި ސަރުކާރަށްވުރެ އިދިކޮޅު ލީޑަރާއި އިދިކޮޅު ކޯލިޝަން ރަނގަޅުވާ ހިސާބަށްވެސް ނަޝީދު ކަންކަން ގެންދެވިއެވެ. އަދި ރައީސް ސޯލިހުވެސް އިންނަވާ ގައުމީ މަޖިލީހުގެ މެންބަރުންނަށް ހާއްސަ ވަޓްސްއަޕް ގުރޫޕްގައި "ދެން ރައީސުލްޖުމްހޫރިއްޔާ އާއި އެކީ ސިޔާސީ ގޮތުން ހަރަކާތްތެރިނުވެވޭނެ" ކަމަށްވެސް ވިދާޅުވެ އެކަން އިއުލާނު ކުރެއްވިއެވެ.
އަޅުގަނޑުމެންގެ [ރައީސް ނަޝީދު އާއި ރައީސް ސޯލިހް] ޒާތީ ކަންކަމުގައި އަބަދުވެސް އުޅުއްވާނީ އެކީގައި. އަޅުގަނޑުގެ ދަރިންގެ 'އިބޫ ދޮންބެ' އެއީ. އެކަމު ދެން ރައީސުލްޖުމްހޫރިއްޔާ އާއި އެކީ ސިޔާސީ ގޮތުން ހަރަކާތްތެރިނުވެވޭނެ،" ޖުލައި 12 ވަނަ ދުވަހު ނަޝީދު ފޮނުއްވި މެސެޖްގައި ވިދާޅުވިއެވެ.
އޭގެ ފަހުން ވިދާޅުވީ އިދިކޮޅު ލީޑަރުގެ އެހީތެރިކަމަށްވެސް އެދިވަޑައިގަންނަވާނެ ކަމަށެވެ.
ރާއްޖޭގައި އަމާން މާހައުލެއް ނެތް ކަމަށާ އެފަދަ މާހައުލެއް ނެތީސް ރާއްޖެ ވަޑައިގެންނެވުމަށް ޖެހިލުންވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ މަޖިލީހަށް ސިޓީފުޅެއްވެސް ފޮނުއްވިއެވެ. ނަފުރަތުގެ ބިލްގެ ނަމުގައި ހިސާން މެދުވެރިކޮށް ސަރުކާރުން ހުށައެޅި ބިލް އެ އޮތްގޮތަށް ފާސް ކުރަން ބޭނުންވާ ކަމަށެވެ. މިހެން ގޮސް ކިތަންމެ ކަމެކެވެ. އެއިންް އެއްވެސް ކަމަކާ ސަރުކާރުގެ ސަމާލު ކަމެއް ނެތެވެ. އަމުދުން ރައީސް މަސައްކަތް ކުރެއްވީ އެ ހުރިހާ ކަމަކާ ދެކޮޅަށެވެ.
ނަމަވެސް އިއްޔެގެ ނޫސްވެެރިންގެ ބައްދަލްވުން މުޅީން ތަފާތެވެ. ޔަގީނަށްވެސް "ހިނދުކޮޅަކަށް" ނަމަވެސް އެމަނިކުފާނުގެ ރާގު ބަދަލުވެއްޖެ އެވެ. އެއް ކަމެއް ދެ ކަމެއް ނޫނެވެ. ވަރަށް ގިނަ ކަންކަމުގައެވެ.
އެއް ކަމަކީ ސިޔާސީ ގޮތުން ރައީސް ސޯލިހާއެކު ނުހުންނެވޭނެ ކަމަށް ވިދާޅުވި ވިދާޅުވުން އަނބުރާ ގެންދެވުމެވެ. އިއްޔެ ވިދާޅުވި ގޮތުގައި ސިޔާސީ ގޮތުން ރައީސް ސޯލިހާއެކު މިހާރު ހުންނެވޭނެ އެވެ. އެ ވާހަކަ ވިދާޅުވީ ނިޒާމު ބަދަލު ކުރުމުގެ މައްސަލައާ ގުޅޭގޮތުން ނޫސްވެރިންގެ ސުވާލުތައް އަމާޒުވުމުންނެވެ. ބަރުލަމާނީ ނޫން އެހެން އެއްވެސް ހައްލެއް ނެތް ކަމަށް ކުރީން ތަކުރާރުކޮށް ވިދާޅުވި ނަމަވެސް އިއްޔެ ނަޝީދު ވިދާޅުވި ގޮތުގައި ނިޒާމުގެ މައްސަލާގައި އެއްޗެއް ވިދާޅުވާނީ ރައީސް ސޯލިހާއެކު އިތުރަށް މަޝްވަރާ ކުރައްވާފައެވެ.
ސިޔާސީ ގޮތުން ގުޅުމެއް ނެތް ބޭފުޅަކާއެކު މަޝްވަރާ ކުރައްވާނީ ކިހިނެތްތޯ ސުވާލު އުފެދެނީ މިހާ ހިސާބުންނެވެ. އެ ސުވާލަށް ތަފްސީލުކޮށް ޖަވާބު ދެއްވަން ނަޝީދު ބޭނުންފުޅުވެވަޑައެއް ނުގެންނެވި އެވެ. ވިދާޅުވީ ދެ ބޭފުޅުން ވާހަކަ ނުދައްކަވާ ހުންނަވަން ވަރަށް ދަތިފުޅުވާނެ ކަމަށެވެ. އިތުރު ތަފްސީލަކަށް ވަޑައިނުގަންނަވައެވެ. އެކަމަކު ބައްދަލްވުމަށް ފަހު ނޫސްވެރިންނާއެކު ހޭދަ ކުރެއްވި ވަގުތުކޮޅުގައި އަލުން އެ ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ ދެ ރައީސުންނަށް އެކުގައި މަސައްކަތް ކުރެއްވޭނެ ކަމަށެވެ.
އެމްޑީޕީގެ މެނިފެސްޓޯގައި ގާނޫނު އަސާސީއަށް ބަދަލު ގެނެސް ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ފުރޮޅާލުމަށް ރައީސް ސޯލިހް ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމަަށް ބާރުއެޅުމުގެ ގޮތުން ކަމަށް ބުނެ ބަރުލަމާނީ ނިޒާމަށް ތާއީދުކުރާކަން ހާމަ ކުރަން ނަޝީދުގެ ތާއީދު ލިބިގެން ޕެޓިޝަނެއް ދަނީ ތައްޔާރު ކުރަމުންނެވެ.
ނިމިގެންދިޔަ ގައުމީ މަޖިލީހުގެ އިންތިހާބުގައިވެސް ނަޝީދުގެ ތާއީދު ދެއްވީ ބަރުލަމާނީއަށް ތާއީދު ކުރާ ކެންޑިޑޭޓުންނަށް އެކަންޏެވެ.
ނަމަވެސް އިއްޔެގެ ބައްދަލްވުމުގައި ނަޝީދު ހަމައެކަނި ވިދާޅުވީ އެމަނިކުފާނުގެ ވިސްނުންފުޅުގައި ވެރިކަމުގެ ނިޒާމް އޮންނަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގައި ދައުރު ބޮޑުކޮށް އޮންނަ ގޮތަކަށް ކަމަށެވެ. އެއަށްވުރެ އެ ޖަވާބު ސާފެއް ނުކޮށްދެއްވިއެވެ. އޭގެ ކުރިއަށް ވިދާޅުވީ ބަރުލަމާނީއާ ގުޅޭގޮތުން އެއްޗެއް ދެންނެވޭނީ ވެސް ރައީސް ސޯލިހާއި އެކަމާ ގުޅޭ ގޮތުން ފުރިހަމައަށް މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށެވެ.
"ދެން އެހެން ނޫސްވެރިޔަކު ވެސް މި މައުލޫގައި އަޅުގަނޑު ގާތުގައި ސުވާލެއް ކުރައްވައިފި ނަމަ އަޅުގަނޑު އަނެއްކާވެސް ތަކުރާރު ކުރާނީ ހަމަ މި ޖަވާބު،"
ވެރިކަމުގެ ނިޒާމް އޮންނަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގައި ދައުރު ބޮޑުކޮށް އޮންނަ ގޮތަކަށް ކަމަށް ވިދާޅުވެ ނަޝީދު ނުސީދާކޮށް އެ ވިދާޅުވި ވާހަކައެއް އެނގިވަޑައިގަންނަވާނީ އެމަނިކުފާނަށެވެ. ނަމަވެސް މަޖިލީހުގެ މެޖޯރިޓީ އޮތްގޮތާމެދު ދެއްކިދާނެ ވާހަކަ އެބަހުއްޓެވެ. ރައީސް ސޯލިހު ވިދާޅުވާ ގޮތުގައި އެމަނިކުފާނު ހުންނެވީ މަޖިލީހުގެ މެޖޯރިޓީއާއެކުގައެވެ.
"އަޅުގަނޑު ވެރިކަމުގައި ހުންނައިރުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދަން އަޅުގަނޑު ވަރަށް ބޮޑަށް ބޭނުން. އެކަން އަޅުގަނޑު ކުރާނެ. އިރާދަކުރެއްވިއްޔާ މިއަދު އަޅުގަނޑު މިހުރީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާ އެކީގައި. އެހެންވީމާ ސަރުކާރު ސުމޫތުކޮށް ރައްޔިތުންނަށް ދޭންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އަޅުގަނޑު އިރާދަކުރެއްވިއްޔާ ހިފަހައްޓާނަން،" އޮގަސްޓް 11 ވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ.
އެހެންވީމަ މަޖިލީހުގައި ދައުރު ބޮޑުކޮށް އޮތީ ކޮން ގޮތެއް ހެއްޔެވެ. އެމްޑީޕީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތަސް ޕާޓީގެ އިސް ލީޑަރާއި ޕާޓީގެ ރައީސްގެ ގުޅުން ކުޑަވެ ފެކްޝަން އޮތުމުން ބަރުލަމާނީއަށް މަޖިލީހުގެ ފުރިހަމަ ތާއީދު އޮތް ކަމަށް ވިދާޅުވާން ކެރިވަޑައިނުގަތީ ހެއްޔެވެ. ރައީސް ސޯލިހާއެކު މަޝްވަރާ ކުރައްވަން އޮތީ މަޖިލީހުގައި ދެ ބޭފުޅުންގެ ކޮންޓްރޯލް އޮތް މިންވަރާ މެދުގައި ހެއްޔެވެ.
އެހެނީ ނިޒާމުގެ މައްސަލާގައި ރައީސް ސޯލިހުގެ ސްޓޭންޑް ސާފެވެ. އެއް ފަހަރަށް ވުރެ ގިނަ ފަހަރު ރައީސް ވަނީ އެއީ ރައްޔިތުންގެ އަތް މަތީ އޮތް ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި ނިޒާމުގެ މައްސަލައަށް ފޯކަސްއެއް ނެތް ކަމަށް ވިދާޅުވެއެވެ. ހުރިހާ ހަކަތައާއި ބުންވަރެއް ހޭދަކުރައްވާނީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމަށެވެ.
ދެން އޮތީ ސެކިއުރިޓީއާ ދޭތެރޭ އުފެއްދެވި ސުވާލެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވުމާއެކު އެއީ ތިން ދުވަހުގެ ދަތުރުފުޅެއް ކަމަށް އަޑުތައް ފެތުރުނެވެ. އެކަން އެމަނިކުފާނުގެ ވަރަށް އަރިސް ބޭފުޅުންވެސް ޔަގީން ކޮށްދެއްވިއެވެ.
ނަމަވެސް އިއްޔެ އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެ ވަޑައިގެންނެވީ ތިން ދުވަހަކަށް ނޫނެވެ. ތިން ދުވަހުގެ ދަތުރެއް ކަމަށް ބުނެ ފެތުރީ ދޮގެވެ. ނަމަވެސް ދާއިމީކޮށް ރާއްޖޭގައި ނުހުންނެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި އެމަނިިކުފާނަށް ސިފައިންގެއިން އަރުވާ ސެކިއުރިޓީއާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖެއިން ފުރާވަޑައިގަންނަވާ ދުވަހެއް ސިއްރެއްގެ ގޮތުގައި އޮތީ ސެކިއުރިޓީ ސަބަބުތަކާއި ގުޅިގެން ކަމަށްވެސް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ސެކިއުރިޓީއާމެދު ކަންބޮޑުވުން ފާޅު ކުރެއްވީ ދެ ދަރިކަނބަލުންގެ ކަންބޮޑުވުން އެކަމުގައި އޮތުމުން ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑު އެ ކުދިން ކައިރީ އެހިން އެބަ މަލާމާތްކުރެޔޭ ނޯތް ކޮރެޔާގެ ވެރިޔާ ތަންތަނަށް ގެންދާ ގޮތަށޭ ގެންދަނީ. ކިހިނެއްހޭ ދެން ހަދާނީ. އެކުދިން ބުނީ ކޮންމެ ގޮތެއް ވިޔަސް ބޭނުންވަނީ ބައްޕަ ސަލާމަތުން ހުރުމޭ،"
މީގެ އިތުރުން އެމަނިކުފާނަކީ މަޖިލީހުގެ ރިޔާސަތުގައި އިންނަވަން ޖެހިވަޑައިގަންނަވާ މީހާ ނޫން ކަމަށްވެސް ވިދާޅުވިއެވެ. މިއީވެސް ކުރިއަށް އޮތް ދުވަސްތަކުގައި އަންނާނެ ތަފާތު ފުރޮޅެއްގެ ކުރީން ދެއްވި މެސެޖަކަށްވެސް ވެދާނެ އެވެ.
އިއްޔެގެ ނޫސްވެރިންގެ ބައްދަލްވުމަކީ މިފަދަ އެތައް ސަބަބާއި ގުޅިގެން ތަފާތު ބައްދަލުވުމެކެވެ. ޔަގީނަށްވެސް ނަޝީދުގެ ބައެއް ވާހަކަތައް ބަދަލުވެއްޖެ އެވެ. ކުރީން ވަރަށް ބާރަށް ދެއްކެވި ވާހަކަތަކުގެ އަޑު މަޑުވެއްޖެ އެވެ. ރާގު ބަދަލުވެއްޖެ އެވެ. އެއް މާނައެއްގައި އެއީ ބައެއް ކަންކަމުގައި ނަޝީދު ގޮތް ދޫކުރެއްވީ ކަމަށްވެސް ބުނެވިދާނެ އެވެ. ނޫންނަމަ އިތުރު ފިޔަވަޅެއް އެޅުވުމުގެ ކުރީން ކުޑަ ދުލެއް ދެއްވީ ކަމަށްވެސް ބުނެވިދާނެ އެވެ.
މަންޒަރު އިތުރަށް ސާފުވާން ސިޔާސީ ކަންކަން އެނބުރޭ ގޮތް ބަލަން އަދި އޮތީ އިންތިޒާރު ކުރުމެވެ. ރައީސް ނަޝީދު ކިހާ ދުވަހަަކު ރާއްޖޭގައި ހުންނަވާނެ ހެއްޔެވެ. އެމަނިކުފާނަށް އޮތް "ތްރެޓް" ފިލައި ސިޔާސީ މަސައްކަތައިގެން ގަދައަށް ކުރިއަށް ވަޑައިގަންނަވާނީ ކިހާ ހިސާބަކުން ހެއްޔެވެ. ދެ ރައީސުންގެ ބަރުލަމާނީ މަޝްވަރާތައް ހިނގައިގަންނާނެ ހެއްޔެވެ. އޭގެ ނަތީޖާއަކަށްވާނީ ކޮން ކަމެއް ހެއްޔެވެ. މަޖިލީހުގެ ރިޔާސަތާއި ދުރަށް ވަޑައިގެންފާނެ ބާވައެވެ. އެހެންވިއްޔާ ދެން ވާނީ ކިހިނެތް ހެއްޔެވެ. މި ސުވާލުތަކަށް ޖަވާބު ލިބިގެން ނޫނީ އިއްޔެގެ ބައްދަލްވުމުގައި ރައީސް ނަޝީދު އެ ދެއްކެވި ވާހަކަތަކާއި އެމަނިކުފާނުގެ ރާގަށް އެއައި ބަދަލު މުޅީން ވަޒަން ކޮށްލާން ފަސޭހައެއް ނޫނެވެ.