ހަބަރު

ޖިންސީ ގޯނާގެ މައްސަލަތަކަށް މަޑުޖެހުމެއްނެތް

Sep 15, 2020
1

ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގައި، މިދިއަ މަހުވެސް އެފަދަ ގިނަ މައްސަލަތަކެއް ރިޕޯޓުކޮށްފައިވާކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

މިދިއަ މަހު އެ މިނިސްޓްރީއަށް ހުށަހެޅި މައްސަލަތަކުގެ ތަފާސްހިސާބު މިއަދު އާއްމުކޮށްފައިވާއިރު ޖުމްލަ 184 މައްސަލައިގެ ތެރޭގައި ގިނައީ ޖިންސީ ގޯނާ ކުރުމާއި ރޭޕްގެ މައްސަލަތަކެވެ.

ކުޑަކުދިންނާ ގުޅޭ 103 މައްސަލައެއް މިދިއަ މަހު ހުށަހެޅިފަައިވާއިރު އޭގެ ތެރެއިން 36 މައްސަލައަކީ ޖިންސީ ގޯނާކޮށްގެން ހުށަހެޅި މައްސަލަތަކެވެ. ދެން އެންމެ ގިނައީ ކުޑަކުދިންނާމެދު އިހުމާލު ވުމުގެ މައްސަލަތަކެވެ.

އަދި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އާއި ގެވެށި އަނިޔާގެ 28 މައްސަލައެއްވެސް މިދިޔަ މަހު ރިޕޯޓުކޮށްފައިވެ އެވެ.

އޭގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ނަފްސާނީ އަނިޔާ ކުރުމާއި އަނގަބަހުން ކުރެވޭ އަނިޔާތަކާއި، ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ.

މިގޮތުން، ނަފްސާނީ އަނިޔާގެ 10 މައްސަލައަކާއި ޖިސްމާނީ އަނިޔާގެ 10 މައްސަލައެއް މިދިޔަ މަހު ރިޕޯޓުކޮށްފައިވާއިރު ރޭޕްގެ ތިން މައްސަލައެއްވެސް ހިމެނެ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިއަ މަހު 22 އަންހެނަކާއި ހަ ފިރިހެނަކަށް ވަނީ މި މައްސަލަތައް ކުރިމަތިވެގެން ރިޕޯޓުކޮށްފަ އެވެ.

ޖިންސީ ގޯނާކުރުމުގެ މައްސަލަތައް މިފަހަކަށް އައިސް އިތުރުވެފައިވާއިރު އެކަމާ ދެކޮޅަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޒާހަރާވެސް ވަނީ ކޮށްފަ އެވެ.

އެއާއެކު ސަރުކާރުން އިސްނަގައިގެން ރައްޔިތުންގެ މަޖިލީހުން މިދިއަ މަހު ވަނީ ރޭޕް ކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ބޮޑު ކުށަކަށް ހަދަން ޖިނާއީ އިޖުރާއަތުގެ ގާނޫނު އިސްލާހުކޮށްފަ އެވެ.