އަންނަ ހޮނިހިރު ދުވަހަކީ އެމްޑީޕީއަށް ބޮޑު ދުވަހެކެވެ. އެއީ ރާއްޖޭގައި ފަހުގެ ތާރީހެއްގައި ޕާޓީއަކުން ބާއްވާނެ އެތެރޭގެ އެންމެ ބޮޑު އިންތިހާބު އޮންނާނެ ދުވަހެވެ. 700 ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާ އިންތިހާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ކެންޑިޑޭޓުން އިންތިހާބު ކުރާނެ އެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވޯޓް ނެގުން ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު 300 ވޯޓް ފޮށި ބަހައްޓާނެ އެވެ. އިންތިހާބުގައި 92،743 މީހުނަށް ވޯޓް ލެވޭނެ އެވެ. އެތައް ސަތޭކަ އޮފިޝަލުންނާއެކު އިންތިހާބުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށްދާއިރު ކެންޑިޑޭޓުން ގެންދަނީ ވަރަށް ފޯރީގައި ކެންޕެއިން ކުރަމުންނެވެ. ބައެއް ދާއިރާތަކުގައި ވާދަވެރިކަން ވަރަށް ބޮޑެވެ. ހާއްސަކޮށް ގައުމީ މަޖިލީހަށް ހޮވިވަޑައިގަތުމަށް މަސައްކަތް ކުރައްވާ ކެންޑިޑޭޓުންގެ މެދުގައި އޮތް ވާދަވެރިކަން ބޮޑެވެ.
އެމްޑީޕީގެ 13 އަހަރުގެ ހަޔާތުގައި ބާއްވާ އެންމެ ބޮޑު އިންތިހާބު ބޯމަތިވެގެން އައީ އެ ޕާޓީ ދުވަހަކުވެސް ނުދެކޭ ފަދަ ބޮޑު ބައިބައިވުމަކާއި ހިޔާލު ތަފާތުވުންތަކެއް އެ ޕާޓީގައި އުފެދިފައިވަނިކޮށެވެ. ޕާޓީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައެވެ. އާންމުންނާއި ބައްދަލުވާ ފަހަރުތަކުގައި ދެ ލީޑަރުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ހެޔޮކޮށް އެއްޗެއް ވިދާޅުވި ނަމަވެސް އެއީ ހަގީގަތެއް ނޫނެވެ.
ރައީސް މުހައްމަދު ނަޝީދުގެ ވަރަށް އަރިސް ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި މެއި ހައެއްގެ ޓެރަރިސްޓް ހަމަލާގެ ފަހުން ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ފަހުން ރައީސް ސޯލިހާއި ރައީސް ނަޝީދު ވާހަކަ ދައްކަވާފައެއް ނުވެއެވެ. އިސްވެ ރައީސް ސޯލިހް ނުވެސް ގުޅުއްވައެވެ. އޭގެ ބަދަލުގައި ރައީސް ނަޝީދުގެ ވަފާތެރި މެންބަރުންނާއި ރައީސް ސޯލިހުގެ ވަފާތެރި މެންބަރުންގެ މެދުގައި އޮތް ހިތްހަމަނުޖެހުން ބޮޑުވެ ބަހުގެ ހަމަލާތައް ބަދަލުކުރުންވީ އިތުރުވެ.
ދެ ލީޑަރުންގެ މެދުގައި އުފެދުފައިވާ ވާދަވެރިކަމަކީ 2023 ގެ ރިޔާސީ އިންތިހާބާއި ގުޅިގެން އުފެދިފައިވާ ވާދަވެރި ކަމެއް ކަަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. ނޫނީ ޔަގީނެވެ. ރައީސް ސޯލިހް ހުންނެވީ ދެވަނަ ދައުރަކަށް ތައްޔާރުވެވަޑައިގެންނެވެ. ރައީސް ނަޝީދުވެސް ހުންނެވީ 2023 ގެ އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާނެ ކަމަށް މުޅީން ނިންމަވައިގެންނެވެ. ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކާމިޔާބު ހޯއްދަވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެސް ވެއްޖެ އެވެ. އޭގެ ކުރިއަށް އެމަނިކުފާނު ބޭނުންފުޅުވީ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަކަށް ފުރޮޅާލައްވާ ބޮޑުވަޒީރު ކަމަށް ވަޑައިގަތުމަށެވެ. ނަމަވެސް އެމަގު ސާފުކޮށް ފެނިވަޑައިނުގަތުމާއި ރައީސް ސޯލިހުގެ އެއްބާރުލެއްވުމެއް ނެތުމުން 2023ގެ ރިޔާސީ އިންތިހާބުގެ ޝައުގުވެރިކަން ފާޅު ކުރެއްވީއެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ދެ ބޭފުޅުންނަށްވެސް އެއް ކަމެއް މަޖުބޫރެކެވެ. އެއީ އެމްޑީޕީގެ ކޮންޓްރޯލް ހޯއްދެވުމަށެވެ. ރައީސް ނަޝީދަކީ މިދިޔަ 13 އަހަރު އެމްޑީޕީގެ ވެރިޔާއެވެ. އެ ޕާޓީގެ ފުލް ކޮންޓްރޯލް އޮތީ އެމަނިކުފާނަށެވެ. އެމަނިކުފާނަށް އަމާޒުކޮށް ކުޑަވެސް ހިތްހަމަނުޖެހުމެއް ފާޅުކުރެއްވި ކޮންމެ ބޭފުޅަކަށް ޖެހިވަޑައިގެންނެވީ ޕާޓީއާ ފެއަށް ޖެހިވަޑައިގަންނަވާށެވެ. އެހާވެސް އެމްޑީޕީގެ މެންބަރުންގެ މެދުގައި އެމަނިކުފާނުގެ މަގުބޫލުކަން ބޮޑެވެ. ނޫން ނަމަ އެ ޕާޓީގައި އެމަނިކުފާނުގެ ނުފޫޒު ގަދައެވެ.
އެކަން ބަދަލުވީ ދައުލަތުގެ އެންމެ އިސްވެރިޔާގެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގަތުމުންނެވެ. އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން އެވަގުތަކު ހުންނަވާ ރައީސުލްޖުމްހޫރިއްޔާއަކީ އެމްޑީޕީގެ މެންބަރެއް ނަމަ ޕާޓީގެ އިސް ލީޑަރަކީ އެއީ އެވެ. އެ މާއްދާއަކީ ގިނަ ބައެއްގެ ނަޒަރުގައި ރައީސް ނަޝީދަށް ހާއްސަކޮށް ލިޔެފައި އޮތް މާއްދާއެކެވެ. އެކަން ކުރެއްވިއިރު ރައީސް ނަޝީދު ހުންނެވިހާ ހިނދަކު އެމްޑީޕީގެ މެންބަރަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގެންނެވުމަކީ އެ ބޭފުޅުން ޖައްސަވާފައިވާ ހިސާބެއް ނޫނެވެ. އެ ހިސާބު ގޯސްކުރައްވާ ރައީސް ސޯލިހް ވެރިކަމަށް ވަޑައިގަތުމަކީ އެމްޑީޕީގެ ހަގީގީ ކޮންޓްރޯލް ނަޝީދަށް ގެއްލިވަޑައިގަތުމަށް މެދުވެރިވީ އަސްލު ސަބަބެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކުރީން ދެ ލީޑަރުންނަށް ޕާޓީގެ ތެރޭގައި އޮތް ތާއީދު، ހާއްސަކޮށް ގައުމީ މަޖިލީހުގެ ތާއީދު އޮތްގޮތް ސާފުވާން މެދުވެރިވީ ވޯޓެއް މި ފަހުން އައެވެ. އެއީ އެމްޑީޕީގެ އިސްތިއުނާފުގެ ފަނޑިޔާރުންގެ މަޖިލީހުގެ އައު ދައުރަށް މެންބަރުން އިންތިހާބު ކުރުމެވެ. އިންތިހާބަށް ރައީސް ސޯލިހްގެ ތާއީދާއެކު ނުވަ މެންބަރުން އަދި ނަޝީދުގެ ތާއީދާއެކު ނުވަ މެންބަރުން ނިކުމެވަޑައިގެންނެވިއެވެ. އިންތިހާބުން ކުރި ހޯއްދެވީ ސޯލިހްގެ ކެންޑިޑޭޓުންްނެވެ. އޭގެ ކުރީން ރައީސް ހުންނެވީ މަޖިލީހުގައި އޮތް އެމްޑީޕީގެ ބޮޑު 65 ގެ މެޖޯރިޓީވެސް ކަށަވަރު ކުރައްވައިގެންނެވެ.
އެހެން ކަމުން ދެން އޮތީ ދެ ލީޑަރުންނަށް އެންމެ ފަހުގެ އިމްތިހާނެވެ. އެއީ ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުން ކާމިޔާބު ހޯއްދެވުމެވެ. އިންތިހާބުގައި ވާދަކުރާ 700 ކެންޑިޑޭޓުންގެ ތެރޭގައިވެސް ތިއްބެވީ ދެ ލީޑަރުންގެ ތާއީދު އޮތް ކެންޑިޑޭޓުންނެވެ.
ރައީސް ސޯލިހް އަތޮޅުތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި އެމަނިކުފާނުގެ ތާއީދު އޮތް ކެންޑިޑޭޓުން ބައިވެރިކުރައްވައެވެ. އަދި ވަރަށް އިސްކަމެއް ދެއްވައިގެން ރަށްރަށުގައި ތިބި އެމްޑީޕީގެ މެންބަރުންނާއި ބައްދަލުކުރައްވާ އެ ކެންޑިޑޭޓުން ތައާރަފު ކޮށްދެއްވާ ތާއީދު ދެއްވުމަށް އެދިވަޑައިގަންނަވައެވެ.
އަދި އެމަނިކުފާނުގެ ތާއީދު އޮތް ކެންޑިޑޭޓުންނަށް ވޯޓް ހޯއްދެވުމަށް އެ ނޫން ގޮތްގޮތުންވެސް މަސައްކަތް ކުރައްވައެވެ. މަޖިލީހުގެ ވަފާތެރި މަޖިލީސް މެންބަރުން ގެންދަވަނީ އަތޮޅުތެރެއަށް ދަތުރުކުރައްވާ މަސައްކަތް ކުރައްވައެވެ. ސަރުކާރުގެ ކުންފުނިތަކުގައި އިސްކޮށް ތިއްބެވި އެމްޑީޕީގެ ގިނަ މެންބަރުންތަކެއް އިންތިހާބުގައި ވާދަކުރައްވާއިރު އެ ބޭފުޅުންވެސް ގެންދަވަނީ ސަރުކާރުގެ އެކި ވަސީލަތްތައް ބޭނުން ކުރައްވައިގެން ކެންޕެއިން ކުރައްވަމުންނެވެ.
ނަމަވެސް މި ފަހުން ރައީސް ނަޝީދު މުޅި މަންޒަރުން ގެއްލިވަޑައިގެންފިއެވެ. އެމަނިކުފާނުގެ އެންމެ ވަފާތެރި މެންބަރުން އެމަނިކުފާނުގެ ފޮޓޯ ޖައްސަވައިގެން ކެންޕެއިން ކުރެއްވި ނަމަވެސް އެ ހަރަކާތްތަކުން ނަޝީދުގެ މާބޮޑު ބައިވެރިވުމެއް މިހާރު ފެންނަ ގޮތެއް ނުވެއެވެ. އޭގެ ކުރީން އެމަނިކުފާނު ވަނީ ބަރުލަމާނީއަށް ތާއީދު ކުރައްވާ ކޮންމެ ކެންޑިޑޭޓަކަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ވަަކިވަކި ކެންޑިޑޭޓުންގެ ކެންޕެއިން ޕޯސްޓަރުތައް ރި-ޓްވީޓް ކުރައްވާ ހެއްދެވިއެވެ. ނަމަވެސް އޭގެ ފަހުން އެމަނިކުފާނުގެ އެ މަަސައްކަތް ހުއްޓިއްޖެ އެވެ. މިވީ ކިހިނެތް ހެއްޔެވެ. ރައީސް ނަޝީދު ބަލި ގަބޫލު ކުރެއްވީ ހެއްޔެވެ. ރައީސް ސޯލިހްގެ މައްޗަށް ދެން ކުރި ނުހޯއްދެވޭނެ ކަމަށް ދެކެވަޑައިގަންނަވަނީ ހެއްޔެވެ.
އަވަސްއާ ވާހަކަ ދެއްކި ރައީސް ނަޝީދުގެ ވަރަށް އަރިސް ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި އެމްޑީޕީގެ އެތެރޭގެ އިންތިހާބު ކުޑަތަންވަމުންދާއިރު ރައީސް ނަޝީދު ހުންނެވީ ކެންޕެއިން މަސައްކަތްޕުޅާ ދުރުގައެވެ. އެކަމުގައި ވަރަށް ގިނަ ސަބަބުތައް ހުރިކަން އެ ބޭފުޅުން ފާހަގަ ކުރެއްވިއެވެ.
އެއް ކަމަށް އެ ބޭފުޅުން ފާހަގަ ކުރެއްވީ ވަކިވަކި ކެންޑިޑޭޓުން ހޮއްވަވަން ނަޝީދު މަސައްކަތް ކުރެއްވި ނަމަވެސް އެކަމުން ދެން ނިކުމެދާނެ ނަތީޖާއަކާމެދު އެމަނިކުފާނަށް ސުވާލު އުފެދިފައި އޮތެވެ. ރައީސް ނަޝީދުގެ ފޮޓޯ ޖައްސަވައިގެން އެމަނިކުފާނުގެ ފުރިހަމަ ތާއީދު އޮވެ އިންތިހާބުން މޮޅުވުމަށް ފަހު އެމަނިކުފާނަށް ވަފާތެރި މެންބަރެއްގެ ގޮތުގައި އެ މެންބަރަކު ހުންނަވާނެތޯ ސުވާލު އުފެދުމެވެ.
"އެއް ކަމަކަށް ބައްލަވާ. މިހާރުވެސް މާބޮޑަށް ރައީސް ސޯލިހް ވެގެން އެ އުޅުއްވާ ގިނަ ބޭފުޅުން އެހަމައަށް ވަޑައިގެންނެވީ ރައީސް ނަޝީދުގެ އެހީތެރިކަމުގައި. މިހާރު ބައްލަވާ ކަން ކުރައްވާ ގޮތް. އަނެއްކޮޅުން މިފަހަރު އިންތިހާބުންވެސް ރައީސް ނަޝީދުގެ އެހީ ލިބިވަޑައިގެން ހޮވިވަޑައިގަތުމުން ސަރުކާރުގެ ނުފޫޒުގައި އެ ބަޔަކު ޖެހި ރައީސް ނަޝީދާއި ދުރަށް ވަޑައިގެންފިނަމަ އެ ކުރެއްވުނީ ވަރަށް ބޭކާރު ކަމެއް،"
މަޖިލީހުގައި މާލެ ތަމްސީލު ކުރައްވާ މެންބަރަކު ވިދާޅުވި ގޮތުގައި އެމްޑީޕީގެ "ތަރުތީބު" ގެއްލިފައި ވަނީ "އެގަހު ކޭލެއް މި ގަހު ކޭލެއް" ނޭންގޭ މިންވަރަށެވެ. އެހެން ކަމުން ތާއީދު ހޯއްދެވުމަށް ނަޝީދުގެ ވާހަކަ ދައްކަވާ އެތައް ކެންޑިޑޭޓުންނަކީ ރައީސް ސޯލިހުގެ ވަފާތެރިންނެވެ. އެހެންވީމަ ކެންޕެއިނާއި ރައީސް ނަޝީދު ދުރައްވަޑައިގެން ކުޑަކޮށް "އެއް ފަރާތް" ވެލެެއްވީއެވެ. އެއީ މިވަގުތަށް އެމަނިކުފާނަށްވެސް އެންމެ ރަނގަޅު ގޮތް ކަމަށް ފެނިވަޑައިގަންނަވާތީއެވެ.
ނަމަވެސް މިކަމާއި ގުޅޭގޮތުން ރައީސް ނަޝީދު ރަސްމީކޮށް އެއްޗެއް ވިދާޅެއް ނުވެއެވެ. އަދި އަވަސްއާ ވާހަކަ ދެއްކެވި ބޭފުޅުންގެ ވާހަކަތައް އެމަނިކުފާނު މެދުވެރިކޮށް ކަށަވަރު ކުރެވޭ ގޮތެއްވެސް ނުވިއެވެ.
ރައީސް ނަޝީދުގެ ވަރަށް ވަފާތެރި މެންބަރެއް ކަމަށްވާ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވި ގޮތުގައި ގަައުމީ މަޖިލީހުގެ އިންތިހާބަށް ސަރުކާރުގެ ނުފޫޒު އޮތީ ކަންބޮޑުވާ މިންވަރަށެވެ. އެކަމުގެ މިސާލަކަށް އޭނާ ނެންގެވީ ރައްޔިތުންގެ ކުންފުނިތަކުގައި ތިއްބެވި އެމްޑީޕީގެ މެންބަރުން އިންތިހާބަށް ކުރިމަތިލައްވާ ކުރައްވާ ކެންޕެއިންނާއި އެ ބޭފުޅުން ކުރިމަތިލެއްވި ދާއިރާތަކުގެ އެހެން ކެންޑިޑޭޓުންނަށް ފޯރުވާ ނުފޫޒެވެ. ބޮންޑެ ވިދާޅުވާ ގޮތުގައި އެކްޓިވިސްޓުންނަށް ވަޒީފާތައް ދަނީ ދެމުންނެވެ. އަދި ފައިސާގެ ނުފޫޒުވެސް ދަނީ ފޯރުވަމުންނެވެ.
ޖުމްލަކޮށް މުޅި އިންތިހާބުގެ އިންސާފުވެރިކަން މިހާރުވެސް ގެއްލުވާލާފައިވާ ކަމަށް ވިދާޅުވިއެވެ.
"އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބަށް ވަރަށް ބޮޑަށް ދަނީ ނުފޫޒު ފޯރުވަމުން. އަޅުގަނޑު ގަބޫލެއް ނުކުރަން މިއީ އިންސާފުވެރި އިންތިހާބެއް ކަމަށް،"
އަދި އޮޅުވާލައިގެން ރައީސް ނަޝީދުގެ ތާއީދު އޮތް ކަމަށް ބުނެ ރަައީސް ސޯލިހުގެ ކެންޑިޑޭޓުން ކެންޕެއިން ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ. ބަރުލަމާނީއަށް ތާއީދު ކުރާ ކަމަށް ބުނެ އޮޅުވާލާ ކަމަށްވެސް ވިދާޅުވިއެވެ. މި ހުރިހާ ކަމެއް ކުރަނީ ގްރާސްރޫޓްގައި ނަޝީދުގެ ތާއީދު އޮތުމުން ކަމަށްވެސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ތާއީދު އޮތް ބައެއް ކެންޑިޑޭޓުން މަސައްކަތް ކުރަނީ ވަދެވުނު ގޮތަކުން ހެދުނު އެއްޗެއް ހަދައިގެންވެސް ގައުމީ މަޖިލީހަށް ވަޑައިގަތުމަށެވެ.
ބޮންޑެގެ މި ވާހަކަތަކަށް ކުރީން ވާހަކަ ދެއްކެވި ދެ ބޭފުޅުންވެސް ތާއީދު ކުރެއްވިއެވެ. އެ ބޭފުޅުން ވިދާޅުވި ގޮތުގައި ރައީސް ނަޝީދު މިވަގުތު ފެޔަށް ޖެހިވަޑައިގެން ސައިލެންޓްކޮށް ހުންނެވީ މިފަދަ އެތައް ކަމެއްވެސް ހިނގާތީ އެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމްގެ ވިސްނުން މި ކަމުގައި ތަފާތެވެ. ހަލީމް ވިދާޅުވާ ގޮތުގައި ރައީސް ނަޝީދުގެ ތާއީދު އޮތް ކެންޑިޑޭޓުން މިފަހަރުގެ އިންތިހާބު ބޮޑުކޮށް ނަގާނެ އެވެ. އަދި އެ މަގަށް މެންބަރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތް މުޅި ރާއްޖޭގައި ހިނގަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ހަލީމް ވިދާޅުވި ގޮތުގައި އެމްޑީޕީގެ މެންބަރުން ފައިސާއަށް ނުގުނޑާނެ އެވެ. ސަަރުކާރުގެ ކެންޑިޑޭޓުން ބަހާ ފައިސާ އާއި ފޯރުވާ ނުފޫޒުގައި ޖެހޭނީ ވަރަށް މަދު މެންބަރުން ތަކެކެވެ. އެހެން ކަމުން މިފަހަރުގެ އިންތިހާބުން 70 ޕަސެންޓް ކާމިޔާބު ކުރާނީ ނަޝީދުގެ ތާއީދު އޮތް ކެންޑިޑޭޓުންނެވެ.
"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އިރާދަކުރެއްވިއްޔާ މިހާރު ފެންނަ ނަތީޖާއަކީ 70 ޕަސެންޓުގެ އަޣުލަބިއްޔަތަކުން އަޅުގަނޑުމެން ކާމިޔާބު ކުރާނެ"
އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވާ ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރާ ކަަމަށް ކުރެވޭ ތުހުމަތު ސަރުކާރާއި ރައީސްގެ ތާއީދު އޮތް ކެންޑިޑޭޓުން ދޮގު ކުރެއެވެ. ހުވަދޫ އަތޮޅަށް ކުރިމަތިލައްވާ ސަރުކާރުގެ އިސް މަގާމެއްގަައި ހުންނެވި ކެންޑިޑޭޓަކު ވިދާޅުވި ގޮތުގައި ނުފޫޒު ފޯރުވާ ވާހަކަ ދައްކަނީ ރައީސް ނަޝީދުގެ ޓީމަށް އިންތިހާބުން މޮޅުނުވެވޭނެތީ އެވެ.
"ފުރަތަމަ މަސައްކަތް ކުރެއްވީ މަޖިލީސްގެ ކޮންޓްރޯލް ހޯއްދަވަން. އެކަމެއް އެމަނިކުފާނު [ރައީސް ނަޝީދު] އަކަށް ނުވި. ދެން މަސައްކަތް ކުރެއްވީ ގައުމީ މަޖިލީސް ހޯއްދަވަން. ސިއްރުން ނެގި ވޯޓުންވެސް ކާމިޔާބު ހޯއްދެވީ ރަައީސް ސޯލިހް. ކުރިއަށް އޮތް އިންތިހާބުގެ ނަތީޖާވެސް އަޅުގަނޑުމެންނަށް ސާފު. އެހެންވީމަ ނުފޫޒު ފޯރުވާން ޖެހޭ ސަބަބެއް ނެތް. ކެންޕެއިން މި ކުރަނީ އުސޫލުގެ ތެރެއިން،"
އެމްޑީޕީގެ ބައިބައިވުމާއި އަދި އެ ޕާޓީގެ އެތުރުމަށް ދެން އަންނާނެ ބަދަލުތަކުގެ ފެށުމަކަށް ވާނީ ހޮނިހިރު ދުވަހުގެ އިންތިހާބެވެ. އިންތިހާބުން މޮޅުވާ ކެންޑިޑޭޓުންނާއެކު އައު ގައުމީ މަޖިލީހުގެ މަސައްކަތްތައް ފެށުމާއެކު ގިނަ ކަންތައްތަކެއް ފެނިގެންދާނެ ކަމަށް ބެލެވެއެވެ.
ބައެއް މީހުންގެ ނަޒަރުގައި ގަައުމީ މަޖިލީހުގެ ކޮންޓްރޯލް ރައީސް ސޯލިހަށް ލިބިވަޑައިގެންފިނަމަ އެންމެ ބޮޑަށް މަސައްކަތް ކުރައްވަނީ ރިޔާސީ ޓިކެޓް ކަށަވަރު ކުރެއްވުމެވެ. އެކަމަަށް ކުރު އަދި އެންމެ ފަސޭހަ މަގުވެސް އިހުތިޔާރު ކުރައްވާފާނެ އެވެ. އެއީ ރިޔާސީ ޕްްރައިމަރީއެއް ނެތި ދެވަނަ ދައުރަކަށް އެމަނިކުފާނަށް ޓިކެޓް ދެއްވުމަށް ނިންމެވުމެވެ. އެހެން ވެއްޖެނަމަ އެމްޑީޕީ އިތުރަށް ބައިބައިވެ ފަޅައިގެންދާނެކަން އެއީ ކަށަވަރު ކަމެކެވެ.