ސީޕްލޭން ޓާމިނަލްގެ މައްސަލަ

ސީޕްލޭން ޓާމިނަލް ބިޑްގައި އަކަމީޓަރަކަށް 70 ޑޮލަރުގެ ބޮޑު އަގެއް

Sep 28, 2020

އާ ސީޕްލޭން ޓާމިނަލްގެ ލައުންޖުތަކަށް ޝައުގުވެރިކަން ފާޅުކުރި ފަރާތް ތަކަށް ބިޑް ހުށަހަޅަން ފުރުސަތު ދީފައި ވަނީ އަކަ މީޓަރެއް 70 ޑޮލަރުގެ ރޭޓުންނެވެ.

ލައުންޖުގެ ޖާގައަށް އެދި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ދޫކުރި ބިޑް ޑޮކިއުމެންޓްގައިވާ ގޮތުން މި ތަންތަން ކުއްޔަށް ދެވޭނެ އެންމެ ކުޑަ އަގަކީ އަކަ މީޓަރެއް 70 ޑޮލަރަށެވެ. މީގެ އިތުރުން މި ތަނުން ހިދުމަތް ހޯދާ ކޮންމެ މީހެއްގެ ބޮލަކަށް 20 ޑޮލަރުގެ ފީއެއް ނަގާނެ އެވެ. އެހެންވެ މިއީ 28،000 އަކަމީޓަރު ހިމެނޭ، އާ ސީޕްލޭން ޓާމިނަލުން 6،400 މީޓަރުގެ ޖާގައެއް ލިބިފައިވާ، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ޖާގަ ދޭން ސަރުކާރު މެދުވެރި ވެގެން އެއްބަސްވެފައިވާ އަގަށްވުރެ ގާތްގަނޑަކަށް ހަތް ގުނަ ބޮޑު އަގެކެވެ. ޓީއެމްއޭ އަށް ޖާގަ ދީފައިވަނީ އަކަ މީޓަރެއް 10.35 ޑޮލަރަށެވެ.

އެމްއޭސީއެލް އިން ސީޕްލޭން ޓާމިނަލްގެ ލައުންޖުތައް ބިޑަށް ލާފައިވާ އަގު ބޮޑު ކަމަށް ބުނެ އަވަސް އާ ވާހަކަ ދެއްކި ބައެއް ފަރާތްތަކުން ވެސް ވަނީ އެކަން ފާހަގަ ކޮށްފަ އެވެ.

ބައެއް ރިސޯޓު ތަކުން ބުނެފައިވާ ގޮތުގައި މި ވަރުގެ އަގެއް ޖެހުމަކީ މި ހާލަތުގައި ޓޫރިޒަމް ސެކްޓާ އަށް މާލީ ގޮތުން ވެސް ދަތި ތަކެއް ކުރިމަތިވާނެ ކަމެކެވެ. އަދި މިއީ ނަމެއްގައި ކަމެއް ކުރުމުގެ ގޮތުން ކޮށްފައިވާ ކަމެއްގެ ގޮތުގައި އެ ފަރާތްތަކުން ފާހަގަ ކުރެ އެވެ.

"އެއާޕޯޓުގައި އެބަހުރި ލައުންޖު ދީފަ އަކަ މީޓަރެއް 180 ޑޮލަރަށް ނޫނީ 200 ޑޮލަރަށް ވެސް. އެކަމަކު ހަމަ، އެއް ތަނެއް އެއް ކަމެއް ކުރާ ބަޔަކަށް މި ވަރުގެ ބޮޑު އަގެއް ދޫކުރުމަކީ މައްސަލައަކީ. މީގެން އެނގެނީ މިއީ 'އަމާ ބުނީތީ ފަރަށް' ދާ އުސޫލުން ކޮށްފައި އޮތް ކަމެއްކަން،" ކުންފުންޏަކުން ނަން ހާމަ ނުކުރުމަށް އެދި ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.

އެހެން ރިސޯޓަކުން ވާހަކަ ދެއްކި ބޭފުޅަކު ވިދާޅުވި ގޮތުގައި އިގްތިސޯދު އިންތިހާ އަށް ހީނަރުވެފައިވާ ވަގުތެއްގައި ބޮޑު އަގެއް ޖަހައިގެން ދޭން އުޅުމަކީ އެމްއޭސީއެލް އިން ދޫކުރާ ލައުންޖްތައް އެއްވެސް ބަޔަކު ބިޑް ނުކުރުމުގެ ފުރުސަތު އޮތްކަމެއް ކަމަށެވެ.

"ޝައުގުވެރިކަން ފާޅުކޮށް މައުލޫމާތު ސާފުކޮށް ކުރީ ޖާގަ ބޭނުން ވާތީ. އެކަމަކު ބިޑް ޑޮކިއުމެންޓް ބެލީމަތާ އެނގޭނެ މި ހާދަ އޮތް އެއްޗެއް. ހަތްދިޔަ ޑޮލަރަކީ ވަރަށް ބޮޑު އަގެއް،" ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.

ބައެއް ތަޖުރިބާކާރުން ވަނީ މި ވަރުގެ ބޮޑު އަގެއް ޖެހުމަކީ ވަކި މަގުސަދެއް ހާސިލް ކުރަން ކޮށްފައިވާ ކަމެއްގެ ގޮތުގައި ތުހުމަތު ކުރައްވާފަ އެވެ. މީގެ ސަބަބުން އެމްއޭސީއެލް އަށް ފައިދާވުމުގެ ބަދަލުގައި ޓާމިނަލްގެ ލައުންޖު ލިބުނު އެހެން ކުންފުންޏަކަށް ފައިދާ ލިބުމުގެ މަގު ފަހި ވެގެންދާނެ ކަމަށް އެ ބޭފުޅުން ފާހަގަ ކުރައްވަ އެވެ.

"ޓީއެމްއޭ އަށް ދޫކޮށްފައިވަނީ އަކަ މީޓަރެއް 10.35 ޑޮލަރުގެ ރޭޓުގައި. އެހެންވީމަ އެ ބޭފުޅުންނަށް އޮންނާނެ 20 ޑޮލަރަށް އަކަ މީޓަރެއްގެ މަގުން ރިސޯޓުތަކަށް ލައުންޖުން ޖާގަ ދޫކުރުމުގެ ފުރުސަތު. މާނައަކީ މި ވަރަށް ދޫކުރިއަސް 100 ޕަސެންޓް ޕްރޮފިޓް އެ ބޭފުޅުންނަށް ވާނެއޭ. އަނެއް ކޮޅުން ނަގާ މީހުންނަށް ކުޑަ އަގެއްގައި މި ލިބެނީ. ދެން ކޮން ބައެއް ތޯ 70 ޑޮލަރަށް ކުއްޔަށް ތަނެއް ނަގާނީ؟. މިއީ ވިޔަފާރިއެއް، އަގަށް ބަލާނެ. ޓީއެމްއޭ އިން ހިންގިއަސް އެމްއޭސީއެލް އިން ހިންގިއަސް ލައުންޖްތަކުގައި ދޭނީ އެއް ހިދުމަތެއް. އެހެންވީމަ މި ވަރަށް އަގު ބޮޑު ކޮށްލުން މިއީ ގޯހެއް،" ތަޖުރިބާކާރެއް ވިދާޅުވި އެވެ.

"ބޮޑު އަގެއް ޖެހީމަ މި ވާގޮތަކީ މި [އެމްއޭސީއެލް އިން ބިޑް ކުރި ލައުންޖުތައް] ކުއްޔަށް ނުދެވުމުގެ ފުރުސަތު އޮންނާނެ. އެކަމަކު އޭސީސީ އާއި ސަރުކާރުގެ ގާއިޑްލައިސް އަށް ފޮލޯ ކުރި ކަމަށް ހަމަ ވާނީ. އެހެންވެ ބުނެވިދާނެ މިއީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ކޮށްފައި އޮތް ކަމެކޭ. ތިން ފަހަރު އިއުލާނުކޮށްފަ، ޝައުގުވެރި ނުވިއޭ ކިޔާފަ އެހެން އިންތިޒާމަކަށް ދާން މަގު އެބަ ފަހިވޭ މިހެން ހެދުމުން."

އާ ސީޕްލޭން ޓާމިނަލް ބިޑަށްލުމުގައި 70 ޑޮލަރަށް އަކަ މީޓަރެއް ޖެހި ސަބަބު ހޯދަން އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފު އަށް ގުޅުމުން ވިދާޅުވީ "ތިޔަކަން ވެފައިވާ ގޮތް ޖެހޭނީ ކޮމާޝަލް އިން ބަލަން" ކަމަށެވެ. ނަމަވެސް ފަހުން ތަކުރާރުކޮށް އޭނާ ފޯނަށް ގުޅުމުން ވެސް ޖަވާބު ނުދެއްވާތީ އެ ކުންފުނީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ފިނޭންސް މިނިސްޓްރީއަށް ކުރާ ސުވާލު އީމެއިލުން ފޮނުވުމުން ބުނީ ބިޑުގެ ކަންކަން ކުރި އަށް ދާނީ އެމްއޭސީއެލްގެ ބިޑް ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށެވެ.

ފުރިހަމައަށް ހަދާފައިވާ އާ ސީޕްލޭން އިމާރާތް ތަރައްގީ ކޮށްފައިވަނީ ސަރުކާރުގެ އެންމެ މުއްސަނދި އެއް ކުންފުނި ކަމަށްވާ އެމްއޭސީއެލް އިން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) އިންވެސްޓް ކޮށްގެންނެވެ. ހަތަރު ބުރިއަށް ތަރައްގީ ކުރި ސީޕްލޭން ޓާމިނަލްގެ ބޮޑު ބައެއް، ސީޕްލޭންގެ ހިދުމަތް ދޭ ޓީއެމްއޭ އަށް ދޭން އުޅޭ ކަމަށް ބުނެ މައްސަލަ ހޫނުވުމުން ސަރުކާރު މެދުވެރި ވެގެން މައްސަލަ ހައްލު ކޮށްފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހު އެވެ.

އެ ފަހަރު އެއްބަސްވެފައި ވަނީ ޓާމިނަލްގައި ލައުންޖާއި އެހެން ކަންކަމަށް ބޭނުން ކުރެވޭ ގޮތަށް އޮތް، 28،000 އަކަމީޓަރު ޖާގައިގެ ތެރެއިން 6،400 މީޓަރު ދެ އަހަރު ދުވަހުގެ މުއްދަތަށް ޓީއެމްއޭ އަށް ދޫކުރާށެވެ. އެ ކުންފުންޏަށް ދޫކުރަން އެއްބަސްވެފައިވަނީ އަކަ މީޓަރެއް 10.35 ޑޮލަރަށެވެ. އަދި ޓާމިނަލްގައި ބާކީ އޮތް ބައި ހިންގާނެ ބަޔަކު ހޯދަން އެމްއޭސީއެލް އިން ޖެހެނީ ބިޑަށް ހުޅުވާލާށެވެ.

އެމްއޭސީއެލް އިން ވަނީ މި ބައި ބިޑަށް ހުޅުވާލުމުގެ ގޮތުން، ޝައުގުވެރިވާ ފަރާތްތައް ހޯދަން އިއުލާނު ކޮށްފައި ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ. މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު ހަމަވީއިރު ސީޕްލޭން ޓާމިނަލުން ޖާގަ ހޯދަން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ 38 ފަރާތަކުންނެވެ. އެމްއޭސީއެލުން ވަނީ އެ ފަރާތް ތަކަށް އަންނަ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ބިޑް ހުށަހަޅަން ފުރުސަތު ދީފަ އެވެ.