ދިވެހި ފިލްމީ އުދަރެހުން މި ފަހުން އުފެދުނު އެންމެ ކުޅަދާނަ ބަތޮލާއަކީ ނިއުމާ މުހައްމަދު ކަމާމެދު ދެބަސްވާނެ މީހަކު ނުހުންނާނެ އެވެ. ފިލްމީ ދާއިިރާގެ "ރަނިކަމަނާ" އަކީ އެއީ އެވެ. ހުރިހާ ފަންނާނުންހެން ދެކެނީ އެގޮތަށެވެ. މިހާތަނަށް 40 ފިލްމާއި 1،000 ވުރެ ގިނަ ވީޑިއޯ ލަވައިގެން ފެނިގެން ގޮސްފައިވާ ނިއުމާ މިހާރު ހުރީ ފިލްމު ކުޅުމާއި މުޅީން ދުރުވެގެނެވެ. އެއީ 25 އަހަރުގެ ފަހުރުވެރި ކެރިއަރު ވަރަށް ކާމިޔާބު ކަމާއެކު ނިންމާލައިގެންނެވެ. ނަމަަވެސް ދާއިރާއާ ދުރަކު ނޫނެވެ. ފިލްމަކުން ނުފެނުނު ނަމަވެސް އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ވުޖޫދުކޮށް ފިލްމު އުފެއްދުމުގެ މަސައްކަތުގައި ނިއުމާ ހުރީ ކުރިއަށްދާން އަޒުމު ކަނޑައަޅައިގެނެވެ.
އުމުރުން ވަރަށް ހަގު އިރުވެސް ފިލްމީ މަސައްކަތަށް އޭނާ ޝައުގުވެރި ވެއެވެ. ފިލްމު ކުޅެ މަޝްހޫރު މީހަކަށް ވުމަކީ އޭނާ ދެކެމުންދިޔަ ހުވަފެނެކެވެ. މޮޅު އެކްޓަރަކަށްވުމަކީ ކުރި ވަރަށް ބޮޑު އުންމީދެކެވެ. ހާއްސަކޮށް މާލެ އައިސް މާފަންނު މަދަރުސާގައި ކިޔަވަން އުޅުނު ދުވަސްވަރެވެ.
މާފަންނު މަދަރުސާއާ ކައިރީ ހުރި ސްޓާސިނަމާއަށް އޭރުގެ މަޝްހޫރު ފިލްމީ ތަރިން ވަދެ ނިކުމެ އުޅޭ މަންޒަރު އެންމެ ޝައުގުވެރިކަމާއެކު ބެލި އެކަކީ ނިއުމާއެވެ. ހާއްސަކޮށް ފާތުމަތު ރަމީޒާ އާއި އަހުމަދު ނިމާލާއި ރީކޯ މޫސާމަނިކު ފަދަަ ތަރިން ފެނުމުން ލޮލުފިޔަ ޖަހާ ނުލާ ބަލަން ހުރެއެވެ. އެމީހުންނާއެކު ފިލްމެއް ކުޅެލަން ލިބޭނެ ނަމައޭ ހިތާހިތާ ކިޔާލެ ވެއެވެ.
ފިލްމީ މަސައްކަތަށް އޮތް ލޯބި ހިތުގެ އެންމެ ފުނުގައި ރައްކާކޮށްފައި ވަނިކޮށް ނަސީބު އައިސް ނިއުމާގެ އަތުގައި ހިފިއެވެ. އެއީ އުމުރުން އެންމެ 17 އަހަރުގައެވެ. 1994 ވަނަ އަހަރު ލިބުނު ފުރުސަތަކީ މީހުން ބިނާ ކުރުމުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ މަރިޔަމް ޝައުގީ އޭނާއަށް ދިން ފުރުސަތެކެވެ. ޑްރާމާ "ހިތިތަޖުރިބާ" އިން ލިބުނު ފުރުސަތުން ނިއުމާ ވަނީ އޭނާއަކީ ކުޅަދާނަ އެކްޓަރެއްކަން ސާބިތު ކޮށްދީފަ އެވެ.
އޭގެ ފަހުން ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުން ހިފާ ދާއިރާގެ އެންމެ ފާހަގަކޮށްލެވޭ ތަރިއަކަށް އޭނާ ވެގެން ދިޔައީ މަދު އަހަރުތަކެއްގެ ތެރޭގައެވެ. ނިއުމާގެ ފިލްމީ ކެރިއަރު ފެށިއިރު މަރިޔަމް ނިޝާ އާއި އައިޝަތު ޝިރާނީ އަދި ޖަމްޝީދާ އަހުމަދު ފަދަ ތަރިންގެ ވިދުން ވަރަށް ގަދައެވެ. ދިވެހިންގެ މެދުގައި އެ ތަރިންނަށް އޮތީ ވަރަށް ބޮޑު ލޯތްބެކެވެ. ވަރަށް ހާއްސަ ގުޅުމެކެވެ.
ނަމަވެސް ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހީންގެ ފޭވަރިޓް ލިސްޓުން ނިއުމާ ފުރުސަތު ހޯދިއެވެ. އެ ތަރިންނަށްވުރެ ގިނަ ފުރުސަތުތައް ފަހުން ލިބުނީ ވެސް ނިއުމާއަށެވެ. ފިލްމީ މަސައްކަތުގައި ކުރިއަށް ދިއުމުގައި ނިއުމާގެ އަހުލާގު ވަރަށް މުހިންމު ދައުރެއް އަދާ ކުރިއެވެ. ހާއްސަކޮށް ޝޫޓިންތަކަށް ދިން އިސްކަން އެއީ ނިއުމާއާއެކު މަސައްކަތް ކުރަން ގިނަ ޑައިރެކްޓަރުން ބޭނުންވި އެއް ސަބަބެވެ. އަނެއް ސަބަބަކީ އޭނާއަކީ އޭ ސްޓާގެ ތަރިއެއް ނަމަވެސް އެކި ޑައިރެކްޓަރުން ހުށައަޅާ އަގުތަކަށް އެއްބަސްވެ ފިލްމު ކުޅެދޭން ފެށުމެވެ. އެއީ ވަރަށް ގިނަ ޑައިރެކްޓަރުންނަށް ނިއުމާ ވަރަށް ކަމުދިޔަ ސަބަބަކަށް ވެގެން ދިޔައެވެ. ނިއުމާއާ ޑީލްކުރަން ފަސޭހަވުމަކީ ވެސް މުހިންމު ސަބަބެކެވެ.
"އަބަދުވެސް ބަލަނީ ކުރާ ކޮންމެ މަސައްކަތެއް ވެސް އެންމެ ރަނގަޅަށް ކުރެވޭތޯ. އެހެންވީމަ ކެރިއަރުގައި ކުރެވުނު ކޮންމެ މަސައްކަތަކާމެދު ވެސް ހިތްހަމަޖެހޭ. ނަމަވެސް ދެތިން މަސައްކަތެއް ފާހަގަ ކޮށްލަން ބޭނުން. އެއް ފިލްމަކީ 'ނިއުމާ'. އެ ފިލްމުގެ ސަބަބުން ވަރަށް ގިނަ ބަޔަކު އެވެއާވި. ދެން 'ފަތިސްހަނދުވަރު' ފާހަގަ ކޮށްލަން ބޭނުން. އެއީ އަޅުގަނޑުގެ ފިލްމީ ކެރިިއަރުގެ ޓްވިސްޓް. އަޅުގަނޑު ގަބޫލު ކުރަނީ އެންމެ ބޮޑު ސަކްސަސްއަކީ އެއީ ކަމަށް. ދެން 'ޔޫސުފް' ފާހަގަ ކޮށްލަން. އެއީ މުޅިން އެހެން ކަހަލަ ތަފާތު އެކްސްޕީރިއަންސްއެއް،"
ފިލްމު ކުޅުން އަދިވެސް މިސްވޭ
ފިލްމީ ދާއިރާގައި ފުރިހަމަ 25 އަހަރު ހޭދަކޮށް ފިލްމު ކުޅުން ނިއުމާ ހުއްޓާލީ އޭނާގެ ފިލްމު ސްޓޫޑިއޯގެ ފުރަތަމަ ފީޗާ ފިލްމު "ނިވައިރޯޅި" ންނެވެ. އެ ފިލްމަކީ ނިއުމާގެ ވަރަށް ތަފާތު އެކްޓިންއެއް ފެނިގެެންދިޔަ މޮޅު ފިލްމެކެވެ. ހުރިހާ ގޮތަކުން ވެސް ތަފާތު އުފެއްދުމެކެވެ.
ފުރިހަމަަ ވަރުގަދަ މަސައްކަތަކަށްފަހު ފިލްމު ކުޅުން ހުއްޓާލި ނަމަަވެސް ނިއުމާގެ ކެރިއަރަކީ އޭނާ ވަރަށް ބޮޑު ގުރުބާނީއެއް ވެގެން ބިނާކުރި ކެރިއަރެކެވެ. ކިތަންމެ ފަހަރަކު އޭނާ ވެއްޓުނެވެ. ބައެއް ފަހަރު ދެން ދުވަހަކު ވެސް އަލުން ކޮޅަށް ނުތެދުވޭނެއޭ ހިތަށް އަރާ ކަންކަމާއި ކުރިމަތިލާން ޖެހުނެވެ. ނަމަވެސް އެ ހުރިހާ ކަމަކާ އޭނާ ކުރިމަތިލީ އެއްވެސް ކަމެއް ނުފޮރުވާ ހަގީގަތް ހާމަކޮށް ދެމުންނެވެ. ނަތީޖާއެއްގެ ގޮތުން ދިވެހިންގެ ހިތްތަކުން އަލުން އޭނާ ފުުރުސަތު ހޯދަ އެވެ.
"އަޅުގަނޑުގެ ކެރިއާއަށްޓަކައި ވަރަށް ބޮޑު ސެކްރިފައިޒެއްވިން އަޅުގަނޑު. އަޅުގަނޑުގެ އުމުރުން 17 އަހަރުން ފެށިގެން ގޮސް 40 ވީއިރުވެސް އަޅުގަނޑު ހުރީ މަސައްކަތުގައި،"
މީގެ އިތުރުން "ވިޓިލިގޯ" ގެ ޝިކާރައަކަށްވުމަކީ ވެސް ފިލްމީ ކެރިއަރަށް ކުރިމަތިވި ވަރަށް ބޮޑު ހުރަހަކަށް ވެގެން ދިޔަ އެވެ. އަތްތިލައިން ފާހަގަވި ނިޝާނާއެކު ވެސް ނިއުމާ ނިންމައިގެން ހުރީ އެ ހަގީގަތް ނުފޮރުވާ އޭނާ، އޭނާގެ އަސްލު ސޫރާގައި ބެލުންތެރިންނަށް ފެންނާށެވެ. ބައެއް ޑައިރެކްޓަރުން ފުރަތަމަ ދުވަސްކޮޅު ނިއުމާއާއެކު މަސައްކަތް ކުރަން ވެސް ޖެހިލުންވި އެވެ. ބައެއް އެކްޓަރުންގެ ފަރާތުން ވެސް އެފަދަ ބަސްތައް އިވިފައިވެއެވެ. ބައެއް މީހުންނަށް ފުރަތަމަ ހީކުރެވުނު ގޮތުގައި އެއީ ގައިންގަޔަށް އަރާ ބައްޔެކެވެ.
އެއިން ކޮންމެ ކަމަކާ ނިއުމާ ކުރިމަތިލީ ހިތްވަރާ އެކުގަ އެވެ. އިވުނު އެއްވެސް ވާހަކައަކުން ފަހަތަށް ނުޖެހުނުތާ އެއިން އެއްވެސް އަޑަކަށް ރައްދެއް ނުދެއެވެ. އެއިން މީހަކަަށް އެފަދަ އަޑެއް އިވުނު ކަމުގެ އިހުސާސްވެސް ވިޔަ ނުދެއެވެ. އޭނާ އެ ހުރިހާ އެންމެންނާއެކު އުޅެމުން ދިޔައީ އެކުވެރި ނިއުމާގެ ގޮތުގައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިއަދު ފިލްމީ ދާއިރާގައި ހުރިހާ އެކްޓަރުންގެ "ސިސްޓާ" އަކީ އެއީއެވެ. ދާއިރާއަށް އަލަށް ނުކުންނަ ކުދިން ވެސް އެންމެ ލޯބި ވަނީ "ނިއުމާ ސިސްޓާ" ދެކެއެވެ.
ފިލްމު ކުޅުމާ ދުރުގައި ހުންނަން ނިންމި ނަމަވެސް އެއީ ނިއުމާއަށް ކުރަން ފަސޭހަ ކަމަކަށް ނުވި އެވެ. މިހާރުވެސް ބައެއް ވަގުތުތަކަކީ ފިލްމީ މަސައްކަތްތައް މަތިން އޭނާ ވަރަށް ބޮޑަށް މިސްކުރުވާ ވަގުތުތަކެކެވެ. އެކަހަލަ ކޮންމެ ވަގުތަކު ފިލްމު ކުޅުން ހުއްޓާލެވުމުން ކުޑަކޮށް ދެރަވެއެވެ.
"އަޅުގަނޑުވެސް ވަރަށް ލޯބި ޖެހިފައި އޮތް ދާއިރާއެއް މިއީ. އަޅުގަނޑަށް މިހާރުވެސް އާދޭ ޓައިމްތައް އަޅުގަނޑުގެ މަސައްކަތްތައް މިސްވާ،"
ނަމަވެސް ފިލްމު ކުޅުމާ ދުރަށް ދިޔައީ އެއަށްވުރެ ބޮޑު ކަމެއް ހާސިލު ކުރަން ކަން ހަނދާނުން އެންމެ ފަހަރަކު ވެސް ނިއުމާ ފޮހެއެއް ނުލައެވެ. އެ އުނދަގޫ ޑިޒިޝަން އޭނާ ނެގީ އޭނާގެ ލޯބިވާ ދަރިފުޅަށްޓަކައެވެ. އަންހެން ދަރިފުޅު ޒޯޔާއަށްޓަކަ އެވެ. ނިއުމާ ބޭނުންވީ މަންމައެއްގެ ފުރިހަމަ ލޯތްބާއި ތަރުބިއްޔަތު ލިބިގެެން ބޮޑުވާ ދަރިއަކަށް ޒޯޔާ ހަދާށެވެ. އެންމެ ވަގުތުކޮޅަކަށް ވެސް ޒޯޔާއާ ދުރުގައި ހުންނަން އޭނާ ބޭނުން ނުވީއެވެ. އެ ދަރިފުޅު ލޯބިން މަންމާއޭ ގޮވާލާ ކޮންމެ ފަހަރަކު އެންމެ ގާތުގައި ހުންނަން ބޭނުންވާތީ އެވެ.
"ރަނގަޅު ތަރުބިއްޔަތެއް ދަރިފުޅަށް ދެވޭނީ އޭނާގެ ގާތުގައި ގިނަ ވަގުތު ހުރެގެން ކަމަށް ދެކޭތީ އަސްލު މި ގޮތް ޗޫޒްކުރީ. އެހެން ނަމަވެސް ބައެއް ފަހަރު ވަރަށް މިސްވޭ ފިލްމީ މަަސައްކަތް،"
ފިލްމީ މަސައްކަތް މިސްވާތީ އެ ނިންމުން ބަދަލު ކުރާނެތޯ އެއީ މިހާރު އޮތް އެންމެ ބޮޑު ސުވާލެވެ. އެ ސުވާލަކަށް ނިއުމާގެ އޮތީ ވަރަށް ސާފު ޖަވާބެކެވެ. އުމުރުން 17 އަހަރުން ފެށިގެެން 43 އަހަރު ވަންދެން ކުރި މަސައްކަތާ ދުރުގައި ހުރުމަކީ ފަސޭހަ ކަމަަކަށް ނުވާނެ އެވެ. ނަމަަވެސް ނިންމައިފި ނިންމުމެއް އަލުން ބަދަލު ކުރުމަކީ ވެސް ނިއުމާ ކުރާނެ ކަމެއް ނޫނެވެ.
"އިންޝާﷲ، ދެން އެ ނިންމުން ބަދަލެއް ނުކުރާނަން،" ނިއުމާ ބުންޏެވެ.
މިއަހަރު ނިއުމާގެ ކައިވެނި؟
މިހާތަނަށް ނިއުމާ ތިން ކައިވެންޏެއް ކޮށްފައި ވެއެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާ ގުޅިގެން އެ ކައިވެނިތައް ރޫޅެނީ އެވެ. ފިލްމީ ތަރި އަލީ ސީޒަންއާއެކު ކުރި ކައިވެނި ވެސް ކާމިޔާބުވާ ގޮތެއް ނުވި އެވެ. އެ ފަހުން ކުރި ކައިވެންޏަށް ކުއްޖަކު ލިބި ކައިވެނި ރޫޅުނު ފަހުން ނިއުމާ ކައިވެންޏެއް ކޮށްފައެއް ނުވެއެވެ.
އޭގެ ފަހުން ހުރިހާ ވަގުތެއް ދަރިފުޅަށް ހުސްކުރި އެވެ. އެހެން ނަމަވެސް މި ފެށުނު 2021 ވަނަ އަހަރަކީ ނިއުމާގެ ހަޔާތަށް ބައިވެރިއަކު ގެންނައުމަށް އޭނާ އުންމީދުތަކެއް ކުރާ އަހަރެކެވެ.
"އަޅުގަނޑުވެސް ބޭނުންވާނެ ކޮންމެވެސް ދުވަހަކުން ކޮންމެވެސް މީހަކާއެކުގައި ދިރިއުޅުމެއް ފަށަން. އަސްލު ވާގޮތަކީ އަޅުގަނޑުގެ އަންހެން ކުއްޖެއް ހުންނާތީވެ ވަރަށް ގިނަ ގޮތްގޮތަށް ވިސްނަން ޖެހޭ، ލައިފަށް މީހަކު ގެންނައިރުގައި. ބައިވަރު ކަންތައްތައް ހުރޭ ވިސްނަން ޖެހޭ،"
ކައިވެނީގެ ވާހަކައިން މާ ތަފްސީލުކޮށް ނުދިން ނަމަވެސް ހިނިތުންވެ އިނދެ ނިއުމާ ބުނި ގޮތުން މި އަހަރު ނިމެންވާއިރަށް "މި ނޫން ދިރިއުޅުމަކަށް ދެވޭތޯ" މަަސައްކަތް ކުރާނެ އެވެ. އެއީ އެކަމަކު ކައިވެންޏެއް ކުރާ ކަމަށް ނުސީދާކޮށްދިން އުފާވެރި ހަބަރެކެވެ.
"އެބަހުރި މީހަކު، ލައިފްގައި އަޅުގަނޑު ޔެސްއޭ ބުނީމަ ހުރިހާ ކަމެއް ވެސް ކޮށްދޭ ވަރުގެ. އިންޝާﷲ މިއަހަރު ނިމުމުގެ ކުރިން މި ނޫން ދިރިއުޅުމަކަށް ދެވޭތޯ އިންޝާﷲ މަސައްކަތް ކުރާނަން،" އެމީހެއްގެ އެއްވެސް މައުލޫމާތެއް އަދި ހާމަ ކުރަން ބޭނުންވާތީ ނިއުމާ ބުނެލައި ދިނީ އެވަރަށެވެ.
ފިލްމު އުފެއްދުމާ ދުރަކަށް ނުދާނެ
މިހާތަނަށް 40 ފިލްމު ކުޅެ ހާހަކަށްވުރެ ގިނަ ލަވަ ކުޅެފައިވާ ކުޅަދާނަ އެކްޓަރުގެ އަމިއްލަ ފިލްމު ސްޓޫޑިއޯއިން ތައްޔާރު ކުރާ ދެވަނަ ފީޗާ ފިލްމުގެ ޝޫޓިން ވަނީ މުޅީންހެން ނިމިފަ އެވެ. ކޮވިޑްގެ ކުރިން ލަންކާގައި ފިލްމުގެ ހުރިހާ މަންޒަރެއް ނަގާ ނިންމާފައި ވެއެވެ. ކޮވިޑާއެކު ފިލްމު ނިންމުމުގެ މަސައްކަތް ހުއްޓުނީ އެވެ. ނަމަވެސް މިހާރު ފިލްމުގެ އެޑިޓިން އަދި ޑަބިންގެ މަސައްކަތް ފަށަން ދަނީ ތައްޔާރުވަމުންނެވެ.
އެ ފިލްމު ސިނަމާއަށް އަންނާނެ ދުވަހެއް ނޭންގެއެވެ. 2020 ގެ ތިން މަހަށްފަހު ބަންދުވި ސިނަމާތައް އަދިވެސް ހުޅުވުމުގެ ހުއްދައެއް ނެތެވެ. ނިއުމާ ދެކޭގޮތުގައި 2021 ވެސް ވާނީ ސިނަމާތައް ބަންދު ކޮށްފައިވާ އަހަރަކަށެވެ. އެހެންވީމަ އޭނާގެ ދެވަނަ ފިލްމު ނިންމި ނަމަވެސް ސިނަމާތަކެއް ގެނެވޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތެވެ.
"2021 ގައިވެސް އެއްވެސް އުންމީދެއް ނެތް ދިވެހި ސިނަމާގައި ފިލްމެއް އެޅުވިދާނެ ކަމަށް،"
އެހެން ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަނެވި އާންމު ހާލަތަށް ވީހާވެސް އަވަހަށް ދެވޭނެ ގޮތެއްވުމުން ނިއުމާ ހުރީ އޭނާގެ ފަރާތުން ބެލުންތެރިންނަށް ރަނގަޅު އުފެއްދުންތަކެއް ގެނެސް ދިނުމުގެ އުންމީދުގަ އެވެ. އެކްޓަރެއްގެ ހައިސިއްޔަތުން ކުރެވުނު ތަޖުރިބާއިން ބެލުންތެރިން ބޭނުން ވަނީ ކޮން ވައްތަރެއްގެ ފިލްމުތަކެއްކަން އޭނާއަށް އެނގެ އެވެ. ނިއުމާގެ އުންމީދަކީ އެ ޖޯންރާތަކުގެ ރީތި މޮޅެތި ފިލްމުތަކެއް ގެނެސް ދިނުމެވެ. އަދި ފިލްމު ކުޅުން ހުއްޓާލި ނަމަވެސް ދާއިރާ ކުރިއަށް ގެންގޮސް، ފިލްމީ ތަރިންނަށް ފުރުސަތު ހޯދައިދިނުމުގައި ދެމި ހުރުމެވެ.