ހޮނިހިރު ދުވަހު އެމްޑީޕީން ބޭއްވި އެ ޕާޓީގެ އެތެރޭގެ އިންތިހާބަކީ ޕާޓީއެއްގެ އެތެރޭގައި ބޭއްވި އެންމެ ފޯރިގަދަ އިންތިހާބެވެ. އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރި އަދި ވާދަވެރިކަން އެންމެ ބޮޑު އިންތިހާބެވެ. މިފަހަރުގެ އިންތިހާބުގެ ވާދަވެރިކަން ބޮޑުވެ ފޯރިގަދަވި އެންމެ ބޮޑު އެއް ސަބަބަކީ އެ ޕާޓީގެ ލީޑާޝިޕްގެ ކޮންޓްރޯލް ހޯއްދެވުމަށް ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ރަައީސް، އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މެދުގައި އޮތް ވާދަވެރި ކަމެވެ. ހާއްސަކޮށް ކުރިއަށް އޮތް ދައުރުގައި ގައުމީ މަޖިލީހުގެ ކޮންޓްރޯލް ހޯއްދެވުމުގެ މުހިއްމުކަން ދެ ބޭފުޅުންނަށް ބޮޑުވެފައިވުމެވެ. އަދި ދާއިރާތަކާއި ޕްރޮވިންސްތަކުގެ އެހެން މަގާމުތަކުގައި އެ ބޭފުޅުންގެ ތާއީދު އިތުރު ކުރެއްވުމަށްޓަކައި އެ މަގާމުތަކަށް އެ ބޭފުޅުންނަށް ވަފާތެރި މެންބަރުން އިންތިހާބު ކުރުން އިންތިހާ މުހިންމުވުމެވެ.
ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 މެންބަރުން އިންތިހާބު ކުރުމަށް ހޮނިހިރު ދުވަހު ނެގި ވޯޓްގެ ނަތީޖާ މިހާރު ވަނީ ސާފުވެފަ އެވެ. ނަމަވެސް އެ ނަތީޖާއާއެކު ސާފުނުވެ އޮތް ކަމަކީ މިފަހަރުގެ އިންތިހާބުން ކުރި ހޯއްދެވީ ކޮން ލީޑަރެއް ކަމެވެ. ދެ ލީޑަރުންގެ ވަފާތެރި މެންބަރުންވެސް ގެންދަވަނީ އިންތިހާބުން މޮޅުވީ އެ ބޭފުޅުން ކަމަށް ވިދާޅުވަމުންނެވެ.
ހޮނިހިރު ދުވަހުގެ ރޭ ރަައީސް ސޯލިހުގެ ވަފާތެރި ބޭފުޅުން ވަނީ އިންތިހާބުގެ ކާމިޔާބީ އިއުލާނު ކުރައްވާފަ އެވެ. އިންތިހާބަށް ކުރިމަތިލެއްވި ސަރުކާރުގެ ނުފޫޒު ގަދަ ބޭފުޅުންނާއި ރައީސް ސޯލިހުގެ އަރިސް ބޭފުޅުން އިންތިހާބު ކާމިޔާބު ކުރެއްވީ ދެން ވާދަކުރެއްވި ބޭފުޅުންނާއި ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އެ ނަތީޖާތަކާއެކު އިންތިހާބުން މޮޅުވެއްޖެ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.
އެފަދަ ބޭފުޅުން ޖެއްސެވި ހިސާބުން އިންތިހާބުން މޮޅުވި 75 ޕަސެންޓް ކެންޑިޑޭޓުންނަކީ ރައީސް ސޯލިހުގެ ތާއީދު ލިބުނު ކެެންޑިޑޭޓުންނެވެ. އަދި އެއީ ކުރިއަށް އޮތް ދުވަސްތަކުގައި ރައީސް ސޯލިހުގެ ފަހަތްޕުޅުގައި މަަސައްކަތް ކުރައްވާނެ މެންބަރުންނެވެ. އެ މެންބަރުންނާއެކު އެމްޑީޕީގެ ފުލް ކޮންޓްރޯލް އޮންނާނީ ރައީސްގެ އަތްޕުޅުގަ އެވެ.
"އެއީ ހެޑްލައިން މޭކުކުރަން ދެއްކެވި ވާހަކަތަކެއް ނޫން. ބައްލަވަން ތިއްބަވާ. މިފަހަރުގެ އިންތިހާބުގެ ހަގީގީ ނަތީޖާ ފެންނާނެ ކުރިއަށް އޮތް ދުވަސްތަކުގައި އެމްޑީޕީ ތަރުތީބު ވެގެންދާ ގޮތުން. އަދި ރައީސް ސޯލިހުގެ އަމާޒާއި ވިސްނުމަށް އެމްޑީޕީގެ ކަންކަން ނިމި އިންތިޒާމު ވެގެންދާ ގޮތުން،" މިފަހަރުގެ އިންތިހާބުގައި ވާދަކޮށް ކާމިޔާބު ހޯއްދެވި ރައީސް ސޯލިހުގެ އަރިސް ބޭފުޅަކު ވިދާޅުވި އެވެ.
އިންތިހާބާއި ގުޅޭގޮތުން ރައީސް ސޯލިހު އަދި ރަސްމީކޮށް ވާހަކައެއް ނުދައްކަވަ އެވެ. އިންތިހާބުގެ ތެރޭ އެމަނިކުފާނު ހުންނެވީ ޔޫއެންގެ ދަތުރުފުޅުގަ އެވެ. ނަމަވެސް އިއްޔެ އެ ދަތުރުފުޅު ނިންމަވާލައްވާފައިވެ އެވެ.
ޔޫއެންގެ ދަތުރުފުޅުގެ ކުރީން ރައީސް ސޯލިހު ވަނީ އަތޮޅުތެރޭގެ ބައެއް ރަށްތަކަށް ދަތުރުކުރައްވާފަ އެވެ. އެންމެ ފަހުން ވަޑައިގެންނެވީ ށ އަތޮޅާއި ރ އަތޮޅަށެވެ. އެ ދެ އަތޮޅުގެ ރަށްތަކަށްވެސް އެމަނިކުފާނު ވަޑައިގެންނެވީ ދަތުރުފުޅުގައި ރަސްމީ ސިފަ ޖައްސަވައިގެން ގަައުމީ މަޖިލީހަށް ނެރުއްވި ކެންޑިޑޭޓުންނާއެކުގަ އެވެ. ހާއްސަކޮށް މިފަހަރުގެ އިންތިހާބުގައި ވާދަވެރިކަން ބޮޑުވި އަލިފުށި ދާއިރާއަށް ވަޑައިގެންނެވީ ރައީސްގެ ކެންޑިޑޭޓް ގޮވައިގެންނެވެ. ހަމައެކަނި ވަޑައިގެން މެންބަރުންނާއި ބައްދަލު ކުރެއްވެވީއެއް ނޫނެވެ. ތާއީދު ހޯއްދެވުމަށް އެތައް މިލިއަން ރުފިޔާއެއްގެ މަޝްރޫއުތައްވެސް އިއުލާނު ކުރެއްވީ އެވެ.
އެ މަސައްކަތްޕުޅާ އެކު އަލިފުށީ ދާއިރާގެ ރައީސަކަށް ވަޑައިގެންނެވީ ރައީސްގެ ޅިޔަނު އަދި މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. ރައީސް ނަޝީދުގެ ވަފާތެރި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) އަށް ކުރިމަތިލައްވަން ޖެހިވަޑައިގަތީ ނާކާމިޔާބާ އެވެ. މީގެ އިތުރުން މިނިސްޓަރު އަމީރު އާއި މިނިސްޓަރު ފައްޔާޒު އަދި މިނިސްޓަރު މަހުލޫފް ވަނީ ބޮޑު ނަތީޖާއަކުން އިންތިހާބުން މޮޅުވެފަ އެވެ. މި ތިން ބޭފުޅުންވެސް ފާހަގަ ކުރެވިފައިވަނީ ނަޝީދާއި ދުރު ރައީސް ސޯލިހުގެ އަރިސް ބޭފުޅުންގެ ގޮތުގަ އެވެ. އަދި ރައީސްގެ ނުފޫޒާއި ބާރު އެމްޑީޕީގައި އިތުުރުކޮށް ވަރުގަދަ ކުރެއްވުމަށް މުހިއްމު ތިން މިނިސްޓަރުންގެ ގޮތުގައެވެ.
އިންތިހާބާ ގުޅޭގޮތުން ރައީސް ނަޝީދު ވަނީ ވާހަކަ ދައްކަވާފަ އެވެ. އެއް ކަމަކަށް އެމަނިކުފާނު ވިދާޅުވީ ގައުމީ މަޖިލީހުގެ މެޖޯރިޓީ ހޯއްދަވަން އެމަނިކުފާނު މަސައްކަތް ނުކުރައްވާ ކަމަށެވެ. އޭގެ ފަހުންވެސް ދެ ވާހަކައެއް ވިދާޅުވެ ޓްވީޓް ކުރެއްވި އެވެ.
ފުރަތަމަ ކުރެއްވި ޓްވީޓްގައި އިންތިހާބުން ކުރި ހޯއްދެވި ކެންޑިޑޭޓުންނަށް މަރުހަބާ ވިދާޅުވީ އެވެ. ނަމަވެސް ދެވަނަ ޓްވީޓް ކުރެއްވީ އެމަނިކުފާނުގެ މިވަގުތުގެ ސިޔާސީ ހުވަފެން ކަމުގައިވާ ބަރުލަމާނީ އަށް ތާއީދު އޮތް ކެންޑިޑޭޓުންނަށް މަރުހަބާ ވިދާޅުވުމަށެވެ. ވިދާޅުވީ ބަރުލަމާނީއަށް ތާއީދު ކުރާ ކެންޑިޑޭޓުން ގައުމީ މަޖިލީހުގެ ކޮންްޓްރޯލް ހޯއްދެވި ކަމަށެވެ. އަދި އެއީ ރާއްޖެ އަށް ބޮޑު ރަނގަޅެއް ކަމަށެވެ.
ރައީސް ނަޝީދުގެ އެ ޓްވީޓް އިތުރަށް ތަރުޖަމާ ކޮށްދެއްވާ ބަރުލަމާނީން ކުރި ހޯއްދެވި ކަމަށް ބުނާ ނަންބަރުތައް ބޭރަށް ގެނެސްދެއްވީ އެމަނިކުފާނުގެ ވަފާތެރި އަރިސް ބޭފުޅުންނެވެ. އަދި ބަރުލަމާނީ ކެމްޕޭން ހަވާލުކުރައްވާފައިވާ ޓީމުންނެވެ.
އެ ބޭފުޅުންގެ ނަތީޖާއިން މިފަހަރު ގައުމީ މަޖިލީހަށް އިންތިހާބުވީ 96 މެންބަރުންގެ ތެރެއިން 53 މެންބަރުންނަކީ ބަރުލަމާނީ ފިކުރުގެ ރައީސް ނަޝީދުގެ ތާއީދު އޮތް ބޭފުޅުންނެވެ. މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވި ގޮތުގައި އިންތިހާބުން ސާފުވީ ނަޝީދާއި ސޯލިހަށް އޮތް ތާއީދެއް ނޫނެވެ. ބޮންޑެ ސިފަ ކުރެއްވީ ހޮނިހިރު ދުވަހު ނިމިގެން ދިޔައީ ދެ ނިޒާމުގެ ތަފާތު ބުނެދިން ވޯޓެއްގެ ގޮތުގަ އެވެ.
"އަޅުގަނޑުމެންނަށް ސާފުކޮށް ފެންނަން އެބައޮތް ބަރުލަމާނީ ލޯގޯ ޖަހައިގެން ނިކުންނެވި 53 ކެންޑިޑޭޓުން އެވަނީ ގައުމީ މަޖިލީހަށް އިންތިހާބުވެވަޑައިގެންފައި. އެއީ ރައީސް ނަޝީދުގެ ތާއީދު އޮތް މެންބަރުން. އެހެންވީމަ އިންތިހާބުގެ ނަތީޖާ ވަރަށް ސާފު. މިއީ ދެ ނިޒާމުގެ ތެރެއިން އެމްޑީޕީގެ މެންބަރުންގެ ވިސްނުން ސާފުކޮށްދިން ވޯޓެއް. އެއްވެސް ހާލެއްގައި މިއީ ރައީސް ނަޝީދާއި ސޯލިހުގެ ވޯޓެއް ނޫން. އެ ދެ ބޭފުޅުންގެ ވޯޓަކަށް ވަންޏާ ވެސް ކުރި ހޯއްދެވީ ރައީސް ނަޝީދު. އެއީ ބަރުލަމާނީ އަކީ އެމަނިކުފާނުގެ ވިސްނުން. އެމަނިކުފާނު ގެންގުޅުއްވާ ފިކުރު،" ބޮންޑެ ވިދާޅުވި އެވެ.
ބޮންޑެ ވިދާޅުވި ގޮތުގައި އިންތިހާބުން ކުރި ހޯދީ ސަރުކާރުން ކަމަށް ދައްކަން ބަޔަކު މަސައްކަތް ކުރެއެވެ. ނަމަވެސް އުތުރުން ދިއްދޫ އާއި ކެލޭ އަދި މަކުނުދޫ ފަދަ ރަށްތަކުންވެސް ކުރި ހޯދީ ބަރުލަމާނީ އެވެ. މާލެއިން ސާފުކޮށް ސަރުކާރަށް ނޫނެކޭ ބުނި ކަމަށްވެސް ބޮންޑެ ވިދާޅުވި އެވެ.
އޭނާ ފާހަގަކުރި އަނެއް ކަމަކީ ސަރުކާރުން ތާއީދު ކުރި ކަމަށް ބުނާ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރަން ލިބުނު ފުރުސަތާއި އެ ނޫން ކެންޑިޑޭޓުންނަށް ކެމްޕޭން ކުރަން ލިބުނު ފުރުސަތެވެ. އަދި ބައެއް ދާއިރާތަކަށް ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ނެރުއްވައިގެން އެކި ގޮތްގޮތުން ފޯރުވި ނުފޫޒެވެ. މަގާމާއި ވަޒީފާ ދިނެވެ. ފައިސާގެ ނުފޫޒު ފޯރުވި އެވެ. އަސާސީ ހިދުމަތްތަކުން މަހުރޫމް ކުރާނެ ކަމުގެ ބިރުވެސް ދެއްކި ކަމުގެ ތުހުމަތު އޭނާ ކުރައްވަ އެވެ.
"ފުރަތަމަ ކަމަކަށް ސަރުކާރުން ކެމްޕޭން ކުރާތާ ދެތިން މަހެއް ވެއްޖެ. އަޅުގަނޑުމެން ބަރުލަމާނީ ޓީމު ނިކުމެ މި ކެމްޕޭން ކުރީ އެންމެ 15 ވަރަކަށް ދުވަހު. އެއީ ހަގީގަތް. ނަމަވެސް މި އޮތީ ނަތީޖާ ފެންނަން. ދެން ވިދާޅުވޭ ކޮން ބައެއްތޯ މޮޅުވީ. ނޫސްތަކަށް ފައިސާ ދީގެން ނޫންނަމަ ނުފޫޒު ފޯރުވައިގެން ސަރުކާރުން ބޭނުން އެއްޗެއް ޖެހިދާނެ. ނަމަވެސް އެއީ ހަގީގަތެއް ނޫން،"
ބޮންޑެ ވިދާޅުވި ގޮތުގައި އިންތިހާބުގެ ބައެއް ނަތީޖާ އަކީ ގައުމީ މަޖިލީހަށް އެއްވެސް އަސަރެއް ކުރާނެ ނަތީޖާތަކެއް ނޫނެވެ. ގައުމީ މަޖިލީހުގައި މަޖިލީސް މެންބަރުންނަށް ތިބެވޭއިރު އަދި ވަޒީރުންނަށް ތިބޭއިރު އެފަދަ ބޭފުޅުން އިންތިހާބަށް ނެރުނީ ކޮން މަގުސަދެއް ހާސިލުކުރަންތޯ ސުވާލު އުފެއްދެވި އެވެ.
"ތިން ވަޒީރުން ނެރުއްވި. އަލިފުށީ ދާއިރާގެ މެންބަރު ނެރެއްވި. އެ ބޭފުޅުންނަށް އިތުރަށް ދެވޭނެ ވޯޓެއް ނެތް ގައުމީ މަޖިލީހުގައި،"
ބޮންޑެ ވަނީ އިންތިހާބުން ރައީސް ނަޝީދުގެ ފެކްޝަން ބަލިވި ކަމަށް ބުނާ ބުނުމަށްވެސް ވަރުގަދަ އަށް ރައްދު ދެއްވާފައެވެ. ބޮންޑެ ވިދާޅުވި ގޮތުގައި ބަރުލަމާނީއަށް ތާއީދު ކުރާ ކެންޑިޑޭޓުންނަށް ތާއީދު ކުރައްވާ ކަމަށް ނަޝީދު ހާމަކުރެއްވުން ފިޔަވައި އެމަނިކުފާނު ކެމްޕޭންގައި އަމަލީ ގޮތުން ނޫޅުއްވަ އެވެ. އެ މަސައްކަތް މިފަހަރު ހަަވާލު ކުރެއްވީ "ބެންޗު" ޓީމާ އެވެ. އެ ޓީމުގެ އެއް ކެޕްޓަނަކީ ބޮންޑެ ކަމަށް ވިދާޅުވި އެވެ.
މި ފަހަރުގެ އިންތިހާބަށް ރައީސް ނަޝީދު އިސްވެ ވަރުގަދަ ކެމްޕޭނެއް ކުރެއްވިނަމަ ނަތީޖާ މާބޮޑަށް އެނބުރުނީސް ކަމަށްވެސް ވިދާޅުވި އެވެ.
"މިފަހަރު ކެމްޕޭން މި ހިންގީ ރައީސް ނަޝީދުގެ ބެންޗު ޓީމުން އިނގޭތޯ. އެމަނިކުފާނުގެ ކެޕްޓަން ބޭންޑް މި އެޅީ އަޅުގަނޑު މިފަހަރު. ދެން ވިސްނަވާ ފުލް ޓީމު އަރައިގެން ވަރުގަދަ ކެމްޕޭނެއް ހިންގި ނަމަ ނިކުންނާނެ ނަތީޖާ. މި އެމްޑީޕީން ރައީސް ނަޝީދު ބަލި ނުކުރެވޭނެ. އެއީ ކަށަވަރު ކަމެއް. ހަގީގަތުގައި މިހާރު މި ފެންނަނީ އެމްޑީޕީގެ ތެރޭގައި ބަރުލަމާނީ އަށް އޮތް ތާއީދު ބަލައިނުގަނެވިގެން ހަޑި ހާވާ ބޮޑާ ހާކާ މަންޒަރު،" ބޮންޑެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރަށް ރައްޔިތުންވެސް އަދި އެމްޑީޕީގެ މެންބަރުންވެސް ނޫނެކޭ ބުނީ ވެރިކަމަށް އައިސް ކުރަން ވައުދުވީ އެއްވެސް ކަމެއް ނުހިނގާތީ އެވެ. އަދި މަގު ހަދާ، ނަރުދަމާ އަޅާ ކަމަށް ބުނެގެން ރައްޔިތުންގެ ތާއީދު ނުލިބޭނެ ކަމަށް ވިދާޅުވެ ފަސްގަނޑު ޖެހުމާއި މަގުގައި ގާ އެތުރުމާއި ބަނދަރު ފުން ކުރުމަކީ ވެރިކަމެއް ނެތަސް ހިނގާނެ ކަންކަން ކަމަށް ވިދާޅުވި އެވެ.
"ސަރުކާރަށް ބާރު އޮވެ އެ ބާރުތައް ދޫވެގެންދާ ތަން މި ފެންނަނީ،"
އެމްޑީޕީގެ ބޮޑު އިންތިހާބުން ކުރި ހޯދި ބަޔަކާ މެދު ކުރެވޭ ބަހުސް އަދިވެސް އޮތީ ކުރިއަށެވެ. ނަމަވެސް ބަހުސްގެ ވަކި ހިސާބަކުން ހަގީގީ ނަންބަރު އަދި ސާފުވާނެ އެވެ. އެއީ ގައުމީ މަޖިލީހުގެ މަސައްކަތްތައް ރަނގަޅަށް ފަށައިގަނެވި އެ މަޖިލީހުން ނިންމުންތައް ނިންމަން ފެށުމުންނެވެ.
މިހާރުހެން ރައީސް ނަޝީދުގެ މައްސަލަތައް އެޖެންޑާ ކުރުމުން ގައުމީ މަޖިލީހުގެ ކޯރަމް ހަމަނުވެ ބައްދަލުވުންތަކަށް ފިނި ތަރުހީބެއް ލިބޭނަމަ މަންޒަރު ސާފުވީ އެެވެ. އަދި ޕްރައިމަރީއެއް ނެތި ރައީސް ސޯލިހަށް ދެވަނަ ދައުރެއްގެ ޓިކެޓް ހޯދުމުގެ މަސައްކަތް ގައުމީ މަޖިލީސް ތެރެއިން ފެށި އެކަން ކާމިޔާބު ވެއްޖެނަމަ ކޮންޓްރޯލް އޮތް ބޭފުޅެއް މާބޮޑަށް ޔަގީންވީ އެވެ.
އެއާ ހިލާފަށް އެއިން އެއްވެސް ކަމެއް ނުނިމި ވާދަވެރިކަމުގައި މައްސަލަ އިތުރަށް ގޯސްވެއްޖެނަމަ ޕާޓީ އާއި ގައުމީ މަޖިލީހުގެ ކޮންޓްރޯލް ހޯދަން އައު މަސައްކަތްތަކެއް ދެ ރައީސުން ވެސް ކުރައްވަން ޖެހިވަޑައިގަންނަވާނެ އެވެ. އެހެންކަމުން އެ ވަގުތަކަށް އިންތިހާބުގެ ނަތީޖާ ސާފުކުރަން މަޑުކޮށްލާން ޖެހެ އެވެ.