އެފަދަ ދެވަނައެއް ނެތް ކޮމެޑީ ސްޓާރު، ޔޫސޭގެ އަންހެނުންނޭ ކިޔަސް ފިލްމު ކުޅޭ ޝަކީލާއޭ ބުންޏަސް އަދި ހުރިހާ ދިވެހިން ދަންނަ ދޮންސަންޕައޭ ގޮވައިލިޔަސް އެންމެ ރަނގަޅުވާނެ އެވެ. އެ ހުރިހާ ނަމަވެސް ވެސް ނިސްބަތް ވަނީ މަރިޔަމް ޝަކީލާ އާދަމް (ޝަކިއްތަ) އަށެވެ. ޝަކީލާ ފުރަތަމަ ފިލްމަކުން ފެނުނީ މީގެ 37 އަހަރު ކުރިން އޭނާގެ އުމުރުން 15 އަހަރުގަ އެވެ. "ދޮން ސައްޕަ" ނަމުގައި އުފެއްދި އެ ފިލްމަކީ ޝަކީލާ އެކްޓް ކުރަން އޮތް ފިލްމެއް ވެސް ނޫނެވެ. އެކަމަކު ނަސީބު ފުރޮޅިގެން އައި ގޮތުން ފިލްމުގައި ދޮންސަންޕައަަކަށް ވާން ޖެހުނީ އުމުރު ހަގު، ތަޖުރިބާއެއް ނެތް ޝަކީލާއަށެވެ. އެވެ. އޭގެ ފަހުން ފިލްމީ ދާއިރާގައި މެދު ނުކެނޑި 37 އަހަރު، ދިވެހި ފިލްމީ އުދަރެހުގެ އެންމެ މަތީ ފެންވަރުގައި ހިފަހައްޓާލި ހަމައެކަނި ތަރިއަކީ ޝަކީލާ އެވެ. ފެންވަރާއި ވިދުމަށް ބަަދަލެއް ނާދެ އެވެ.
ދޮންސަންޕައާ ހަމައިން ފިލްމީ މަސައްކަތަށް ޝަކީލާގެ ހިތުގައި ހާއްސަ ޝައުގެއް އުފެދުނެވެ. ސުކޫލުގައި އުޅުނު ދުވަސްވަރު ބޮޑުވެގެން ވާން ބޭނުންވަނީ ކޮންކަހަލަ މީހަކަށްތޯ ސުވާލު ކޮށްފިނަމަ ވެސް ފިލްމީ ތަރިއަކަށް ވާން ބޭނުންވާ ކަމަށް ބުނެވެ އެވެ. އެއީ އެ ޝައުގުވެރިކަން ބޮޑު ވެގެނެވެ. އެހެންވެ އެކުވެރިންގެ ގާތުގައިވެސް ޝަކީލާއަށް އަބަދު ފިލްމް ކުޅޭ ވާހަކަ ދެކެވެ އެވެ. އަދި ބޮޑުވެގެން ފިލްމު ކުޅެން ނިންމި އެވެ.
"ކުޑައިރު އަޅުގަނޑު ރައްޓެހިން ކައިރީ ވެސް ބުނަން ބޮޑުވެގެން ފިލްމޭ ކުޅޭނީ. އަދި ކުޅޭނީ ވެސް މަންމައެއްގެ ބައޭ. މިހާރު އެންމެ ކުޑައިރުގެ އެ އުންމީދު މިވަނީ ހާސިލްވެފައި، އެއީ މަންމަ ރޯލް މިހާރު ކުޅެނީ ވެސް،" މި ފަހުން ޝަކީލާ ދޭ ފުރަތަމަ އިންޓަވިއުގައި އަވަސްއާ ވާހަކަ ދައްކަމުން ބުންޏެވެ.
ކުޑައިރު ދުށް ހުވަފެނުގައި ކުލަޖެހި ސްޓާރަކަށްވެފައި ވީ ނަމަވެސް އެހާ ހަގު އުމުރެއްގައި ފިލްމެއް ކުޅެލަން ލިބިދާނެ ކަމަށް ޝަކީލާ ހީކޮށްފައެއް ނެތެވެ. އަޖައިބެއް ކަހަލަ ކަމަކަށްވީ ޝަކީލާ ޔޫސޭއާ ކައިވެނި ކުރިތާ ބަރާބަރު އެއް ހަފްތާވި ދުވަހަކީ އޭނާގެ ގާތުގައި "ދޮން ސައްފަ" ކުޅެފާނަންތޯ ޔޫސޭ ސުވާލުކުރި ދުވަހެވެ. ޔޫސޭއަކީ އޭރު ޓީވީއެމްގެ ޕްރޮޑިއުސަރެކެވެ. އާންމުންގެ މެދުގައި ވަރަށް މަގުބޫލު ތަރިއެކެވެ. ޓީވީގައި އެންމެ ފާހަގަ ކޮށްލެވޭ އެކެވެ. ނޫސްވެރިއެކެވެ.
"ދޮންސައްފަ" ކުޅެން ފުރަތަމަ ހަމަޖެއްސި އަންހެން ކުއްޖާއަށް ދިމާވި ކުއްލި ކަމެކެވެ. އޭގެ ސަބަބުން އޭނާއަށް ޝޫޓިންގައި ބައިވެރިވެވޭ ގޮތް ނުވީ އެވެ. އެހިސާބުން ޓީވީއެމްއިން ޔޫސޭގެ ގާތުގައި އެދުނީ އެ ރޯލަށް ފިޓްވާނެ ކުއްޖަކު ހޯދައިގެން އައުމަށެވެ. އެ ފިލްމުން ޝަކީލާއަށް ފުރުސަތު ލިބި މުޅި ރާއްޖެ ދަންނަ ދޮންސަންޕައަކަށް އޭނާ ބަދަލުވީ އޭގެ ސަބަބުންނެވެ. އޭގެ ހަތް ދުވަސް ކުރިން ޔޫސޭގެ ހަޔާތަށް ގެނައި ޒުވާން އަނބިމީހާއަކީ އެ ރޯލަށް އެންމެ ފިޓް މީހާ ކަމަށް ޔޫސޭއަށް ގަބޫލު ކުރެވުނެވެ. އެހެންވެ އަންހެނުން ކައިރިއަށް ގޮސް ފިލްމެއް ކުޅެފާނަންތޯ އެހީ އެވެ.
"[ބޭނުން ކަމަކަށް ވިޔަސް] ފުރަތަމަ ވަރަށް ލަދުގަތް! ފުރަތަމަ ބުނިން ނުކެރޭނެއޭ ވެސް. އެކަމު ފިރިމީހާ ބުނެފި ލަވައެއްގެ އެކި ތަންތަންކޮޅުން އެކަންޏޭ ފެންނާނީ. ދިވެހި ހެދުމުގައޭ ހުންނަން ޖެހޭނީ ވެސް. ވާހަކަ ދައްކާކަށް ވެސް ނުޖެހޭނޭ. އެހެންވެ ދެން އެއްބަސްވީ،" ޔޫސޭގެ ހުށައެޅުން ގަބޫލުކުރި ގޮތް ޝަކީލާ ކިޔައި ދިނެވެ.
ޝަކީލާގެ ފުރަތަމަ ފިލްމު "ދޮން ސައްފަ" އާ އެކު ހުރިހާ އެންމެނަށް ވެސް ޝަކީލާވީ މާ ކަމުދާ ސްޓާރަކަށެވެ. ހާއްސަކޮށް އެ ފިލްމުގައި ޝަކީލާ ފެންނަ ސިފައެވެ. އެ ހިސާބުން ވަރަށް ގިނަ ޑައިރެކްޓަރުންނަށް ކަމުދާ ތަރިއަކަށް ޝަކީލާވެ ހުށައެޅުންތައް އޮހެން ފެށިއެވެ. އެކި ކަހަލަ ރޯލުތަކެވެ. މިހާތަނަށް 50 ވުރެ ގިނަ ފިލްމު ޝަކީލާ ކުޅެފައި ވެއެވެ. އަދި ގިނަ އަދަދަކަށް ޑްރާމާ ސިލްސިލާތައް ކުޅެފައިވެއެވެ.
ދިވެހިންގެ ތެރޭ ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯދި "ތިޔޭ މިހިތުގެ ވިންދަކީ" އާއި "ވައިރޯޅިއަށްވެސް ސިއްރުން" ފަދަ ޑްރާމާތަކުގައި ވަރަށް މުހިންމު ތަފާތު ރޯލުތަކުން އޭނާ ފެނިފައި ވެއެވެ. އަދި ވަރަށް ގިނަ އަދަދަކަށް ލަވަ ވެސް މިހާތަނަށް ކުޅެފައި ވެއެވެ.
ފިލްމީ ކެރިއަރުގެ ކުރީކޮޅު ޝަކީލާ ގިނައިން ފެނުނީ ފިރިމީހާ، ޔޫސޭގެ އުފެއްދުންތަކާއި ޔޫސޭ ޑައިރެކްޓުކުރި ބައެއް ފިލްމު ތަކުންނެވެ. އަދި ބައެއް ފިލްމުތަކުގައި ޔޫސޭއާއެކުގަ އެވެ. ޔޫސޭގެ އެންމެ ހިޓް ސީރީޒް "ދިރިއުޅުމަކީ މިއީބާ" ގެ އެންމެ ކުރީ އެޕިސޯޑްތަކުގައި ޝަކީލާ ވެސް މަސައްކަތް ކޮށްފައި ވެއެވެ.
ނަމަވެސް އޭގެ ފަހުން މުޅީންހެން ޝަކީލާ ފެންނަމުން ދިޔައީ އެހެން ޑައިރެކްޓަރުންގެ އުފެދުންތަކުންނެވެ. އެހެންވާން މެދުވެރިވީ ސަބަބުތައް ހުއްޓެވެ.
"އިރޮއޮއްސުމުން" މި ނަމުގައި ޔޫސޭ ތައްޔާރުކުރި ފިލްމު ސެންސަރު ކުރުމުގެ ތެރޭގައި ސެންސަރު ބޯޑުން އަމަލު ކުރި ގޮތުން ޔޫސޭ މުޅީން މާޔޫސްވީ އެވެ. ފިލްމީ މަސައްކަތާ މުޅިންހެން ދުރުވީ އެވެ. އެ ފިލްމުގެ ޓިކެޓް ވިއްކާ އޮލިންޕަހުގައި އަޅުވަން ދެ ގަޑިއިރަށްވީއިރު ވެސް ސެންސަރު ބޯޑުން ފިލްމު ދޫނުކުރެ އެވެ. އެންމެ ފަހުން ވަގުތު ފާއިތުވުމުން ފިލްމު ދޫކުރީ އެ ފިލްމުގެ ތިން ބައިކުޅަ ދެ ބައި ބުރިކޮށްލުމަށް ފަހު އެެވެ. އެހެން ކަމުން އެރޭ އޮލިންޕަހުގައި އަޅުވަން ޖެހުނީ ޔޫސޭގެ "ހައްގު" ފިލްމެވެ. އެ ހިސާބުން ފިލްމީ މަސައްކަތާ ޔޫސޭ މުޅީން ދުރަށް ދިޔަ އެވެ. އެ ފަހުން "ދިރިއުޅުމަކީ މިއީބާ" ނޫން މަސައްކަތެއް ކުރަން އޭނާ ބޭނުން ނުވީ އެވެ. އަމުދުން ފީޗާ ފިލްމެއް ނުހަދަން ނިންމީ އެވެ.
"އެހެން ވެގެން ޔޫސޭގެ އުފެއްދުމަކުން ފަހުން ނުފެނި ދިޔައީ،" ޝަކީލާ ބުންޏެވެ.
އަލުން ދެމަފިރިން އެކުގައި
ޔޫސޭއާ ޝަކީލާ އެކުގައި ހަރަކާތްތެރިވާ ފިލްމެއް ބެލުންތެރިނާއި ހަމައަށް ގެނެސް ދޭނެ ކަމަށް ޔޫސޭ ފުރަތަމަ އިއުލާނުކުރީ އަވަސްގެ ސްޓާއެއްގެ ސްޓޯރީގެ ޔޫސޭއަށް ހާއްސަކުރި އެޕިސޯޑްގަ އެވެ. އެ ވާހަކަ ޝަކީލާ ވަނީ ތަފްސީލު ކޮށްދީފަ އެވެ. އޭނާ ބުނި ގޮތުގައި ދެމަފިރިން އެކުގައި ފެންނާނެ އުފެއްދުމެއް ބެލުންތެރިންނާއި ހަމަައަށް ގެނެސްދޭން އެ ދެމަފިރިން ވަރަށް ބޭނުން ވެއެވެ. "ދިރިއުޅުމަކީ މިއީބާ" ސީރީޒަކުން ނަމަވެސް ނުވަތަ ލަވަ އަލްބަމަކުން ނަމަވެސް ފޭނުންނަށް ފެނިލަން އަދި ބޭނުން ވެއެވެ.
އެކަމަކު ދެމަފިރިންގެ ވެސް އެންމެ ބޮޑު ޑްރީމަކީ މުޅި ރާއްޖޭގައި ހިޓަކަށްވި "ދޮންސައްޕަ" ފިލްމްގެ ރިމޭކެއް ހެދުމެވެ. އެ މަސައްކަތް ފަށަން ޔޫސޭ ދަނީ މިހާރު ތައްޔާރުވަމުންނެވެ. މީގެ 37 އަހަރު ކުރިއާ މިހާރާ ކިތަންމެ ތަފާތު ނަމަަވެސް އެ ފީލްގައި އަލުން އެ ފިލްމު ގެނެސްދޭން އެ ދެމަފިރިން ބޭނުން ވެއެވެ. އެހެންވީމަ ހަށިގަނޑަށް ކޮންމެވެސް ބަދަލެއް ގެނެސް އެ ފިލްމަށް ފިޓްވުމުގެ މަސައްކަތް ޝަކީލާ ވަނީ ފަށައިފިއެވެ. އެހެން ތައްޔާރީތައް ޔޫސޭ ދަނީ ކުރަމުންނެވެ.
"އަޅުގަނޑުމެން ރާވައިގެން މި ތިބީ 'ދޮންސައްޕަ' އިގެ ރިމޭކެއް ގެނެސް ދޭން،"
ޝަކީލާ ފާހަގަކުރެވިފައި ވަނީ ފިލްމީ މަސައްކަތުން އެއްގޮތަކަށް ވެސް ނުގެއްލި އަބަދުވެސް އެންމެ އުހުގައި ހުރި ސްޓާރެއްގެ ގޮތުގައެވެ. މިހާރުވެސް އެކަން އޮތީ އެގޮތަށެވެ. "ލައިލާ" އާއި "ބަޅިނދު" އަދި "ނީނާ" ގައިވެސް އޭނާ ހަރަކާތްތެރި ވެއެވެ. އަމްޖޭގެ 50 ވަނަ ފިލްމު ކަމަށްވާ "ގިލަން" ގައިވެސް ޝަކީލާއަކީ މުހިންމު ތަރިއެކެވެ. މީގެ އިތުރުން އަދި ނަން އިއުލާނު ކޮށްފައިނުވާ ތިން ފިލްމެއްގެ މަސައްކަތް އެބަ ހިނގަ އެވެ.
ދިރިއުޅުން އުފާވެރި، ފިރިމީހާގެ އެހީ ބޮޑު
ޝަކީލާ ބުނި ގޮތުގައި ފިލްމީ ދާއިރާއިން އޭނާއަށް ލިބުނު ކުރިއެރުމާއި މަގުބޫލު ކަމުގެ ސިއްރަކީ ފިރިމީހާ ޔޫސޭ އެވެ. ދެން ދެ ފަރާތު އާއިލާ އެވެ. އަދި އެ ދެމަފިރިންގެ ދެ އަންހެން ކުދިންނެވެ. ޝަކީލާ ގަބޫލުކުރާ ގޮތުގައި ފިލްމީ މަސައްކަތުގައި މެދުނުކެނޑި އެހާ ގިނަ ދުވަހު މަސައްކަތް ކުރެވުނީ އެ މީހުންގެ އެހީތެރިކަން ލިބިގެނެވެ.
"މިހާ ހިސާބަށް މި އާދެވުނީ ފިރިމީހާއާ އާއިލާއާ ކުދިންގެ އެހީތެރިކަމުގައި. މިދިޔަ 37 އަހަރު މިގޮތަށް ކާމިޔާބު ކަމާއެކު ހޭދަ ކުރެވުނީ އެ ހުރިހާ އެންމެންގެ ފުރިހަމަ އެހީތެރިކަން އޮވެގެން،"
ހާއްސަކޮށް ޔޫސޭގެ ނަން ފާހަގަ ކުރަން ޝަކީލާ ބޭނުން ވެއެވެ. ފިލްމުތަކުން ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަން ޝަކީލާއަށް އެންމެ ބާރު އަޅަނީ ޔޫސޭ އެވެ. ޝޫޓިންތަކަށް ގެންގޮސް ގެނެސްދީ ހަދަނީ ވެސް އޭނާއެވެ. ބައެއް ފަހަރު ފިލްމުތަކުން ފުރުސަތު ހޯދައި ދޭ މީހަކަށްވެސް އޭނާ ވެއެވެ.
"ފުރުސަތެއް ލިބުމުން ބައެއް ފަހަރު ހުންނާނެ ފިރިމީހާ [ޔޫސޭ] ކައިރި ނާހާވެސް އާއެކޭ ބުނެފައި. އެއީ އަޅުގަނޑަށް ޔަގީންކަން އޮވޭ ޔޫސޭ އަބަދު ވެސް އެހީތެރިވާނެކަން. ދެން ފަހުން ނަމަވެސް އެ ވާހަކަ ބުނެލީމަ ހިތްވަރު ދޭނެ. އަދި ހުރިހާ ގޮތަކުން އެހީތެރިވާނެ،"
ޔޫސޭއާ ޝަކީލާގެ ދިރިއުޅުމާމެދުވެސް ބައެއް މީހުން ތަފާތު ވާހަކަތައް ނެރެގެން ދައްކައެވެ. އެއީ މަޝްހޫރުވީމަ ވާގޮތެއް ކަމަށްވެސް ވެދާނެ އެވެ. ވަރަށް ގިނަ ފަހަރަށް މަޝްހޫރު އެކި މީހުންނާމެދު ހަގީގަތެއް ނެތް ވަރަށް ގިނަ ވާހަކަތައް ނެރެގެން ދައްކަ އެވެ. އެ ދެމަފިރިންނާ ގުޅޭގޮތުން ވެސް ނެރެފައި ވަނީ އެފަދަ ވާހަކަތަކެވެ.
ގިނަ ބައެއްގެ އިހުތިރާމު އޮތް ޔޫސޭއާ ޝަކީލާ ބެހޭ ގޮތުން އެފަދަ ވާހަކަތަކެއް ބަޔަކު ދެއްކި ނަމަވެސް އެއީ ހަގީގަތެއް އޮތް ވާހަކަތަކެއް ނޫނެވެ. ޝަކީލާ ސިފަ ކުރާ ގޮތުގައި އޭނާގެ 38 އަހަރުވީ ކައިވެންޏަކީ ވަރަށް އުފާވެރި ކައިވެންޏެކެވެ. ދެ އާއިލާގެ ގުޅުން ވަރުގަދައެވެ. ކައިވެންޏަށް ދެ ކުދިން ލިބި މިހާރު މާމަ / ކާފަ ކިޔާ ކުއްޖަކު ވެސް އެބަހުއްޓެވެ.
"އަޅުގަނޑު ލައިފް ސިފަ ކުރާނީ ވަރަށް ހިތްހަމަޖެހޭ އުފާވެރި ލައިފެއްގެ ގޮތުގައި. އަލްހަމްދުﷲ،"