މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންގެ ވަޒީފާއަށް ހުޅުވާލައިފި

Sep 10, 2020
1

ފުލުހުންގެ ވަޒީފާއަށް ފުރުސަތު ހުޅުވާލައި އެކަން އިއުލާން ކޮށްފި އެވެ. މި ފުރުސަތު އަންނަ މަހުގެ 15 އާ ހަމައަށް އޮންނާނެ އެވެ.

ފުލުހުންގެ އިދާރާއިން ބުނި ގޮތުގައި ފުލުސް ވަޒީފާއަށް އެެދެވޭނީ ގްރޭޑް 10 ގެ ފެންވަރު ހުރުމާއެކު ފުލުހަށް ބޭނުންތެރި ފަންނީ ދާއިރާއަކުން ތިން މަހަށްވުރެ ކުރު ނޫން ކޯހެއް ފުރިހަމަކޮށް ފާސްވެފައިވާ 18 އަހަރާއި 25 އަހަރާ ދެމެދުގެ މީހުނަށެވެ.

އަދި އެއީ ފިރިހެނެއްނަމަ އިސްކޮޅުގައި 5 ފޫޓް 1 އިންޗި، އަންހެނެއް ނަމަ 4 ފޫޓް 8 އިންޗި ހުންނަ މީހުނެވެ.

  • ފޯމް ހުށަހެޅުން އޮކްޓޯބަރު 15 ވަނަ ދުވަހަށް
  • އީމެލްއަށް ފޯމް ފޮނުވޭނެ، [email protected]
  • ހުސައިން އާދަމް ބިލްޑިންގަށް ފޯމް ލެވޭނެ
  • ފުލުހުންގެ ވެބްސައިޓް ފޯމް ލިބޭނެ

ފުލުސް ވަޒީފާގެ ޝަރުތުތަކުގެ ތެރޭގައި އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް އަދި ވައްކަމާއި ޓެކުމާއި މަކަރާއި ހީލަތާއި މަސްތުވާތަކެތި ބޭނުންކުރުމާއި އޭގެ ވިޔަރިކުރުމާއި ހިޔާނާތެއް މިދިއަ ފަސް އަހަރު ތެރޭ އެ މީހާގެ މައްޗަށް ޝަރީއަތުގައި ސާބިތުވެފައިވާ އޮވެގެނެއް ނުވާނެ އެވެ.

ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި މަސްތުވާ އެއްޗަކުން އެކަހެރިވާން ފަރުވާހޯދާފައިވާ ފަރާތަކަށް ނުވުމާއި އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހަކަށް ނުވުމާއި ފުލުހުންގެ ތަމްރީންތައް ފުރިހަމަ ކުރެވޭ ފަދަ ސިއްހަތެއްގައި ހުރި މީހަކަށް ވެސް ވަޒީފާއަށް އެދޭ މީހާ ވާން ޖެހެ އެވެ.

ހަބަރު އިސްލާހުކޮށް މާފަށް އެދިފައި

މި ހަބަރު ފުރަތަމަ ޝާއިއު ކުރި އިރު "5 ފޫޓަށްވުރެ ކުރު ނޫން މީހުނަށް ފުލުސް ވަޒީފާ" އެގޮތަށް ސުރުހީ ޖަހައި ހަބަރުގައި އަންހެނުންނަށް ވަޒީފާ ލިބޭނީ ފަސް ފޫޓަށް ވުރެ ކުރު ނުވާނަމަ ކަމަށް ލިޔެފައި އޮތީ ފުލުހުންގެ އިދާރާއިން ފުރަތަމަ އާންމު ކުރި "ފެކްޓް ޝީޓް" ގައި އެގޮތަށް ބަޔާން ކޮށްފައި އޮތުމުންނެވެ. ނަމަވެސް ފަހުން ފުލުހުން ވަނީ އެ މިންގަނޑު ބަދަލުކޮށްފަ އެވެ. މިހާރު އޮތް ގޮތުން އަންހެނެއް ނަމަ އިސްކޮޅުގައި ހުންނަން ޖެހޭނީ 4 ފޫޓް 8 އިންޗި އެވެ. އަދި ފިރިހެނެއް ނަމަ 5 ފޫޓް 1 އިންޗި އެވެ، ކުރިން ފިރިހެނުންގެ އިސްކޮޅެއް ކަމަށް އޮތީ ފަސް ފޫޓުް ތިން އިންޗި އެވެ. ވީމާ ހަބަރަށް ގެންނަން ޖެހުނު މި ބަދަލަށްޓަކއި ކިޔުންތެރިންގެ ކިބައިން މާފަށް އެދެމެވެ.