ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އަގު ކޮންޓްރޯލްކުރި ތަކެތި ގަތީވެސް ބޮޑު އަގުގައި

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ފެސިލިޓީތަކުގައި ތިބި މީހުންނާއި ހާލުގައި ޖެހުނު މީހުންނަށް ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަށް ތަކެތި ގަތްއިރު ސަރުކާރުން އަގު ކޮންޓްރޯލްކޮށްފައިވާ ބާވަތްތައްވެސް ބޮޑު އަގުގައި ގަނެފައިވާ ކަމަށް އޮޑިޓަރު ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

އެ އޮފީހުން މިއަދު ވަނީ އެންޑީއެމްއޭއިން ކޮވިޑްގެ ބަލިމަޑުކަމުގައި ކޮށްފައިވާ ހަރަދުތަކާއި އެ ހަރަދުތައް ކޮށްފައިވާ ގޮތުގެ ތަފްސީލްތައް ހިމަނާ ކޮންޕްލަޔަންސް އޮޑިޓް ރިޕޯޓް އާންމުކޮށްފައެވެ. އެ ރިޕޯޓްގައި އެ އޮތޯރިޓީން ގޯސްކޮށް ކޮށްފައިވާ ގިނަަ ކަންތައްތަކެއް ވަނީ ފާހަގަކޮށްފައެވެ. އަދި އެކަންކަމާއި ގުޅިގެން ގިނަ ކަންތައްތަކެއް އިސްލާހުކުރަން އަންގާފައިވެއެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ފެސިލިޓީތަކުގައި ތިބި މީހުންނާއި ހާލުގައި ޖެހުނު މީހުންނަށް ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަށް ތަކެތި ގަތްއިރު ސަރުކާރުން އަގު ކޮންޓްރޯލްކޮށްފައިވާ ބާވަތްތައްވެސް ބޮޑު އަގުގައި ގަނެފައިވާ ކަމަށެވެ. އެގޮތުން ހަނޑޫ، ހަކުރު، ފުށް އަދި ފިޔާ އާއި މުގު ގަނެފައިވަނީ ސަރުކާރުން ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުކޮށް ކަމަށެވެ. އަދި އާންމުކޮށް މުދާ ލިބެން ހުންނަ އަގު ތަކަށް ވުރެ ބޮޑު އަގުގައި ތަކެތި ގަނެފައިވާ ކަމަށެވެ.

އެގޮތުން ވަޅޯމަހާއި މަސްދަޅު، ރިހާކުރު، ހިކި މިރުސް، ކަނޑުމަސްފަދަ ބާވަތްތައް ގަނެފައިވަނީ އާންމުކޮށް މުދާ ލިބެން ހުރި އަގަށްވުރެ މާބޮޑު އަގެއްގައި ކަމަށް ވަނީ ފާހަގަކޮށްފައެވެ. އޮޑިޓް ރިޕޯޓްގައި ގަނެފައިވާ ބާވަތްތަކާއި އެ ތަކެތި ގަތް އަގު އަދި ބާޒާރުގައި އާންމުކޮށް އެ ތަކެތި ލިބެން ހުންނަ އަގުތައް ހިމަނާފައިވެއެވެ. އާންމުކޮށް މުދާ ލިބެން ހުންނަ އަގު ތަކަށް ވުރެ ބޮޑު އަގުގައި ތަކެތި ގަތުމުން 224,546 ރުފިޔާ އިތުރަށް ހަރަދުކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.

އޮޑިޓް ރިޕޯޓްގައި ވަނީ ސަރުކާރުން އަގު ކޮންޓްރޯލްކޮށްފައިވާ ބާވަތްތަކުގެ ތެރެއިން ބޮޑު އަގުގައި ގަނެފައިވާ ތަކެއްޗަށް އިތުރަށް ދައްކާފައިވާ ފައިސާ އަނބުރާ ހޯދުމަށް އަންގާފައެވެ. އަދި ބޮޑު އަގުގައި ތަކެތި ވިއްކި މީހުންނާއިމެދު ފިޔަވަޅު އެޅުމަށްވެސް ވަނީ އަންގާފައެވެ.

ސަރުކާރުން އަގު ކޮންޓްރޯލްކޮށްފައިވާ ބާވަތްތައް ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުކޮށް ވިއްކަމުންދާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އަންގާފައެވެ. އޭޕްރީލް މަހުގެ 22 ވަނަ ދުވަހު އެންގި އެންގުމުގައި ބުނެފައިވަނީ އެ މިނިސްޓްރީން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުކޮށް އަގު ކޮންޓްރޯލުކޮށްފައިވާ މުދަލެއް ވިއްކައިފި ނަމަ ހިލާފުވާ ފުރަތަމަ ފަހަރު، އެ ފަރާތެއް އެންމެ ގިނަ ވެގެން 100,000 (އެއްލައްކަ) ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. އަދި، ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު އެ ފަރާތް އެންމެ ގިނަވެގެން 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކޮށް، އަދި ހަ މަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ވިޔަފާރި ކުރާ ތަން ބަންދުކުރުމަށް އެންގޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.