ލައިފްސްޓައިލް

ރޭގަނޑު އަށަކުން ދިހައަކަށް!

މިއީ އަހަރުމެން ވެސް ތަޖުރިބާކުރާ ވަރަށް އެހެން ކަަހަލަ ދުވަސްވަރެކެވެ. ރައްޓެއްސަކާއި އެއްކޮަށް ބޭރަށް ޖެހިލިއަސް ކޮފީއަކަށް ދިޔައަސް ކޮންމެ ކަމެއް ކުރިޔަސް މިއީ ބޮލުތެރޭ އެއް ހިޔާލުތަކެއް ދައުރުވާ ދުވަސްވަރެކެވެ. މުޅީންމެ ކޮވިޑް ވައިރަސްގެ ވާހަކަ އާއި ހިޔާލުތަކެވެ. ގެއިން ނުކުމެވެނީ ވައިރަސް ހިފައިގެންތޯ އަދި އެނބުރި ގެއަށް އާދެވެނީ ވަރަހާއެކުގައިތޯ މި ސުވާލުތައް ބޮލުތެރޭގައި އެނބުރެ އެވެ. އެހެންވެ އަބަދުވެސް ޖެހިލުންވެ، ހިތް ނުތަނަވަސްކޮށްލަ އެވެ. މިހުރިހާ ކަމަކާއި ދުރަށް ދެވޭ އެއް ކަމެއް އެބައޮވެ އެވެ. އެއީ ދުވެލައި ބާރަށް ހިނގާލައި ކަސްރަތުކޮށްލުމެވެ. ކަސްރަތަކީ މީހާގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮ ކަމަށް ބޮޑު ބަދަލެއް ގެނުވައި ހަށިގަނޑަށް ފައިދާތައް ކޮށްދޭ ކަމެކެވެ.

ގޭގައި ވިޔަސް ބޭރަށް ނުކުމެލައިގެން ނަމަވެސް ހަށިގަނޑަށް ބޭނުންވާ ކަސްރަތު މި ދުވަސްވަރު ހޯދު ވަރަށް މުހިއްމެވެ. ޑޮކްޓަރުން ދެއްވާ ލަފައަކީ ވެސް އެއީ ވެ. ކަސްރަތުން އެންޒައިޓީ އާއި ސްޓްރެސް އިން މީހާ އެއްފަރާތް ކޮށްލައިދެ އެވެ. މިހާރު މާލެތެރެއަށް ބަލާއިރު ވެސް މިކަން ވަރަށް ބޮޑަށް ފާހަގަ ވެއެވެ. މެންދުރުގެ އެންމެ އަވި ބާރު ވަގުތު ފިޔަވައި ހުރިހާ ވަގުތެއްގައިހެން މާލޭގެ ރިންގްރޯޑުގައި ކޮންމެވެސް ބަޔަކު ދުވުމުގައި ނުވަތަ ބާރަށް ހިނގުމުގައި ނޫޅޭ އިރެއް ނުދެ އެވެ.

ލޮކްޑައުންގެ ހާސްކަމާއި އައިސޮލޭޝަންގެ ބަންދުކަމުން ނުކުމެ ހަށިފުރާ ނޭވާއެއް ލާން ބޭނުންވެފައި ތިބި އެތައް ބަޔަކު ދުވާ ބޫޓު ނަގައިގެން ހިރަފުސް ފޮޅާލައިފި އެެވެ. އާ އަޒުމަކާއި އާ ހިތްވަރަކާއެކު ކަސްރަތު ކުރަން ފަށައިގެންފި އެވެ. އާއްމުކޮށް މީހުން ދާ ގަޑިއަކީ ފަތިހާއި ހަވީރު ކަމުގައިވިޔަސް މި ދުވަސްވަރު ރޭގަނޑު 8:00 އިން ފަށައި 10:00 ޖެހުމާ ދެެމެދު އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑީގައި ދުވާ މީހުނާއި ހިނގާ މީހުނަށް އޮންނަނީ އީދެއް އައިސްފަ އެވެ. ވަށައިގެން އޮންނަ މަގުގައި ހަމަ އެހެމެންހެން ދުވަނީ އެވެ. އެތެރޭގެ މަގުތަކުގައި އާއިލާތައް ހިނގަނީ އެވެ.

އެ ގަޑީގައި ބޭރަށް ނުކުމެލައި ރިންގް ރޯޑަށް އަރާލައިފި ނަމަ އެތައް ބައިވަރު މީހުނެއް ދުވާ މަންޒަރު ނޫން އެހެން ގިނަ މަންޒަރުތަކެއް ނުފެނެ އެވެ. ކޮންމެ މީހަކު ވެސް ރައްޓެހި ދެތިން މީހާކާއި އެކުއެވެ. އެހެންނާ މަަންމަ އާއި ދަރިފުޅެވެ. ނޫނީ ދެމަފިރިން، ދެ އަވަށްޓެރިންނެވެ. އެކީގަ އާއި ވަކިވަކީންނެވެ. އެމީހަކު އެމީހެއްގެ އިސްޕީޑްގަ އެވެ. ކޮންމެ މީހަކު ވެސް ބޭނުން ވަނީ ހަށިގަނޑާއި ސިކުނޑިއަށް ކޮންމެވެސް ކަހަލަ ލުއެއް ހޯދާށެވެ.

"ފާޑެއްގެ ކާފިއު" އެއް އޮންނަ މި ވަގުތު އެއްގަމު އުޅަނދު މަދުވުމުން ވަރަށް ހަމަޖެހިލައިގެން މާލެ ވަށައި ނޫނީ އެމީހެއް ދުވުމުގެ ރޫޓު ރާވާފައި އޮންނަ ގޮތަކަށް ދުވެލެވެ އެވެ. މަގުމަތީން އެހެންޏާ ފެންނަ ހަލަބޮލިކަމާއި ލައިނުގަނެ އަވަސް އަރުވާލައިގެން އުޅޭ އިހުސާސެއް އެ ގަޑީގައި ނުކުރެވެ އެވެ. އެއް އަޑަކަށް އިވެނީ ކޮންމެ މީހެއްގެ ދުވުން ޓްރެކް ކުރަން ބޭނުން ކުރާ އެޕުން އެމީހެއްގެ ދުވުމުގައި އެވަގުތަކު އޮތް ހިސާބު ބުނެލައިދޭ އަޑެވެ. ނުވަތަ ހަށިގަނޑުގެ ހުރިވަރެއް ލާފައި ދުވާއިރު މާނޭވާލާ އަޑެވެ.

އެ ގަޑީގައި ވެސް މުޅި މަގު އެއް އަޑުކޮށްލާފައި ދާ އެމްބިއުލެންސެއް ދެ އެމްބިއުލާންސެއް ފެނެ އެވެ. އެއިން އުޅަނދެއް ފެނުމާއެކު އަަހަރުމެންނަށް ޖެހިގެން މިއުޅޭ ބޮޑުކަންތައްގަނޑާ މެދު ފިކުރު ކުރެވެން ފަށަ އެވެ.

ރޭގަނޑު "އަށަކުން ދިހައަކަށް" ދުވާ މީހުންނަށް މަގު އޮންނަނީ ހިތަކަށް ލިބިފަ އެވެ. އެއްބަޔަކު ހަމައެކަނި ތާރު އެޅި މަގުގައި ދުވަން ހިޔާރު ކުރާއިރު އަނެއް ބަޔަކު އަރަނީ ބްރިޖަށެވެ. އަނެއް ބަޔަކު ދުވަހަށް ކަނޑައަޅާފައިވާ ކިލޯމީޓަރު ހަމަކޮށްލަން އިންޑަސްޓްރިއަލް ވިލެޖަށް މިސްރާބު ޖަހާއިރު ޒަމާންގަނޑަކަށް ފަހު މާލެ ވަށައި ދުވެލެވޭތީ އެ އުފާ ހޯދަން ވެސް އެއްބަޔަކު ނުކުމެ އުޅެއެވެ.

ރޭގަނޑު ކަސްރަތަށް މިދުވަސްކޮޅު މީހުން ނުކުންނަވަރު ކުރިޔަށްވުރެ ގިނައިރު ސަމާލުކަން ދޭންވީ ބައިވަރު ކަންކަން ވެސް އެބަހުއްޓެވެ. އެއްކަމީ ގިނަ މީހުން ދުވާއިރު އަދި މާސްކް ނާޅާ އެއްފަހަރާ މަގުމަައްޗަށް ނުކުމެ ދުވާއިރު ގައިދުރު ކޮށްލުމެވެ. ކޮންމެ ކޮޅަކަށް ދުވިޔަސް ވީހާވެސް ވާތް ފަޅިން ދުވާށެވެ. އެހެން މީހުންނަށް ޖާގަ ދޭށެވެ. ގުރޫޕު ގުރޫޕުގެ ބަދަލުގައި ވަކި ވަކީން އުޅޭށެވެ. ބަލީގެ އަލާމަތެއް ހުރިނަމަ މަގުމަތީގައި އުޅުމުގެ ބަދަލުގައި "އަށަކުން ދިހައަކަށް" ވެސް ގޭގައި މަޑުކޮށްލާށެވެ.