ފިލްމީ ތަރިންގެ ތެރެއިން ޝީލާ ނަޖީބު (ޝީލާ) އަކީ އާންމުންގެ މެދުގައި ވަރަށް މަގުބޫލު ތަރިއެކެވެ. ޝީލާއަކީ ކުރީގައި ގުނާލެވޭނެ ތަރިއެކެވެ. އޭނާގެ ނަމަށާއި ވިދުމަށް ފަނޑުކަމެއް ނައިސް ވިދާތާ އެތައް އަހަރެއް ވެއްޖެ އެވެ. ފިލްމީ މަސައްކަތްތަކުގެ އިތުރުން ޝީލާގެ ދިރިއުޅުމުގެ އެކި ކަންކަމަށް ވެސް ގިނަ ބައެއްގެ ކަޅި ހުއްޓޭ ފަހަރު އާދެ އެވެ. ޗުއްޓީ ދަތުރެއްގައި ރަށްރަށަށް ގޮސް ރަށްފުށުގެ ދިރިއުޅުމަށް ހޭނިލައި ޝީލާ ތައްޔާރުކޮށްލާ މީރު ކެއުން ތަކަކީ ގިނަ ބައެއްގެ ސަމާލުކަން އަތުލާ ކަމަކަށް ވެފައި އޮވެއެވެ. އަދި "މަނިކު-ޝީލާ" ކަޕުލްއަކީ ގިނަ ބަޔަކަށް ވަރަށް ލޯބި ކަޕުލްއަކަށް ވުމަކީ ވެސް މީހުން ހުއްޓިލައި އެ ދެމީހުންގެ ކަންކަން ބަލައިލަން ބޭނުވާ ސަބަބަކަށް ވެއެވެ.
މީގެ ތެރެއިން މަނިކު އެއްފަރާތްކޮށްލާފައި މި "ވީކެންޑް" ގައި މިއޮތީ ޝީލާގެ އެކަނި ވާހަކައެކެވެ. ފިލްމީ ވާހަކައެއް ނޫނަސް އޯކޭ ނޫން ހެއްުޔެވެ؟ މިފަހަރު ޝީލާގެ ކެއްކުމުގެ ވާހަކަ އެވެ. ޝީލާއަކީ ކައްކަން މޮޅު، ރަހަ ލައްވާލައި ލޮނުހެޔޮވަރުކޮށްލަން ކުޅަދާނެ އަންހެނެއް ކަން ވަރަށް ގިނަ ބަޔަކަށް އެނގޭއިރު އެ ރަހަ ބަލައިލުން ވެސް ހަމަ އެންމެ ރަނގަޅެއް ނޫން ހެއްޔެވެ؟
ޝީލާގެ ކެއްކުމުގެ ހުނަރު އެހެން ފިލްމީ ތަރިންނަށް އޮޅިފައެއް ނޯވެ އެވެ. ޝީލާ ބުނާ ގޮތުން ފިލްމީ ތަރިން ވެސް އަދި އޭނާގެ ދެ ފަރާތު އާއިލާއާ އެކުވެރިން އަބަދުވެސް އެންމެ އިންތިޒާރު ކުރަނީ އޭނާ ތައްުޔާރު ކުރާ ކެއުމަކަށެެވެ. އާއިލީ ގުޅުންތައް ބަދަހިކޮށް ރަހުމަތްތެރިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ގޮތުން މަނިކާއި ޝީލާ ދިރިއުޅޭ ކުޑަކުޑަ ގޭގައި އަބަދުވެސް ވަރަށް ބޮޑުކޮށް ކެއުންތައް ބާއްވަ އެވެ. ގުޅުން ބަދަހި ކުރަން އެއީ އެންމެ ރަނގަޅު އެއް ގޮތެވެ. އެެހެންވެ ޝީލާ އާއި މަނިކު ވެސް ކައްކައި ރަހަ ދައްކަން ހާއްސަ ކަމެއް ދެ އެވެ.
އަދި ކުދިންނާ އާއިލާގެ އެހެން މެންބަރުންނާއެކު "ވީކެންޑް" ދެ ދުވަހު ހެނދުނު ސަޔަށް ކޮންމެސް ތާކަށް ޖައްސާލުމަކީ ވެސް ދޭތެރެއަކުން އޮންނަ ކަމެކެވެ. އެފަދަ ދުވަހެއް އަޔަސް އާއިލާގެ ގިނަ މެންބަރުން ޝީލާ ގާތުގައި އެދޭ އެދުމެއް އޮވެއެވެ. އެއީ އަގެއް ކިޔާފައި ވިޔަސް "ވީކެންޑް" ދެ ދުވަހު ޝީލާގެ އަތުން ތައްޔާރުކޮށް ހެނދުނުގެ ސައި ލިބޭނެ ގޮތެއް ހަދައި ދިނުމެވެ.
އެހެން ކިޔާ ކިޔާ، މިހާރު ޝީލާއަށް އައިޑިއާއެއް ލިބިއްޖެ އެވެ. ހެދި ގޮތަކީ އަމިއްލަ ދިރިއުޅުމުގެ ތެރެއަށް ވައްދާފައި އޮންނަ ކެއްކުންގަނޑުން ތަންކޮޅެއް ނަގައިގެން "ނާސްތާ" އެއް ތައްުޔާރު ކޮށްލައި "ޝީލާސް ޓޭސްޓް ބްރެކްފާސްޓް" ވިޔަފާރި ލޭބަލަކަށް ލައިގެން ހިނގާތޯ ބަލަައިލަން ނެރުނީ އެވެ. ޝީލާގެ އެ ރަހަތައް ބެލި އެންމެނަށް ވެސް ވަރަށް ކަމުދެ އެވެ. އެހެންވީމާ މިވީ ގޮތަކީ ޝީލާގެ "ބްރެކްފާސްޓް" ވެސް ހިޓަކަށްވީ އެވެ. ދެން އެކަމާ ވެސް މިއޮތީ ސީރިއަސްކޮށް އުޅެން ޖެހިފަ އެވެ.
"އާއިލާގެ ކުދިން އަބަދުވެސް ބުނާނެ ޝީލައްތަ ތައްޔާރުކުރާ މަސްހުނި މާ މީރީއޭ! އެހެންވީމަ ހެނދުނަށް ސައި ހަދައިގެން ވިއްކަން ވީނުންހޭ... މަނިކުގެ ކޮއްކޮމެންގެ ބުނުމަކަަށް އަސްލު މިކަން މި ފެށުނީ،" ޝީލާ ތައްޔާރު ކޮށްދޭ ނާސްތާ "ޝީލާސް ޓޭސްޓް ބްރެކްފާސްޓް" ގެ ހިޔާލު އުފަންވި ގޮތް އޭނާ ބުނެދިނެވެ.
ޝީލާއަކީ އަބަދުވެސް ތަރުތީބުން ކަން ކަން ކުރަން ޓޭބަލް ހަދާ މީހެކެވެ. ސްކޫލްގައި ވެސް ކިޔެވުމުގެ ރަސްމީ ޓައިމް ޓޭބަލްގެ އިތުރުން ނެށުމަށް ޓައިމް ޓޭބަލެއް ޑްރާމާއަށް ޓައިމް ޓޭބަލެއް ވަކިން ހަދައިގެން އުޅުނެވެ. މިހާރު މިއޮތީ ކެއްކުމުގެ މޫސުމެކެވެ. އެކަމަށް ވެސް ޝީލާ މި އޮންނަނީ ދުވަސް ޓޭބަލެއް ހަދާފަ އެވެ. އެ ޓޭބަލް ބުނެދޭ ގޮތުން ޝީލާގެ ނާސްތާ ނެރޭނީ ހުކުރު ހޮނިހިރު ހިނެމޭ "ވީކެންޑް" ޕެކާއި ހޯމަ އާއި ބުދަ ދުވަހަށް ނެރޭ "އޮފީސް ޕެކް" ބްރެކްފާސްޓެވެ.
މި ދުވަސްތަކުގައި ހެނދުނު ހޭލައިގެން ޝީލާގެ "ޓޭސްޓް ބްރެކްފާސްޓް ޕެކް" އަތުޖެހޭތޯ ބަލަންވީ އެވެ. ޝީލާގެ ފިލްމެއް، ނެށުމެއް އެއް ފަހަރާ ބަލައިފީވިއްޔާ އަދި ހައެއްކަ ފަހަރާ ބަލަން ޖެހޭ ގޮތަށް މިއިން ބްރެކްފާސްޓެއްގެ ރަހަ އެއް ފަހަރާ ބަލައިފިތަ، ދެން އޯޑަރު ނުދީއެއް ނުހުރެވޭނެ އެވެ.
"ފަށައިގަތްތާ އަދި މިވީ ދެ ހަފުތާއެއްހާ ދުވަސް. މިހާރު ވަރަށް ބޮޑަށް ވައިގައި ހިފައިހިފި،" ޝީލާ ބުންޏެވެ.
ޝީލާ ބުނި ގޮތުގައި މިހާރު ވެސް ވަރަށް ގިނަ ބަޔަކަށް އޭނާ ތައްޔާރުކުރާ ހެނދުނުގެ ސައި ރަނގަޅަށް ބޮވިފައި ވާނެ އެވެ. އެކަމާ އުފާވެ އެވެ. އެހެން ވަނީ ކެއްކުމަކީ އޭނާގެ ވަރަށް ބޮޑު ޝައުގަކަށް ވާތީ އެވެ. މީރު ކާއެއްޗެއް ތައްޔާރުކޮށް އާއިލާ މީހުންނާއި ރަހުމަތްތެރިންނަށް ދިނުމަކީ އޭނާއަށް ހާއްސަ އުފަލެއް ލިބޭ ކަމަކަށްވާތީ އެވެ. މިހާރު އެއީ އާމްދަނީއެއް ލިބޭ ކަމަކަށް ބަދަލު ކޮށްލެވުމުން މާ ބޮޑަށް ވެސް ޝީލާ އުފާވެ އެވެ.
ޝީލާގެ ބްރެކްފާސްޓް ޕެކޭޖްގައި ވަރަށް ގިނަ ބާވަތްތައް އޭނާ އަތުރަ އެވެ. ހިކި މަސްހުންޏާއި ރަތް މަސްހުންޏާއި ޑެވިލް ސޮސެޖާއި ގްރީންބީންސް އާއި ކުޅި ރިހާކުރާއި ތެލުލި ރިހާކުރާއި ބަށި އަދި މުގުރިހަ ވެސް ހިމެނެ އެވެ. މުޅި އަތުރާއިލުމުގައި 11 ބާވަތެއް ޝީލާ އެބަ ގެންގުޅެ އެވެ.
ޝީލާ ތައާރަފު ކުރި ދެ ޕޭކްޖްގެ ތެރެއިން ކޮންމެ ޕެކޭޖެއްގައި ބޭނުން ދެ ބާވަތެއް ހިމަނައި ދޭނެ އެވެ. އަދި އޭގެ ތެރެއަށް ފަސް ރޮށްޓާ، ބިސްގަނޑަކާއި ފޮނި ކާއެއްޗެއް ވެސް ލައިދޭނެ އެވެ. ޕެކޭޖް ފުރިހަމަ ކޮށްލަން ލިސްޓްގައި ހިމެނޭ ކޮންމެ ބާވަތެއް ވެސް އިތުރު ކޮށްލެވިދާނެ އެވެ. ވަރަށް ކުޑަ އަގެއްގައި ގިނަ ބާވަތްތަކެއް ހިމަނާލައިގެން މީރުކޮށް ހެނދުުގެ ސައެއް ބޯލެވޭނެ އެވެ. އެ ހުރިހާ ކަމަކަށް ވުރެ ހިތްހަމަޖެހުން ބޮޑު އެއް ކަމަކަށް ވާނީ ހެނދުނު ހޭލައިގެން ސީދާ ފިލްމީ ތަރި ޝީލާގެ ދެ އަތުން ތައްޔާރު ކުރި ބްރެކްފާސްޓެއް ނެގޭތީ ނޫން ހެއްުޔެވެ؟ މިވަރުގެ އުފަލެއް ދިވެއްސަކަށް ލިބޭނެ ހެއްޔެވެ؟ ހެނދުނު ތެދުވާއިރު ސައި އެ ހަދަނީ ޝީލާ ވިއްޔާ އެވެ!
ޝީލާގެ "އޮފީސް ޕެކް" ތައްޔާރުކޮށްފައި ވަނީ އޮފީސް މާހައުލަށް ހާއްސަކޮށެވެ. އެކަމަކު އަދި ހޯމަ ބުދަ ދުވަހު އެކަންޏެވެ. ވީކެންޑް ޕެކާއި އޮފީސް ޕެކަށް ވެސް އެއް ދުވަސް ކުރިން އޯޑަރު ދެވޭނެ އެވެ. އެ ދުވަހެއްގެ މެނޫގައި ހިމެނޭ ބާވަތްތައް ޝީލާގެ ފޭސްބުކް ޕޭކް އަދި އިންސްޓަގްރާމް ޕޭޖުން ފެންނަން ހުންނާނެ އެވެ. އެ ޕޭޖުން ގުޅާނެ ނަމްބަރެއް ވެސް އަތުޖެހޭނެ އެވެ.
ޝީލާ ބުނި ގޮތުގައި މާލެ ވިއްޔާ ކޮންމެ ސަރަހައްދަކަށް ވިޔަސް ޑެލިވަރީ ކޮށްދޭނެ އެވެ. ހުޅުމާލެ އަދި ވިލިމާލެއަށް ވެސް ޑެލިވަރީގެ ހިދުމަތް ދެއެވެ. އެކަމަކު އެ ދެ އަވަށަށް ޑެލިވަރީ ކޮށްދެވޭނީ 100 ރުފިޔާއިން މަތީގެ އޯޑަރުތަކެވެ.
ޝީލާ ބުނި ގޮތުގައި އޭނާގެ ބްރެކްފާސްޓް ޕެކްގައި ހިމެނޭ ހުރިހާ ބާވަތެއް ވެސް ތައްޔާރު ކުރަނީ އޭނާ އެވެ. ބޭނުން ވަނީ ވެސް އެގޮތެވެ. އަދި ބޭނުމީ ވީހާވެސް ތާޒާކޮށް ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދޭށެވެ. އެހެންވެ ދުރާލައި އެއްވެސް އެއްޗެއް ޝީލާ ތައްޔާރެއް ނުކުރެއެވެ. ކޮންމެ ބާވަތެއް ވެސް ތައްޔާރު ކުރަނީ ހެނދުނު ހެނދުނާ ބަދިގެއަށް ވަދެ ޝީލާގެ އަތުންނެވެ.
"ހެނދުނު ތެދުވެ ހުރިހާ އެއްޗެއް ވެސް ތައްޔާރު ކުރަނީ. މިސާލަކަށް ރޭގަނޑު ކުޅިމަސް ހަދާފައި ހެނދުނު ހޫނުކޮށްލީމަ ރަހަ ތަފާތު ވެދާނެއޭ ހިތަށް އަރަނީ. އެހެންވީމަ ވަރަށް ހެނދުނާ ތެދުވެ ހުރިހާ އެއްޗެއް ވެސް ތައްޔާރު ކުރަނީ އަޅުގަނޑު،" ޝިލާ ބުންޏެވެ.
ޝީލާގެ އެންމެ ރީތީ އެވެނި ލަވައެކޭ، މިވެނި ނެށުމެކޭ ނޫނީ އެންމެ ކަމުދަނީ މިވެނި ފިލްމެކޭ ބުނާހެން "ޝީލާސް ޓޭސްޓް ބްރެކްފާސްޓް" ގައި މީހުނަށް އެންމެ ކަމުގޮސްގެން އުޅެނީ އޭނާ ތައްޔާރު ކޮށްލާ މާ މީރު މުގުރިހައެކެވެ. އެެންމެ ގިނަ މީހުންގެ ކޮމެންޓް ލިބެނީ ވެސް ޝީލާގެ މުގުރިހައަށެވެ. އެކަމަކު ބްރެކްފާސްޓްގައި ހިމެނޭ ހުރިހާ ބާވަތްތަކުގެ ލޮނު ވަރަށް ހެޔޮވަރެވެ. ރަހަ ވެސް ވަރަށް މީރެވެ.
"ބައެއް މީހުން ގުޅާފައި ވެސް ބުނާނެ މުގުރިހަ ވަރަށް ތަފާތޭ... ވަރަށް މީރޭ. އަސްލު އަޅުގަނޑު މުގުރިހަ މި ކައްކަނީ މަންމަގެ ރެސިޕީއަކަށް. ވެދާނެ އެހެންވީމަ ކަމަށް އެހާ މީރު ވަނީ،"
ޝީލާގެ "ޓޭސްޓް ބްރެކްފާސްޓް" ގައި ހާއްސަ އެހެން ކަމެއްވެސް ފާހަގަ ކޮށްލެވެ އެވެ. އެއީ ހަވާދުގެ ތަފާތު ގިނަ ބާވަތްތައް ހިމެނިފައި ނުވުމެވެ. ޝީލާ ބުނި ގޮތުގައި ހެނދުނުގެ ވަގުތު ހަވާދުގެ ބާވަތްތައް މާ ގިނައިން ބޭނުން ކުރާނަމަ މީހުނަށް ވަރަށް އުނދަގޫތައް ކުރިމަތިވެ އެވެ.
"އެހެންވީމަ ސޮސެޖް ވެސް ބަށިވެސް އަދި އެހެން ބާވަތްތައް ވެސް ތައްޔާރު މި ކުރަނީ ހަވާދުގެ ބާވަތްތައް ނުހިމަަނާ،"
މި އައި ބަދަލަކުން ޝީލާ މިހާރު އުޅެނީ ވަރަށް ބޮޑަށް ކެއްކުމަށް ހުސްވެލައިގެނެވެ. އެކަމަކު ވަރަށް ބުރަ އެވެ. ކިތަންމެ ބުރަ މަސައްކަތެއް ނަމަވެސް އާންމުންގެ ސަޕޯޓް ލިބޭނަމަ އެ މަަސައްކަތުގައި ކުރިއަށް ދާން ހުރީ ތައްޔާރަށެވެ. މިހާރު ވެސް ލިބޭ ތަރުހީބު ބޮޑެވެ.
"މީހުންނަށް ކަމުދާނަމަ މި މަސައްކަތުގައި ދެމި ހުންނާނަން އިރާދަ ކުރެއްވިއްޔާ. މިއީ ވަރަށް ކުރާ ހިތުން ކުރާ ކަމެއް. މީހުންގެ ކޮމެންޓްތައް ލިބުނީމަ އަސްލު ވަރަށް މޯޓިވޭޓްވް ވެސް ވެއްޖެ"
ފިރިމީހާ މަނިކުގެ އެހީތެރިކަމުގައި މިހާރު ފަށާފައިވާ ސައި ތައްޔާރުކޮށް ދިނުން ފުޅާ ކުރުމަކީ ވެސް ޝީލާގެ އުންމީދެކެވެ. އަދި ބްރެކްފާސްޓްގެ އިތުރުން ޑައިޓްފުޑް ހިމެނޭ މީލްތަކެއް ތައާރަފު ކުރުމުގެ ވިސްނުން ވެސް ގެންގުޅެ އެވެ.
އަދި މި އޮތީ ވެސް ސުވާލެކެވެ؛ ކެއްކުމާއި ސައި ހަދައި ދިނުމުގެ މަސައްކަތަށް މާ ބޮޑަށް ހިތްޖެހި އެކަމުގައި މާ ބިޒީވުމުން ޝީލާ ދެން ފިލްމީ ދާއިރާއިން ފެނިދާނެ ހެއްުޔެވެ؟
"ފިލްމީ މަސައްކަތަށް މި އޮންނަނީ ވަރަށް ބޮޑު ލޯތްބެއް ޖެހިފައި. އެއީ ހޮބީއެއް އަބަދުވެސް. އެހެންވީމަ މި މަސައްކަތުގައި ދެމި ހުރި ނަމަަވެސް ފިލްމީ މަސައްކަތްތަކުން ފެންނާނެ. އެކަމަކު މި މަސައްކަތަށް ދެވޭ އިސްކަން ދެން ބޮޑުވެދާނެ،"