ސްޓާރެއްގެ ސްޓޯރީ

ބްރެކްފާސްޓާއެކު މަނިކު މުޅީން ބަދަލުވެފައި!

ފިލްމީ ދުނިޔެއިން ފެނުމުގެ ކުރިން މުހައްމަދު މަނިކު (މަނިކު) އަކީ ސްކޫލްގައި ޖިމްނާސްޓިކަށް މޮޅު ދަރިވަރެކެވެ. އީޕީއެސްއެސްގައި ކިޔެވި ދުވަސްވަރު ޖިމްނާސްޓިކުގައި އޭނާ މައްޗަށް ދިޔައެވެ. އީޕީއެސްއެސްގެ ދަރިވަރުން ބައިވެރި ކޮށްގެން ޓީވީއެމުން އެ ދުވަސްވަރު އުފެއްދި ބައެއް ޕްރަގްރާމްތަކުން މަނިކު ފެނިފައިވެއެވެ. ޖިމްނާސްޓިކުގެ ހުނަރު ދައްކައިދޭ ބައެއް ޝޯތަކާއި އަދަބީ ބައެއް ޝޯތަކުންނެވެ. ހާއްސަކޮށް ޓީވީގެ މަޝްހޫރު އަދަބީ ޝޯ "ހާމަހަމަ" އެއީ އޭނާ ބައިވެރިވި މުހިންމު ޝޯއެވެ.

ފިލްމީ ދުނިޔެއަށް ވަނުމުގެ ފުރުސަތަކީ ވެސް ޓީވީއެމުން ހޯދައިދިން ފުރުސަތެކެވެ. ޓީވީގެ އަހަރީ ދުވަހަކާއި ދިމާކޮށް މީގެ 31 އަހަރު ކުރިން މާޗް، 29 1989 ގައި ދެއްކި "ހުދު އަންގި" ޑްރާމާއިން ބެލުންތެރިންނަށް ތައާރަފުވި މަނިކުގެ ކާމިޔާބު ފިލްމީ ކެރިއަރަށް ވެސް 31 އަހަރުވީ އެވެ. މި ދިގު މުއްދަތުގައި ފަނޑުކަމެއް ނެތި އެންމެ މަތީގައި މަނިކުގެ ވިދުން ހުރީ އޭނާގެ އެކްޓިންގެ މޮޅުން ކަމުންނެވެ. ފަހަރުގައި އޭނާގެ ލުކް ފިލްމީ ލުކަކަށް ވުމުން ކަމަށްވެސް ވެދާނެ އެވެ. ފެންނަން އޮތް ހަގީގަތަކީ މަނިކުގެ ވިދުމަށް ބަދަލެއް ނާންނަ ކަމެވެ. ބެލުންތެރިންގެ މެދުގައި އޭނާއަށް އޮތް މަގުބޫލު ކަމަަށް އުނިކަމެއް ނާންނަ ކަމެވެ.

ސިފައިންގެ ވަޒީފާގައި އުޅުނު ދުވަސްވަރު ވެސް މަނިކު ބޮޑަށް ފާހަގަ ކުރެވުނީ އެމްއެންޑީއެފުން އޮފީސްތަކުގެ ޑްރާމާ މުބާރާތަށް ތައްޔާރުކުރާ ޑްރާމާތަކުންނެވެ. އޮފީސްތަކުގެ ޑެލެޓްރާމާ މުބާރާތުން އެންމެ ފާހަގަ ކޮށްލެވުނު ޑްރާމާތަކަކީ އެމްއެންޑީއެފްގެ ޑްރާމާ ތަކެވެ. އެއީ މަނިކަށް މި ދާއިރާއިން ބޮޑު ކާމިޔާބީއެއް ލިބުމަށް ވަރަށް ބޮޑަށް މަގުފަހިވި ކަމަކަށް ވިއެވެ. ޑައިރެކްޓަރުންގެ ލޯތައް އޭނާއަށް އަމާޒުވީ ސިފައިންގެ ޑްރާމާތަކުންނެވެ. މަނިކުގެ އެކްޓިން ހުނަރު ދައްކާލަން ލިބުނު އެންމެ ބޮޑު ފުރުސަތަކީ ވެސް އެއީ އެވެ.

ފިލްމީ ދާއިރާގައި މިހާރު އެންމެ ފާހަގަ ކޮށްލެވޭ ކަޕުލްއަކީ މަނިކު-ޝީލާ ކަޕުލް އެވެ. ވަރަށް ގިނަ ބަޔަކަށް އެއީ ފޭވަރިޓެވެ. ހާއްސަކޮށް އެ ދެމަފިރިންގެ ލޯބި ދިރިއުޅުމެވެ. އެ ދިރިއުޅުމުން މުޅިންހެން ފެންނަނީ ނަމޫނާ އެވެ. އާއިލާ ދަތުރެއްގައި ރަށަކަށް ދިޔަ ނަމަވެސް އެ ރަށެއްގެ ރައްޔިތުންކުރާ ކޮންމެ މަސައްކަތެއްގައި ބައިވެރިވެ އެ ދެ މީހުން ވެސް ނަމޫނާ ދައްކައެވެ. އެ ސަބަބާއި ގުޅިގެން މަނިކު-ޝީލާ ގެ ކޮންމެ ކަމަކަށް ގިނަ ބަޔަކު ނަޒަރު ހުއްޓާ ޝައުގުވެރިކަމާއެކު އެކަމެއް ހޯދާ ބަލައެވެ.

ފިލްމީ ދާއިރާއިން ކިތަންމެ އުހުގައި ހުރި ނަމަވެސް މަނިކު އަދި ޝީލާ ވެސް މިއަދު ތިބީ ފިލްމަކުން ލިބޭނެ ފުރުސަތަކަށް އިންތިޒާރު ކޮށްގެނެއް ނޫނެވެ. ފިލްމުތަކުން ހުށައެޅުން ލިބުނު ނަމަވެސް އެ ދެމަފިރިންގެ މިހާރުގެ މަސައްކަތަކީ މުޅީން އެހެން މަަސައްކަތެކެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ހުރިހާ އެންމެންގެ ދިރިއުޅު ންވެސް އެފުށް މިފުށައް ޖެހުނު ގޮތަށް މަނިކު-ޝީލާގެ ދިރިއުޅުން ވެސް މުޅީން ބަދަލުވީ އެވެ.

"މިއަދު އަޅުގަނޑަކީ ފިލްމު ކުޅޭ މީހެއް ނޫން. އެކަމަށް މުޅީން ހުސްވެ ހުރި މީހެއް ނޫން. މިއަދު އަޅުގަނޑަކީ އަޅުގަނޑުގެ އަންހެނުން [ޝީލާ] އާއެކު ބްރެކްފާސްޓް ތައްޔާރުކޮށް އެ ވިއްކުމުގައި އުޅޭ މީހެއް. އެހެން ގޮތަކަށް ބުނާނަމަ 'ޑެލިވަރީ ބޯއީ' އެއް،" މިހާރުގެ ހާލަތު ކުރު ގޮތަކަށް ސިފަކޮށް ދެމުން މަނިކު ބުނީ މިހެންޏެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ހުރިހާ މަސައްކަތެއްހެން ހުއްޓުނެވެ. އެހެންވީމަ ދިވެހި ފިލްމީ އިންޑަސްޓްރީ ވެސް ލޮކްޑައުންކޮށް މަސައްކަތްތައް މަޑުޖައްސާލާ ހުރިހާ ތަރިން ވެސް ތިބީ ގޭގައެވެ. މަނިކުގެ މުޅި އާއިލާ ބިނާވެފައި އޮތީ ދެމަފިރިންނަށް ފިލްމުތަކުން ލިބެމުން ދިޔަ އާމްދަނީ ކަމަށްވާތީ އާމްދަނީ ހޯދަން އެހެން މަސައްކަތެއް ފަށަން މަޖުބޫރުވީ އެވެ. ކުރީން އަދާ ކުރަމުން ދިޔަ ވަޒީފާވެސް ސިޔާސީ ބައެއް ސަބަބުތަކާއި ގުޅިގެން ގެއްލުމަކީ އެހެން މަސައްކަތެއް ފަށަން ޖެހުނު މައިގަނޑު ސަބަބެވެ.

ޝީލާގެ ބްރެކްފާސްޓްގެ ވާހަކައަކީ އަވަސްގެ "ސްޓާއެއްގެ ސްޓޯރީ" ގެ ފެށުން ކަމަށްވާތީ ކިޔުންތެރިންނަށް އެކަން ފެށުނުގޮތް ކުރީން ވަރަށް ތަފްސީލުކޮށް ވާނީ އެނގިފަ އެވެ. މިފަހަރު މި އޮތީ އެ މަސައްކަތުގައި މަނިކު އަދާ ކުރާ ދައުރެވެ. އަނބިމީހާ ފެށި މަސައްކަތް ކުރިއަށް ގެންދަން ފިރިއަކު ކުރާ ބުރަ މަސައްކަތެވެ. އެ މަސައްކަތަށް އޭނާ ދޭ އެއްބާރުލުމެވެ.

ހަފުތާގެ އެކި ދުވަސްތަކުގައި ޝީލާގެ ބްރެކްފާސްޓް ނެރެ ވިއްކަ އެވެ. އެ މަސައްކަތުގައި އޭނާއާއެކު އެންމެ ގާތުގައި ހުރީ މަނިކެވެ. ޝީލާގެ ބަހުން ނަމަ އެ މަސައްކަތުގެ މޭސްތިރިއަކީ މަނިކެވެ. އޭނާގެ ފަރާތުން ނުލިބޭ އެހީތެރިކަމެއް ނެތެވެ. ރޭގަނޑު 12:00 ޖެހުމާއެކު މަނިކުގެ މަސައްކަތް ފެށެއެވެ. އެއީ ޝީލާއަށް ނިދާލަން ލިބޭ ވަގުތު ކޮޅެވެ. މެންދަމު 3:00 ޖެހުމުގެ ކުރިން ބްރެކްފާސްޓަށް ތައްޔާރުކުރާ ހުރިހާ އެއްޗެއް ކޮށުމަށް ފަހު ތައްޔާރު ކުރަނީ މަނިކެވެ. އެއީ މަދަކަ ބައިވަރެއް ނޫނެވެ. ދިހަ ބާރަ ވައްތަރުން ސައި ތައްޔާރު ކުރާއިރު ކުރާން ޖެހޭނެހާ މަަސައްކަތް އޮތީ ހިތަށް އަރުވާލުމެވެ.

ޝީލާއަށް ގޮވުމުގެ ކުރިން ސަޔަށް ތައްޔާރުކުރާ ބާވަތްތަކަށް މަސް ކޮށުމާއި ސޮސެޖް ކޮށުން ފަދަ ކަންކަން ކުރަނީ މަނިކެވެ. އަދި ކޮށާ ތަކެތި ފްރިޖްކޮށް އެ ތަކެތި ރައްކާ ކުރުމުގެ ޒިންމާ ވެސް އޮތީ އޭނާއަށެވެ.

"ޝީލާއަށް ގޮވަނީ ތިނެއް ޖަހާއިރު، އެހިސާބުން ޝީލާގެ މަސައްކަތް ފެށުނީ. އަޅުގަނޑު ދެން ނިދަނީ. ޝީލާ އަޅުގަނޑަށް ދެން ގޮވާނީ އިރުއެރުމުގެ ކުރިން ފަތިސް ނަމާދު ކޮށްލެވޭނެހާ ވަގުތު އޮއްވާ. އެ ހިސާބުން ދެން އެ ފެށުނީ ޕެކިންގެ މަސައްކަތް. ދެން އޮންނާނީ އަށެއް ޖެހުމާއެކު ޑެލިވަރީއަށް ނިކުތުން،"

ޑެލިވަރީގެ މަސައްކަތަކީ މަނިކުގެ އެންމެ ބޮޑު ޓާސްކެވެ. ބައެއް ދުވަސްވަރު ސަތޭކައެއްހާ ގެއަށް ޑެލިވަރީ ކުރަން ޖެ ހެއެވެ. އާންމު ރޭޓަކީ ސާޅީސް ނަމަވެސް ގިނަ ދުވަސްތަކުގައި އެ އަދަދު ހުންނަނީ އެއަށްވުރެ މާމަތީގަ އެވެ. އެހެންވީމަ އެއީ އެކަނި ކުރަން ވަރަށްވެސް ބުރަ މަސައްކަތެކެވެ. ނަމަަވެސް އެކަމަށް އޭނާގެ ޝަކުވާއެއް ނެތެވެ. އެއީ އޭނާގެ ދިރިއުޅުމެވެ. ދެމަފިރިންގެ ހަތަރު ދަރީންނަށްޓަކައި އެމީހުންވާ ގުރުބާނީ އެވެ. އެހެންވީމަ ޑެލިވަރީ ބޯއީއެއްގެ ގޮތުގައި މަނިކު މަގުމައްޗަށް ކޮތަޅުތަކާއެކު ނިކުންނަނީ ފަހުރުވެރިވާ ހާލުގަ އެވެ.

"ޑެލިވަރީއަކީ ބުރަ މަސައްކަތެއް، ނަމަވެސް މެޕް ބޮލުގައި ބައިންދައިގެން އެކަން ކޮށްލުމަކީ މިހާރު މާ އުނދަގޫ ކަމެއް ނޫން،" ދެތިން ގަޑިއިރަށް ދެމިގެންދާ ޑެލިވަރީގެ މަސައްކަތާ ގު ޅޭގޮތުން މަނިކު ބުންޏެވެ.

ޑެލިވަރީގެ މަސައްކަތުގައި މީގެ ކުރިން އެ މީހުންގެ ދޮށީ ފިރިހެން ދަރިފުޅު ބައިވެރިވި އެވެ. ނަމަވެސް އެއީ އެ ދަރިފުޅަށް ކުރެވޭ ވަރަށްވުރެ މާ ބުރަ މަސައްކަތަކަށް ވިއެވެ. އޭގެ ފަހުން އެހެން މީހަކު ވެސް އެކަމަަށް ހަޔާ ކޮށްފި އެވެ. ވީ ދެތިން ދުވަހެވެ. މާ ބުރަ ވެގެން އޭނާވެސް އެކަން ނުވާނެ ކަމަށް ބުނީ އެވެ.

އެހެންވިޔަސް އެ ބުރަ މަސައްކަތުގައި މަނިކު މެދުނުކެނޑި ފަސް މަސް ދުވަސް ހޭދަކޮށްފިއެވެ. އޭނާ ހުރީ ޝީލާއަށް އެހީތެރިވެ ދިރިއުޅުމަށް ކުރެވޭ ކޮންމެ މަސައްކަތެއްގައި ކުރިއަށްދާން ގަދަ އަޒުމުގައެވެ.

ޑެލިވަރީގެ ބުރަ މަސަައްކަތުގެ ކުރީން ހަފްތާއަކު ދެތިން ފަހަރު އެއަށްވުރެ މާ ބުރަކޮށް މަސައްކަތް ކުރަންޖެހޭ ވަގުތުތައް އާދެއެވެ. އެއީ ސަޔަށް ބޭނުންވާ ސާމާނު ގަންނަން ބާޒާރު ކުރުމެވެ. އެ މަސައްކަތަކީ ބުރަ މަސައްކަތެއް ނަމަަވެސް މަނިކު އެންމެ ގަޔާ ވެގެން ކުރާ ކަމަކީ އެއީ އެވެ. މަނިކު ބާޒާރަށް ނިކުތް ދުވަހަކު އަވަސްގެ ޓީމުން ބާޒާރު މައްޗަށް ގޮސް އޭނާ އެކަން ކުރާ ގޮތް ބެލި އެވެ.

"އެންމެ ބޮޑު އެއް މަސައްކަތަކީ ބާޒާރު ކުރުން. އެކަންވެސް ކުރަނީ އަޅުގަނޑު. މިހާރު ބާޒާރު މައްޗަށްވެސް ވަރަށް ގަދަވާނެ. އެހެން އަގު ހެޔޮ ގޮޅިތަކާއި އެންމެ ފަސޭހައިން އެއްޗެހި ލިބޭނެ ގޮޅިތައް އަދި ފިހާރަތަކުން ގަންނަން ޖެހޭ އެއްޗެހި ވެސް ލިބޭނެ ތަންތަން މިހާރު އެނގޭނެ. އެމީހުންނާ ވެސް ވަރަށް ގާތްވެ ރަހުމަތްތެރިވެއްޖެ މި މަސައްކަތުގެ ތެރެއިން،"

ފިލްމީ ތަރިއަކު ދިރިއުޅުމަށް މި ގޮތަށް މަސައްކަތް ކުރާތަން ފެނުމަކީ ކޮންމެވެސް ބަޔަކަށް އައިބު ކަމަކަށް ވެދާނެ އެވެ. ނުވަތަ އެއީ ހަޑި ކަމަކަށްވެސް ވެދާނެ އެވެ. ނަމަވެސް މަނިކުގެ ވިސްނުން މުޅީން ތަފާތެވެ. އޭނާގެ ނަޒަރުގައި ކޮންމެ ހާލަތަކަށް ވެސް ފެތިގެންވެސް ދިރިއުޅެން ދަސްކުރަން ޖެހެއެވެ. ގާނޫނާއި ހިލާފު ނުވާ ގޮތަށް ދީން ހުއްދަ ކުރާ ކޮންމެ މަސައްކަތަކީ ވެސް "ސަޅި" މަސައްކަތެކެވެ.

"ދިރިއުޅުމަށް ނުކުރެވޭނެ ވަކި ކަމެއް ނޯންނާނެ، އެއީ ގާނޫނާއި ހިލާފު ނުވަތަ ދީން ހުއްދަ ނުކުރާ ކަމަކަށް ނުވާނަމަ. އެއްވެސް މަސައްކަތަކީ ހަޑި މަސައްކަތެއް ނޫން. އަޅުގަނޑު ބައްޕައަކީ ވެސް ފަޅުތެރެއިން މުށިމަސް ބާނައިގެން އާމްދަނީ ހޯދި މީހެއް. އެހެންވީމަ މަސައްކަތެއް ވިއްޔާ އަޅުގަނޑު ފަހަތަކަށް ނުޖެހޭނަން،" މަނިކު ބުންޏެވެ. "އަޅުގަނޑާ ޝީލާއާ ދެ މީހުންނަކީ ރަށަކަށް ދިޔަސް އެ ރަށެއްގެ މާހައުލާ ފިޓް ވެގެން އުޅޭ ބައެއް. އެ ރަށެއްގެ ބަޔަކު ކުރާ ކޮންމެ ކަމެއްގައި ބައިވެރިވާ ވެސް ދެ މީހުން. އެހެންވީމަ ލައިފަށް އަންނަ ބަދަލާއެކު އެޖަސްޓް ވެގެން އުޅެން އެނގޭނެ،"

ނަމަވެސް އެއީ އެންމެންގެ ވިސްނުމެއް ނޫނެވެ. ބާޒާރުމަތީ އުޅޭއިރު އެކި ފިކުރުގެ އެކި ކަހަލަ މީހުންނާ ދިމާވާނެތީ މަނިކު ފުރަތަމަ ހުރީ އޭނާއަށް ކުރިމަތިވެދާނެ ކޮންމެ ކަމަކަށް ސަމާލު ވެގެނެވެ. ހާއްސަކޮށް މީހަކު ބުނެފާނެ އެއްޗަކަށެވެ. ނަމަަވެސް ފަސްމަސް ދުވަހު ހަމަ ކޮންމެ ދުވަހަކުވެސް ބާޒާރުމަތީ އެތަށް ވަގުތެއް ހޭދަކުރިއިރު އޭނާއާ ބައްދަލުވާ ކޮންމެ މީހަކު އުފަލާއެކު ކިޔަނީ މަރުހަބާ އެވެ. މޭކަޕާއި ފިލްމީ ފޭރާން ދޫކޮށް ސޯޓާއި ޓީޝާޓްގައި އޭނާ ފެނުނަސް އެ މީހުންނަށް މަނިކެއް ތަފާތެއް ނޫނެވެ.

އެ ތަފާތު ފެނުނީ މަނިކު މަސައްކަތް ކުރާ ދާއިރާއަށެވެ. ދާއިރާގެ ބައެއް މީހުންނަށެވެ. އެއީ އޭނާ ވަރަށް ދެރެވި ކަމަކަށްވިއެވެ.

"މިހެން ބުނަންވެސް އަސްލު ވަރަށް ލަދުގަނެވޭ. ހަގީގަތުގައި މި މަސައްކަތް ފެށުމުން ކިރިޔާވެސް ނެގެޓިވް ވާހަކަތަކެއް އައީ މި ދާއިރާ [ފިލްމީ ދާއިރާ] އިން. ޕަބްލިކުން އައީ ވަރަށް ޕޮޒިޓިވް ކޮމެންޓްސް،"

މީގެ އިތުރުން އެހެންވެސް ވަރަށް ވަރުގަދަ ކަމަކާ މި ފަހުން ލައިގަތެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުންނަށް މަނިކުގެ ދެމަފަރިންގެ ފަރާތުން ބްރެކްފާސްޓް އެރުވުމުންނެވެ. ރައީސްގެ ދެކަނބަލުންގެ އެދިވަޑައިގަތުމަކަށް އަދި މަނިކުގެ ދެމަފިރިންވެސް ވަރަށް ބޮޑަށް އެދިއެދި ހުރި ފުރުސަތެއް ލިބުމުން އެކަން ކުރީ އިންތިހާ އުފަލުގައި ހުރެއެވެ.

ނަމަވެސް ބަޔަކު އެކަންވެސް ސިޔާސީ ކޮށްލީ އެވެ. މަނިކުގެ ސިޔާސީ ފިކުރާ އެކަން ގުޅުވާ މުޅީން އެހެން ވާހަކައެއް ނެރުނީއެވެ.

"ފިކުރަކީ ކޮންމެ ފިކުރެއް ނަމަވެސް ރައީސަށް އޮންނަން ޖެހޭ އިހުތިރާމް އޮންނާން ވާނެ. އެހެންވީމަ މިކަން ކޮށްގެން [ބްރެކްފާސްޓް ދީގެން] ފާޑުކިޔުން އައުމުން އެއީ ވަރަށް ބަލައިގަންނަން ދަތިވި ކަމެއް،" ފާޑުކިޔުންތަކާއި ގުޅިގެން މަނިކު ބުންޏެވެ.

ސިޔާސީ އެކި ލީޑަރުންގެ ކެންޕެއިންތަކުގައި ވެސް ބައިވެރިވެ ޕާޓީތަކުގެ ޕޯޑިއަމްތަކުގައި ވެސް ވާހަކަ ދައްކާފައިވާ މަނިކު ހުރީ އެ ފާޑުކިޔުންތަކާއެކު ފަހަތަށް ޖެހޭ ކަށް ނޫނެވެ. އޭނާ އެ ކުރަނީ ސިޔާސީ ކަމެއް ނޫނެވެ. އެއީ ދިރިއުޅުމަށް ކުރާ މަސައްކަތެވެ. ހާއްސަކޮށް ލޯބިވާ އަންހެނުން ގޭގައި އިނދެ ކުރާ މަސައްކަތް ކަމުން އެ މަސައްކަތަށް އެއްބާރުލުން ދެވުނު ކޮންމެ ގޮތަކަށް އޭނާ ހުރީ އެއްބާރުލުން ދޭށެއެވެ. އަދި އެ މަސައްކަތް އިތުރަށް ފުޅާ ކުރެވޭނެ މަގުތައް ތަނަވަސްކޮށްދޭށެވެ. އިތުރަށް އިޝްތިހާރުވާނެ ހުރިހާ ގޮތްތަކެއް ހޯދާށެވެ.

"އަދި އިރާދަކުރެއްވިއްޔާ ސިޔާސީ ކިތަންމެ ލީޑަރަކަށް މި ބްރެކްފާސްޓްގެ ރަހަ ދައްކާނަން. އަޅުގަނޑު އުންމީދަކީ ވީހާވެސް ގިނަ ބަޔަކަށް އަޅުގަނޑުމެންގެ ބްރެކްފާސްޓްގެ ރަހަ ފޯރުކޮށްދިނުން،"

ފިލްމީ މަސައްކަތާ ދުރަކަށް ނުދޭ

ބްރެކްފާސްޓް ޑެލިވަރީގައި ބުރަކޮށް އުޅުނު ނަމަވެސް ފިލްމީ މަަސައްކަތާ ދުރުވުމުގެ ހިޔާލެއް މަނިކުގެ ނެތެވެ. މިހާރުވެސް ޓެޑްރީގެ "ލަސްވިޔަސް" ގެ މަސައްކަތް ފެށމަށް ދަނީ ތައްޔާރު ވަމުންނެވެ. އަދި ބައިސްކޯފްގެ ޑްރާމާއެއްގެ މަސައްކަތް ފެށުމަށް އޮތީ ތައްޔާރުވެފައެވެ. އަމިއްލަ ޑްރާމާ ސިލްސިލާއެއް ގެނެސް ދިނުމުގެ ވިސްނުންވެސް މަނިކުގެ އެބައޮތެވެ. މި ނޫންވެސް އިތުުރު ބައެއް ޕްރޮޖެކްޓްތައް އެބަ ހުއްޓެވެ.

"ފޭނުންނަށް ބުނެލަން އޮތީ އަޅުގަނޑާ ޝީލާވެސް ފިލްމީ ދާއިރާއާ ދުރަކަށް ނުދާނަން. އެކަހަލަ ވިސްނުމެއް އަދި ނެތް. އެހެންވީމަ ޔަގީން ކުރައްވާ އަބަދުވެސް ތި ބޭފުޅުންނާއެކުގައި ވާނަން،" މަނިކު ބުންޏެވެ.