ސްޓާރެއްގެ ސްޓޯރީ

މުޅީން އެހެން ލެވެލެއްގެ އެކްޓަރެއް!

މަޝްހޫރު ކޮމޭޑިއަން ޔޫސޭ އަވަސް އޮންލައިނަށް އަށް ދިން ވީޑިއޯ އިންޓަވިއުއިން ހުލާސާ ކޮށްފައިވާ ވީޑިއޯ -- އާއިމް ޒަމީރު | އަވަސް

ޔޫސުފް ރަފީއު (ޔޫސޭ) އަކީ ދިވެހިންގެ ލެޖެންޑެކެވެ. އޭނާގެ ވާހަކަ ކިތައްމެ ގޮތަކަށް ދެއްކި ދާނެ އެވެ. ކުރު ކޮށްލަންޏާ ޔޫސޭއަކީ ދިވެހި ފިލްމީ ތާރީހު ދުށް އެންމެ ކުޅަދާނަ އެއް އެކްޓަރެވެ. އަދި ރާއްޖޭގެ ފަހުގެ ތާރީހު ދުށް އެންމެ މޮޅު ކޮމެޑިއަން އެވެ. އަންނަ އަހަރުގެ މާޗް މަހުގެ 10 ވަނަ ދުވަހު ޔޫސޭގެ ފިލްމީ ހަޔާތަށް 40 އަހަރު ފުރޭނެ އެވެ. ޔޫސޭ 19 ފީޗާ ފިލްމެއް ޑައިރެކްޓް ކޮށްފައި ވެއެވެ. ހަ ފިލްމެއްގައި މުހިންމު ރޯލްތައް އަދާ ކުރި އެވެ.

ދިވެހިންގެ ލެޖެންޑަކަށް ޔޫސޭ ވެގެން ދިޔައީ އޭނާ ކުޅުނު ޑްރާމާ ސިލްސިލާ "ދިރިއުޅުމަކީ މިއީބާ" ގެ ސަބަބުންނެވެ. އެ ސިލްސިލާ ހުއްޓުމެއްނެތި ކުރިއަށް ގެންދާތާ 36 އަހަރުވެ، 200 އަށްވުރެ ގިނަ އެޕިސޯޑް ގެނެސްދީފި އެވެ. އެ ޑްރާމާތަކުން ރާއްޖޭގައި ހުރި އަދި ރާއްޖެއާ ލައްވާލާފާނެ ބޮޑެތި ހުރިހާ މައްސަލަތަކަށް ގެނެސްދީފައި ވެއެވެ. މިހާރު ރާއްޖެއަށް ދިމާވެފައިވާ ބޮޑެތި ހުރިހާ މައްސަލައަކީ ވެސް މީގެ އެތައް އަހަރެއް ކުރިން އެހެން ވާނެ ކަމަށް ޔޫސޭ ޑްރާމާ ކޮށްދީފައިވާ ކަންކަމެވެ. އެއިން ކޮންމެ ޑްރާމާއަކީ އަޖައިބެއްކަހަލަ ހެއްވުމަކާއެކު އެކްޓްގެ ގޮތުން އެންމެ މަތީ ފެންވަރުގައި ގެނެސްދީގައިވާ ޑްރާމާތަކެވެ.

ޔޫސޭގެ ފިލްމީ ކެރިއަރުގައި ގިނަ މަސައްކަތްތަކެއް ކޮށްފައި ވިޔަސް އެހެން ޑައިރެކްޓަރަކާއެކު މީގެ ކުރިން އޭނާ މަސައްކަތް ކޮށްފައެއް ނުވެއެވެ. އެކަމަކު ފުރަތަމަ ފަހަރަށް ޔޫސޭ މިވަނީ އެހެން ޑައިރެކްޓަރާއެކު މަސައްކަތްކޮށްފަ އެވެ. އެއީ 39 އަހަރަށް ފަހު އެވެ. ޔޫސޭގެ ހުނަރު ނެރެން އެހެން މީހަކަށް މި ލިބުނީ ޒުވާން ޑައިރެކްޓަރު މުއުމިން ފުއާދަށެވެ. މިހާރު ބައިސްކޯފުން ދައްކަމުންދާ "ގަމިނި" ވެބް ސީރީޒްގައި މޫމިނު ޔޫސޭއަށް ދީފައި ވަނީ ވަރަށް މުހިންމު ރޯލެކެވެ.

މުއިމިންއާއެކު މަސައްކަތް ކޮށްލަން ނުކުތް ނަމަވެސް މިއީ ޔޫސޭގެ ދިގު ފިލްމީ ހަޔާތުގައި އޭނާއަށް އައި ފުރަތަމަ އޮފާއެއް ނޫނެވެ. ކިތަންމެ ޑައިރެކްޓަރަކު ޔޫސޭ ބޭނުން ވެގެން ތަފާތު ސްކްރީން ޕްލޭތަކާއެކު ހުށައެޅުންތައް ހުށައެޅިއެވެ. އެއިން އެއްވެސް ފުރުސަތަކަށް ނޫނެކޭ އެއް ނުބުނެ އެވެ، ނަމަވެސް އެއިން އެއްވެސް މަސައްކަތް ކުރެވޭ ގޮތެއް ވެސް ނުވިއެވެ. އެހެން ދިމާވީ ޔޫސޭ ސްކްރީނަށް ގެންނަން މަސައްކަތް ކުރި ފިލްމަކުން 30 މިނެޓް ސެންސަރު ކުރުމާއި ގުޅިގެން ފިލްމީ މަސައްކަތަށް ފޫހިވެފައި ހުރީ އެވެ. އެކަމާ ދެރަވެގެން އިތުރަށް މަސައްކަތް ކުރަން ބޭނުން ނުވީއެވެ. އެކަމާ ނުވިސްނާ ހަމައެކަނި ކުޅެލީ ބޭރުގެ ފިލްމެއް ކަމަށްވާ "އަންޑަދަ ސަދާން ކޮރޮސް" އެވެ. ދެން މުޅިންވެސް އުފެއްދީ "ދިރިއުޅުމަކީ މިއީބާ" ގެ އެޕިސޯޑްތަކެވެ. "ދިރިއުޅުމަކީ މިއީބާ" ގެ އެޕިސޯޑެއްގައި ވެސް ސެންސަރު ބޯޑަށް ފާޑުކިޔައި ޔޫސޭ ވަރަށް ބޮޑަށް ދިވެހިން ހެއްވައި ދީފައި ވެއެވެ.

"އަޅުގަަނޑަށް އައި ރަނގަޅު ޑައިރެކްޓަރުންގެ އޮފާތައް. ނަމަވެސް ފިލްމީ މަސައްކަތުގައި ދިމާވި ކަމަކުން ފޫހިވެފައި ހުރީމަ އެ ފުރުސަތުތަކުގެ ބޭނުން ނުހިފުނީ... ނަމަވެސް މުއުމިން ފުއާދުގެ ހުށައެޅުމުން އޭނާގެ ކެޕޭސިޓީ އަދި ތަފާތު ޑައިރެކްޓަރަކަށް ވާތީ ވަގުތުން އާނއެކޭ ބުނިން،" އަމިއްލަ ގޭގައި އިނދެގެން ޔޫސޭ ބުންޏެވެ.

މުއުމިންގެ ކުޅަދާނަ ކަމާ އެއްވަރަށް އޭނާގެ ހުށައެޅުމަށް ވަގުތުން ޔޫސޭ ޖަވާބުދިން އެހެން ސަބަބެއް ވެސް އޮތެވެ. އެއީ ޔޫސޭގެ ފުރަތަމަ ވަޒީފާއެއްގެ ލިބިގެން އުމުރުން 16 އަހަރުގައި ޓީވީއެމްގައި މަސައްކަތް ފަށައި އެކި މަގާމުތައް ފުރި އިރު މުއުމިންގެ މަންމަ ފާތުމަތު ރިޒާއަކީ ޓީވީގެ އެންމެ ފާހަގަކޮށްލެވޭ ހަބަރު ކިޔުންތެރިޔާއެވެ. އަދި މުއުމިންގެ ބައްޕަ ފުއާދު ތައުފީގަކީ ވެސް އޭރު ހަބަރު ތަރުޖަމާ ކުރާއި އެހެން ބައެއް ކަންކަމުގައި ވަރަށް ގިނައިން ޓީވީއަށް ވަޑައިގެން އުޅުއްވާ ބޭފުޅެކެވެ. އެ ދެ ބޭފުޅުންވެސް ޔޫސޭއާ ވަރަށް ކައިރި އެވެ. އެ ހަނދާންތައް ޔޫސޭގެ ހިތުގައި މިހާރުވެސް ވަރަށް ތާޒާ އެވެ.

"އޭރުވެސް އެ ދެ ބޭފުޅުން [މުއުމިންގެ މަންމައާއި ބައްޕަ] އެ ބެހެއްޓެވި ގާތްކަން އަދި ކުރެއްވި އިހުތިރާމް މިހާރު ވެސް ހަނދާން އެބަހުރި. އެހެންވީމަ މުއުމިން މިކަހަަލަ ހުށަހެޅުމެއް ހިފައިގެން އައިމަ ވަގުތުން އާއެކޭ ބުނަން މަޖުބޫރެއްވީ. އެ ދެ ބޭފުޅުންނަށް އޮތް އިހްތިރާމެއް!" ޔޫސޭ ބުންޏެވެ.

"ދިރިއުޅުމަކީ މިއީބާ" އަކީ މާބޮޑު ސްކްރީން ޕްލޭއެއް ލިޔެގެން އުފައްދާ ސިލްސިލާއެއް ނޫނެވެ. އެ އެޕިސޯޑަކަށް ހާއްސަ ޓޮޕިކެއް ނެގުމަށް ފަހު ކޮންމެހެން ހިމަނަން ޖެހޭ މުހިންމު ބައިތަކަށް އަހުމަދު ވަހީދު އަލީ ސްކްރީންޕްލޭއެއް ލިޔުއްވަނީ އެވެ. ދެން ޔޫސޭގެ ފްރީ ޑައިލޮގްތަކާއި ޔޫސޭގެ އާދަޔާހިލާފު ހުނަރެވެ. މުޅި ދިރިއުޅުމަކީ މިއީބާގެ ހުރިހާ ފޮންޏަކީ ޔޫސޭގެ ހުނަރުވެރި ކަމާއި ކޮންމެ ސްޓްރީއަކަށް ފުދޭވަރަށް ވުރެ އިތުރަށް ޔޫސޭގެ ހުނަރުގެ މުއްސަނދި ކަމެވެ.

އެހެން ޑައިރެކްޓަރަކާއެކު އަދި ތަފާތު އެހެން މަސައްކަތެއްގެ ގޮތުގައި "ގަމިނި" ވެބްސީރީޒް ތެރެއަށް ވަދެގެން ދިއުމަކީ ޔޫސޭއަށް ވެސް ތަފާތު ތަޖުރިބާއަކަށްވި އެވެ. ޑައިރެކްޓަރު މުއުމިން ފުއާދު ބުނާ ގޮތުގައި ޔޫސޭގެ މަސައްކަތަށް ދޭން އޭނާގެ އަތުގައި އޮތީ ސަތޭކަ އެވެ.

މުއުމިން ބުނި ގޮތުގައި ކުޅަދާނަ އެތައް އެކްޓަރުންނާއެކު ތަފާތު ފިލްމުތަކެއްގައި ތަފާތު ކަންކަން ގެނެސްދެވިފައިވި ނަމަވެސް މިހާތަނަށް ޔޫސޭ ފެންވަރުގެ އެކްޓަރަކާ އަދި ދިމައެއް ނުވެ އެވެ. މުއިން ޔޫސޭ ސިފަ ކުރީ "އެއީ މުޅިން އެހެން ލެވެލްއެއްގެ އެކްޓަރެއް" ގެ ގޮތުގަ އެވެ.

ޔޫސޭ ބުނި ގޮތުގައި މުއުމިނަކީ ޒުވާން ޑައިރެކްޓަރެއް ނަމަވެސް އެފަދަ ޑައިރެކްޓަރަކާ އޭނާއާ އަދި ބައްދަލެއް ނުވެއެވެ.

"އެއީ ވަރަށް ތަފާތު މޮޅު ޑައިރެކްޓަރެއް. އެންމެ ހާއްސަ ކަމަކީ ކުރާ އިހުތިރާމް. ވާހަކަ ދެއްކުމުގައި އެ ގެންގުޅޭ ގާތްކަމާއި ރީތިކަން،" ޔޫސޭ ބުންޏެވެ.

"ގަމިނި" އަކީ ފިލްމީ ހަޔާތުގައި ޔޫސޭ މުޅީން އެހެން ލެވެލަކަށް މުއިން ގެންގޮސްދޭ ދަތުރެއްގެ ފެށުމަށް ވާނެ އެވެ. ޔޫސޭ ވެސް މިހާރު ބުނާ ގޮތުގައި 39 އަހަރުތެރޭ އެހެން ޑައިރެކްޓަރެއްގެ މަސައްކަތެއް ނުކުރެވުނު ނަމަވެސް ދެނެއް އެހެނެއް ނުވާނެ އެވެ. ފިލްމީ މަސައްކަތުން ފޫހިވެފައި ހުރި ހުރުން މުއުމިން ނިންމައިދީފި އެވެ. ދެން ޔޫސޭގެ ފިލްމުތަކުން ފެންނާނެ އެވެ. ރަނގަޅު ސްކްރީންޕްލޭއަކާއެކު އޭނާ ޝައުގުވެރިވާ ކަހަލަ ރޯލެއް ލިބިއްޖެނަމަ ނޫނެކޭއެއް ނުބުނާނެ އެވެ.

"ރަނގަޅު ސްކްރިޕްޓެއް ލިބިއްޖެނަމަ އާއެކޭ ބުނާނަން،" ޔޫސޭ ބުންޏެވެ.

ޔޫސޭގެ "ދިރިއުޅުމަކީ މިއީބާ" ގެ މަސައްކަތްވެސް ހުއްޓާލުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. މެދުކެނޑުމެއްނެތި ކޮންމެ ރޯދަ މަހަކު އެ ސިލްސިލާގެ އެޕިސޯޑްތައް އޭނާ ގެނެސްދިން ގޮތަށް ދެންވެސް އެ ސިލްސިލާ ގެނެސްދޭނެ އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ތެދުވެ އުޅެވެންޏާ، އަދި މި ކަހަލަ މަސައްކަތެއް ކުރުމުގެ ހިތްވަރު ހުރިހާ ހިނދަކު އާންމުން ހޭލުންތެރި ކުރުވުމަށް ކުރެވެން ހުރި ހުރިހާ މަަސައްކަތެއް ކުރާނަން،"

ޝަކީލާއާއެކު ފިލްމަކުން ފެންނާނެ

ޔޫސޭގެ އަންހެނުން މަރިޔަމް ޝަކީލާ އާދަމް (ޝަކިއްތަ) އަކީވެސް ތަޖުރިބާކާރު މޮޅު ފިލްމީ ތަރިއެކެވެ. މިދިޔަ 35 އަހަރުގެ ތެރޭގައި ފަނޑުކަމެއް ނާންނަ މަދު ތަރިންގެ ތެރޭގައި ޝަކީލާ ހިމެނެެ އެވެ. ވަރަށް ގިނަ ފިލްމުތަކާއި ޑްރާމާ ސިލްސިލާތަކުން ޝަކީލާ ފެނެއެވެ. ވަރަށް ގިނަ ޑައިރެކްޓަރުންގެ ފެވަރިޓެއްގެ ގޮތުގައި ޝަކީލާ ވެއެވެ.

ޔޫސޭއާ ޝަކީލާ އެކުގައި ފެނިގެންދިޔަ "ދޮންސައްޕަ" އަކީ ކުރީގެ ހިޓެކެވެ. ވަރަށް ގިނަ ބަޔަކަށް އަދިވެސް އެންމެ ކަމުދާ ފިލްމުތަކުގެ ލިސްޓްގައި އެ ފިލްމުގެ ނަން އޮވެއެވެ. "ދޮންސައްޕަ" އަކީ ޔޫސޭއާ އެހެން އަންހެން ކުއްޖަކު ކުޅެން ހަމަޖެހުނު ފިލްމެކެވެ. ނަމަވެސް އެ އަންހެން ކުއްޖާއަށް ފިލްމުގައި ބައިވެރިވޭ ގޮތް ނުވުމުން ފިލްމުގައި ޝަކީލާ ބައިވެރިވާން ދައުވަތު ދިނީ ޔޫސޭ އެވެ. ޒުވާން އަނބިމީހާ އެކަމަށް އެއްބަސްވީ ވަރަށް އާދޭސް ކޮށްގެނެވެ.

ޔޫސޭ މިހާރު ވަނީ "ދޮންސައްޕަ"ގެ ރިމޭކެއް އުފެއްދުމުގެ މަސައްކަތް ވެސް ފަށާފަ އެވެ. ސްކްރީންޕްލޭގެ މަސައްކަތް ވަނީ ނިމިފަ އެވެ. އަންހެނުންނަށް ކަމުދާނެ ގޮތަށް އެ ފިލްމު އުފެއްދުމަށް ޔޫސޭ ހަތަރު ސްކްރީންޕްލޭއެއް ތައްޔާރު ކޮށްފައި ވެއެވެ.

"އިރާދަ ކުރެއްވިއްޔާ ޝަކީލާއާއެކު އަޅުގަނޑު އަދި ފެންނާނެ،" ގޭތެރޭ ތަންކޮޅެއް ދުރުގައި ވަރަށް ހެވިފައިހުރި އަންހެނުންނަށް އިޝާރާތްކޮށް ޔޫސޭ ބުންޏެވެ. "މި ކަހަލަ ރަނގަޅު އަނބެއް ލިބުނީތީ މާތްﷲ ހަމްދު ކުރަން"

ޝަކީލާގެ އޯގާތެރިކަމުގެ ވާހަކަަ ދައްކަމުން ދެތިން ފަހަރަކު ވަރަށް އިމޯޝަނަލްވެސްވިއެވެ. އަންހެނުންނަށް ވަރަށް ތައުރީފު ކުރި އެވެ.

"އެއްވެސް ކަމަކަށް އުނި ނުކޮށް އަޅުގަނޑަކަށް ކޮންމެ ކަމެއްވެސް ކޮށްދެވޭތޯ ބަލާނެ. ވަރަށް ހެޔޮ އަނބެއް އެއީ. ހަމަ އެކަނި މި އިންޓަވިއު އަޅުގަނޑު ތައްޔާރުވީތޯ ބަލަން ވެސް އެތަށް ފަހަރު ސުވާލުކުރި. ލާނީ ކޮން ހެދުމެއްތޯ ކޮށްދޭންވީ ކޮން ކަމެއްތޯ ސުވާލުކުރި. އަޅުގަނޑު ބުނާނީ ޝަކީލާއެއީ އެއްވަނަ އޭ،" ޔޫސޭ ބުންޏެވެ.