ކުރިން ބާއްވަމުން އައި ސުކޫލް ލަވަ މުބާރާތްތަކުގައި މަރިޔަމް އަޝްފާއަކީ ރަންތަރިއެކެވެ. އެހެނެއް ކަމަކަު ލަވައިގެ ދުނިޔެއަށް އޭނާ ރީތިކޮށް ތައާރަފު ވެލީ 2006 ހަވަނަ އަހަރު "ދަންދަން ދަންވަރު" ލަވައިންނެވެ. އެކަތިފަހަރުން ވަރަށް ބޮޑު މަގުބޫލު ކަމެއް ލިބުނެވެ. ވަރަށް މަޝްހޫރުވި "ވިންދާ ހިތާ ޖާނާ" އަކީ އަޝްފާ ފުރަތަމަ ރެކޯޑް ކުރި ލަވައެވެ. މިދިޔަ 14 އަހަރުތެރޭ އަޝްފާ ވަނީ 150 ވުރެ ގިނަ ލަވަ ކިޔާފަ އެވެ. ވަރަށް ރީތި އެކި ފީލްތަކުގެ ލަވަތަކެވެ. މިހާރުގެ އެންމެ ހިޓް "ރެހެނދި" އަކީވެސް އަޝްފާ އެވެ.
އަޝްފާގެ ހުރިހާ ލަވައެއްހެން ހިޓަކަށްވެ އެވެ. ހާއްސަކޮށް ފިރިމީހާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) "ވަރަމަތީގައި" އުދުހި ކިޔާާފައިވާ ލަވަތަކުން ލަވައިގެ ދުނިޔޭގައި އަޝްފާއަށް ރަނިކަމެއް ލިބެ އެވެ. އަސްތާ، މިހާރު އަޝްފާ މުޅީން ބަދަލު ކޮށްލައިފި އެވެ. އާ ދަތުރެއް ފަށައިފި އެވެ. މި ޕާޓްގައި އަޝްފާ ފިލްމް ކުޅެ ސްކްރީނަށް އަންނާނެ އެވެ. އަދި މި ޕާޓްގައި ވެސް އެއް ނަންބަރުން އެެއް ވަނައިގެ ތަރިޔަކަށް އަޝްފާ ވާނެ އެވެ.
ފިލްމަކުން މިހާތަނަށް ފެނިލާފައި ނެތަސް ފިލްމީ މޫނަކަށް އަޝްފާ ރަނގަޅަށް ފުދެ އެވެ. ވަރަށް ގިނަ ޑައިރެކްޓަރުންގެ ފިލްމީ ހުށައެޅުންތައް އަޝްފާއަށް މިހާތަނަށް ލިބެމުން ދިޔައީ އެހެން ވެގެނެވެ. އެކަމަކު އެއިން ކޮންމެ ހުށައެޅުމަކަށް ވެސް އަޝްފާ ދީފައިވާ ޖަވާބަކީ "ނޯ" ކަމަށް މިފަހުން އަޝްފާ މީޑިއާއަށް ދިން ފުރަތަމަ އިންޓަވިއު އަވަސް އަށް ދެމުން ބުންޏެވެ.
އޭނާ ބުނާ ގޮތުން އެެހެންވާ ޖެހުނު ސަބަބަކީ ހިތުގައި އޮތް ފެންވަރުގައި ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަމެއް އޭރު އޭނާއަށް ނެތީ އެވެ. އަބަދުވެސް ބޭނުންވި ގޮތަކީ ކުރާ ކޮންމެ ކަމެއްވެސް އެންމެ ރަނގަޅަށް ކުރުމެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭ ލަވައިގެ އުޑުގައި އޭނާގެ ތަރި ވިދައިގަތީ ވެސް އަދި އުހަށް ދެވުނީ އެހެން ވެ އެވެ.
ފިލްމެއް ކުޅުމަކީ ވެސް އަޝްފާގެ "ބަކެޓް ލިސްޓް" ގައި ހިމެނޭ ކަމެކެވެ. އެ ލިސްޓަށް ވަދެފައި އޮންނަނީ އަޝްފާއަށް ފިލމް ކުޅެވިދާނެ ކަމަށް ފިރިމީހާ ތޭރައަށް ޔަގީންކަން ދޭތީ އެވެ. ދޭތެރެ ދޭތެރެއިން އެ އިތުބާރާއި ޔަގީންކަން އޮވެގެން ކެމެރާއާ ދިމާއަށް ތޭރަ އަޝްފާ ކޮއްޕާލާތީ އެވެ. އަދި އަޝްފާގެ ކިބައިން އެ ހުނަރު ތޭރައަސް ފެންނަ ވާހަކަ އަބަދުވެސް ބުނާތީ އެވެ. އަދި އަޝްފާގެ ގާތް އެކުވެރިޔާ، ޑިޒައިނަރު ސޭންޑީވެސް އެ ވާހަކަ ދައްކާތީ އެވެ. އެއީ މި ބަދަލު ގެންނަން ޖެހުނު، އަދި ފިލްމީ ހުށައެޅުންތަކާމެދު ވިސްނަން މަޖުބޫރުކުރިވީ ސަބަބެވެ.
"އަސްލުގައި މި ސްޓެޕް ނެގި ނެގުމަކީ އާޓިސްޓެއްގެ ގޮތުން އެކްޓިން ބޮޑީތެރޭ ކޮންމެވެސް ޕާޓެއްގައި އުޅެއޭ، އޭތި އަސްލު ފީލްވީ. އެ އިހުސާސް ކުރެވުނީމަ، އަދި އެންމެ ގާތް އެންމެ ލޯބިވާ މީހުންގެ ކޮމެންޓް އެގޮތަށް އައީމަ ހިތަށް އެރީ ވަރަށް ބޮޑު ހިތްވަރެކޭ މި ލިބުނީ. އެހެންވީމަ މިކަން އެކްސްޕީރިއަންސް ކޮށްލާނީއޭ،" އަޝްފާ ބުންޏެވެ.
ފިލްމެއް ކުޅެން އަޝްފާ ފުރަތަމަ "ޔެސް" ބުނީ އެކްޓަރު އަދި ޑައިރެކްޓަރު ރަވީ ފާރޫގުގެ ހުށަހެޅުމަކަށެވެ. އަޝްފާ ބުނި ގޮތުގައި އެއީ ކޮފީއެެއްގެ ތެރޭ ރަވީ އަޝްފާއަށް ދިން ހުށައެޅުމެކެވެ. ނަމަވެސް ސަބަބަކާލައިގެން އެ މަސައްކަތް ޕާކްވެފައި އޮތީ އެވެ.
"ރަވީގެ ހުށަހެޅުން ލިބުމުން ތޭރައާ ދެ މީހުން ވަރަށް ވިސްނާފައި ޔެސް ބުނީ. ރަވީވެސް ބުނި ސްކްރިޕްޓް ރަނގަޅަށް ބަލާފައި ޖަވާބެއް ދޭން. ދެން ސްކްރިޕްޓް ކިޔާފައި ވަރަށް ހިތްހަމަޖެހޭ އަދި ރަނގަޅު އެކްޓިންއެއް ދައްކާލެވޭ ކަހަލަ ރޯލެއް ވީމަ ގަބޫލުކުރީ،" ފުރަތަމަ ހުށައެޅުމަށް އޯކޭ ދިން ގޮތް ކިޔައިދެމުން އަޝްފާ ބުންޏެވެ.
އެ މަސައްކަތް ޕާކްވެފައި އޮއްވާ ޑާކްރެއިން "ބީވީމާ" ޕްރޮޖެކްޓުން ދައުވަތެެއް އަތުވެއްޖެ އެވެ. އެ ފިލްމުންވެސް އަޝްފާއަށް ލިބުނީ އެކްޓް ކުރާ ނަމަ އޭނާ އުންމީދު ކުރާ ކަހަލަ ރޯލެކެވެ. ޑާކްރެއިން އަށް ވެސް ބުނެލީ "ޔެސް" އެވެ. ސަބަބެއްވެސް އޮވެގެނެވެ. ފިލްމީ ދާއިރާއަށް މޮޅު އެކްޓަރުންނާއި އެކްޓްރެސް އިން ނެރެދިން ކާމިޔާބު ޕްރޮޑިއުސަރު އަދި ޑާކްރެއިންގެ ވެރިޔާ މުހައްމަދު އަލީ (މޮގާ) މިދިޔަ ދެތިން އަހަރު އަޝްފާއަށް އެކި ފަހަރު މަތިން ފިލްމުތަކުން ފުރުސަތު ހުށައަޅައި ތޭރައާވެސް އެ ވާހަކަތައް ހިއްސާކުރަމުން ދިއުމެވެ. އެހެންވީމަ ރަނގަޅު ވަގުތު އައުމުން މޮގާއަށް "ނޯ" ބުނަން ބޭނުން ނުވީ އެވެ.
"އަޝްފާ ވިސްނި ގޮތުން ފުރަތަމަ ކުޅޭ ފިލްމަކަށް މިއީ ރަނގަޅުވާނެ ފިލްމަކަށް ވުމުން ހުށަހެޅުން ގަބޫލުކުރީ،"
އަޝްފާ ލަވައިގެ ދުނިޔެއިން ނުކުމެގެން ގޮސް ފިލްމީ ދުނިޔެއަށް ވަނީއެެއް ނޫނެވެ. އޭނާ ލަވަ ކިޔާނެ އެވެ. އަދި ފިލްމީ ސްކްރީނަށް އަންނަނީ ހަމަ "އެއްޗަކަށް އެއްޗެއް" ކުޅެލާކަށް ނޫނެވެ. ފިލްމީ ދާއިރާއަށް އަންނަނީ ފުރިހަމަ ހުނަރާއެކު ލޯބިންނެވެ. އަޝްފާ ދޭ ޔަގީން ކަމަކީ މާޔޫސް ވާކަށް ނުޖެހޭނެ އެވެ. ލަވައިގެ ދުނިޔެއިން އެހެންތެރިންގެ ލޯބި ހޯދި ގޮތަށް ފިލްމް ސްކްރީނުގައި ބެލުންތެރިންގެ ލޯބި ހޯދޭނެ އެވެ.
"ބެލުންތެރިންނަށް އަޝްފާ ދޭން އޮތް ޔަގީން ކަމަކީ މިހާތަނަށް ކުރާ ކޮންމެ ކަމެއްވެސް ކުރަނީ، އެ ސްޓެޕް ނަގަނީ ވަރަށް ކޮންފިޑެންސްއާއެކު. ކުރާ ކޮންމެ ކަމެއްވެސް ކުރަނީ އެއީ ޕެޝަނެއް ކަމުގައި ދެކިގެން. އަބަދުވެސް ހަންޑްރެޑް ޕަސެންޓް ދެވޭތޯ ބަލަން. ކޮންމެ ކަމެއް ކުރިޔަސް،"
އަންނަން މިއުޅޭ "ބީވީމާ" އިން އަޝްފާއާއެކު ފެނިގެން ދާނީ މި ފަހުން ފިލްމީ ދާއިރާއިން ފެނިގެންދިޔަ އެންމެ ކުޅަދާނަ އެކްޓަރު އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އެވެ. އެއީވެސް އަޝްފާއަށް ލިބޭ ހާއްސަ އުފަލަކަށް ވެފައި ވެއެވެ. އެހާ ކުޅަދާނަ އެކްޓަރާއެކު ފަށަން ލިބުމުން އަޝްފާ ވަރަށް ހިތްހަމަ ޖެހެ އެވެ. އަދި އިއްސެގެ އެހީތެރިކަމާއެކު އަޝްފާއަށް ވެސް މޮޅަށް ފިލްމު ކުޅެވޭނެކަން ޔަގީން ކޮށްދޭން އަޝްފާ ވަރަށް ބޭނުންވެ އެވެ.
"އިއްސެއަކީ ވަރަށް ހަމްބުލް، މަަސައްކަތަށް ވަރަށް ޑެޑިކޭޓް މީހެއް. އެއްގޮތަށް ވެސް އޭނައަށް ލިބިފައިވާ ޓެލެންޓަށް ފަހުރުވެރިވާ މީހެއް ނޫން. ވަރަށް ސަޅި ޕާސަނަލިޓީއެއް. އަޝްފާއަށް ވަރަށް ކިޔައިދޭ،" އިއްސެއަށް ވަރަށް ބޮޑަށް ތައުރީފު ކުރަމުން އަޝްފާ ބުންޏެވެ.
"ބީވީމާ" ގެ ކުރިން އަޝްފާ ކުޅެން އެއްބަސްވި ރަވީގެ ފިލްމުގެ މަސައްކަތް އަދި އޮތީ މީޑިއާއަށް ހާމަނުކޮށެވެ. އެހެންވެ އެ ވާހަކަ ދައްކަން އަޝްފާ އަދި ބޭނުމެއް ނުވެ އެވެ. އިތުރު ފިލްމުތަކުން ފެންނާނެ ކަމުގެ ޔަގީންކަން ދެވޭނީ އަދި ފަހުންނެވެ. އަޝްފާ އާއި ތޭރަވެސް އިންތިޒާރު ކުރަނީ "ބީވީމާ" ސްކްރީން ކުރެވި އާންމުންގެ ފަރާތުން ލިބޭނެ ކޮމެންޓްތަކަށެވެ. އަދި އިންތިޒާރެއް އެބައޮތެވެ. އެންމެ އަވަހަށް ވެސް ފިލްމު ސްކްރީން ކުރެވޭނީ އަންނަ އަހަރުގެ ފުރަތަމަ ކްއާޓަރުގަ އެވެ.
"އަޝްފާ ވެސް ތޭރަވެސް ބޭނުން ވަނީ ފުރަތަމަ ފިލްމު ގެނެސްދިނުމަށް ފަހު ލިބޭ ކޮމެންޓްތަކަށް ބަލައިގެން ކުރިއަށް ދާން. އެހެންވީމަ އަސްލު މި ޕްރޮޖެކްޓަށް ފަހު މުޅިން ޔަގީންކޮށް އެއްޗެއް ބުނަން އެނގޭނީ،"
އަޝްފާ ބުނި ގޮތުގައި ފިލްމީ މަސައްކަތަށް އެއްބަސްވީ ވަރުގަދަ ސްޓާރެއްގެ ގޮތުގައި ބޮޑު މަޝްހޫރު ކަމެއް ހޯދާކަށް ނޫނެވެ. ހުނަރުވެރި ރީތި ޝައުގުވެރި މަސައްކަތެއް ކުރާށެވެ. އެހެންވެ އަޝްފާއަށް އޮތް ޔަގީން ކަމާއެކު އޭނާއަށް ރަނގަޅު ކޮމެންޓްތައް ލިބޭނެ އެވެ. އަދި ފިލްމުތަކުން އޭނާ ފެނުމުގެ ފުރުސަތު ވަރަށް ބޮޑެވެ. "ބީވީމާ" ގެ ޓީމުން މިހާރުވެސް އަޝްފާއަށް ދެނީ ސަތޭއަކުން އަދަދެއް ނޫނެވެ. ސަތޭކައަކުން އައްސަރިބަހަކާއި ސާބަހެކެވެ. އެހެންވީމަ ބެލުންތެރިންގެ ސަޕޯޓާ ލޯތްބާއެކު ފިލްމީ ދާއިރާއިން އުހަށް އަޝްފާއަށް ދެވޭނެ އެވެ. "ތޭރަވާ" ހުރީ އަޝްފާ ގޮވައިގެން ދުރަށް އުދުހޭން ތައްޔާރަށެވެ.
ބެލުންތެރިންނަށް ހަދިޔާއެއް
ލަވައިގެ ދުނިޔޭގައި ހޭދަކުރި 14 އަހަރުގެ ތެރޭ އަޝްފާ އާއި ތޭރަގެ "ޑްރީމް ޕްރޮޖެކްޓް" އެއް އެބައޮތެވެ. އެއީ އަޝްފާގެ ހާއްސަ ވީޑިއޯ ލަވައެއް ގެނެސް ދިނުމެވެ. އަޝްފާ ކިޔައި އޭނާ އެކްޓް ކުރާ ވީޑިއޯ ލަވައެއް ދިވެހިންނަށް ހަދިޔާ ކުރުމެވެ. އަޝްފާގެ އެ "ޑްރީމް ޕްރޮޖެކްޓް" ގެ މަސައްކަތް ކުރިއަށް އެބަ ދެއެވެ. ލަވައިގެ ރެކޯޑިން މިހާރު ވެސް އޮތީ ނިމިފައެވެ. އުންމީދަކީ ވަރަށް އަވަހަށް ލަވައިގެ އޯޑިއޯ މުޅިން ފައިނަލްކޮށްލައިގެން ވީޑިއޯ މަސައްކަތް ނިންމާ ބެލުންތެރިންނަށް ހަދިޔާ ކުރުމެވެ.
"ވަރަށް ގިނަ ފޭނުން މެސެޖްކޮށްފައި ވެސް އަހާނެ އަޝްފާގެ ލަވައެއް ދެން އިވޭނީ ކޮން ދުވަހަކުން ހޭ. އަޝްފާ ބުނަން ބޭނުންވަނީ އިރާދަ ކުރެއްވިއްޔާ މިއަހަރު ނިމުގެ ކުރިން އެ ލަވަ ބެލުންތެރިންނާ ހަމައަށް ގެނެސްދެވޭތޯ އޭ މި ބަލަނީ،"
ތޭރައާއެކު އަޝްފާއަށް ވަނީ ޒަވާޖީ ހަޔާތަކާއި ލަވައިގެ ހަޔާތެއް ވެސް ކާމިޔާބު ކުރެވިފަ އެވެ. އަޝްފާ ގަބޫލު ކުރާ ގޮތުގައު އޭނާގެ ފިލްމީ ހަޔާތުގައި ވެސް އެންމެ ހާއްސަ ބައިވެރިއަކީ ތޭރަ އެވެ. އަދި ފިލްމީ މަސައްކަތްތަަށް ނުކުތް ނަމަވެސް ލަވައިގެ ދުނިޔެއިން ހިތެއް ނުނެރެ އެވެ. އެހެންވީމަ ލަވަޔާ ދުުރުވުމެއް ނެތެވެ. ބޮޑު ފޭން ބޭސްއެއް ލިބުނީ ވެސް ލަވައިގެ ތެރެއިންނެވެ. އަދި ބޮޑު މަޝްހޫރު ކަމެއްވެސް އަޝްފާ ހޯދީ ވެސް ލަވައިގެ ތެރެއިންނެވެ. އެހެންވީމަ އަޝްފާގެ އަޑުން ލަވަތައް އަބަދުވެސް އަޑު އިވޭނެ އެވެ.
"އަޝްފާ އޭޒް އަ ސިންގައެއްގެ ގޮތުގައި ފެންނާނެ އިރާދަ ކުރެއްވިއްޔާ،"