ފިލްމީ ތަރި އަހުމަދު ސައީދުގެ ފިލްމީ ކެރިއަރަށް 23 އަހަރު ފުރި 24 ވަނަ އަހަރެއް ގުނަން ފެށުނީ އެވެ. ޖޫން 13، 1997 އަކީ ސައީދުގެ ފުރަތަމަ ފެނިލުން އާންމުންނަށް ފެނުނު ދުވަހެވެ. އެއީ ކުޅަދާނަ ތަރިން ކަަމަށްވާ މަރިޔަމް ނިޝާ އަދި ޖަންބު ހަސަން އަފީފާއެކު ސައީދު ކުޅުނު ލަވަ ޓީވީއެމްއިން ފުރަތަމަ ދެއްކި ދުވަހެވެ. އެ ހިސާބުން ފިލްމީ މަސައްކަތް އެއޮތީ ފެށިފަ އެވެ.
އޭގެ ފަހުން ސައީދު ފެނިގެން ދިޔައީ ޔޫސުފް ރަފީއު (ޔޫސޭ) ގެ "ދިރިއުޅުމަކީ މިއީބާ" އިންނެވެ. އެއީ ސައީދުގެ އެކްޓިން ބެލުންތެރިންނަށް ފެނިގެންދިޔަ ޑްރާމާތަކެއް ނަމަވެސް "ދިރިއުޅުމަކީ މިއީބާ" ގައި އުޅޭ ތަރިންނަކީ އެހެން ފިލްމުތަކުން ފުރުސަތުދޭ ބައެއް ނޫނެވެ. އެެއީ އޭރު ބައެއް ޑައިރެކްޓަރުން އޭރު ދެކޭ ގޮތެވެ. ސައީދުއަށް ވެސް އެފަދަ އެތައް ވާހަކަތަކެއްގެ އަޑުއިވުނެވެ. އެހެންވިޔަސް ޔޫސޭގެ އެދުމަށް ފަސް ޑްރާމާއެއްގައި ސައީދު ބައިވެރިވި އެވެ.
"އޭރުވެސް ބައެއް މީހުން ކިޔާނެ 'ދިރިއުޅުމަކީ މިއީބާ' ކުޅޭ މީހުންނަށް ފިލްމީ ދާއިރާއިން ޗާންސެއް ނޯންނާނޭ. އެހެން ނަމަވެސް އަޅުގަނޑު އެކަމެއް އޭރުވެސް ގަބޫލެއް ނުކުރަން. އެހެން ހުއްޓާ ޓީވީއެމްއިން ފުރުސަތެއް ލިބުނީ،" އޭނާ ބުންޏެވެ.
ޓީވީއެމްއިން ލިބުނު ފުރުސަތަށް ފަހު ގިނަ ހުށައެޅުންތަކެއް ސައީދަށް ލިބުނެވެ. ހާއްސަކޮށް ޑްރާމާ ސިލްސިލާތަކުންނެވެ. ފުރަތަމަ ކޮޅު ގިނަ ޑައިރެކްޓަރުންވެސް ދުށީ ސައީދަކީ ޑްރާމާތަކުގެ އެކްޓަރެއްގެ ގޮތު އެވެ. އަދި އެ ދުވަސްވަރު ޓީވީން އުފެއްދި ހުރިހާ ޑްރާމާތަކެއްގައި ސައީދު ބައިވެރިވި އެވެ. "ތީއޭ މިހިތުގެ ވިންދަކީ" އާއި "ހިނިތުންވެލާށޭ ކަލާ" އަކީ ސައީދުގެ ހިޓެވެ. އަދި އާންމުން ހޭލުންތެރި ކުރުމަށް ޓީވީއެމް އާއި ޔުނިސެފް ގުޅިގެން އުފެއްދި "އުޖާލާ ރާސްތާ" އާއި "ހިތްއެދޭ ރާސްތާ" ގައި ވެސް މުހިންމު ރޯލަކުން ސައީދު ފެނުނެވެ.
އޭގެ ގިނަ ޑްރާމާތަކުގައި ސައީދު ކުޅެފައި ވަނީ ނެގެޓިވް ރޯލްތަކެވެ: "ނެގެޓިވް ރޯލް ކުޅޭތީ އޭރު ވަރަށް ބޮޑަށް ފާޑުވެސް ކިޔާނެ. އެކަމަކު އަޅުގަނޑު އަބަދުވެސް ދެކެނީ އެ ރޯލް ޑައިރެކްޓަރުން އެ އޮފާ ކުރަނީ އެ ރޯލަށް ފިޓްވީމަ ކަމަށް،"
ސިނަމާއިން ފުރުސަތު ދިނީ ޔޫއްޕެ
ދެހާސް އެގާރަވަނަ އަހަރާ ހަމައަށް ސްކްރީން ފިލްމުތަކުން ސައީދު ނުފެނުނު ނަމަވެސް އެ އަހަރަކީ ސައީދުގެ ސްކްރީން ފިލްމުތަކުގެ ފެށުމަށް ވިއެވެ. އެ ފުރުސަތަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) ދިން ފުރުސަތެކެވެ. އެ އަހަރު ސްކްރީން ކުރި ފިލްމުތަކުގެ ތެރެއިން "އިންސާފް" އަކީ ހުރިހާ ގޮތަކުން އެންމެ ކާމިޔާބު ފިލްމެވެ. އެ ފިލްމުގައި އެންމެ މުހިންމު ރޯލަކުން ފެނިގެން ދިޔައީ ސައީދެވެ.
"ޔޫއްޕެ ދިން ފުރުސަތަކީ 'އިންސާފު' މި ފިލްމް. ހަގީގަތުގައި އެ ހިސާބުން ފިލްމީ ދާއިރާގެ ގިނަ ބަޔަކަށް އަޅުގަނޑު ބަލައިގަނެވުނީ. އޭގެ ކުރިން ޑްރާމާ ސިލްސިލާ ކުޅޭ އެކްޓަރެއްގެ ގޮތުގައި ދެކެނީ. ނަމަވެސް އިންސާފާއެކު ބޮޑު ސްކްރީން މި ފެށުނީ،"
އޭގެ ފަހުން ޔޫއްޕެގެ ކޮންމެ ޑައިރެކްޝަނަކުން ސައީދަށް ފުރުސަތު އޮވެއެވެ. އެހެން ކަމުން ސިނަމާއަށް އޭނާ ތައާރަފުކޮށް އަދި މިހާރު އޭނާ އެ ހުރި ހިސާބަށް ގެންގޮސްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ޔޫއްޕެ އެވެ. އަދި އެކުވެރިން ކަމަށްވާ އިސްމާއީލް ޝަފީގު އާއި އަލީ ސީޒަން ފަދަަ ތަރިންނެވެ.
"އަޅުގަނޑު ދެކެނީ ފިލްމީ ސިނަމާއަށް އަޅުގަނޑު ތައާރަފު ކޮށްދިން މީހަކީ ޔޫއްޕެއޭ،. އަދި ހަގީގަތުގައި އަޅުގަނޑާއެކު މަަސައްކަތް ކުރާ ކޮލީގުންގެ ސަބަބުން އަޅުގަނޑު މިއަދު މިހާހިސާބުގައި މި ހުރީ"
މިއަހަރު އެންމެ ބިޒީ މީހަކީ ސައީދު
މި އަހަރަކީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ހުރިހާ ދާއިރާއެއްގެ މަަސައްކަތްތައް ހުއްޓުނު އަހަރެކެވެ. ކޮވިޑްގެ ބަލާއާފާތާއި ގުޅިގެން ރައްކާތެރިކަމަށްޓަކައި އެޅި ފިޔަވަޅުތަކުގެ ސަބަބުން ފިލްމީ މަސައްކަތްތައް ވެސް ގިނަ ދުވަސްތަަކަކަށް ހުއްޓުނެވެ. ނަމަވެސް މި އަހަރު ވެސް ފިލްމީ ބައެއް އުފެއްދުންތައް ބެލުންތެރިންނާއި ހަމައަށް އައެވެ.
އޭގެ ގިނަ އުފެއްދުންތަކުގައި ސައީދު ހަރަކާތްތެރިވިއެވެ. އެހެންވެ ފިލްމީ މަސައްކަތް ހުއްޓުނު މި އަހަރުވެސް އެންމެ ބިޒީވީ ސައީދެވެ. މުއުމިން ފުއާދުގެ "ގަމިނި" އަދި ޔޫސުފް ޝަފީއުގެ ވެބް ސީރީޒް "ހުވާ ކޮށްފައި ބުނަން" ގައިވެސް ސައީދު ހިމެނެ އެވެ. ޔޫއްޕެގެ 20 އެޕިސޯޑްގެ ވެބް ސީރީޒް އަދި ދައްކާނެ ވަކި ތާރީހެއް އިއުލާނެއް ނުކުރެއެވެ. ހުރިހާ މަސައްކަތެއް އޮތީ ނިމިފައެވެ. ނަމަވެސް ސައީދުގެ ތަފާތު ރޯލެއް ފެނިގެންދިޔަ މުއުމިންގެ 13 އެޕިސޯޑްގެ "ގަމިނި" މިހާރު ވަނީ ދައްކާ ނިމިފަ އެވެ.
މީގެ އިތުރުން މުހައްމަދު އަލީ (މޮގާ) ގެ ވެބް ސީރީޒް "ރޫމީ އެންޑް ޖަންނަތު" ގައިވެސް ސައީދު ހަރަކާތްތެރި ވެއެވެ. އަދި "ނަފްސް" ގެ ނަމުގައި އުފެއްދި ޑްރާމާ ސިލްސިލާ އާއި "މަރިޔަމް" ސީރީޒްގައި ވެސް ސައީދު ފެންނާނެ އެވެ.
"ވަޒީފާގައި އުޅެމުން އަޅުގަނޑަށް ފިލްމީ މަަސައްކަތަށް ދެވޭ ވަގުތު ރަނގަޅު ކަމަށް އަޅުގަނޑު ދެކެނީ،" ވެމްކޯގެ ވަޒީފާއެއް އަދާ ކުރާ ސައީދު ބުންޏެވެ.
ސައީދުގެ އަމިއްލަ އުފެއްދުމެއް
ފިލްމީ މަސައްކަތުގައި ހޭދަކުރި 23 އަހަރުގައި ސައީދުގެ އަމިއްލަ ޑައިރެކްޝަނެއް ނުފެނުނު ނަމަވެސް ވަރަށް ގިނަ ފިލްމުތަކުގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ސައީދު މަސައްކަތް ކުރިއެވެ. ޓެކްނިކަލް އެހީތެރިއެއްގެ ގޮތުގައިވެސް މަސައްކަތް ކުރިއެވެ.
ނަމަވެސް 2021 ގައި ސައީދުގެ އުންމީދަކީ އޭނާގެ ފިލްމެއް ބެލުންތެރިންނާއި ހަމައަށް ގެނެސް ދިނުމެވެ. ފިލްމެއް ޕްރޮޑިއުސް ކުރުމުގެ މަސައްކަތް މިދިޔަ އަހަރު ވެސް ސައީދު ކުރަން ބޭނުންވި އެވެ. އާއިލީ ކަމެއްގައި އުޅެން ޖެހުމުން އެކަން ނުވީއެވެ. އަދި މިއަހަރު ކޮވިޑްގެ ބަލިމަޑުކަން އެކަމަށް ހުރަސްއެޅީ އެވެ. ނަމަވެސް 2021 ވެގެންދާނީ ސައީދުގެ ހުވަފެނުގައި ކުލަ ޖެެއްސުމަށް މަސައްކަތް ކުރާނެ އަހަރަކަށެވެ.
"އިރާދަ ކުރެއްވިއްޔާ އަޅުގަނޑު އަންނަ އަހަރު ފިލްމެއް ޕްރޮޑިއުސް ކުރާނަން،"
ފިލްމް ކެރިއަރުގައި ސައީދު ވަނީ ފަހުރުވެރި އެވޯޑްތަކެއް އުފުލާލާފަ އެވެ. އެކަމަކު އެވޯޑްތަކަށްވުރެ ސައީދު މި ދާއިރާއިން ހޯދި ކާމިޔާބު ބޮޑެވެ. ކޮންމެ ދާއިރާއެއްގައި ވެސް މައްސަލަތައް ހުންނާނެ އެވެ. އެކަކު އަނެކަކާއި އެކި މައްސަލަތައް ޖެހޭނެ އެވެ. ދިމާވާ އެކި މައްސަލަތަކުގައި ބައެއް ފަހަރު އެކުގައި މަސައްކަތް ކުރަން ދެކޮޅު ހަދާ މީހުންވެސް ތިބޭނެ އެވެ.
ސައީދުގެ ކާމިޔާބަކީ 23 އަހަރުގައި ހުރިހާ ޕްރޮޑިއުސަރުންގެ ފިލްމުގައި މަސައްކަތް ކުރެވިފައިވުމެވެ. ހުރިހާ ޑައިރެކްޓަރުންނާއެކު މަސައްކަތް ކޮށް އެމީހުންގެ އިތުބާރު ހޯދުމެވެ. ވަކި ތަރިއެއް ތަފާތު ކުރުމެއްނެތި ހުރިހާ ތަރިންނާއެކު މަސައްކަތް ކުރުމެވެ. ސައީދަކީ ފިލްމީ ހުރިހާ ފަންނާނުން އެކުވެރިއެކެވެ.
"އަޅުގަނޑު މިދިޔަ 23 އަހަރުގެ ބިއުޓީއަކީ ހުރިހާ އެންމެންނާއި އެކު މަަސައްކަތް ކުރެވުން. އަޅުގަނޑަށް އެކުގައި މަސައްކަތް ނުކުރެވޭނެ އެކަކުވެސް ނުހުންނާނެ. އެންމެ ބޮޑު އުފުލަކީ އެންމެނާއެކު ވެސް މަސައްކަތް ކުރެވިފައިވުން. އަދި އެފަދަ މީހަކަށް އަޅުގަނޑުވުން،"
އަޒޫއާއެކު ދިރިއުޅުން ވަރަށް އުފާވެރި
ސައީދު އާއި އަޒޫގެ ކައިވެންޏަށް ހަތަރު އަހަރުވީއެވެ. ކައިވެންޏަށް ހަތަރު އަހަރުވީއިރު އެ ދެމަފިރިންނަށް ލޯބިލޯބި އަންހެން ކުއްޖަކު ލިބިފައިވެއެވެ. "ސެލެބްރިޓީ ޖޯޑުން" ގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ޖޯޑަކީ ސައީދު އާއި އަޒޫ ނަމަވެސް އެ ކަައިވެނި ކުރެވުނު ދުވަސްކޮޅު ވަރަށް ގިނަ ވާހަކަތައް ދެކެވުނެވެ.
އެ ކައިވެންޏަކީ ފައިސާ އާއި ތަނަވަސް ކަަމުގެ ބޭނުމުގައި ކުރި ކައިވެންޏެއް ކަމަށް ބައެއް މީހުން އަޑުފެތުރިއެވެ. ނަމަވެސް މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަން އެ ދެމަފިރިން ސާބިތުކޮށް ދިނީ އެ މީހުންގެ އުފާވެރި ދިރިއުޅުމުންނެވެ.
"އަޒޫގެ ހުރިހާވެސް މީހަކީ އަޅުގަނޑު. އަޅުގަނޑާއި އަޅުގަނޑާއި ގުޅިފައިވާ ކޮންމެ އެއްޗަކީ އަޒޫއަށް ވަރަށް މުހިންމު އެއްޗެއް. އަދި އަޅުގަނޑުގެ މުޅި ފެމިލީއަށްވެސް އަޒޫ ވަރަށް މުހިންމު،"
ސައީދު އާއި އަޒޫގެ ކައިވެނި ކުރެވުނުއިރު އޭނާ ވަނީ ކުރިންވެސް ކައިވެންޏެއް ކޮށްފައެވެ. އެ ކައިވެންޏަށް ދެ ކުއްޖަކު ލިބިފައިވެއެވެ. އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. އެ ދެ ކުދިންނާއެކު ސައީދު އަދި އަޒޫގެ އަލަތު ދަރިފުޅާއެކު މިހާރު އެ މީހުންގެ ދިރިއުޅުން ވަރަށް އުފާވެރި އެވެ.