ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އޮޑިޓްގައި ފާހަގަކޮށްފައިވާ ކަންކަން އެންޑީއެމްއޭއިން ދޮގުކޮށްފި

އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު އޮތޯރިޓީގެ ކޮވިޑް-19 ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައިވާ ކަންކަން އެ އޮތޯރިޓިން ދޮގުކޮށްފި އެވެ.

އޮޑިޓް ރިޕޯޓާއި ގުޅިގެން އެންޑީއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮތޯރިޓިން ބުނީ އޮޑިޓުގައި އެ މައުލޫމާތު ހިމަނާފައި ވަނީ ބަލަން ޖެހޭ ވަރަށް ނުބަލައި ކަމަށާއި ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅޭގޮތަށް ކަމަށެވެ.

އެންޑީއެމްއޭއިން ކޮވިޑްގެ ބަލިމަޑުކަމުގައި ކޮށްފައިވާ ހަރަދުތަކާއި އެ ހަރަދުތައް ކޮށްފައިވާ ގޮތުގެ ތަފްސީލްތައް ހިމަނާ ކޮންޕްލަޔަންސް އޮޑިޓް ރިޕޯޓް ވަނީ އާންމުކޮށްފަ އެވެ. އެ ރިޕޯޓްގައި އެ އޮތޯރިޓީން ގޯސްކޮށް ކޮށްފައިވާ ގިނަަ ކަންތައްތަކެއް ވަނީ ފާހަގަކޮށްފައެވެ. އަދި އެކަންކަމާއި ގުޅިގެން ގިނަ ކަންތައްތަކެއް އިސްލާހުކުރަން އަންގާފައިވެއެވެ. މީގެ ތެރޭގައި ފެސިލިޓީތަކަށް ކާބޯތަކެތި ފޯރުކޮށްދީފައި ވަނީ ސަރުކާރުން ކަނޑައަޅާފައިވާ ކޮންޓްރޯލްޑް އަގުތަކަށްވުރެ ބޮޑު އަގުގައި ކަމާއި، އާންމުކޮށް ތަކެތި ގަންނަން ލިބެން ހުންނަ އަގަށްވުރެ އެތައް ގުނައެއް ބޮޑު އަގުގައިކަން ވަނީ ފާހަގަ ކޮށްފަ އެވެ. އަދި ފެސިލިޓީތަކަށް ނަގާ ރިސޯޓްތަކަށް ކޮންމެ ކޮޓަރިއަކަށް ސަރުކާރުން ދުވާލަކު ހަރަދުކުރަނީ 750 ރުފިޔާ ނަމަވެސް އެއް ރިސޯޓަަކަށް ދުވާލަކަށް 840 ރުފިޔާގެ މަގުން ބިލްކޮށްފައިވާ ކަމަށްވެސް އެ ރިޕޯޓުގައު ފާހަގަކޮށްފައިވެ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހިސާން ހަސަން ވިދާޅުވީ އެ އޮތޯރިޓީން ވަނީ ފެސިލިޓީތަކަށް ނަގާ ރިސޯޓްތަކަށް ކޮންމެ ކޮޓަރިއަކަށް ސަރުކާރުން ދުވާލަކު ހަރަދުކުރަނީ 750 ރުފިޔާ ނަމަވެސް އެއް ރިސޯޓަަކަށް ދުވާލަކަށް 840 ރުފިޔާގެ މަގުން ބިލްކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވީނަމަވެސް އެކަން ރިޕޯޓްކޮށްފައިވާ ވަރަށް ބޮޑަށް އޮޅޭ ގޮތަށް ކަމަށެވެ. 840 ރުފިޔާގެ މަގުން ބިލްކޮށްފައިވަނީ މަލަހިނި ކުޑަ ބަނޑޮސް އަށް ކަމަށާއި އެއީ އެންމެ ފުރަތަމަ ކޮވިޑް ފެސިލިޓީސްގެ ގޮތުގައި ސަރުކާރަށް ނެގި ރިސޯޓު ކަމަށެވެ. އަދި އެ ރިސޯޓަށް އެވަރަށް ބިލްކޮށްފައިވަނީ ޓުއަރިޒަމް މިނިސްޓްރީ އާއި އެ ރިސޯޓާއި ދެމެދު ވެވުނު އެއްބަސްވުމުގައިވާގޮތުގެ މަތިން ކަމަށް ވިދާޅުވިއެވެ. އެކަމަކު އޭގެ ފަހުން އެ އެގްރިމެންޓް ބާތިލްކޮށް 750ރުފިޔާގެ ޜޭޓަށް ބަދަލުކޮށް އަލުން އެގްރިމެންޓެއް ހަދާފައިވާނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރަށް ޖީއެސްޓީ އަކީ އަނބުރާ ދައުލަތަށް އަންނަ ފައިސާއެއް ކަމުން އެ މުއާމަލާތުން ދައުލަތަށް ގެއްލުންވި ކަމަކަށްވެސް ދެކެވަޑައިނުގަންނަވާ ކަމަށް ހިސާން ވިދާޅުވި އެވެ.

މީގެ އިތުރަށް އޮޑިޓް ރިޕޯޓުގައި ކޮންޓްރޯލް އަގުތަކަށްވުރެ ބޮޑު އަގުގައި ކާބޯތަކެތި ފޯރުކޮށްދިން ކަމަށް ފާހަގަކޮށްފައިވަނީ ނުބައި އަގެއް ކަމަށް ވިދާޅުވިއެވެ.

އެންޑީއެމްއޭ އިން ހަނޑޫ، ހަކުރު، ފުށް، ފިޔާ އަދި މުގު ގަނެފައިވަނީ، އަސްލު ޖެހޭ ޖުމްލަ އަގަށްވުރެ 23،457 ރުފިޔާ އަގުބޮޑުކޮށް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ. މިކަމާ ގުޅިގެން ހިސާން ވިދާޅުވީ އެ މައްސަލަ އޮޑިޓުގެ މާކުރިން އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

"އޭގައި އުޅެނީ 23،000 ރުފިޔާގެ ތަފާތެއް ނޫން، އަސްލު ފަރަގު 28،000 ރުފިޔާއަށް އަރާނެ. އޮޑިޓުގެ މާކުރިން އެކަން އަޅުގަނޑުމެންގެ ސަމާލުކަމަށް އައިސް އެ ފައިސާ ވާނީ އަނބުރާ ހޯދާފަ." އޭނާ ވިދާޅުވި އެވެ.

އޮޑިޓްގައި ފާހަގަކޮށްފައިވާ މައްސަލަތަކަށް ބަލާއިރު މާލެ ސަރަހައްދުން އެކޮމޮޑޭޝަނަށް ހަމަޖެއްސި ގެސްޓްހައުސްތަކާއި އެކުު އެއްބަސްވުމެއް ހަދާފައި ނެތުންވެސް ވަނީ ފާހަގަކޮށްފައެވެ. އެއްބަސްވުމެއްނެތި 34 ގެސްޓް ހައުސްއެއްގައި މީހުން ބޭތިއްބުމަށް 16,737,338 ރުފިޔާ ހަރަދުކޮށްފައިވެއެވެ. އަދި ގެސްޓްހައުސްތަކުގައި ތިބި މީހުންގެ މައުލޫމާތުު ކަށަވަރު ނުކޮށް ބިލުތަކަށް ފައިސާ ދައްކާފައިވާކަމަށްވެސް ރިޕޯޓުގައި ވަނީ ބުނެފައެވެ.

ހިސާން ވިދާޅުވީ ޖޫން މަހުގެ ނިޔަލަށް 85 ގެސްޓްހައުސްއަކުން 1099 ކޮޓަރި ނަގާފައިވާ ކަމަށާއި ކޮޓަރިތަކުގައި ތިބީ 1777 މީހުން ކަމަށެވެ. މީހުން ނެތް ކޮޓަރިތަކަސް ފައިސާ ދައްކާފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ފާހަގަ ކޮށްފައިވީނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.

"ގެސްޓްހައުސްތަކުގައި މީހުން ބޭތިއްބުމުގެ އުސޫލެއް އަޅުގަނޑުމެން ކަނޑައެޅިން. އަދި އުސޫލުގެ ތެރެއިން މީހުން ބައިތިއްބަން ރޭޓުތައްވެސް ކަނޑައެޅިން. އެކަމަށް އެއްބަސްވެފައިވެސްވަން. އެނގިވަޑައިގަންނަވާނެ ހޮޓާތަކުން ހިދުމަތް ހޯދުމުގެ ކުރިން ހޯޓާތަކަށް މި މުއާމަލާތްކޮށް، ހޮޓާތަކުން ހޯދަން ބޭނުންވާ ހިދުމަތުގެ ކޯޓޭޝަން ލިބުނީމަ އެކަމަށް އެއްބަސްވެ ޕީއޯ ރެއިޒްކުރެވިގެން މީހުން ބޭތިއްބީވެސް. އަޅުގަނޑުމެން ކަނޑައެޅި އުސޫލުގެ ތެރެއިން ފުލް ބޯޑް، ޝެއާ ކުރާ ގޮތަށް، އަދި ރޫމް ލޯންޑްރީ ސާވިސްއާ ދުވާލަކަށް ހަމައެކަނި ކޮޓަރި ފަދަ ހިދުމަތްތަކަށް ރޭޓުތައްވެސް އުސޫލުގެ ތެރެއިން ވާނީ ކަނޑައެޅިފަ. އަދި މިހުރިހާ ގެސްޓް ހައުސްތަކާއި ރޫމްތަކުގެ މައުލޫމާތު އަޅުގަނޑުމެން ދިޔައީ އެޖެންސީތަކަށް އަންގަމުން." އޭނާ ވިދާޅުވި އެވެ.
"ވަކި ވަކި ރޫމް ނެގިފަހުން ފްރޮންޓްލައިންގަ މސައްކަތް ކުރި އަންހެން ކުދިން ވަނީ ރޫމް ޝެއާ ކޮށްފަ. އެއްކޮޓަރިން އަނެއް ކޮޓަރިއަށް ބަދަލުވީމަ ކުރިން މި ނެގި ކޮޓަރި ހުންނާނީ ހުސްކޮށްތާ. އެކަމަކު ބިލް ކުރާއިރު އެ ކޮޓަރިވެސް ލައިގެން ބިލް ކުރާނީ،" އޭނާ ވިދާޅުވި އެވެ.

ފެސިލިޓީގެ ސަބަބުން ދައުލަތަށް ގެއްލުމެއް ނެތް

ކޮވިޑް ބަލި މީހުންނަށް ފަރުވާދިނުމަށް ހުޅުމަލޭގައި ގާއިމްކޮށްފައިވާ ފެސިލިޓީ އަކީ ތިން މަސް ދުވަހަށް ލިބުނު ބިމެއްގައި ކަމާއި އެ ބިމަކީ ދައުލަތުގެ މިލްކުވެރިކަން ނެތް ބިމެއް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ނިކުމެދާނެ ގާނޫނީ މައްސަލަތައް ހައްލު ކުރުމަށްވެސް އެ ރިޕޯޓުގައި ވަނީ ލަފާދީފަ އެވެ.

ހިސާން ވިދާޅުވީ މިލްކިއްޔާތުގައި ނެތް ބިމެއްގައި ކޮވިޑް ފެސިލިޓީ ހުރުމުން ދައުލަތަށް ލިބޭނެ އެއްވެސް ގެއްލުމެއް ނެތް ކަމަށެވެ. މި ފެސިލިޓި ހުރި ބިމަށް ކުލިވެސް ދައްކަން ނުޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ހިސާން ވަނީ އޮޑިޓް ރިޕޯޓްގައިވާ ވާހަކަތަކާމެދު ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ހުޅުމާލޭގައި ގާއިމްކޮށްފައިވާ ކޮވިޑް ފެސިލިޓީ ނެތް ނަމަ ކޮވިޑް ޖެހޭ މީހުން މަގުމަތިވުން އެކަށީގެންވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެ ބިމުގައި ކޮވިޑް ފެސިލިޓީ ގާއިމް ކުރީީ ވަރަށް ގިނަ ސަބަބުތަކާ ހެދި ކަމަށް ވިދާޅުވިއެވެ. އެގޮތުން ކޮވިޑް ހޮސްޕިޓަލެއްގެ ގޮތުގައި އެންމެ ފުރަތަމަ ހަމަޖެއްސީ ޓްރީޓޮޕް ހޮސްޕިޓަލަށްވުމާއެކު މި ބިމަކީ އެ ހޮސްޕިޓަލާއި އިންވެގެން ހުރި ތަނެއް ކަމުން އަދި ބިމަކީ ޖާގައިގެ ގޮތުން ބަލާނަމަވެސް މިފަދަ ފެސިލިޓީއެއް ގާއިމްކުރަން އެންމެ އެކަށިގެންވާ ތަން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ބިމުގައި ހުރި އިމާރާތުގެ ބޮޑުބައެއް ހުރީ ނިމިފައިކަމަށް ވުމުން ހަރަދުގެ ގޮތުން ބެލި ނަމަވެސް އެ ބިމުގައި ކޮވިޑް ފެސިލިޓީ ގާއިމްކުރުމުން ހަރަދު ކުޑަވާނެ ކަަމަށެވެ.

ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ތަކެތީގެ ސްޓޮކް ރެކޯޑުތައް އެކަށީގެންވާ ގޮތެއްގައި ބަލަހައްޓާފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓްގައިވީނަމަވެސް ހިލޭ އެހީގެ ގޮތިގައި ލިބުނު ތަކެތީގެ ސްޓޮކް ރެކޯޑްތައް ގަވާއިދާ އެއްގޮތަށް ބަލަަހައްޓަމުންދާ ކަމަށް ހިސާން ވިދާޅުވިއެވެ. ހިސާން ވިދާޅުވީ ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މަސައްކަތް ކުރުމަށް އޮޑިޓާ ޖެނެރަލް އޮފީހަށް ދައުވަތު ދިން ކަމަށާ ނަމަވެސް އެ ދައުވަތު ގަބޫލުކޮށްފައިނުވާ ކަމަށެވެ.

ކޮވިޑްގެ ބަލިމަޑުކަމުގައި ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ހަރަދުކުރުމަށް 957,419,164 ރުފިޔާ ވަނީ ލިބިފައެވެ. އެއީ ދައުލަތުގެ ބަޖެޓުންު ލިބުނުު 873,362,767 ރުފިޔާ އާއި ދައުލަތުގެ ބަޖެޓުން ޓްރަސްޓް ފަންޑަށް ލިބުނުު 84,056,396 ރުފިޔާއެވެ. އޮޑިޓް ކުރުމާ ހަމަައަށް އެ އޮތޯރިޓީން ހަރަދުކޮށްފައިވަނީ 234,880,071 ރުފިޔާއެވެ.