މިދިޔަ 20 އަހަރުތެރޭ ފިލްމީ ދާއިރާއަށް ވަރަށް ގިނަ އެކްޓަރުން ތައާރަފް ވެގެން ހިނގައްޖެއެވެ. ތަފާތު ގޮންޖެހުންތައް ކުރިމަތިވެ ކުރިއަށް ދެވޭނެ އެއްވެސް ގޮތެއް ނެތި މި ދާއިރާ ދޫކޮށްލި ކިތަންމެ އެކްޓަރަކު އެބަހުއްޓެވެ. އޭގެ ތެރޭގައި ހުނަރުވެރި އެކްޓަރުންވެސް ހިމެނެއެވެ. ނަމަވެސް ގޮންޖެހުންތަކާއި ހުރަސްތައް ކިތަންމެ ގިނަ ނަމަވެސް ހިންމަތާއެކު މަސައްކަތް ކޮށް ފިލްމީ އުދަރެހުގެ އެންމެ އުހަށް ދަތުރުކުރި އެކްޓަރުންވެސް އެބަ ތިއްބެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކަކީ އަހުމަދު އާސިމް އެވެ.
އާސިމްގެ ފިލްމީ ކެރިއަރަށް މިއީ 20 އަހަރު ފުރޭ ތާރީހީ އަހަރެވެ. މިދިޔަ ވިހި އަހަރު އޭނާ އެތަށް ކަމެއް ތަޖުރިބާ ކޮށްފިއެވެ. ހިތްދަތި އެތަށް ސަފްހާއެއް ލިޔެވި ނިމިއްޖެއެވެ. ބައެއް މީހުން ފާޅުގައި ނިކުމެ އާސިމް ބާކީކޮށްލަން މަސައްކަތް ކޮށްލިއެވެ. އަގުވައްޓާލާ ހުނަރެއް ނެތް މީހެއްކަން ދެއްކުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާގެ ކާމިޔާބަކީ އެއިން އެއްވެސް ގޮންޖެހުމަކަށް ބޯލަނބާ ދާއިރާ ދޫކޮށް ނުދިއުމެވެ. އަދި އެއިން މީހަކަށް ދެރަ ބަހެއް ނުވަތަ ޖަދަލު ކުރުމެއްވެސް ނުގެންގުޅުމެވެ.
މިއަދު އާސިމް އެ ހުރީ ފިލްމީ ދުނިޔޭގެ އެންމެ އުހުގައެވެ. ބޮންތީގެވެސް އެންމެ ކުރީގައެވެ. ގިނަ ޑައިރެކްޓަރުންގެ ނަޒަރުގައި އާސިމަށް ނުކުޅެވޭނެ ރޯލެއް ނެތެވެ. ކޮންމެ ރޯލަކަށްވެސް އޭނާ ފިޓެވެ. އެހާވެސް ކުޅަދާނަ އެކްޓަރެކެވެ.
ވިހަ އަހަރުގެ ކެރިއަރުގައި ކިތަންމެ ހިތްދަތި ސަފްހާތަކެއް ހުރި ނަމަވެސް އަލުން އެއިން އެންމެ ސަފްހާއެއްވެސް ހުޅުވާކަން އޭނާ ބޭނުމެއް ނުވެއެވެ. އެ ދުވަހު އޭނާ ދެރަކޮށް ބާކީކޮށްލި މީހުންނަށް އެ ދުވަހުވެސް ރައްދެއް ނުދެއެވެ. އެއްޗެއް ނުބުނެއެވެ. އެހެންވީމަ މިއަދު އެކަން ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. އޮތީ އެންމެ މަގުސަދެކެވެ. ބެލުންތެރިން އެދޭ ފަދަ މޮޅު ފިލްމުތަކެއް ގެެނެސް ދިނުމެވެ.
އެންމެ ކުޑައިރުވެސް އާސިމްއަކީ ފިލްމީ މަސައްކަތްތަކަށް ވަރަށް ޝައުގުވެރިވި މީހެކެވެ. ބޮލީވުޑްގެ ރަސްގެފާނު އަމީތާބަށް ވެގެން އޭނާ އެކި ފިލްމުތަކުގައި ދައްކާލި ހުނަރު ކުޑަކުޑަ އާސިމް ރަށުގެ ރައްޔިތުންގެ ކުރިމަތީ ދައްކަމުން އައީ ޖެހިލުމެއް ނެތިއެވެ. ސުކޫލް ދައުރުގައިވެސް އެއީ ސްޓާރެކެވެ. ސްޓޭޖް ތަމްސީލްތަކުގައި އާސިމްގެ އަޑު ގަދައެވެ. އެއީ ވަރަށް އުފާވެރި ހަނދާންތަކާއިވެސް ގުޅިފައިވާ ޑްރާމާތަކެކެވެ. އެންމެ ހާއްސައީ އާސިމްގެ ބައްޕައާއެކު ކުޅެވުނު ސްޓޭޖް ތަމްސީލްތަކެވެ.
ފިލްމީ ދާއިރާއަށް އޮތް ލޯބި ކިތަންމެ ބޮޑު ނަމަވެސް އެ ދާއިރާއިން ފުރުސަތު ލިބޭނެ ކަަމަށް އޭނާ ދުވަހަކުވެސް ހިއެއް ނުކުރެއެވެ. އަދި އަމުދުން މިއަދު އެ ހުރި ހިސާބަށް އައިސް އެންމެންގެ ފޭވަރިޓަކަށްވާނެ ކަމަށް އަމުދުން ހިތަށްވެސް އަރާފައެއް ނެތެވެ.
އާސިމްގެ ފުރަތަމަ ފިލްމަކީ 2000 ވަނަ އަހަރު ފަރިވާއިން އުފެއްދި "އަޖައިބު" މި ފިލްމެވެ. އެއީ ބައެއް ޑައިރެކްޓަރުންނާއި އެކްޓަރުން އާސިމަށް ކިތަންމެ ފާޑެއްކީ ފިލްމެއް ނަމަވެސް އާސިމްގެ ފެށުމަކީ އެއީއެވެ. އެހެންވީމަ އެ ފިލްމުގެ ޕްރޮޑިއުސަރު މަހުމާ ހުސައިން އަދި ފިލްމުގައި މުހިންމު ރޯލަކުވެސް ފެނުނު ކުޅަދާނަ ލެޖެންޑް ހާޖަރާ އަކީ ފިލްމީ ދާއިރާގައި އާސިމްގެ ބެލެނިވެރިންނެވެ.
"ފިލްމީ ދާއިރާއަށް އުފަން ކުރުވި މަންމަ އަކީ ހާޖަރާ އަބްދުލްކަރީމް އަދި ބައްޕައަކީ މަހުމާ ހުސައިން،"
އާސިމްގެ ކާމިޔާބީގެ އެންމެ ބޮޑު އެއް ސިއްރަކީ ކޮންމެ ޑައިރެކްޓަރަކުވެސް އެންމެ ބޭނުންވާ މީހާއަށްވާން އޭނާ ކުރި މަސައްކަތެވެ. މިހާތަނަށް އޭނާ ކުރި ކޮންމެ މަސައްކަތެއް ކުރީ ފަރުވާތެރި ކަމާއެކުގައެވެ. ކޮންމެ ޕްރޮޖެކްޓަކަށް އާނބަސް ބުނަނީ އެކަމަށް ވަގުތު ހުސްކޮށްފައެވެ. އެ ފިލްމެއްގައި ކުޅެންޖެހޭ ކޮންމެ ރޯލަކަށް ފިޓް ވެގެންނެވެ. އެ ރޯލް ކުޅެން ވާން ޖެހުނު ކޮންމެ ގުރުބާނީއެއްވާން ތައްޔާރު ވެގެންނެވެ.
ހަގީގަތުގައި ފިލްމަކަަށް އާސިމް ކުރި ވަރުގެ މަސައްކަތެއް ކުރި އެކްޓަރަކު ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. މިހާރު ބައިސްކޯފުން ދައްކަމުންދާ "ގަމިނި" އަދި ބަތަލާ ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމް "ނިވައިރޯޅި" އަށް އާސިމް ތައްޔާރުވި ތައްޔާރުވުމަކީ އެކަމުގެ ހެއްކެކެވެ.
"ގަމިނި" އަދި "ނިވައިރޯޅި" ގައިވެސް އާސިމް ފެނިގެން ދަނީ ވަރަށް ނުބައި މީހެއްގެ ރޯލަކުންނެވެ. އެ ރޯލަށް ތައްޔާރުވާން އޭނާ ދެ އަހަރު ވަންދެން ތުނބުޅިއާ ބޯ ދިގުކުރި އެވެ. އެއީ ކުރަން ކިތަންމެ އުނދަގޫ ކަމެއް ނަމަވެސް އާސިމް އިސްކަން ދިނީ ޑައިރެކްޓަރު ބޭނުންވާ ފެންވަރަށް އެ ރޯލަށް ތައްޔާރުވާށެވެ. ވަރަށް ރިއަލް ލުކެއް ބެލުންތެރިންނަށް ދައްކާލުމަށެވެ.
"ނިވައިރޯޅިއަށްވެސް ދެ އަހަރު ވަންދެން ތުނބުޅި އާއި ބޯ ދިގުކުރިން. އެއީ ވަރަށް އުނދަގޫވެސް ކަމެއް. ނަމަވެސް އަޅުގަނޑަށް ޑައިރެކްޓަރު އެ ހަވާލުކުރާ ރޯލެއް އާސިމް ބޭނުން އެންމެ ރަނގަޅަށް ކުޅެން،"
މިހާތަނަށް ވަރަށް ގިނަ ފިލްމުތަކާއި ޑްރާމާ ސިލްސިލާތަކުގައި އާސިމް މަސައްކަތް ކޮށްފައިވެއެވެ. ޑްރާމާ ސިލްސިލާތަކުން ބެލުންތެރިންގެ އެންމެ ބޮޑު ތަރުހީބެއް ލިބުނީ އާރިފާ އިބްރާހިމްގެ "ވައިރޯޅިއަށްވެސް ސިއްރުން" މި ޑްރާމާ ސިލްސިލާއިންނެވެ. ދައުލަތުގެ މީޑިއާއިން ގެެނެސްދިން މި ޑްރާމާ ސިލްސިލާއަކީ މިހާތަނަށް އެންމެ ގިނަ ބަޔަކު އެ ޑްރާމާ ސިލްސިލާއެއް ކަމު ގޮސްގެން ވާހަކަ ދެއްކި އެއް ސިލްސިލާއެވެ.
އެއީ އާސިމަށްވެސް ވަރަށް ހާއްސަ މަސައްކަތެވެ. އާސިމުގެ ފިލްމީ ކެރިއަރު އުހަށް އުފުލާލި މަސައްކަތަކީ އެއީއެވެ. އޭގެ ފަހުން މުއުމިން ފުއާދުގެ "ލޫދިފާ" އަދި މިރޭ ބައިސްކޯފުން ފައިނަލް އެޕިސޯޑް ދައްކަން ހަމަޖެހިފައިވާ "ގަމިނި" އަކީ އާސިމްގެ އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތަކެވެ.
"އެ މަސައްކަތެއް ކޮށްގެން އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބިފައިވަނީ މުއުމިން ފުއާދުއާއެކު ކުރެވޭ މަސައްކަތްތައް. އަޅުގަނޑު ފާހަގަކޮށްލަން މަސައްކަތަށް މުއުމިން އެދޭ ޝައުގުވެރިކަން،"
އެންމެ ފަހުވެރިވަނީ "ގަމިނި" ގައި ކުޅެވުނު ރޯލް
މުއުމިންގެ "ގަމިނި" ވެބް ސީރީޒްއަކީ އެ ސީރީޒްގެ ވާހަކަ ދެކެވެން ފެށީއްސުރެ ވަރަށް ގިނަ ބަޔަކު އިންތިޒާރު ކުރި ސީރީޒް އެކެވެ. މިހާރު އެ ސީރީޒްގެ 12 އެޕިސޯޑް ބައިސްކޯފުން ބަލާލެވޭނެ އެވެ. ފައިނަލް އެޕިސޯޑް މިރޭ ނުވައެއް ޖަހާއިރު ޕްރިމިއާ ކުރާނެ އެވެ.
މިރެއަކީ އާސިމްގެ ފިލްމީ ހަޔާތުގައި އެންމެ އުފާވެރި ރެއަށް ވާނެ އެވެ. އޭނާގެ ވަރަށް ބޮޑު ބައިވެރިވުމެއް އޮތް "ގަމިނި" ވެބްސީރީޒް މިރޭ ނިމިގެންދާއިރު މިއީ ފިލްމީ ކެރިއަރުގެ 20 އަހަރު ނިންމާ 21 ވަނަ އަހަރެއް ފެށޭއިރު އޭނާއަށް ކުރެވުނު އެންމެ ފަހުވެރި މަސައްކަތެވެ. ބެލުންތެރިންގެ ހިފެހެއްޓުމެއް ނެތް ސަޕޯޓް ލިބުނު މަސައްކަތަކަށް "ގަމިނި" ވެއްޖެ އެވެ.
މިދިޔަ 12 ހަފްތާގައިވެސް ހުކުރު ވިލޭރޭ އާސިމްގެ ފޯނަށް ވަރަށް ބާރު ބޮޑެވެ. މުޅި ވެބް ސީރީޒްގައިވެސް އެންމެ މުހިންމު ރޯލުން ފެނިގެންދާ އާސިމްގެ އެކްޓިންއަށް އޭނާގެ ފޭނުން އިންތިހާއަށް ތައުރީފު ކުރެއެވެ. ސޯޝަލް މީޑިއާ އެކްޓްތައް ފުރި ބަންޑުންވާ މިންވަރަށް ކޮންމެ ރެއަކުހެން މެސެޖްތަކެއް ލިބެއެވެ. މިއީ އާސިމްގެ ހަޔާތުގައި ކުރެވުނު އެންމެ އުފާ ލިބުނު މަސައްކަތެވެ.
"ކޮންމެ މަސައްކަތެއްވެސް ކުރެވެނީ ޓީމު ވޯކް އޮވެގެން. އެ ގޮތަށް ކުރެވުނު މަސައްކަތެއް 'ގަމިނި' މިއީ. އަޅުގަނޑުމެންގެ މަސައްކަތުގެ ގުޅުމަކީ ވަރަށް ވަރުގަދަ ގުޅުމެއް،" އާސިމް ބުންޏެވެ. "ގަމިނި އާއެކު ވަރަށް ބޮޑު ސަޕޯޓެއް ލިބިއްޖެ. މިއީ އެންމެ ފަހުރުވެރިވާ މަަސައްކަތް،"
"ގަމިނި" މިއީ އާސިމްގެ އެކްޓިން އެކަނި ފެނިގެންދާ ފިލްމެއް ނޫނެވެ. އާސިމްއަކީ ކުޅަދާނަ އެޑިޓަރެއްވެސް މެއެވެ. ވެބް ސީރީޒްގެ ބައެއް އެޕިސޯޑްތައް އޭނާ އެޑިޓްވެސް ކުރިއެވެ. އެކްޓިންގެ ދާއިރާއިން ލިބުނު ކާމިޔާބާ އެއްވަރަށް މި ފަހުން އެޑިޓިންގެ ދާއިރާއިންވެސް އާސިމް ވަނީ ކާމިޔާބު ހޯދާފައެވެ.
2017 ވަނަ އަހަރު ސްޓެލްކޯއިން އުފެއްދި ޑްރާމާ ސިލްސިލާގެ އެޑިޓަރަކީވެސް އޭނާއެވެ. އެ އަހަރު އެންމެ މޮޅު އެޑިޓަރުގެ އެވޯޑް އާސިމް އުފުލާލިއެވެ.
ފިލްމީ ދާއިރާއަށް ހިތާއި މުޅި ޖާން ހަދިޔާކޮށް ވިހި އަހަރުން އޭނާ އެ ދާއިރާގެ އެންމެ އުހަށް ދަތުރުކޮށްފި އެވެ. ކުރިއަށްވެސް އޮތީ ބެލުންތެރިންނަށް އުފާވެރި ހަބަރުތަކެވެ. އާސިމްގެ ކުޅަދާން އެކްޓިން ބެލުންތެރިންނާއި ވަކިވުމެއް ނެތެވެ. އާސިމް އޭނާގެ ފޭނުންނަށް ދޭ އުފާވެރި ހަބަރަކީ އެއީއެވެ. ގޮންޖެހުންތަކާ ހުރަސްތަކާއި ކުރިމަތިލާ ހޯދި ގަދަ ކާމިޔާބީއަށް ދެންވެސް ފިލްމީ މަސައްކަތުގައި ދެމި ހުންނާނެ ކަމެވެ.
"އަޅުގަނޑު ބޭނުންވަނީ ގިނަ ފިލްމުތަކެއް ކުޅުމެއް ނޫން، އަދަދު ގިނަ ކުރުމެއް ނޫން. ބޭނުންވަނީ ރަނގަޅު އެއްޗެއް. ބެލުންތެރިންނަށް ދޭނެ ޔަގީން ކަމަކީ ދެންވެސް ފެންނާނީ އާސިމްގެ އޮރިޖިނަލް އެއްޗެކޭ،"