ފިލްމީ ތަރިންގެ ތަފާތު އެކި ވާހަކަތަކަށް ދިވެހިން ވެސް ވަރަށް ބޮޑަށް ޝައުގުވެރި ވެއެވެ. ފިލްމީ ތަރިންގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ތަފާތު ވާހަކަތަކަށް އިތުރަށް ޝަައުގުވެރިކަން ބޮޑުވެ އެވެ. "ސްޓާރެއްގެ ސްޓޯރީ" މި ނަމުގައި މިދިޔަ 17 ހަފުތާގައި ފިލްމީ ތަރިންގެ ތަފާތު ވާހަކަތައް ވާނީ ގެނެސްދީފައި ވަނީ އެހެންވެ އެވެ.
ސްޓާރެއްގެ ސްޓޯރީގެ ފުރަތަމަ ސީޒަން ނިންމާލުމަށް ފަހު އާ ސީޒަނެއް އަންނަ ހަފުތާގައި ފަށާނެ އެވެ. އެކަމަކު މިފަހަރު މުޅީން ތަފާތު ކޮށް މުޅީން އެހެން ރާގެއްގަ އެވެ. އޭގެ ކުރިން ފުރަތަމަ ސީޒަންގެ 17 ތަރިންގެ ވާހަކަތައް އަލުން ކިޔާލާށެވެ.
ޝީލާގެ މޯނިން ބްރެކްފާސްޓް
ސްޓާރެއްގެ ސްޓޯރީގެ ފެށުމަކީ މަޝްހޫރު ފިލްމީ ތަރި ޝީލާ ނަޖީބެވެ. ފިލްމީ ދާއިރާއިން ބެލުންތެރިންގެ ބޮޑު ލޯތްބަކާއި އިތުބާރެއް ހޯދާފައިވާ މި ތަރީގެ ދިރިއުޅުން މިހާރު ބިނާވެފައި އޮތީ ހެނދުނުގެ ބްރެކްފާސްޓް ވިއްކައިގެން ލިބޭ އާމްދަނީގެ މައްޗަށެވެ. ގެވެހި ކަމަށް މަޝްހޫރު މި ތަރީގެ ވާހަކައިން ވަރަށް ގިނަ ބަޔަކަށް ހިތްވަރު ލިބުނެވެ. ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ވަޒީފާތައް ގެއްލި އާމްދަނީ ލިބެމުންދިޔަ ދޮރުތައް ބަންދުވީ ނަމަވެސް ގަދަ ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކާމިޔާބު އޮންނާނީ ދާދި ގާތުގައިކަން މިފަހަރު ސާބިތުކޮށްދީ ޝީލާއެވެ.
އަޝްފާ ފިލްމީ ދުނިޔެއަށް
މަރިޔަމް އަޝްފާއަކީ ލަވައިގެ ދުނިޔޭގައި އެއްވަނައެވެ. އެއީ ސުކޫލު ދައުރުގައި ވެސް މޮޅު ލަވަކިޔުންތެރިއެވެ. ކައިވެނީގެ ގޮތުން ގުޅުނީވެސް މަޝްހޫރު ލަވަ ކިޔުންތެރިޔާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އާ އެވެ. އެއީވެސް ލަވައިގެ ދުނިޔޭގައި އަޝްފާގެ ވިދުން ގަދަވި ކަމެކެވެ. ނަމަަވެސް މިހާރު އޭނާ އެ ހުރި ހިސާބަށް އައުމުގައި އެ އަޑުގެ ރީތިކަމާއި ލަވަ ކިޔުމުގެ ހުނަރު ލިބިފައިވާވުން ބޮޑު ދައުރެއް އަދާކުރިއެވެ.
ފިލްމީ ތަރިންނަށް ހާއްސަކުރި ސީޒަންއަކުން އަޝްފާއަށް ފުރުސަތު ލިބެނީ އޭނާ އެކްޓިން ކެރިއަރު ފެށުމުންނެވެ. ފުރަތަމަ ފިލްމި "ބީވީމާ" ގެ ޝޫޓިން އޮތީ ފެށިފައެވެ. މިއީ އެކްޓިން ކެރިއަރު ފެށުމަށްފަހު އޭނާ މީޑިއާއަށް ދިން ފުރަތަމަ އިންޓަވިއުއެވެ.
ޔޫސޭގެ އުންމީދަކީ އާ ދޮންސައްޕައެއް
ޔޫސުފް ރަފީއު (ޔޫސޭ) އަކީ ދިވެހިންގެ ލެޖެންޑެކެވެ. އޭނާގެ ވާހަކަ ކިތައްމެ ގޮތަކަށް ދެއްކި ދާނެ އެވެ. ކުރު ކޮށްލަންޏާ ޔޫސޭއަކީ ދިވެހި ފިލްމީ ތާރީހު ދުށް އެންމެ ކުޅަދާނަ އެއް އެކްޓަރެވެ. އަދި ރާއްޖޭގެ ފަހުގެ ތާރީހު ދުށް އެންމެ މޮޅު ކޮމެޑިއަން އެވެ. އޭނާގެ ފިލްމީ ކެރިއަރަށް 40 އަހަރުވީއެވެ. ދިވެހިންގެ އެންމެ މަގުބޫލު ސީރީޒް "ދިރިއުޅުމަކީ މިއީބާ" ހުއްޓުމެއް ނެތި ގެނެސްދޭތާ 36 އަހަރުވީއެވެ. ޔޫސޭއަކީ މަގުމަތިން ދިވެހިންނާއި ކިތަންމެ ފަރިތަ، ގާތް މީހެއް ނަމަވެސް އެއީ މީޑިއާ ދުރު އެކްޓަރެކެވެ. އިންޓަވިއުއެއް ހޯދުން އެއީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ. ނަމަަވެސް މި އޮތީ މި ފަހުން ޔޫސޭ މީޑިއާއަކަށް ދިން ފުރަތަަމަ އިންޓަވިއެވެ. އޭނާގެ ކެރިއަރުގެ ލައްކަ ވާހަކަ ހިއްސާކޮށްފައިވެއެވެ.
ކައިވެންޏަށް ފަހު ނުޒޫ ނުގެއްލޭނެ
ފިލްމީ ދާއިރާގައި މިހާރު އެންމެ ނުފޫޒު ގަދައީ ޒުވާން ފިލްމީ ތަރި ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ. މިދިޔަ ދެތިން އަހަރު ނިކުތް ބެލުންތެރިންގެ އެންމެ މަގުބޫލު ފިލްމުގައި އޭނާގެ ރޯލެއް އޮވެއެވެ. މިއީ ޑައިރެކްޓަރުންނަށް މުއާމަލާތް ކުރަން އެންމެ ފަސޭހަ އެއް އެކްޓަރެވެ. ދާދި ފަހުން ކައިވެންޏެއް ކޮށްފައިވީނަމަވެސް ފިލްމީ ދާއިރާއިން އޭނާ ނުގެއްލޭނެއެވެ.
އަޒޫގެ ނަސީބަކީ ވެމްކޯ
މި ބަތަލާ، ފާތިމަތު އާޒިފާ (އަޒޫ) ފިލްމަކުން ފުރަތަމަ ފެނުނީ އުމުރުން އަށް އަހަރުގަ އެވެ. އެއީ މިހާތަނަށް ރާއްޖޭގައި އުފެއްދި އެންމެ ކާމިޔާބު ޑްރާމާ ސިލްސިލާ ޔޫސޭގެ "ދިރިއުޅުމަކީ މިއީބާ" އިންނެވެ. ނަމަވެސް މިހާރު މިއީ ވަރަށް އުހުގައި ހުރި ކުޅަދާނަ އެކްޓަރެކެވެ. ފިލްމީ ތަރި އަހުމަދު ސައީދުއާއެކު ހަޔާތެއް ފަށާ މިހާރު ކުއްޖަކުވެސް ލިބިފައިވެއެވެ. އަޒޫގެ ދިރިއުޅުމަކީވެސް ވަރަށް ގިނަ ބަޔަކަށް ޝައުގުވެރި ދިރިއުޅުމެކެވެ.
އަލިގަދަ ދޮން އައްޔެއް
ނެށުންތެރިއެއްގެ ގޮތުގައި ބޮޑު މަގުބޫލު ކަމެއް ހޯދި އަލީ އާޒިމް (ދޮންއައްޔަ) އެއީ ފިލްމީ ދާއިރާގައި މިހާރު އެންމެ އަލި ގަދަ ނަމެވެ. އޭނާގެ އެކްޓިންގެ ހުނަރަށް ހުރިހާ ޑައިރެކްޓަރުންވެސް ތައުރީފު ކުރެއެވެ. މި ފަހުން ސްކްރީން ކުރެވުނު ބައެއް ފިލްމުތަކުން އާދަޔާ ހިލާފު މޮޅު އެކްޓިންއެއް ދައްކާ އޭނާ ވަނީ ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދާފައެވެ. ދާދި ފަހުން ކައިވެންޏެއް ކޮށްފައިވާ ދޮން އައްޔަގެ ދިރިއުޅުމުގެ ތަފާތު ވާހަކަތައް އޭނާ ވަނީ ހިއްސާކޮށްފައެވެ.
ފަންސާސް ފަސް ފިލްމާއެކު އަމްޖޭ ރެކޯޑެއް
ދިވެހި ފިލްމީ އިންޑަސްޓްރީ ދުށް އެންމެ މަސައްކަތްތެރި ޑައިރެކްޓަރަކީ ކޮބައިތޯ ސުވާލުކޮށްފިނަމަ އެ ސުވާލަށް އޮތީ ވަރަށް ފަސޭހަ ޖަވާބެކެވެ. ޑައިރެކްޓަރު އަމްޖަދު އިބްރާހިމް (އަމްޖޭ) އެވެ. ފިލްމު އުފެއްދުމުގައި އޭނާ ވަނީ ތިރީސް އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކޮށްފައެވެ. މި މުއްދަތުގެ ތެރޭގައި 55 ފިލްމެއް ޑައިރެކްޓްކޮށްފި އެވެ. 54 ފިލްމެއް ވަނީ ބެލުންތެރިންނާއި ހަމަައަށް ގެނެސްދީފައެވެ. ވަރަށް ގިނަ އާ ތަރިން މި ދާއިރާއަށް ނެރެދީފިއެވެ. މިފަހަރު މި އޮތީ އަމްޖޭގެވެސް ތަފާތު ވާހަކަތަކެވެ.
ރަމީޒާގެ ފިލްމެއް ބެލުންތެރިންނަށް
އަހުމަދު ނިމާލް ފިލްމީ ދާއިރާގައި ހަރަކާތްތެރިވާތާ 36 އަހަރުވީ އެވެ. އެހާ ދިގު މުއްދަތެއްގައި އެއް ލެވެލްއެއްގައި ހިފަހައްޓާލި ހަމައެކަނި އެކްޓަރަކީ ނިމާލޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. އޭނާއަކީ މޮޅު އެކްޓަރެކެވެ. ކުޅަދާނަ ޑައިރެކްޓަރެކެވެ. ވާހަކަ ލިޔުންތެރި އެކެވެ. ނިމާލްގެ ވަރަށް ބޮޑު ޑްރީމް ދެ ޕްރޮޖެކްޓެއް އެބައޮތެވެ. އެއީ އަންހެނުން ކުރީގެ ފިލްމީ ތަރި ފާތިމަތު ރަމީޒާއާއެކު ފިލްމެއް އުފެއްދުމާއި ދަރިފުޅު ޖުމައްޔިލްއާއެކު ދެ ބަފައިން އެއް ފިލްމަކުން ފެނުމެވެ.
ޔާރާ އާއިލާއިން އާ އުފެއްދުމެއް
މަރިޔަމް އައްޒަ ފުރަތަމަ ފިލްމަކުން ފެނުނީ އުމުރުން އެންމެ ނުވަ އަހަރުގައެވެ. ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދި "މާޒީ" ގައި ކުޑަކުއްޖެއްގެ ރޯލް އޭނާ ކުޅެލީ މަންމަގެ އެދުމަކަށެވެ. މިއަދު އޭނާއަކީ ގިނަ ޑައިރެކްޓަރުންގެ އެންމެ ފޭވަރިޓެވެ. އައްޒަ މި ފަހަރު ބެލުންތެރިންނާއި ބައްދަލު ކުރަނީ ހާއްސަ "ސަޕްރައިޒް" އެއް ދޭނެ ކަމުގެ އުފާވެރި ހަބަރާއެކުގައެވެ.
ހަސަން މަނިކުގެ ކެރިއަރަށް 43
ދިވެހި ފިލްމީ އިންޑަސްޓްރީގައި 43 އަހަރު ހޭދަކުރި ހަމައެކަނި ފަންނާނަކީ ހަސަން މަނިކު (ރޯނު ހަސަން) އޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. 1977 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ހަސަން މަނިކު އާންމުންނަށް ފެނިލި ގޮތަށް އަދިވެސް އޭނާ ހުރީ އެ ގޮތުގައެވެ. ބެލުންތެރިން އުފާ ކޮށް ދިނުމުގައެވެ. ފިލްމީ އުފެއްދުންތަކުން މެދުނުކެނޑި ހަސަން މަނިކު ފެންނަތާ 43 އަހަރު ފުރި 44 ވަނަަ އަަހަރު ފެށުނީ މިދިޔަ ނޮވެންބަރު 11 ގައެވެ.
މަލާމާތުން ފަހަތަޖަށް ޖައްސައިނުލެވުނު އެކްޓަރު
ތިއޭޓާ އެކްޓަރެއްގެ ގޮތުގައި އަދި ލިޔުންތެރިއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދި ކޮޕީ މުހައްމަދު ރަޝީދުގެ ފިރިހެން ދަރިފުޅު އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އަކީ މިހާރު މި ދާއިރާގައި ހުރި އެންމެ ވަރުގަދަ އެކްޓަރެވެ. ނަމަަވެސް މިހާރު ހުރި ހިސާބަށް އައުމަށް އޭނާ ކުރީ އުނދަގޫ ދަތުރެކެވެ. އެއީ ފުރައްސާރައާ މަލާމާތުން ފުރިފައި އޮތް މާޒީ އެކެވެ. ސިފަ ހުތުރު ކަމަށް ބުނެ ފިލްމުތަކުން ފުރުސަތު ދޭން ކިތަންމެ ޑައިރެކްޓަރަކު ދެކޮޅު ހެދިއެވެ. ކަޅުވުމަކީ ބޮޑު މައްސަލައަކަށް ހެދިއެވެ. ނަމަވެސް ގަދަ ހިތްވަރާއެކު މިއަދު އޭނާ އެ ހުރީ އެންމެ އުހުގައެވެ.
ފަރީލާ ރާއްޖޭގައި
ދެހާސް ފަސްވަނަ އަހަރު ފިލްމީ ދާއިރާއަށް ތައާރަފު ވުމުގެ ކުރިން ފާތިމަތު ފަރީލާ (ފަރީ) އަކީ ކުޅަދާނަ ނެށުންތެރިއެކެވެ. ފިލްމީ ދާއިރާއަށް ޝައުގުވެރިކަން އުފެދުނީ ވެސް ނެށުމުގެ ތެރެއިންނެވެ. "ގޮމަ" ގުރޫޕްގައި އެ ދުވަސްވަރު އެންމެ ފާހަގަ ކޮށްލެވުނު ނެށުންތެރިއަކީ ފަރީ އެވެ. އޭގެ ފަހުން 2015 ވަނަ އަހަރާ ހަމައަށް ފިލްމީ މަސައްކަތުގައި ފަރީ ވަރަށް ބިޒީއެވެ. ނަމަަވެސް ކުއްލިއަކަށް ދާއިރާއިން ގެއްލި ދިރިއުޅުން ލަންކާއަށް ބަދަލުކުރިއެވެ. މިއީ މިދިޔަ ފަސް އަހަރުތެރޭ ފަރީލާ ފެނިލާ ފުރަތަމަ ފެނިލުމެވެ.
ގޮންޖެހުންތަކާއެކު ދާއިރާގައި 20 އަހަރު
އާސިމްގެ ފިލްމީ ކެރިއަރަށް މިއީ 20 އަހަރު ފުރޭ ތާރީހީ އަހަރެވެ. މިދިޔަ ވިހި އަހަރު އޭނާ އެތަށް ކަމެއް ތަޖުރިބާ ކޮށްފިއެވެ. ހިތްދަތި އެތަށް ސަފްހާއެއް ލިޔެވި ނިމިއްޖެއެވެ. ބައެއް މީހުން ފާޅުގައި ނިކުމެ އާސިމް ބާކީކޮށްލަން މަސައްކަތް ކޮށްލިއެވެ. އަގުވައްޓާލާ ހުނަރެއް ނެތް މީހެއްކަން ދެއްކުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާގެ ކާމިޔާބަކީ އެއިން އެއްވެސް ގޮންޖެހުމަކަށް ބޯލަނބާ ދާއިރާ ދޫކޮށް ނުދިއުމެވެ. މިއަދު އާސިމް އެ ހުރީ ފިލްމީ ދުނިޔޭގެ އެންމެ އުހުގައެވެ. ބޮންތީގެވެސް އެންމެ ކުރީގައެވެ. ގިނަ ޑައިރެކްޓަރުންގެ ނަޒަރުގައި އާސިމަށް ނުކުޅެވޭނެ ރޯލެއް ނެތެވެ. ކޮންމެ ރޯލަކަށްވެސް އޭނާ ފިޓެވެ. އެހާވެސް ކުޅަދާނަ އެކްޓަރެކެވެ.
ސައީދުގެ ކާމިޔާބަކީ އެކުވެރިކަން
ފިލްމީ ތަރި އަހުމަދު ސައީދުގެ ފިލްމީ ކެރިއަރަށް 23 އަހަރު ފުރި 24 ވަނަ އަހަރެއް ގުނަން ފެށުނީ އެވެ. ޖޫން 13، 1997 އަކީ ސައީދުގެ ފުރަތަމަ ފެނިލުން އާންމުންނަށް ފެނުނު ދުވަހެވެ. އެއީ ކުޅަދާނަ ތަރިން ކަަމަށްވާ މަރިޔަމް ނިޝާ އަދި ޖަންބު ހަސަން އަފީފާއެކު ސައީދު ކުޅުނު ލަވަ ޓީވީއެމްއިން ފުރަތަމަ ދެއްކި ދުވަހެވެ. އެ ހިސާބުން ފިލްމީ މަސައްކަތް އެއޮތީ ފެށިފަ އެވެ. ސައީދުގެ އެންމެ ހާއްސަ ކަމަކީ ދާއިރާގެ އެންމެންނާ އޭނާއާ އޮންނަ ގުޅުމެވެ.
ޔޫއްޕެ ރެކޯޑެއް: 800 ލަވަ، 90 ފިލްމް
ޕެރަޑައިސް ރިސޯޓްގައި ވަޒީފާ އަދާކުރަމުން ދަނިކޮށް ލަވައެއް ކުޅޭނެ ފުރުސަތު 1999 ގައި ޔޫސުފް ޝަފީއު (ޔޫއްްޕެ) ދިނީ ޓީވީއެމްގެ ކްރޫ އެ ރިސޯޓަށް ޝޫޓިންއަކަށް ގޮސް އުޅުމުގެ ތެރޭ އޭނާ ފެނިގެނެވެ. އޭގެ ފަހުން އޭނާ 800 ލަވަ ކުޅެފިއެވެ. 90 ފިލްމު ކުޅެފައިވެއެވެ. މިއީ ދިވެހި ފިލްމީ ތާރީހުގައި ރެކޯޑެކެވެ. އެންމެ ގިނަ ބައެއްގެ ލޯބި އޮތް ތަރިއެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ޔޫއްޕެއަކީ ގިނަ ބައެއްގެ ނަޒަރުގައި މި ދާއިރާގެ ރަސްގެފާނެވެ. ތަހުތު އޮތީ އޭނާ އަށެވެ.
ދިހަ އަހަރަށް ފަހު އާމިރާ އަތުވެއްޖެ
ދެހާސްވަނަ އަހަރުގެ ކުރީކޮޅަކީ ދިވެހި ފިލްމީ އިންޑަސްޓްރީ ތައާރަފްވި ގިނަ ތަރިންގެ ތެރެއިން އާމިރާ އިސްމާއީލް (އާމިރާ) އަކީ ފާހަގަކޮށްލެވޭ އެކްޓަރެކެވެ. އާމިރާއަކީވެސް ދާއިރާގެ އެންމެ އުހުގައި ހުރެ ކުއްލިއަކަށް ގެއްލުނު ތަރިންގެ ލިސްޓްގައި ހިމެނޭ ތަރިއެކެވެ. 10 އަހަރަށް ފަހު އަނެއްކާވެސް އާމިރާ އެނބުރި އަތުވެއްޖެ އެވެ. މިއީ 10 އަހަރު ފަހުން އާމިރާ ދިން ފުރަތަމަ އިންޓަވިއުއެވެ.
2021 ގައި ނިއުމާގެ ކައިވެނި
ދިވެހި ފިލްމީ އުދަރެހުން މި ފަހުން އުފެދުނު އެންމެ ކުޅަދާނަ ބަތޮލާއަކީ ނިއުމާ މުހައްމަދު ކަމާމެދު ދެބަސްވާނެ މީހަކު ނުހުންނާނެ އެވެ. ފިލްމީ ދާއިިރާގެ "ރަނިކަމަނާ" އަކީ އެއީ އެވެ. ހުރިހާ ފަންނާނުންހެން ދެކެނީ އެގޮތަށެވެ. މިހާތަނަށް 40 ފިލްމާއި 1،000 ވުރެ ގިނަ ވީޑިއޯ ލަވައިގެން ފެނިގެން ގޮސްފައިވާ ނިއުމާ މިހާރު ހުރީ ފިލްމު ކުޅުމާއި މުޅީން ދުރުވެގެނެވެ. އެއީ 25 އަހަރުގެ ފަހުރުވެރި ކެރިއަރު ވަރަށް ކާމިޔާބު ކަމާއެކު ނިންމާލައިގެންނެވެ. ނަމަަވެސް ދާއިރާއާ ދުރަކު ނޫނެވެ. ފިލްމަކުން ނުފެނުނު ނަމަވެސް އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ވުޖޫދުކޮށް ފިލްމު އުފެއްދުމުގެ މަސައްކަތުގައި ނިއުމާ ހުރީ ކުރިއަށްދާން އަޒުމު ކަނޑައަޅައިގެނެވެ. މި ފަހަރު ބެލުންތެރިންނަށް ނިއުމާދޭ އުފާވެރި ހަބަރަކީ މި އަހަރު އޭނާގެ ކައިވެނި އޮންނާނެ ކަމުގެ ހަބަރެވެ.
"ދޮން ސަންޕަ" ވަކިވުމެއް ނެތް
އުމުރުން އެންމެ 15 އަހަރުގައި ކައިވެނިކުރިތާ ހަތް ދުވަސް ތެރޭ މަރިޔަމް ޝަކީލާ އާދަމް (ޝަކިއްތަ) ފެށި ފިލްމީ ކެރިއަރަށް 37 އަހަރުވީއެވެ. "ދޮން ސައްޕަ" އިން ފެނިލި ފެނުމާއެކު މިދިޔަ 37 އަހަރު މެދުނުކެނޑި ކޮންމެ އަހަރަކުވެސް އެންމެ ގިނަ ފިލްމުތަކުން ފެނުނު ތަރިއަކީ ޝަކީލާއެވެ. ޝަކީލާ ވަނީ އޭނާގެ އެފަދަ ދެވަނައެއް ނެތް ކޮމެޑީ ސްޓާރު، ޔޫސޭއާއެކު އަދި ފިލްމަކުން ފެންނާނެ ކަމުގެ ހަބަރު ބެލުންތެރިންނަށް ދީފައެވެ. އެ މަސައްކަތް މިހާރު އޮތީ ފެށުމުގެ މަގުމަތީގައެވެ.
މަނިކުގެ ދިރިއުޅުން ބަދަލުކޮށްލީ ބްރެކްފާސްޓުން
ޓީވީގެ އަހަރީ ދުވަހަކާއި ދިމާކޮށް މީގެ 31 އަހަރު ކުރިން މާޗް، 29 1989 ގައި ދެއްކި "ހުދު އަންގި" ޑްރާމާއިން ބެލުންތެރިންނަށް ތައާރަފުވި މުހައްމަދު މަނިކު (މަނިކު) އަކީ މި ދާއިރާގެ އެންމެ ބޮޑު ތަޖުރިބާއެއް ލިބިފައިވާ އެކްޓަރެވެ. އޭނާއާ އަންހެނުން ޝީލާގެ ދިރިއުޅުމަށް ބެލުންތެރިންގެ ބޮޑު ޝައުގުވެރި ކަމެއް އޮވެއެވެ. ލޯތްބާއި އޯގާތެރިކަމުން ފުރިފައިވާ އެ ދިރިއުޅުމުން މުޅީންހެން ފެންނަން އޮތީ ނަމޫނާއެވެ. މަނިކުގެ މި ފަހަރުގެ ވާހަކައަކީވެސް އެފަދަ ނަމޫނާ ވާހަކައެވެ. ދިރިއުޅުމަށް ކުރާ ބުރަ މަސައްކަތެވެ. މި ސީޒަންގައި ބެލުންތެރިންގެ އެންމެ ބޮޑު ޝައުގެއް ހުއްޓުނީ މަނިކުގެ މި އިންޓަވިއުއަށެވެ. އަދި ޝީލާގެ އިންޓަވިއުއަށެވެ.
މެދުނުކެނޑި 17 ހަފްތާއަށްފަހު "ސްޓާރެއްގެ ސްޓޯރީ" ގެ ފުރަތަމަ ސީޒަން ނިންމާލީ އެވެ. އަންނަ ހަފްތާގައި އާ ސީރީޒެއް ކިޔުންތެރިންނާއި ހަމަައަށް ގެނެސްދޭނެ އެވެ.