ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ފްރަންޓްލައިނަށް އޮތީ ޝުކުރުވެރި ހިތެއް!

ވިހިވިއްސަކީ ނަޔާ، ފާގަތި އަހަރެއް ކަމަށް އެންމެން ދެކުނެވެ. ދެހާސް އަށާރައިގެ އާ ސަރުކާރާއި 2019 އިގެ މަޖްލިސް އިންތިހާބާއެކު ސިޔާސީ ކަންކަން ހަމައަކަށް އެޅޭނެ ކަމުގައި އުއްމީދު ވެސް އޮތެވެ. ސިޔާސީ އޮއިވަރުގައި ޖެހިގެން ހިނގާ އެކި އެކި ހަމަނުޖެހުން މަދުވެ އަމާންކަމާއި ގާއިމުވާނެ ކަމަށް އުންމީދު ކުރެވުނެވެ.

އެހެން އޮތް ނަމަވެސް ބޮޑު ތަސައްވަރުތަކާއި ގިނަ އުއްމީދުތަކަކާއެކު އައި 2020 ބަދަލު ވެގެން ދިޔައީ މުޅިން އެހެން ގޮތަކަށެވެ. އަހަރުގެ ކުރީކޮޅު ރާއްޖެ ލެއްގި ކޮވިޑް-19 އާއެކު އާއްމު ސިއްހަތުގެ ނުރައްކަލެއްގެ ތެރެއަށް ގޮސްް އިގްތިސޯދީ ގޮތުންނާއި އިޖްތިމާއީގޮތުން ވެސް ދެރަށް ހާލަތަކަށް ރާއްޖެ ހިނގައިދާނެ ކަމަށް އެއްވެސް ބަޔަކު ކުރިން ހީކޮށްފައެއް ނެތެވެ.

ބަލި ފެތުރި އުތުރާއި ދެކުނަށް ދުއްވައިގަތުމުން "ފްރަންޓްލައިން" އަށް ހިދުމަތްތެރިން ނުކުންނާން ޖެހުނެވެ. ޑޮކްޓަރުންނާއި ނަރުހުންނެވެ. ލެބޯޓަރީ ޓެކްނީޝަނުންނެވެ. ރެޕިޑްރެސްޕޮންސްގައި ސާމްޕަލް ނެގުމަށް މަސައްކަތް ކުރާ މީހުންނެވެ. ދަރުމަވެރިންނެވެ. ފުލުހުންނާއި ދިފާއީ ބާރުގެވެރިންނެވެ. ފަރުތުވެރި ކަމަށް ބަރޯސާވާ ގައުމުގެ މައި ދޮރާށި އެއާޕޯޓްގައި މަސައްކަތް ކުރާ ފަރާތްތަކެވެ.ސީދާ ބަލި މީހުންނަށް ހިދުމަތް ނުދިން ކަމުގައިވިޔަސް އެތައް ބަޔަކު ފްރަންޓްލައިންގައި ހިމެނެ އެވެ.

ރަސްމީގަޑީގައި ކުރާ މަސައްކަތުގެ އިތުރުން ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުން ބަލި މީހުންނަށް ބޭނުންވާ އަޅާލުމާއި އޯގެތެރިކަން ފޯރުކޮށްދެމުން ދާ މަންޒަރު ފެނިގެން ދެއެވެ. މި ފަހުން ދައުރުވި އެއް ފޮޓޯއެއްގައި ހުޅުމާލޭ ފެސިލިޓީގައި ހެޒްމެޓް ސޫޓެއް ލައިގެން ހުރި ނަރުހެކު ފެނެ އެވެ. އޭނާގެ ކައިރީގައި އުމުރުން ދުވަސްވީ އޭނާގެ ޕޭޝަންޓް އިށީނދެ އިނީ އޮއްވަޅުގޮނޑި ކުޅޭށެވެ. ބަލިމީހާގެ ސިއްހަތަކީ ޖިސްމާނީ ދުޅަހެޔޮ ކަމުގެ އިތުރުން އޭނާގެ ނަފްސާނީ ދުޅަހެޔޮކަން ވެސް ދަނެގެނެެވެ. މިއީ ވައިރަލްވި އެއް ފޮޓޯގަނޑެވެ. އެންމެ ނަރުހެކެވެ. އާދަޔާ ހިލާފު ހިއްވަރެކެވެ.

ކޮވިޑް-19 އިގެ ނަމްބަރުތައް މަތިވެ ކޭސް އިތުރުވެފައިވާ އިރު ބައެއް ނަރުހުން އެމީހުން އުޅެންޖެހިފައިވާ ޝެޑިއުލްގެ ބިޒީ ކަމުން މިދިއަ ހަ މަސްތެރޭ ހަށިގަނޑުގެ ބަރުދަން ލުއިވެފައި ވެއެވެ. އެއިން އެކަނި ވެސް ފްރަންޓްލައިންގެ ގުރުބާނީ އެނގެ އެވެ. ފްރަންޓްލައިން ދައްކާ އާދަޔާ ހިލާފު ހިތްވަރާއި ގުރުބާނީއަށް ފަހުރުވެރިއެއް ނުވޭހެއްޔެވެ؟

ކޮވިޑްގެ "ސަކަރާތު" ގައި ހަ މަސް ވެފައިވާއިރު ފްރަންޓްލައިންގައި މަސައްކަތަށް ހެޔޮ ބަހެއް ނުބުނާހެން ހީވެދާނެ އެވެ. ނަމަވެސް، އާއްމުން ފްރަންޓްލައިންގެ މަސައްކަތް ބަލައިގަނެ އެވެ. ބޮޑު ޒިންމާއަކާއެކު ސަލާމަތުގެ އައްސޭރިއަށް ގެންގޮސް ދޭން މަސައްކަތްކުރާއިރު ގުރުބާނީ ހަނދާން ކުރެ އެވެ. ބައެއް ފަހަރަށް މަގުމަތިން ހިނގާފައިދާއިރު ވެސް އެ މަންޒަރު ފެނެއެވެ.

ހެންވޭރުގައި ހުރި ގެއެއްގެ ދޮރާށިގެ ބޭރުގައި އަތުލިޔުމެއް ލިޔެފައިވާ ބްރިސިލްބޯޑެއް ތަތްކޮށްފައި ވެއެވެ. އެ ބޯޑުގައި ލިޔެފައި ވަނީ "އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން އަހަރުމެންގެ ފުރާނަ ސަލާމަތް ކުރުމަށް މަސައްކަތް ކުރާ ހުރިހާ ފްރަންޓްލައިން ސްޓާފުންނަށް ޝުކުރިއްޔާ" އެވެ. ހިތުގެ އެންމެ ފުންމިނުން ފްރަންޓްލައިންނަށް ޝުކުރު އަދާ ކުރަން އެގޭ މީހުން ތަތްކޮށްލި ބްރިސިލް ބޯޑާއެކު މަގުމަތިން ހިނގާފައިދާ މީހުނަށް އެ މެސެޖު ލިބެ އެވެ. އަދި ޝުކުރުވެރި ކަމާއެކު އެންމެނަށް ވެސް އެ ދިމާއަށް ބަލައިލެވެ އެވެ.

ފްރަންޓްލައިން މަސައްކަތް އަގުވަޒަން ކޮށްފައިވާ އެހެން ސަޅި ގޮތެއް ވެސް ފާހަގަވި އެވެ. މިފަހަރު ކޭކް އަޅާ މީހެެކެވެ. ސެލެބޭކްޝަންބައިފިރޫ ގޭގައި އަޅާ ކޭކް ރަހަ ހެޔޮވަރު ކޮށްލާ ނިންމާލާ ކޭކްގެ ޒީނަތްތެރި ކުރުމަށް ބޭނުން ކުރަނީ ފްރަންޓްލައިނަށް ޝުކުުރު އަދާ ކޮށްފައި ލިޔާ މެސެޖެކެވެ.

އާދައިގެ ސިމްޕަލް މިނިމަލް ގޮތަކަށް ކުރެހުމާއެކު މި ކޭކް ވިއްކަނީ އާއިލާ ތެރެއިން ވެސް އާއިލާ ބޭރުން ވެސް ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންގެ އަގުވަޒަން ކުރުމަށް ކޮންމެވެސް ސަޅި ގޮތަކަށް މެސެޖެއް ފޮނުވާލުމާށެވެ.

ބައެއް ކޭކުތަކުގައި ޑޮކްޓަރެއްގެ ސިފަ ގެންނަން އައުޓްލައިނެއް އަޅައި ލިޔެފައި ވަނީ "ސަމް ހީރޯސް ވެއާ ޕީޕީއީ." ނުވަތަ "ވީ ސެލިއުޓް ޔޫ" އަދި "ފަސްގަނޑާ ދީނާ ގައުމަށްޓަކާ" ފަދަ އިބާރަތްތަކެވެ.

ފެންނަ މަންޒަރުތަކުން ފްރަންޓްލައިނަށް ހިތްވަރުދޭނެ ބަޔަކު އެބަތިބިކަން އެނގެ އެވެ. ބުރަ މަސައްކަތް އަގު ވަޒަންކޮށް ތަފާތު ގޮތްގޮތަށް ފްރަންޓްލައިނަށް މެސެޖު ދެނީ ޝުކުރުވެރި ހިތަކާއި އެކުގަ އެވެ. ދަތި އުނދަގޫ ވަގުތު މިއީ ނުހަނު ބޭނުން ވެސް ކަމެކެވެ.