ދެހާސްވަނަ އަހަރުގެ ކުރީކޮޅަކީ ދިވެހި ފިލްމީ އިންޑަސްޓްރީއަށް ގިނަ ތަރިންތަކެއް ތައާރަފު ވެގެންދިޔަ ދުވަސްވަރެކެވެ. އޭރު ނިކުތް ގިނަ ތަރިންނަކީ މި ދާއިރާއިން އުހަށް އަރައިގެންދިޔަ ތަރިންނެވެ. އެކްޓިންގެ ފެންވަރު ރަނގަޅު މޮޅު އެކްޓަރުންނެވެ. އޭގެ ތެރެއިން އާމިރާ އިސްމާއީލް (އާމިރާ) އަކީ ފާހަގަކޮށްލެވޭ އެކްޓަރެކެވެ.
އާމިރާގެ ފުރަތަމަ ފެނިލުން އައީ 2002 ވަނަ އަހަރު އެވެ. ފިލްމީ ދާއިރާއަށް ޝައުގުވެރިކަން ނެތް ނަމަވެސް ލަވައަކުން ފެނިލީ ޑައިރެކްޓަރު އަލީ ރަޝީދު (ގޮޅާ އައްޔަ) އެކަމަށް ތަކުރާރުކޮށް އެދެމުންދާތީ އެވެ. އާމިރާ ސުކޫލްގައި އުޅުނު ދުވަސްވަރުން ފެށިގެން އައްޔަ ދިޔައީ ސުކޫލު ނިންމުމަށްފަހު އޭނާގެ ލަވައެއްގައި ބައިވެރިވާން ދައުވަތު ދެމުންނެވެ. ނަމަވެސް ފިލްމީ މަސައްކަތަށް ނިކުތުމުގެ އެއްވެސް ހިޔާލެއް އޭރު އާމިރާގެ ނެތެވެ. އައްޔަގެ ހުށައެޅުންތަކަށް ބަހަނާއެއް ދެއްކުމުގެ ގޮތުން ލަވަ ކުޅެން މަންމަ ގަބޫލު ނޫން ކަމަށްވެސް ބުންޏެވެ.
"އެންމެ ފަހުން މަންމަ ގާތުން ހުއްދަވެސް އައްޔަ ހޯދި. އެހެންވީމަ ދެން އެ ލަވަ ކުޅެން މަޖުބޫރުވީ. އަސްލު މި ދާއިރާއަށް ނިކުމެވުނީ އަލީ ރަޝީދުގެ ސަބަބުން،"
އޭގެ ފަހުން ފުލުފުލުގައި ޑައިރެކްޓަރުންގެ ހުށައެޅުންތައް އާމިރާއަށް ލިބެން ފެށިއެވެ. އޭނާގެ އެކްޓިންއަށް ހުރިހާ ޑައިރެކްޓަރުންހެން ތައުރީފު ކުރިއެވެ. އަދި ޝޫޓިންތަކަށް ބަހައްޓާ ފަރުވާތެރިކަމާއި ދާއިރާގެ މީހުންނާއި އުފެދުނު ގާތް ގުޅުމުގެ ސަބަބުން އާމިރާއަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ވެގެންދިޔައެވެ.
ބައެއް އެކްޓަރުންނާއި ހިލާފަށް އާމިރާއަކީ ޝަރުތުތައް ނެތް ޝޫޓިންތަކަށް ފަރުވާތެރި އެކްޓަރެކެވެ. އެއީވެސް ގިނަ ފުރުސަތުތަކެއް އޭނާއަށް ލިބެން މެދުވެރިވީ އެއް ސަބަބެވެ.
އާމިރާގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި އެންމެ ކުރީގައި އޮތީ ހާމިދުގެ "އުދަބާނީ" އެވެ. މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މުހައްމަދު ގާސިމް ލިޔެފައިވާ ހިތްގައިމު އެ ވާހަކައަށް ތައްޔާރުކުރި "އުދަބާނީ" ފިލްމަކީ މިހާތަނަށް ނިކުތް ފިލްމުތަކުގެ ތެރެއިން ވިޔަފާރީގެ ގޮތުން އެންމެ ކާމިޔާބު އެއް ފިލްމެވެ.
އަދި އެއީ ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ފިލްމަކަށްވިއެވެ. ހާއްސަކޮށް އާމިރާގެ ރޯލަށް ގިނަ ބަޔަކު ތައުރީފު ކުރިއެވެ. "އުދަބާނީ" ގެ އިތުރުން "އެ ބައްޕަ" އަދި މުހައްމަދު އަބްދުﷲގެ ސިޔާސީ ކުރު ފިލްމުތަކުގައި އާމިރާ ދައްކާފައިވާ އެކްޓިންއަކީ ފާހަގަކޮށްލެވޭ ކަމެކެވެ. އަދި "ވީރާނާ" އާއި "އާދޭސް" ގައިވެސް އާމިރާ ވަނީ ތަފާތު ރޯލްތަކުން ފެނިގެންގޮސްފައެވެ. ފާތިމަތު ނަހުލާގެ "ސޫރަ" ޑްރާމާ ސިލްސިލާއަކީ އާމިރާގެ އެންމެ ފާހަގަކޮށްލެވޭ އެއް ޑްރާމާއެވެ.
ނަމަވެސް އާމިރާގެ ފޭވަރިޓް ލިސްޓެއް ނެތެވެ. އޭނާ ބުނީ ކޮންމެ މަސައްކަތެއްވެސް ކުރަނީ އެކަމަށް ދޭންޖެހޭ ވަގުތު ދީގެން ކުރެވޭނެ އެންމެ ރަނގަޅަށް ކަމަށެވެ. ލަވައެއް ވިޔަސް ފިލްމެއްވިޔަސް ތަފާތެއް ނެތެވެ. ޑައިރެކްޓަރު ހިތްހަމަޖެހޭ މިންވަރަށް އެކްޓިން ގެނެސްދެވޭތޯ މަސައްކަތް ކުރެއެވެ.
އާމިރާ ގިނަ ފިލްމުތަކުން ފެނިފައިވަނީ ހިތާމަވެރި ރޯލްތަކުންނެވެ. އެ ރޯލަށް އޭނާ މާ މޮޅީއެވެ. ބެލުންތެރިންނަށްވެސް އަދި ޑައިރެކްޓަރުންނަށްވެސް އާމިރާ އެންމެ ފިޓީ އެ ރޯލަށެވެ. ނަމަަވެސް ބައެއް ފިލްމުތަކުން އޭނާ ވަނީ އެނޫން ރޯލްތަކަށްވެސް އެއީ އެއްވަނަކަން ސާބިތުކޮށްދީފައެވެ.
ފިލްމީ ދާއިރާގެ އެންމެ އުހުގައި ވަނިކޮށް ކުއްލި ގޮތަކަށް އާމިރާ ގެއްލުނެވެ. އެއީ މީގެ 10 އަހަރު ކުރިންނެވެ. މިއީ މިދިޔަ 10 އަހަރުގެ ތެރޭގައި އޭނާ ދޭ ފުރަތަމަ އިންޓަވިއުއެވެ. އޭރު ކުއްލި ގޮތަކަށް ފިލްމީ މަސައްކަތާއި ދުރަށްދާން ޖެހުނީ ގިނަ ސަބަބުތަކަކާއި ގުޅިގެންނެވެ. ކުޑަ ދަރިފުޅަށް ވަގުތުދޭން ޖެހުމާއި ވަޒީފާއަކަށް ދާން ފެށުމަކީ މައިގަނޑު ސަބަބެވެ.
"އަމިއްލަ ލައިފަށް ވަގުތުދޭން ވެގެން. މިހާރު ދަރިފުޅު ކިޔެވުމުގެ ފަހު އަހަރުވީމަ މިހާރު ދެން މި ފްރީވީ،"
މީގެ އިތުރުން ސިޔާސީ މަސައްކަތުންވެސް އާމިރާ ކޮންމެވެސް ވަރަކަށް އޭރު ފެނުނެވެ. އެހެންވީމަ އެކަމަަށްވެސް ވަގުތު ހުސްކުރަން ޖެހުނީއެވެ. ނަމަވެސް ފިލްމީ މަސައްކަތާއި 10 އަހަރު ދުރުގައި ހުރުމަށްފަހު އަލުން އޭނާ މިވަނީ ފިލްމީ މަސައްކަތަށް ނިކުމެފައެވެ. ފުރަތަމަ ފެނިލީ އޭނާގެ އެކުވެރިޔާ ޒިޔާއާއެކު ލަވައަކުންނެވެ. އެއީ އާމިރާ ފިލްމީ މަސައްކަތަށް ނިކުތް ދުވަސްކޮޅު ވަރަށް ބޮޑު ހިޓަކަށްވީ ލަވައެވެ.
އޭރުގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އަލީ ރަމީޒާއި ޝިފާ ތައުފީގުގެ "ޔާރު ތިޔޭ މިހިތުގެ ޝިފާ" މި ލަވައެވެ. ދިހަ އަހަރަށްފަހު އާމިރާ ފުރަތަމަ ފެނިލީ މި ލަވައިގެ ރިމޭކަކުންނެވެ. އެ ލަވަ ވީޑިއޯ އިންޓަވިއުގެ ފަހަތުގައި ހިމަނާފައިވާނެ އެވެ.
"ޒިޔާ އަބަދުވެސް ކިޔާނެ ލަވައެއް ކުޅެދޭށޭ. ޒިޔާއާ އަަބަދުވެސް އޮވޭ ވަރަށް ފްރެންޑްލީ ބޮންޑެއް. އެހެންވީމަ އެ ފުރުސަތުގެ ބޭނުން ހިފާ އަލުން ފެނިލީ،"
ފިލްމީ މަސައްކަތާއި ދުރުގައި ދިހަ އަހަރު ހުރިނަމަވެސް އާމިރާގެ ހިތް އޮތީ އެ ދާއިރާގައެވެ. ވަގުތުވާ މިންވަރަކުން ކުޅެފައިވާ ލަވަތަކާއި ފިލްމުތައް ބަލާ ހަދައެވެ. އަދި އަލަށް ދާއިރާއަށް ނިކުންނަ ކުދިންގެ މަސައްކަތްތައްވެސް ބަލައެވެ. ދާއިރާގެ މީހުންނާއި އޮންނަން ޖެހޭ ގުޅުން ބޭއްވޭތޯ ބަލައެވެ.
"އަމިއްލަ ފެމިލީ ގޮތުގައި ބެލެވެނީ އަބަދުވެސް ފިލްމީ ދާއިރާ. ވަރަށް މިސްވޭ އޭރު ދުރުގައި ހުރި ނަމަވެސް. އަބަދުވެސް ހާއްސަ ލޯތްބެއް އޮވޭ މި ދާއިރާއަށް. ދުވަހަކުވެސް ދުރަކަށް ނުދެވޭނެ މި ދާއިރާއާ،"
ފިލްމީ މަސައްކަތާއި ދުރުގައި ހުރި ދުވަސްތަކަކީވެސް އޭނާއަށް ގިނަ ހުށައެޅުންތަކެއް ލިބެމުންދިޔަ ދުވަސްތަކެކެވެ. ޑައިރެކްޓަރު ފައްތާހު އަދި ހާމިދުގެ އިތުރުން އިތުރު ޑައިރެކްޓަރުންވެސް އެކި ޕްރޮޖެކްޓްތައް އޭނާއަށް ހުށައެޅިއެވެ. ނަމަވެސް އޭރު ވަގުތު ހުރި ގޮތުން އެކަން ކުރެވެން ނެތީއެވެ.
ފިލްމީ މަސައްކަތަށް ހުސްވުމާއެކު ކުއްލިއަކަށް އާމިރާ ވަރަށް ބިޒީވެއްޖެ އެވެ. ވަރަށް ގިނަ ޕްރޮޖެކްޓްތައް މިހާރުވެސް އެބަހުއްޓެވެ. އަދިވެސް ނުނިކުންނަ ތިން ފިލްމެއް އެބައޮތެވެ. އެ ހުރިހާ ފިލްމުތަކެއްގެ ޝޫޓިން ވަނީ މުޅީން ނިންމާލާފައެވެ. ދެ ފިލްމެއްގެ ޑަބިންގެ މަސައްކަތްވެސް އޮތީ ނިމިފައެވެ. ނަމަަވެސް އެ ފިލްމުތައް ނިކުންނާނެ ދުވަހެއް އޭނާއަކަށް ނޭންގެއެވެ.
އެހެންވިޔަސް މިހާރުވެސް އާ ފިލްމެއްގެ މަސައްކަތް ފަށަން ވަނީ ތައްޔާރުވެފައެވެ. އަދި ދެ ޑްރާމާ ސިލްސިލާއެއްގެ މަސައްކަތްވެސް ފެށުން އޮތީ ކައިރީގައެވެ. އެއް ޑްރާމާގެ ޝޫޓިން އާދިއްތަ ދުވަހު ފެށޭނެއެވެ.
"އަޅުގަނޑު މިހާރު އެބަ ހިތަށް އަރާ މި ހުރިހާ މަސައްކަތެއް ކުރެވޭނެބާއޭ ވަޒީފާއަށް ދަމުން. އެހެން ނަމަވެސް މިހާރު މި ހުރީ ލިބޭ ވަގުތުތައް މި ދާއިރާއަށް ދީގެން ކުރިއަށްދާން،"
އާމިރާގެ ފިލްމީ ކެރިއަރުގައި ކުރެވުނު އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ "އުދަބާނީ" އެވެ. އެ ފިލްމުގެ ދެވަނަ ބައި އުފެއްދުމުގެ މަަސައްކަތް ފެށުމަށް ހާމިދު ތައްޔާރުވެގެން ހުންނަތާ ކިތަންމެ އަހަރެކެވެ. ފިލްމުގެ ސްކްރީން ޕްލޭ މީގެ ހަތަރު އަހަރު ކުރިން އާމިރާއަށް ފޮނުވާފައިވެއެވެ. ނަމަވެސް އޭރު ފިލްމީ މަަސައްކަތާއި ދުރުގައި ހުރުމުން އެކަން ނުވެ އޮތީއެވެ.
އެހެން ކަމުން ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރެއިން އާމިރާއަށް އެންމެ ހާއްސަ އެއް ޕްރޮޖެކްޓަކީ "އުދަބާނީ 2" ގެ މަސައްކަތެވެ. ކޮވިޑްގެ ބަލިމަޑުކަން ނިމުމާއެކު ފިލްމުގެ ޝޫޓިން ފެށޭނެ ކަމަށް ބެލެވެއެވެ.
ފިލްމީ ދާއިރާއާ ދިހަ އަހަރު ދުރުގައި ހުރުމަށްފަހު އަލުން އާމިރާ ދާއިރާއަށް އެނބުރި އައީއެވެ. މިފަހަރު އޭނާ ދޭ ޔަގީން ކަމަކީ ދެން އެވަރުގެ ބްރޭކެއް ނާންނާނެ ކަމެވެ. މާގިނަ ފިިލްމުތަކަކުން ނުފެނުނު ނަމަވެސް ކޮންމެ އަހަރަކުވެސް ބެލުންތެރިންނަށް ކޮންމެވެސް އުފެއްދުންތަކަކުން ފެންނާނެ ކަމެވެ.
"އަޅުގަނޑަށް މީގެ ކުރިންވެސް ދިން ސަޕޯޓާއި އިހުތިރާމް ލިބުން އެދެނީ. މާގިނަ ފިލްމުތަކުން ނުފެނުނު ނަމަވެސް ދެން ވަތްކެއް ނުވާނެ،" ސަޕޯޓަރުންނަށް ދިން މެސެޖްގައި އާމިރާ ބުންޏެވެ.