ދުނިޔޭގެ މަޝްހޫރުކަން ހޯދާފައިވާ ދިވެހި ފޮޓޯގްރާފަރު މުހައްމަދު އަޒުމީލް (ޑަބަލްޑޮޓް) ގެ ރީތި ފޮޓޯއެއް ޑްރޯން ފޮޓޯ އެވޯޑްސް 2020 ގައި ވާދަކުރި ކެޓަގަރީއިން އެއްވަނަ ހޯދައި ދުނިޔޭގެ ގަދަ 30 ގެ ތެރޭގައި ހިމެނިއްޖެ އެވެ.
ޑްރޯން ފޮޓޯ އެވޯޑް 2020 އަކީ މުޅި ދުނިޔެއަށް ހުޅުވާލައިގެން އޭރިއަލް ފޮޓޯގްރަޕީ އަދި ވީޑިއޯއަށް ހާއްސަ ކޮށްގެން ބާއްވާ ވާދަވެރިކަން ބޮޑު އަދި މުޅި ދުނިޔޭގައި ވެސް ވަރަށް މުހިއްމު އެއް މުބާރާތެވެ. ދިހަ ކެޓަގަރީއަކަށް ތަރުތީބުކޮށްގެން ކުރިއަށް ގެންދިޔަ މި އަހަރުގެ އެ މުބާރާތުގައި ރާއްޖޭގެ ޑަބަލްޑޮޓް ވާދަކޮށްފައި ވަނީ ވެޑިން ކެޓަގަރީ ގައެވެ.
"ޓްރޮޕިކަލް ބްރައިޑް" ނަމުގައި ޑަބަލްޑޮޓްގެ ބައިވެރިކުރި އޭނާގެ މަސައްކަތަަަކީ އެ ކެޓަގަރީން އެވޯޑް ހޯދި ފޮޓޯ އެވެ. މިއީ އޭނާ ވެޑިން އެއްގެ ޑެކެރޭޝަނަށް މަލާއި ފަތްތައް ބޭނުންކޮށްގެން ކޮށްފައިވާ ކްރިއޭޓިވް މަސައްކަތެއް ދައްކާލުމަށް ހުރަވަޅި އައިލެންޑް ރިސޯޓް އެންޑް ސްޕާގެ ގޮނޑުދޮށުގައި ނަގާފައިވާ މޮޑެލްއެއްގެ ރީތި ފޮޓޯއެކެވެ.
ފޮޓޯގްރަފީ ދާއިރާއިން މަޝްހޫރުކަން ހޯދައި އަދި ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ފޮޓޯގްރާފްރުންނާ އެއް ސަފެއްގައި ހުރި ޑަބަލްޑޮޓް އަކީ "ވިޒިޓް މޯލްޑިވްސް" ގެ ކުރީގެ ފޮޓޯގްރަޕީ އެމްބެސެޑަރު އަދި ސިމްޑީއިން ހޮވާފައިވާ ކެނޯން ބްރޭންޑްގެ އެމްބެސެޑަރު ވެސް މެެއެވެ.
ޑަބަލްޑޮޓްގެ މަސައްކަތްތަކަށް މީގެ ކުރިން ވެސް ބޭރު ދުނިޔޭގެ އެކްސްޕޯޝާ ލިބިފައި ވެއެވެ. ވަރަށް ގިނަ މެގަޒިންތަކުގައި މަސައްކަތް ކުރުމަށް ފުރުސަތު ވެސް ޑަބަލްޑޮޓަށް ލިބިފައި ވެއެވެ. އެ ގޮތުން "މެރީ ކްލެއާ" އަދި "ހަނީމޫނާސް" ފަދަ މަޝްހޫރު މެގަޒިން ތަކުގައި އޭނާގެ ފޮޓޯތައް ހިމަނާފައި ވެއެވެ.
ޑްރޯން އެވޯޑް 2020 ގެ އިތުރުން ވެސް ފޮޓޯ ނެގުމުގެ ދާއިރާއިން ޑަބަލްޑޮޓް ހޯދާފައިވާ ކާމިޔާބީތައް ވަރަށް ގިނަ އެވެ. މިގޮތުން 2016 ޕްރޮފެޝަނަލް ފޮޓޯގްރަފާސް އޭޝިއާ ކޮމިއުނިޓީ (ޕީޕީއޭސީ) ގެ މުބާރާތެއްގައި ލޭންޑްސްކޭޕް އެންޑް ކްރިއޭޓިވް ފޮޓޯގްރަޕީ ކެޓަގަރީން އޭނާ ނެގި ފޮޓޯއަކަށް ދެވަނަ ލިބުނެވެ.
އަދި 2018 އިގައި ވޯލްޑް ޓޮޕްޓެންގައި ހިމެނި، ޕީޕީއޭސީގެ ކޮންފަރެންސްގައި ސްޕީކާއެއްގެ ގޮތު ވާހަކަ ދައްކަން ފުރުސަތު ލިބިފައި ވެއެވެ. މީގެ އިތުރުން ވެސް 11 އެވޯޑެއް 2018 ގައި ޕީޕީއޭސީން އޭނާ ހޯދި އިރު އިނގިރޭސި ވިލާތުގައި ބޭއްވި މާސްޓާސް ފޮޓޯގްރަފާސް އެސޯސިއޭޝަން (އެމްޕީއޭ) އެވޯޑުގައި ވެސް ތިން އެވޯޑް ހޯދާފައި ވެއެވެ.
އަދި 2018-2019 ގައި ޕީޕީއޭސީއިން ހޮވި ޓޮޕްޓެން އިންޓަނޭޝަނަލް ފޮޓޯގްރާފަރުންގެ ތެރޭގައި ވެސް ޑަބަލްޑޮޓް ހިމެނެ އެވެ. ޑްރޯން އެވޯޑްސް 2020 ގައި އެވޯޑް ލިބުނު ފަރާތްތަކުގެ މަސައްކަތް ދައްކާލުން އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގަަ އެވެ. ދުނިޔޭގެ ސަމާލްކަން ލިބޭ އެ ފޮޓޯ އެކްޒިބިޝަން އޮންނާނީ އިޓަލީގެ ސިއެނާގަ އެވެ.