ޕެރަޑައިސް ރިސޯޓްގައި ވަޒީފާ އަދާކުރަމުން ދަނިކޮށް ލަވައެއް ކުޅޭނެ ފުރުސަތު 1999 ގައި ޔޫސުފް ޝަފީއު (ޔޫއްްޕެ) ދިނީ ޓީވީއެމްގެ ކްރޫ އެ ރިސޯޓަށް ޝޫޓިންއަކަށް ގޮސް އުޅުމުގެ ތެރޭ އޭނާ ފެނިގެނެވެ. އެ ފުރުސަތުގެ ބޭނުން ހިފީ ކެމެރާން ޝިޔާޒް އެތައް ފަހަރަކު ޔޫއްޕެއަށް އެ އޮފާ ކުރި ފަހުންނެވެ. އެންމެ ފަހުން "ދިރިހުރެ ފުރާނަ ދާނީ" މި ލަވައިން ޖަމްޝީދާއާއެކު ޔޫއްޕެ ފުރަތަމަ ފަހަރަށް ފެނިލިއެވެ. ޔޫއްޕެގެ އެ ލަވަ ވީ ހިޓަކަށެވެ.
ނަމަވެސް އެ ލަވައަށްފަހު ޔޫއްޕެ އިސްކަން ދިނީ ރިސޯޓްގައި އަދާކުރަމުންދިޔަ ވަޒީފާއަށެވެ. އެކަން ބަދަލުވީ އޮފް ޑޭ އެއްގައި މާލެ އައި ދުވަހެއްގައެވެ. ލޯންޗުން މާލެ ފުންމާލެވުނީ ބޮޑު ފާލަން ކައިރީ ޑައިރެކްޓަރު އަމްޖޭގެ "ގުރުބާނީ" ގެ ޝޫޓިއެއް ކުރިއަށް ދިޔަ ވަގުތެއްގައެވެ. އެހިސާބުން އަމްޖޭގެ ލޮލުގައި އޭނާ އަޅައިގެ އެ ފިލްމުން މުހިންމު ރޯލެއް ހުށައެޅިއެވެ. އެއާއެކު ވަޒީފާ ދޫކޮށް ފިލްމީ މަސައްކަތަށް ހުރިހާ ވަގުތެއް ހުސްކުރީއެވެ. ލިބޭ ލާރިކޮޅު ކިތަންމެ މަދަސް މޯޝަން ފިކްޗާސް ސްޓޫޑިއޯގައި މަސައްކަތް ކުރަން ފެށީ ފިލްމީ މަސައްކަތަށް ހިތުން ހުސްކުރެވުނު ޖާގަ ބޮޑުވުމުންނެވެ. އެއީވެސް އަމްޖޭ ހޯދާދިން ފުރުސަތެކެވެ.
އޭގެ ފަހުން އާރިފާގެ "ސާހިބާ" އިން ޔޫއްޕެ ފެނުމާއެކު ހުރިހާ ޑައިރެކްޓަރުންގެ އޭނާ ފެނުނު ކަހަލަ އެވެ. "ހިތްހަލާކު"ގެ ނަމުގައި އެ ދުވަސްވަރު ނިކުތް ފިލްމާއެކު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފިލްމީ ދުނިޔޭގެ އެންމެ އަލިގަދަ ތަރިއަކަށް އޭނާވިއެވެ. އެ ފަހުން ދެން ނިކުތް ބޮޑެތި ހުރިހާ ފިލްމުތަކެއްގައިހެން ލީޑް ކުޅުނީ ޔޫއްޕެއެވެ. މަޝްހޫރު ހުރިހާ ލަވަތަކެއްގައިހެން ފެންނަމުންދިޔައީވެސް އޭނައެވެ.
"އޭރު ބެލީ ލިބުނު ކޮންމެ ފުރުސަތެއްވެސް އަތުން ބީވިއަ ނުދީ އެ ފުރުސަތުގެ ބޭނުން ހިފަން. އެހެންވީމަ އެހާ ގިނަ އެއްޗެހި ކުޅެވިފައި އެ ހުރީ،"
90 ފިލްމު، 800 ލަވަ
ޔޫއްޕެގެ ފިލްމީ ކެރިއަރަށް މި އަހަރު 20 އަހަރު ފުރިއްޖެ އެވެ. ފިލްމީ ދާއިރާގައި ހޭދަކުރެވުނު މުއްދަތުގައި އެންމެ ގިނަ ފިލްމު އަދި ލަވަ ކުޅުނު އެކްޓަރަކަށްވެ ދާއިރާގެ ތުހުމަތުގައި މިހާރު އެ އިނީ ޔޫއްޕެއެވެ. ކުރު ފިލްމާއި ފީޗާ ފިލްމު ހިމަނައިގެން އޭނާ މިހާތަނަށް 90 ފިލްމު ކުޅެފިއެވެ. މުޅީންވެސް ވަރުގަދަ ރޯލްތަކެވެ. ގިނައީ ލީޑް ރޯލެވެ.
އަދި 800 ވުރެ ގިނަ ލަވަވެސް ކުޅެފައިވެއެވެ. ވަކިވަކި ވީޑިއޯ ލަވަ ކުޅުން އޭނާ ހުއްޓާނުލިނަމަ އެ އަދަދު މިހާރު ހުރީހީ ހާހުން މަތީގައެވެ. މީގެ އިތުރުން 39 ޑައިރެކްޝަން ހަދާފައިވެއެވެ. އޭގެ ތެރެއިން 37 ޑައިރެކްޝަނަކީ އޭނާގެ އަމިއްލަ ފިލްމުތަކާއި ޑްރާމާތަކެވެ. އެ ހުރިހާ އުފެއްދުންތަކެއްގެ ސްކްރީންޕްލޭ ލިޔުނީ ވެސް އޭނާ އެވެ. ގިނަ ފިލްމުތަކުގެ އެޑިޓިން މަސައްކަތް ކުރީވެސް އަމިއްލައަށެވެ.
އަމިއްލަ އުފެއްދުމަކުން ހަތަރު އެވޯޑް
ފިލްމީ ކެރިއަރުގެ 19 އަހަރުގައި އެވޯޑް ހަފްލާތަކުގައި ޔޫއްޕެގެ އަމިއްލަ އުފެއްދުންތަކަށް މާބޮޑެތި ކާމިޔާބީތަކެއް ލިބޭ ގޮތް ނުވި ނަމަަވެސް ކޮންމެ އެވޯޑް ނައިޓެއްގައިވެސް ޝަރަފްވެރި އެވޯޑްތައް އުފުލާލުމުގެ ފުރުސަތު އެންމެ ގިނައިން ލިބެނީ އޭނާއަށެވެ. އެެހެން ޑައިރެެކްޓަރުންގެ އުފެއްދުންތަކުގައި އޭނާ ދައްކަމުންދާ ހުނަރަށް ކޮންމެ ފަހަރަކުހެން އެވޯޑް ލިބެއެވެ.
ނަމަވެސް އަމިއްލަ އުފެއްދުމަކުން އެވޯޑެއް އުފުލާލުމަަށް ކުރަމުންދިޔަ އުންމީދަށް ކުޑަވެސް ފަނޑުކަމެއް ނުގެނެއެވެ. ހިތްވަރާއެކު ދިޔައީ ކުރިއަށެވެ. ޔޫއްޕެ ކުރި މަސައްކަތްގެ ނަތީޖާ ވަރަށް ވެސް ފޮންޏެވެ. އެންމެ ފަހުން އޮތް ފިލްމް އެވޯޑްސްގައި ޔޫއްޕެ އުފުލާލީ އޭނާ މި ހުުރިހާ ދުވަހު އިންތިޒާރު ކުރަމުންދިޔަ އެވޯޑްތަކެވެ. އަދި އެންމެ ބޮޑު އުފަލެއް ލިބުނީ އޭނާގެ އަމިއްލަ އުފެއްދުމަކުން އެ ހުރިހާ އެވޯޑެއް އުފުލާލުމުގެ ޝަރަފު ލިބިގެން ދިއުމުންނެވެ.
ޔޫއްޕެގެ "ދެވަންސޫރަ" އިން އޭނާ މިފަހަރު ވަނީ އެންމެ މޮޅު އެކްޓަރު، އެންމެ މޮޅު ސްކްރީންޕްލޭ، އެންމެ މޮޅު ޑައިރެކްޓަރު އަދި އެންމެ މޮޅު އެކްޓަރުގެ މަގާމު ހޯދާފަ އެވެ.
ޝައުގުވެރިކަން ހުރީ ޑައިރެކްޝަނަށް
ޔޫއްޕެއަކީ މިދިޔަ 20 އަހަރުތެރޭގައި ދިވެހި ފިލްމީ ސިނަމާއަށް އައި އެންމެ ކުޅަދާނަ އެކްޓަރެވެ. ކޮންމެ ރޯލަކަށްވެސް ފިޓެވެ. އޭނަގެ ކޮންމެ ފިލްމަކީވެސް ހިޓެކެވެ. ވިޔަފާރީގެ ގޮތުން ކާމިޔާބު ފިލްމުތަކެވެ. އޮލިންޕަހުގައި ރެކޯޑް އަދަދަކަށް ޝޯތައް ދެއްކި ގިނަަ ފިލްމުތަކަކީ ޔޫއްޕެ ލީޑް ކުޅެފައިވާ ފިލްމުތަކެެވެ.
މިހާރުވެސް ބެލުންތެރިންގެ ގިނަ ބަޔަކު އޭނާގެ ފިލްމުތަކަށް އިންތިޒާރު ކުރެއެވެ. ނަމަަވެސް މިހާރު އެކްޓިންގެ ދާއިރާއިން ފެންނަ މިންވަރު ވަރަށް ބޮޑަށް ދަށްވެއްޖެ އެވެ. ކުރިން އަހަރަކު ހަތަރު، ފަސް ފިލްމު ކުޅުނު ނަަމަވެސް ޔޫއްޕެގެ ފޯކަސް މިވަގުތު ހުއްޓިފައިވަނީ ޑައިރެކްޝަނަށެވެ. ބޮޑަށް ޝައުގުވެރިވަނީވެސް އެ މަސައްކަތަށެވެ.
އަދި އައު ފަންނާނުންނަށް ފުރުސަތު ހޯދާދީ، އެ ފަންނާނުންނަށް އާމްދަނީ ލިބޭނެ ފުރުސަތުތަކެއް ފަހިކޮށް ދިނުމަކީ ވަަރަށް ބޮޑު އުންމީދެކެވެ.
"މިހާރު އެންމެ ބޮޑަށް އިސްކަން މި ދެނީ ދާއިރާއަށް އައު ކުދިން ނެރެވޭތޯ. އެ ކުދިންނަށް ފުރުސަތުދީ އާމްދަނީ ލިބޭނެ މަގުތަކެއް ތަނަވަސްކޮށް ދިނުން. އަޅުގަނޑުމެން މިކަން ހުއްޓާލައިފިނަމަ މިކަން ކުރާާނެ ބަޔަކު ދެން ނުތިބޭނެ. އެހެންވީމަ މި މަސައްކަތުގައި ދެމި ހުރުން މުހިންމު،"
ޝައުގުވެރިކަން ޑައިރެކްޝަނަށް ހުރިނަމަވެސް އެކްޓިން ކެރިއަރު ހުއްޓާލުމުގެ ވިސްނުމެއް އަދި ނެތެވެ. ނަމަވެސް އުމުރާ ނުގުޅޭ ރޯލްތަކެއް ކުޅުމުގެ އެއްވެސް ވިސްނުމެއް ޔޫއްޕެގެ ނެތެވެ. ހާއްސަކޮށް އަލަށް ދާއިރާއަށް ނިކުންނަ ޒުވާން ތަރިންނާއެކު ލޯބީގެ ރޯލެއް ދެން އޭނާ ކުޅޭނެ ހެނެއް ހީއެއް ނުވެއެވެ.
"އުމުރާ ގުޅޭ ރޯލަކުން ފެނިދާނެ. ދެން އެހެން ނޫނީ ދެ އުމުރެއްގެ ދެ މީހެއްގެ މެދުގައި ހިނގާ އެކަހަަލަ ސްޓޯރީއެއް ނަަމަ ފެނިދާނެ،"
ތިން ސީޒަންގެ ވެބް ސީރީޒެއް
ފިލްމީ އުފެއްދުންތަކަށް ހާއްސަ ޔޫއްޕެގެ އަމިއްލަ ފިލްމު ސްޓޫޑިއޯ "ޔޫއްޕެ ޕްރޮޑަކްޝަން" އިން މިހާތަނަށް ބެލުންތެރިންނަށް ގިނަ އުފެއްދުންތަކެއް ވަނީ ގެނެސްދީފައެވެ. ހާއްސަކޮށް އެ ސްޓޫޑިއޯއިން ގެނެސްދިން ކުރު ފިލްމުތަކަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު އުފެއްދުންތަކެކެވެ. އަދި މިދިޔަ ދެތިން އަހަރު ސްކްރީނަށް ގެނެސްދިން ފީޗާ ފިލްމުތަކަކީވެސް ބެލުންތެރިން ބަލައިގެން އުފެއްދުންތަކެކެވެ.
ޔޫއްޕެގެ ސްޓޫޑިއޯއިން ވަނީ މުޅީން އަލަށް ވެބް ސީރީޒެއް އުފެއްދުމުގެ މަސައްކަތް ފަށާފައެވެ. "ހުވާކޮށްފާ ބުނަން" މިނަމުގައި ގެނެސްދޭ ވެބްސީރީޒްގެ ފުރަތަމަ ސީޒަން އެއްކޮށް ޝޫޓްކޮށް ވަނީ ނިންމާފައެވެ. ލޮކްޑައުން ތެރޭގައި ސީޒަން އެކެއް ފުރިހަމަކޮށް ނިންމާލިއިރު "ބައިސްކޯފް" އިން ވެބްސީރީޒް ދައްކަން ފަށަން ވަނީ ތައްޔާރުވެފައެވެ. އަންނަ އާދިއްތަ ދުވަހުގެ ރޭ ނުވައެއް ޖަހާއިރު ފުރަތަމަ އެޕިސޯޑް ބައިސްކޯފުން ދޫކޮށްލާނެ އެވެ.
މިއީ ޔޫއްޕެގެ "ޑްރީމް" ޕްރޮޖެކްޓެކެވެ.
"ހުވާކޮށްފާ ބުނަން" ވެބްސީރީޒްއަކީ ވަރަށް ގިނަ އައު ތަރިންނަށް ފުރުސަތު ދީފައިވާ އުފެއްދުމެކެވެ. އަދި ވަރަށް ގިނަ ތަރިން ބައިވެރި ވެގެން އުފައްދާފައިވާ ސީރީޒެއް މެއެވެ.
"މޭޖާ ރޯލް ކުޅޭ 19 ކެރެކްޓާ ފެންނާނެ މި ވެބް ސީރިޒްގައި. ބޮޑު ޓީމަކާއެކު މިވަރުގެ މަަސައްކަތެއް ކުރެވުމުގެ ހިތްހަމަ ޖެހުން އެބައޮތް،"
މީގެ އިތުރުން މި ވެބްސީރީޒް "ބައިސްކޯފް" އިން ދެއްކޭނެ ގޮތް ހަަމަޖެހުމަކީވެސް އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. ތިން ސީޒަންގައި 62 އެޕިސޯޑް ފެންނާނެއެވެ. ފުރަތަމަ ސީޒަންގެ 26 އެޕިސޯޑް ކުރިއަށް އޮތް 26 ހަފްތާގައި ބައިސްކޯފުން ދައްކާނެއެވެ.
ވަރަށް ގިނަ ރަހަތައް އެކުލެވޭ މި ވެބްސީރީޒަކީ އާންމުން ހޭލުންތެރިކުުރުމަށް ހާއްސަ މެސެޖްތަކެއް ލިބޭ ގޮތަށް ތައްޔާރުކޮށްފައިވާ ވެބްސީރީޒެކެވެ. ބައެއް ފިލްމީ އުފެއްދުންތަކުން ލޯތްބާއި ހިތާމަ، ރުޅިވެރިކަމާއި ނަފްރަތު ދައްކުވައިދޭއިރު މި އިހުސާސްތަކުގެ އިތުރުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކާއި ވަޒީފާގެ ދަތިކަމާއި ގެދޮރުގެ މައްސަލަތަކަށްވެސް މި ވެބްސީރީޒްގައި އަލިއަޅުވާލާފަައިވާނެ އެވެ.
މުޅި ވެބްސީރީޒްގެ ތިން ސީޒަން ބެލުންތެރިންނާ ހަމައަށް ގެނެސްދީ "ހުވާކޮށްފާ ބުނަން" ކާމިޔާބު ކަމާއެކު ނިންމާލުމަކީ ޔޫއްޕެގެ މިވަގުތުގެ އެންމެ ބޮޑް އުންމީދެކެވެ. ހުރިހާ ފޯކަސްއެއް އޮތީ އެ މަސައްކަތަށެވެ. ނަމަވެސް އަންނަ އަހަރު ފެށުމާއެކު އެހެން ޑްރާމާ ސިލްސިލާއެއްގެ މަސައްކަތް ފެށުމަށް އުންމީދު ކޮށްގެން ހުރިއިރު ބައެއް ފީޗާ ފިލްމުތައް އުފެއްދުމުގެ ވިސްނުންވެސް ޔޫއްޕެ ގެންގުޅެއެވެ.